އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު(ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އައްޑޫ ނޭޗާ ޕާކަކީ ފުރިހަމަ އިގްތިސޯދީ ނަފާ ލިބޭ ތަނަކަށް ހަދައިދޭނަން: މުއިއްޒު

މުއިއްޒު ވިދާޅުވީ އެކަމަކީ ރައްޔިތުން އިގްތިސޯދީ ގޮތުން ފުދުންތެރި ކުރުވުމަށް އޭނާގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން އިސްކަމެއް ދީފައިވާ ކަމެއް ކަމަށް
27 ސެޕްޓެމްބަރު 2023

އައްޑޫ ސިޓީގެ ހިތަދޫގައި އޮންނަ ނޭޗާ ޕާކަކީ މިހާރަށް ވުރެ އިތުރަށް އިގްތިސޯދީ ނަފާ ލިބޭ ތަނަކަށް ހައްދަވައިދެއްވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ މުއިއްޒު މިހެން ވިދާޅުވީ، ޕީޕީއެމް-ޕީއެންސީގެ އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއެންޕީ) ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ހަސިއްޔަތުން ދެ ވަނަ ބުރުގެ ކެމްޕެއިނަށް އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހިތަދުއަށް ވަޑައިގެން ބޭއްވި ކަންމަތީ ޖަލްސާގަ އެވެ. 

ތަފްސީލް - މުއިއްޒުގެ ވެރިކަމެއްގައި ހިތަދޫގެ ތަރައްގީއަށް ކޮށްދެވާނެ ކަންކަމުގެ ތެރެއިން ހާއްސަ ކަމެއްގެ ގޮތުގައި ނޭޗާ ޕާކުން ނަފާ ހޯދޭނެ ގޮތް ހައްދަވައިދެއްވުން ފާހަގަކުރެއްވި އެވެ.

"އެތަނަކީ ތިޔަ ބޭފުޅުންނަށް އިގްތިސޯދީ ގޮތުން ފުރިހަމަ ނަފާ ލިބޭ ތަނެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ ހަދައިދިނުމަކީ އަޅުގަނޑުގެ ވިސްނުން،" މުއިއްޒު ވިދާޅުވި އެވެ.

އެކަން އެގޮތަށް ކުރެވުމަކީ ރައްޔިތުން އިގްތިސޯދީ ގޮތުން ފުދުންތެރި ކުރުވުމަށް އޭނާގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން ކަމެއް ކަމަށް މުއިއްޒު ފާހަގަކުރެއްވި އެވެ.

އެނގުން މުހިންމު - ހިތަދޫ އީދިގަލި ކިޅިން ފެށިގެން ކޯއްޓޭ ހިމެނޭ ސަރަހައްދުތައް އީކޯ ޓޫރިޒަމަށް ތަރައްގީކޮށް އައްޑޫ ނޭޗާ ޕާކުގެ މަޝްރޫއު ފެށީ، 2015ވަނަ އަހަރު އެވެ. އެތަން އާންމުންނަށް ހުޅުވާލީ 2019ވަނަ އަހަރުގެ ތެރޭގަ އެވެ. 

މިހާރު ވެސް އިގްތިސޯދީ ނަފާ ލިބޭ މި ޕާކަށް ވަންނަ ހުރިހާ ފައިސާއެއް ދަނީ އައްޑޫ ކޮންސަވޭޝަން ފަންޑަށެވެ. އެ ފަންޑަށް ދާ ފައިސާގެ ތެރެއިން %50 ހަރަދު ކުރާނީ ޕާކުގެ ހަރަދުތަކާއި މެއިންޓެނެންސް ކަަންކަން ކަމަށެވެ. އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ދެނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ނެވެ.

އައްޑޫ އާ އައްޑުއަށް ޒިޔާރާތް ކުރާ މީހުންގެ މެދުގައި ވެސް މަގުބޫލު މި ޕާކުން ދޭ ހިދުމަތްތަކުގެ ތެރޭގައި:

  • މަންތާ ޕޮއިންޓު، ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް ޑައިވިން

  • ސްނޯކްލިން

  • ކެނޯ

  • ނޭޗާ ޕާކު ޓުއާ

މި ހިދުމަތްތަކަށް ދިވެހިންގެ އަތުން އަދި ފަތުރުވެރިންގެ އަތުން ވެސް ފައިސާ ނަގަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް