ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން ފަތުރުވެރިންގެ ބަޔަކު ފުރައިގެންދާ އިރު ރިސޯޓު މުވައްޒަފުންތަކެއް އަލްވަދާއު ކިޔަނީ (ދައުރު ފައިލް ފޮޓޯ/މުޒައްޔިން ނާޒިމް)

ރިސޯޓުތަކުގެ އިސް މަގާމުތަކަށް ދިވެހިން ބިނާކުރަން ސްކޮލަޝިޕް ސްކީމެއް ތައާރަފު ކުރަނީ

ރިސޯޓު މުވައްޒަފުން ހަފްތާއަކު 48 ގަޑިއިރު މަސައްކަތް ކުރަން އޮންނަ އޮތުން 40 ގަޑިއިރަށް ކުޑަކޮށް އޮފްގެ ގޮތުގައި ހަފްތާއަކު 2 ދުވަސް ދޭން ވެސް މަޝްވަރާކުރާ ކަމަށް ރައީސް ވިދާޅުވި
26 ސެޕްޓެމްބަރު 2023

ރިސޯޓުތަކުގެ އިސް މަގާމުތަކުގައި މަސައްކަތް ކުރާނެ ދިވެހިން ބިނާކުރުމަށް ސްކޮލަޝިޕް ސްކީމެއް ތައާރަފުކޮށް ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ލުއިތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން މިރޭ މައްޗަންގޮޅީގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޓޫރިޒަމް ދާއިރާގެ އިސް މަގާމުތަކަށް ދިވެހިން ތަމްރީންކޮށް، ރިސޯޓު މުވައްޒަފުންނަށް މިހާރު ހަފްތާއަކު ލިބޭ ޗުއްޓީ އެއް ދުވަސް، ދެ ދުވަހަށް އިތުރުކޮށް މަސައްކަތު ވަގުތު ވެސް ކުޑަކުރަން މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ކެމްޕޭނުގެ ތެރެއިން ރިސޯޓު މުވައްޒަފުންނާ ބައްދަލުވެ، އެމީހުންގެ ފަރާތުން ގިނަ ވާހަކަތަކެއް އަޑުއިވުނު ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރިސޯޓުތަކުގެ އިސް މަގާމުތަކުގައި ބިދޭސިން ގިނަވުން ކަމަށާއި އެކަމަށް ހައްލު ހޯދައިދިނުމަށް އެދުނު ކަމަށެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުމެން މިހާރު މި ނިންމީ ސަރުކާރުން މި ދޭ ސްކޮލަޝިޕްތަކުގެ ތެރޭގައި ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީ އަށް، މަތީ ފަންތީގެ ވަޒީފާތައް ވެސް ހިމެނޭހެން، ސްކޯލަޝިޕް ސްކީމެއް އުފައްދައި އޭގެ ތެރެއިން ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާ ހިސާބުން މީހުން ޓްރެއިން ކުރުމުގެ މަސައްކަތްތަކެއް ވީހާވެސް އަވަހަކަށް ފަށަން،" ރައީސް ވިދާޅުވި އެވެ.

ތަފްސީލް -  ރިސޯޓުތަކުގެ އިސް މުވައްޒަފުން އެދުނު ކަންތަކުގެ ތެރޭ ރައީސް އިތުރަށް ފާހަގަ ކުރެއްވީ މަސައްކަތު ވަގުތު ކުޑަކޮށް، ޗުއްޓީ ނުވަތަ އޮފްގެ ގޮތުގައި މިހާރު ހަފްތާ އަކު ލިބޭ އެއް ދުވަހުގެ ބަދަލުގައި ދެ ދުވަސް ލިބޭގޮތަށް ހަދައިދިނުމަށް ގާނޫނުތަކަށް ބަދަލު ގެނައުމެވެ.

"ސީނިއާ މެނޭޖުމެންޓުގެ ވަރަށް ގިނަ ބޭފުޅުންނާ އަޅުގަނޑާ ބައްދަލުވި. މިނިމަމް ވޭޖު ކަނޑައެޅުމާއި މިހާރު އެ ލިބޭ އޯވާޓައިމް އާއި އެހެން އެއްޗެހި ކަނޑައެޅުމަކީ އެ ބޭފުޅުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވި،" އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންތައްތަކުގެ ލަފާ ލިބުނުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ.

"އެއް ކަމަކަށް ހުށަހެޅުއްވީ ޓޫރިޒަމް މިނިސްޓްރީގައި އެޑްވައިޒަރީ ކޮމިޓީއެއް އުފެއްދުމަށް. އެއީ މުވައްޒަފުންނާއި ރިސޯޓު އޯނަރުންނާއި ޓުއަ އޮޕަރޭޓަރުންނާ، މިހެން ގޮސް މި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބައެއް ހިމެނޭ ގޮތަށް އިންޑަސްޓްރީ ކުރިއެރުވޭނެ ގޮތަށް ގޮތްތަކެއް ރޭވުން."

އެ ހުށަހެޅުން ގަބޫލުކުރައްވައި ޓޫރިޒަމް މިނިސްޓްރީގައި އެޑްވައިޒަރީ ކޮމެޓީއެއް އުފައްދައި މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ދެވަނަ ކަމަކަށް އެ ބޭފުޅުން ހުށަހެޅުއްވީ ހަފްތާއަކު މިހާރު މަސައްކަތް ކުރާ 48 ގަޑިއިރު 40 ގަޑިއިރަށް މަދުކޮށް ހަފްތާއަކު ދެ ދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތް [ހަދަން]،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ރިސޯޓު އޯނަރުންނާ މަޝްވަރާކޮށް އެކަމަށް ވެސް މަސައްކަތް ފަށާނެ ކަމަށެވެެ.

ގުޅުންހުރި - މުވައްޒަފުންނަށް ލުއި ގޮތްތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް މިރޭ ވިދާޅުވި އިރު، މިހާރު ކުރިމަތިލުމަށް އިއުލާންކޮށްފައިވާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 300 ފްލެޓް ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ހާއްސަ ކުރަން ރައީސް ވަނީ ނިންމަވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް