ހޯނޑެއްދޫ އޮޅުމައްތާ ޕާކު ތަރައްގީކޮށްހުޅުވާފައި. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްގެ އެހީގައި ހޯނޑެއްދޫ އޮޅުމައްތާ ޕާކު ތަރައްގީކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ގދ. ހޯނޑެއްދޫ އޮޅަމައްތާ އިކޯ ޕާކުގެ ދެ ވަނަ ފިޔަވަހި ތަރައްގީކޮށްފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ޕާކު ތަރައްގީކުރުމުގެ މަސައްކަތް ނިންމައި މިހާރު އެ ޕާކު ވަނީ އާންމުންނަށް ހުޅުވާލައިފަ އެވެ.
-
މި މަސައްކަތް ކުރިއަށް ގެންދިޔައީ އެ ރަށުގެ ޖަމްއިއްޔާއެއް ކަމަށްވާ ހޯޑެއްދޫ ސްޕޯޓްސް އިން
ތަފްސީލް - ކޮންމެ އަހަރަކު އުދަ އެރުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ހައްލު ގެނެސް، ޕާކުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލިއިރު، އަތިރިމަތީ ގަސް އިންދާފައިވެ އެވެ. އޭގެ އިތުރުން:
-
ޕާކުގެ ވޯކްވޭ ސާފުކޮށްފައިވޭ
-
ފަސް ބެންޗު ބަހައްޓާފައިވޭ
-
އަވީގެ ހަކައިން ދިއްލޭ ބައްތި ހަރުކޮށްފައިވޭ
-
ހަޓެއް ހަދާފައިވޭ
-
ކުޅީގައި ހެދޭ ގަސްގަހާގެއްސަށް ނާސަރީއެއް ގާއިމްކޮށްފައިވޭ
ބުނީ ކީކޭ؟ - ހޯނޑެއްދޫ ސްޕޯޓްގެ ފަރާތުން މަހްދޫން އާދަމް ވިދާޅުވީ މި ޕްރޮޖެކްޓްގެ ސަބަބުން އާއިލީ ގުޅުން ބަދަހިކުރުމަށް ހާއްސަ ސަރަހައްދެއް ގާއިމްކުރެވި، ތިމާވެއްޓާ ރަށްޓެހި ޓޫރިޒަމްގެ ފުރުސަތުތައް ފުޅާވާނެ ކަމަށެވެ. އާންމުންގެ މެދުގައ ތިމާވެއްޓާ ގުޅުން ހުރި ކަންކަމުގައި ހޭލުންތެރިކަން އިރުތުވެގެންދާނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ކޮމިއުނިޓީ ފަންޑު:
-
މިއީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެއް
-
މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 މަޝްރޫއު ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައި