
މޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލިޔާސް ލަބީބާއި ނަޝީދު އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިނަށް ހުޅުދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. (ފޮޓޯ/ޑިމޮކްރެޓްސް)
ދެ ވަނަ ބުރުގައި ވެސް ތާއީދުކުރަނީ އިލްޔާސަށް: ނަޝީދު
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ދެ ބޭފުޅުން ވާދަކުރެއްވިޔަސް، އެ މަނިކުފާނު އަދިވެސް ތާއީދުކުރައްވަނީ އިންތިހާބުގެ ފުރަތަމަ ބުރުން ތިން ވަނައަށް ވަޑައިގެންނެވި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ޑިމޮކްރެޓްސް އިން ދެ ވަނަ ބުރުގައި ކޯލިޝަން ހެދުމާ މެދު އެމްޑީޕީ އާއި ޕީޕީއެމްއާ އެކު ވެސް މަޝްވަރާކުރި އެވެ. ނަމަވެސް، ޑިމޮކްރެޓްސްގެ ފަރާތުން އެ ދެ ޕާޓީއަށް ހުށަހެޅި ޝަރުތުތަކަށް އެއްބަސްނުވުމުން، ޑިމޮކްރެޓުން ވަނީ ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ނިންމާފަ އެވެ.
ބުނީ ކީކޭ؟ - ފުރަތަމަ ބުރުގައި ނަޝީދު ތާއީދުކުރެއްވި އިލްޔާސް ދެ ވަނަ ބުރަށް ވަޑައިނުގަންނަވާއިރު، އެ މަނިކުފާނު ދެން ތާއީދުކުރައްވާނީ ކޮން ކެންޑިޑޭޓަކަށްތޯ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދުއަށް ސުވާލުތައް އަމާޒުވި އެވެ.

އެކަމާ ގުޅިގެން ކުރި ފުރަތަމަ ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނު ތާއިދުކުރައްވަނީ ޑިމޮކްރެޓްސް އިން ނިންމި ނިންމުމާ އެއްގޮތަށް ކަމަށެވެ.
ދެން ވެސް، އެ މަނިކުފާނު ތާއީދުކުރައްވާނީ ކޮން ކެންޑިޑޭޓަކަށްތޯ ސުވާލުކުރުމުން ވެސް ނަޝީދު ވިދާޅުވީ ދެ ވަނަ ބުރުގައި ތާއީދުކުރައްވާނީ ހަމަ އިލްޔާސަށް ކަމަށެވެ. އަދި ދެ ވަނަ ބުރުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެ މަނިކުފާނު އެ ގޮތުގައި ހުންނެވުންކަން ނަޝީދު ފާހަގަކުރެއްވި އެވެ.
"ތިޔަބޭފުޅުން ބައްލަވައިފިއްޔާ، ގާނޫނުއަސާސީގެ 111 މާއްދާއިން އަޅުގަނޑު މި ދައްކާ ވާހަކަ ސާފުވާނެ. ގާނޫނީ ހުއްޖަތެއް ނެތް ވާހަކައެއް ނޫން އަޅުގަނޑު މި ދަންނަވަނީ. އަޅުގަނޑު ތާއީދުކުރާނީ އިލްޔާސް ލަބީބަށް. އަދި އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީއަށް ވެސް ރާއްޖެއަށް ވެސް އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު މި ކަމުގައި ހިފަހައްޓައިގެން މި ގޮތުގައި ހުރުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ދެ ބޭފުޅުން ވާދަކުރެއްވިޔަސް، އެ މަނިކުފާނު އަދިވެސް ތާއީދުކުރައްވަނީ… pic.twitter.com/J2g0GVrgeL
— Dhauru (@Dhaurunews) September 24, 2023
އެނގުން މުހިންމު - ނަޝީދު އެ އިޝާރާތް ކުރެއްވި ގާނޫނުއަސާސީގެ 11 ވަނަ މާއްދާގެ (ށ) ބުނާ ގޮތުން:
-
ދެ ވަނަ ބުރުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކު އެއްވެސް ސަބަބަކާ ހުރެ އިންތިހާބުން ވަކިވެވަޑައިގެންފި ނަމަ، އިންތިހާބުގެ ފުރަތަމަ ބުރުގައި ތިން ވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ކެންޑިޑޭޓަށް ދެ ވަނަ ބުރުގައި ވާދަކުރެއްވޭނެ
ގުޅުން ހުރި ކަމެއް - އިންތިހާބުގެ ފުރަތަމަ ބުރުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވިއިރު، ދެ ވަނަ ބުރުގައި ކެންޑިޑޭޓަކާ އެކު ކޯލިޝަން ހެދުމަށް ނިންމީ، އިންތިހާބުގައި ދެ ވަނަށް އެންމެ މަދުން ވޯޓު ލިބިވަޑައިގެންނެވި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އެކަންޏެވެ. ނާޒިމް ތާއީދުކުރެއްވީ ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒަށެވެ.
ދެން އިންތިހާބުގައި ވާދަކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފާރިސް މައުމޫން ވެސް ނިންމެވީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރެއްވުމަށެވެ.