އިޝްތިހާރު

27 އޮގަސްޓް 2023: 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން ފެށުން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ގުޅިގެން ލިބުނު ބައި ދޫކޮށްލާފައި އެކަނި ގޯއްޗަށް އެދެވޭނެ: ރައީސް

'ބިންވެރިޔާ' ސްކީމުގެ ދެވަނަ ބުރުގައި 4،000 އަށް ވުރެ ގިނަ ގޯތި ދޫކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައި
27 ސެޕްޓެމްބަރު 2023

'ބިންވެރިޔާ' ސްކީމުގެ ފުރަތަމަ ފިޔަވަހީގައި އެހެން މީހުންނާ ގުޅިގެން ގޯތި ލިބުނު މީހުންނަށް އެއިން ވަކިވެ، ދެވަނަ ފިޔަވަހީގައި ވަކިން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އެނގުން މުހިއްމު - 'ބިންވެރިޔާ' ސްކީމުން ދޭ ގޯތިތަކަށް އެކަކަށް ވުރެ ގިނަ މީހުން އެކުގައި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، ފުރަތަމަ ފިޔަވަހީގެ ގޯތި ލިސްޓުގައި ނުހިމެނުނު އެކަމަކު ޝަރުތު ހަމަވާ މީހުންނަށް، އާއިލާގެ އެހެން މީހަކާ ގުޅިގެން ލިސްޓުގައި ހިމެނުމުގެ ފުރުސަތު ފަހުން ވެސް ދިނެވެ.

ތަފްސީލް - މާލޭގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ހަފްތާގައި އިއުލާނު ކުރި ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހީގައި ވަކިން ބައިވެރިވާން ބޭނުން ނަމަ، ފުރަތަމަ ބުރުގައި އެހެން ބަޔަކާ ގުޅިގެން ލިބުނު ގޯތިން ވަކިވާން ޖެހޭނެ ކަމަށެވެ.

ބުނީ ކީކޭ؟ - "މިހާރު ޖޮއިންޓުކޮށް ކުރިމަތިލާފައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކަށް އަލުން މި ހުޅުވާލި ސްކީމަށް ކުރިމަތިލެވިދާނެތޯ؟ އާދެ، ޖޮއިންޓު ވެގެން އެ ހޯދާފައި އޮތް ލިސްޓުން ނުކުމެ ސިންގަލް އެޕްލިކެންޓެއްގެ ގޮތުގައި ކުރިއަށް މި އޮތް ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ތި ހުރިހާ ބޭފުޅުންނަށް މިހާރު ވެސް އޮންނާނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ފުރަތަމަ ބުރުން ގޯތި ލިބުނު މީހުންގެ މެދުގައި ގުރުއަތު ނަގައި ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށް އިން ވަކިކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މާލެ ސަރަހައްދުން ގޯތި ދޫކުރަން ހިންގާ 'ބިންވެރިޔާ' ސްކީމުގެ ދެވަނަ ބުރުގައި 4،000 އަށް ވުރެ ގިނަ ގޯތި ދޫކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މި ފިޔަވަހީގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ އުތުރު ތިލަފަޅުންނެވެ.

ގުޅުންހުރި - އަންނަ 5 ނޮވެމްބަރުގެ ކުރިން ފުރަތަމަ ބުރުގެ ގޯތިތަކުގެ ރަޖިސްޓްރީ ހަވާލުކޮށް ނިންމާނެ ކަމަށް ރައީސް މިރޭ ވަނީ ވިދާޅުވެފަ އެވެ.

ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ދޫކުރާ ފުރަތަމަ ފިޔަވަހީގައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި، ޝަރުތު ހަމަވާ 18،955 މީހަކު ހިމެނެ އެވެ. އެ ހުރިހާ އެންމެނަށް ގޯތި ލިބޭނޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެއީ:

 • އެންމެ ބޮޑެތި ގޯތި: 4،000 އަކަ ފޫޓު

 • އެންމެ ކުދި ގޯތި: 1،250 އަކަފޫޓު

ހުޅުމާލެ އާއި ގިރާވަރު ފަޅު އަދި ގުޅިފަޅުން ގޯތި ދޭން ނިންމާފައިވާ ގޮތަކީ:

ހުޅުމާލެ އިން 1351 ގޯތި

 • 8 މީހުންނަށް ވުރެ ގިނަ މީހުންގެ އެޕްލިކޭޝަންތަކަށް 20 ގޯތި

 • 7 މީހުންގެ އެޕްލިކޭޝަންތަކަށް 31 ގޯތި

 • 6 މީހުންގެ އެޕްލިކޭޝަންތަކަށް 60 ގޯތި

 • 5 މީހުންގެ އެޕްލިކޭޝަންތަކަށް 100 ގޯތި

 • 4 މީހުންގެ އެޕްލިކޭޝަންތަކަށް 180 ގޯތި

 • 3 މީހުންގެ އެޕްލިކޭޝަންތަކަށް 370 ގޯތި

 • 2 މީހުންގެ އެޕްލިކޭޝަންތަކަށް 340 ގޯތި

 • އެކަކުގެ އެޕްލިކޭޝަންތަކަށް 250 ގޯތި

ބިން ދޫކުރުމަށް ހުޅުމާލެ ފޭސް 3 ހިއްކަން ފެށުން (ފޮޓޯ/އާބަންކޯ)

ގުޅިފަޅުން 2،218 ގޯތި 

 • 8 މީހުންނަށް ވުރެ ގިނަ މީހުންގެ އެޕްލިކޭޝަންތަކަށް 9 ގޯތި

 • 7 މީހުންގެ އެޕްލިކޭޝަންތަކަށް 22 ގޯތި

 • 6 މީހުންގެ އެޕްލިކޭޝަންތަކަށް 49 ގޯތި

 • 5 މީހުންގެ އެޕްލިކޭޝަންތަކަށް 154 ގޯތި

 • 4 މީހުންގެ އެޕްލިކޭޝަންތަކަށް 476 ގޯތި

 • 3 މީހުންގެ އެޕްލިކޭޝަންތަކަށް 690 ގޯތި

 • 2 މީހުންގެ އެޕްލިކޭޝަންތަކަށް 558 ގޯތި

 • އެކަކުގެ އެޕްލިކޭޝަންތަކަށް 260 ގޯތި

ގިރާވަރު ފަޅުން 5،432 ގޯތި 

 • 3 މީހުންގެ އެޕްލިކޭޝަންތަކަށް 487 ގޯތި

 • 2 މީހުންގެ އެޕްލިކޭޝަންތަކަށް 1،904 ގޯތި

 • އެކަކުގެ އެޕްލިކޭޝަންތަކަށް 3،041 ގޯތި

އިތުރު އާޓިކަލް

އިތުރު އާޓިކަލް