
ރައީސް ސޯލިހާއި ނަޝީދު މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ: މި ދެ ބޭފުޅުން މި ބައްދަލުކުރެއްވީ އެތައް ދުވަހަކު ވާހަކަ ނުދައްކަވާ ތިއްބެވުމަށް ފަހު (ފޮޓޯ/ރައީސް އޮފީސް)
ދެ ވަނަ ބުރުގެ ނަތީޖާ ކޮންމެ ގޮތަކަށް އަޔަސް ނިޒާމީ ވޯޓު ބާއްވަން ނަޝީދާ މަޝްވަރާކުރިން: ރައީސް
އަންނަ ހޮނިހިރު ދުވަހު އޮންނާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓުގެ ވާހަކަ ނުދައްކައި ދެ ވަނަ ބުރުގެ ނަތީޖާ ކޮންމެ ގޮތަކަށް އަޔަސް އޭގެ ފަހުން އެ މަސައްކަތް ފަށަން، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީން ބަރުލަމާނީއަށް ފުރޮޅާލުމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ އެކު މިއަދު މަޝްވަރާ ކުރެއްވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް ސޯލިހާއި ނަޝީދު މިއަދު ވަނީ ރައީސް އޮފީހުގައި ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމަށް ފަހު ރައީސް ސޯލިހު ވަނީ އެ ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން 'ދައުރު'އާ ވާހަކަފުޅު ދައްކަވައިފަ އެވެ.
ބުނީ ކީކޭ؟ - ރައީސް ސޯލިހު ވިދާޅުވީ، އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ކަމަށެވެ.
"އޭގެ ތެރޭގައި އެއް ކަމަކީ މަޖިލީހުން އިހަށް ދުވަހު ފާސްކުރި ނިޒާމީ ވޯޓާ ގުޅޭ ގޮތުން ކުރިއަށް ދިއުމަށް ކަން ކުރަންވާ ގޮތަކާއި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރާ ގުޅޭ ގޮތުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނިޒާމީ ވޯޓުގެ މަސައްކަތްތައް ރިޔާސީ އިންތިހާބަށް ފަހު ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުގައި ރައީސް ސޯލިހު އެދިވަޑައިގަތުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"[ނިޒާމީ ވޯޓާ މެދު] މިހާރު އިހަށް ވާހަކަ ނުދައްކާ، ދެ ވަނަ ބުރުގެ ވޯޓު ނިމުމުގެ ކުރިން އެ ވާހަކަ ނުދެއްކުމަށް [މަޝްވަރާ ކުރެވުނީ] އަދި ދެ ވަނަ ބުރު ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް، އޭގެ މަސައްކަތްތައް ފަށައިގެން ކުރިއަށް ގެންދަން [މަޝްވަރާ ކުރެވުނީ]،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވާފައިވާ ޑިމޮކްރެޓްސް ޕާޓީން ވަކި ކޮޅެއް ނުނެގިޔަސް، އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނަޝީދު ތާއީދުކުރެއްވުމާ ގުޅޭ ގޮތުން ދެ ބޭފުޅުން… pic.twitter.com/Z4kyagNaF1
— Dhauru (@Dhaurunews) September 24, 2023
ގުޅުން ހުރި ކަމެއް - ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، އެމްޑީޕީގެ ކުރީގެ ނަޝީދު އުފައްދަވާފައިވާ ޑިމޮކްރެޓްސް ޕާޓީން ވަކި ކޮޅެއް ނުނެގިޔަސް، އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް ސޯލިހަށް ނަޝީދު ތާއީދުކުރެއްވުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މިއަދު މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
ނަމަވެސް، އެކަމާ ގުޅޭ ތަފްސީލެއް ނުދެއްވަ އެވެ.
-
އިތުރަށް ކިޔާލަން - ދެވަނަ ބުރުގައި ރައީސަށް ތާއީދު ކުރުމަށް ނަޝީދާ އެކު މަޝްވަރާ
އެނގުން މުހިންމު - އަންނަ މަހުގެ 30ގެ ކުރިން، ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް، ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުން ފާސްކުރި އެ ގަރާރު މަޖިލީހުގެ އިދާރާއިން ވަނީ މިދިޔަ ބުދަ ދުވަހު އީސީއަށް ފޮނުވާފަ އެވެ.
އީސީން ވަނީ، އެފަދަ ވޯޓެއްގައި އަހާނެ ސުވާލު ސާފުކޮށްދިނުުމަށް މަޖިލީހުގެ އިދާރާގައި މިހާރު އެދިފަ އެވެ.

ފަސްމަންޒަރު - ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ނަޝީދަކީ އެ މަނިކުފާނުގެ ގާތް ރަހުމަތްތެރިއެއް ނަމަވެސް، ސިޔާސީ ގޮތުން ދެ ބޭފުޅުންގެ ހިޔާލު ތަފާތުވުންތައް ބޮޑުވެ، ދެ ބޭފުޅުން ވާހަކަ ނުދައްކަވާތާ ވެސް ވަނީ ގިނަ ދުވަސްތަކެއް ވެފަ އެވެ.
އެ ހިޔާލު ތަފާތުވުންތައް ބޮޑުވެ، މިދިޔަ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވުމުން ނަޝީދު ވަނީ އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނެވުމަށް ފަހު، އެ ޕާޓީން ވެސް އިސްތިއުފާ ދެއްވައި ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައިފަ އެވެ. އެ ޕާޓީ މެދުވެރިކޮށް ރައީސް ސޯލިހާ ދެކޮޅަށް އެ މަނިކުފާނު ގެންދަވަނީ ސިޔާސީ ގޮތުން މަސައްކަތް ކުރައްވަމުންނެވެ.
މި މަހުގެ 9ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެސްޓްގެ ފަރާތުން ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ ތިން ވަނައަށް އެންމެ ގިނަ ވޯޓް ހޯއްދަވައިފަ އެވެ.
އިންތިހާބުގެ ދެ ވަނަ ބުރުގައި އެ ޕާޓީގެ ސަޕޯޓް ހޯދުމަށް އެމްޑީޕީން މަސައްކަތް ކުރި ނަމަވެސް، ޝަރުތުތަކަށް އެއްބަސް ނުވެވި، ޑިމޮކްރެޓްސް އިން ނިންމާފައި ވަނީ ދެ ވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނޭރުމަށެވެ.
ކޮމެންޓް (1)
ވިށާމާނިން