އިޝްތިހާރު

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު ބައެއްގެ ގޯތި ކަނޑައި ހަވާލު ކުރުމުގެ ތެރެއިން (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ނޮވެމްބަރު 5ގެ ކުރިން ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށް ނިންމާނަން: ރައީސް

ގޯތި ދޫކުރި ހުރިހާ ތަނެއްގައި ގިނަވެގެން ދެ އަހަރު ތެރޭގައި މަގުތައް ހަދައި ފެނާއި ނަރުދަމާ އަޅައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި
27 ސެޕްޓެމްބަރު 2023

'ބިންވެރިޔާ' ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނާ ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށް 5 ނޮވެމްބަރުގެ ކުރިން ނިންމާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް - އެމްޑީޕީ އިން މާލޭގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގޯތި ލިބުނު މީހުން ޔަގީންކަން ހޯދަން ބޭނުންވާ ކަންތައްތަކެއް ހުރި ކަމަށާއި އެންމެ ބޮޑު ސުވާލަކަށް އޮތީ މި ސަރުކާރު ނިމުމުގެ ކުރިން އެ ގޯތިތަކުގެ ރަޖިސްޓްރީ ދެވޭނެތޯ އޮތް ޝައްކު ކަމަށެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު ބައްދަލު ކުރިން އަޅުގަނޑުމެން މި ގޯތި ދޫކުރި ފަރާތްތަކުގެ ތެރެއިން އެކުލަވާލި ކޮމެޓީތަކަކާ. އޭގެ ތެރޭގައި ގިރާވަރުން ގޯތި ލިބުނު ފަރާތްތައް ހިމެނޭ. ގުޅިފަޅުން ގޯތި ލިބުނު ފަރާތްތައް ހިމެނޭ. އަދި ހުޅުމާލޭ ފޭސް 3 އިން އަޅުގަނޑުމެން އަލަށް ހިއްކާ ބައިން ގޯތި ދޭން އަޅުގަނޑުމެން ނިންމި ފަރާތްތައް ހިމެނޭ،" ރައީސް ވިދާޅުވި އެވެ.

"މިއިން ކޮންމެ ބަޔެއްގެ ވެސް ހުރި ޝައްކުތަކެއް. ޔަގީންކަމެއް ބޭނުންވާ ކަންތައްތަކެއް އަޅުގަނޑުމެންގެ ފަރާތުން. އެއް ކަމަކަށް އެ ބޭފުޅުންގެ ފަރާތުން އެދުނީ ކިހާ ޔަގީންކަމެއް އެބަ އޮތްތޯއޭ، މި ސަރުކާރު ނިމުމުގެ ކުރިން، އެއީ ނޮވެމްބަރު 17އާ ހަމައަށް، އަޅުގަނޑުމެންނަށް އެ ވީ ވައުދުތަކާ އެއްގޮތަށް ގޯތި ދޫކޮށް ރަޖިސްޓްރީ ލިބޭނެ ކަމުގެ."

ރައީސް ވިދާޅުވީ، 17 ނޮވެމްބަރުގައި މި ދައުރު ނިމުމުގެ ކުރިން، 5 ނޮވެމްބަރު އަންނަންވާ އިރަށް، ވައުދުވެފައިވާ ގޮތަށް، ގޯތީގެ އިން ވަކިކޮށް ރަޖިސްޓްރީ ހަދައި ހަވާލު ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"އެ ރަޖިސްޓްރީ ވާނީ ގާނޫނީ ގޮތުން، މީގެ ކުރިން ވެސް ބަންޑާރަ ގޯއްޗެއް މީހަކަށް ދިނުމަށް ސަރުކާރުން ނިންމާފައި ހުރި ގާނޫނީ ހުރިހާ ހަމައެއް ނިންމާފައި ދޭ ލިޔުމަކަށް. އިރާދަ ކުރެއްވިއްޔާ އެ ޔަގީންކަން އަޅުގަނޑު މިރޭ ވެސް އަރުވަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގިރާވަރު ފަޅަކީ އަދިވެސް ހިއްކަމުންދާ ތަނަކަށް ވާތީ އެތަނުން ގޯތި ލިބުނު މީހުން އޮޅުންފިލުވަން ބޭނުންވި ކަންތައްތަކެއް ވެސް ހުރި ކަމަށެވެ. އެގޮތުން އެތަން ހިއްކައި ގޯތި ހަވާލު ކުރެވޭނީ ކޮން އިރަކުތޯ އެމީހުންގެ ސުވާލުތައް ހުރި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މިރޭ އަނެއްކާވެސް ޔަގީންކޮށް މި އަރުވަނީ، މީގެ ކުރިން މި ދެންނެވި ގޮތަށް. އަޅުގަނޑުމެންގެ އަމާޒަކީ 5 ނޮވެމްބަރު ވާއިރަށް، ގިރާވަރު ފަޅު ވެސް ހިއްކައި އެތަނުން އިން ވަކިކޮށް ތިބޭފުޅުންނަށް ގޯތި ހަވާލު ކުރާނެ ކަމުގެ ޔަގީންކަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެ ތަންތަނުގައި ފެނާއި ނަރުދަމާ ގާއިމްކޮށް ކަރަންޓުގެ ހިދުމަތްދީ މަގު ހެދުމުގެ މަސައްކަތް، ބިން ހިއްކުމުގެ މަސައްކަތް ނިމުމާ އެކު، ފައްޓާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ތިބޭފުޅުން އެ ތަންނަނުގައި އިމާރާތްކޮށް ނިމެންވާ އިރަށް، ގިނަވެގެން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި، މި ހުރިހާ ތަނެއްގައި މަގުތައް ހަދައި ފެނާއި ނަރުދަމާ އަޅައިދީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވި އެވެ.

ފަސްމަންޒަރު - 'ބިންވެރިޔާ' ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރު ފަޅުން މާލޭ މީހުންނަށް ގޯތި ދިނުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެ އެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން 6،500 އަށް ވުރެ ގިނަ ގޯތި ދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް