ލ. ފޮނަދޫގައި ވޯޓުލުން ހުއްޓާލުމަށް ފަހު އެ ރަށުގެ ބައެއް މީހުން ވޯޓުލާ މަރުކަޒު ކައިރީގައި މުޒާހަރާ ކުރަނީ. (ފޮޓޯ/ކިޔުންތެރިއެއް)

ފޮނަދޫގައި 2 ގަޑިއިރުގެ މެދުކެނޑުމަކަށް ފަހު އަލުން ވޯޓުލާން ފަށައިފި

ވޯޓު ލުން އަލުން ފަށާފައިވަނީ އާ ފޮއްޓަކަށް؛ މައްސަލަ ދިމާވި ވޯޓު ކަރުދާސްތައް ވޯޓު ގުނާއިރުގައި ރަނގަޅަށް ބަލާނެ ކަމަށް އީސީ އިން ބުނި
30 ސެޕްޓެމްބަރު 2023

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ލ. ފޮނަދޫގައި ބަހައްޓާފައި ހުރި ތިން ނަންބަރު ފޮށީގެ ވޯޓުލުން ދެ ގަޑިއެއް ހާއިރަށް މެދުކެނޑިފައި އޮތުމަށް ފަހު އަލުން ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ދާދި ދެންމެއަކު ބުނެފި އެވެ.

ވީ ކިހިނެއް؟ - ފޮނަދޫގައި ބަހައްޓާފައި ހުރި ތިން ނަންބަރު ވޯޓު ފޮއްޓަށް ވޯޓުލުން މެދުކަނޑާލީ، އެ ފޮށީގައި ހަރަކާތްތެރިވާ އޮފިޝަލަކު ވޯޓު ކަރުދާސްކޮޅު ދޫކުރިއިރު އެ ކަރުދާސްކޮޅުގައި ރޮނގު ދަމާފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެގެން އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގަން ފެށުމުންނެވެ. އެ ތަނުގައި ތިބޭ މީހުން ތުހުމަތު ކޮށްފައިވަނީ، އިލެކްޝަންސް ކޮމިޝަނުން ގަސްދުގައި ވޯޓު ބާތިލް ކުރަން މަސައްކަތް ކުރާ ކަމަށެވެ.

ބުނީ ކީކޭ؟ - އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ވޯޓު ކަރުދާހުގައި ކުރެހުން ހުރިކަން ފާހަގަވެ، އެކަން އީސީގެ ސަމާލުކަމަށް އައުމުން ފޮނަދޫގައި ވޯޓު ލަމުން ދިޔަ ތިން ނަންބަރު ފޮށި ވަނީ ބަންދުކޮށްފަ އެވެ. އަދި އެ މަރުކަޒުގައި ވޯޓުލުން އަލުން ފަށާފައިވަނީ އާ ފޮއްޓަކަށެވެ.

ތަފްސީލް - ހަބީބު އިތުރަށް ވިދާޅުވި ގޮތުގައި:

  • އީސީގެ އޮފިޝަލުން ވޯޓު ގުނާއިރު ވޯޓު ކަަރުދާހުގައި އެއްވެސް ކަހަލަ މައްސަލައެއް ހުރިތޯ ބަލައި ޔަގީން ކުރާނެ

  • ބޮޑަށް ބެލެވެނީ، ވޯޓު ކަރުދާހުގައި ކުރެހުން ހުރީ، ކަރުދާސް ޕްރިންޓް ކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން

  • ކަރުދާހުގައި އެއްވެސް އެއްޗެއް ނުކުރަހާ ކަމުގެ ޔަގީންކަން މަރުކަޒުގައި ހުރި އެހީތެރިޔާ ވަނީ ދީފައި

"އެ މޭޒުގައި ގަލަމެއް ނުވެސް ގެންގުޅޭނެ. އެންމެން ކުރިމަތީގައި ވޯޓު ކަރުދާސް ދޫކުރާނީ ވެސް. ދޫކުރުމުގެ ކުރިން ފާހަގަ ޖަހާ އެކަހަލަ ކަމެއް ކުރުމުގެ ފުރުސަތެއް ނޯންނާނެ،" ހަބީބު ވިދާޅުވި އެވެ.

ނަމަވެސް، އޭނާ ވިދާޅުވީ، ކަންކަން ވީހާ ވެސް އޮމާންކޮށް ގެންދިއުމަށްޓަކައި ވޯޓުލުން އަލުން ފެށުމުގެ ކުރިން އެ އޮފިޝަލްގެ މަސްއޫލިއްޔަތު ބަދަލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން، އޭނާ ދެން ވޯޓު ކަރުދާސް ދުލެއް ނުކުރާނެ އެވެ. 

ހަބީބު ވިދާޅުވި ގޮތުގައި، މައްސަލަ ދިމާވި ވޯޓު ކަރުދާސްތަކާ މެދު އަމަލު ކުރާން ނިންމާފައިވަނީ:

  • ޕްރިންޓިން މައްސަލައެއް ނަމަ، ފާހަގަ ހުންނާނީ އެއް ގޮތަކަށް، އެއް ތަނެއްގައި؛ އެހެން ކަމަށް ވާ ނަމަ، އެއީ ބާތިލް ވޯޓުގެ ގޮތުގައެއް ނުބަލާނެ

  • ވޯޓު ކަރުދާސްތައް ރަނގަޅަށް ބެލުމަށް ފަހު، އެ ނޫން ގޮތަކަށް ފާހަގަވިޔަސް، އަމަލު ކުރާނީ އެންމެ އިންސާފުވެރި ގޮތަކަށް 

ފޮނަދޫގެ ތިން ނަންބަރު ފޮށީގެ ވޯޓުލުން އަލުން ފަށައިގެން މިހާތަނަށް ކުރިއަށްދަނީ އެއްވެސް މައްސަލައެއް ނެތިކަން ހަބީބު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ވޯޓުލުން އަލުން ފެށި ފަހުން މިހާރު 30 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވެ އެވެ.

މައްސަލަތަކެއް ދިމާވެ ވޯޓުލުން މެދުކެނޑުނަސް، ހަބީބު ވިދާޅުވީ ވޯޓު ފޮށި ބަންދުކުރަން ނިންމާފައިވާ ވަގުތަށް ބަދަލެއް ނާންނާނެ ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ އެހެން ފޮށިތަކެކޭ ވެސް އެއްގޮތަށް ފޮނަދޫގެ ތިން ނަންބަރު ފޮށީގެ ކިޔޫ ވެސް ހަވީރު 5 ޖަހާއިރު ބަންދުކުރާނެ އެވެ.

އީސީގެ ހުރިހާ އޮފިޝަލުން ވެސް މަސައްކަތް ކުރަމުންދާނީ، ވީހާ ވެސް ދެ ފުށް ފެންނަ ގޮތަށް، ނަޒާހާތްތެރިކަމާ އެކު ކަމުގެ ޔަގީންކަން ހަބީބު ދެއްވި އެވެ. އަދި ވޯޓުލާން ދާ މީހުން ވީހާ ވެސް އޮމާންކޮށް ކަންކަން ގެންދިއުމަށް އެއްބާރުލުން ދިނުމަށް ވެސް އޭނާ އީސީގެ ފަރާތުން އެދިވަޑައިގަތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް