ޑިމޮކްރެޓުން ޕާޓީތަކަށް ހުށަހަޅާ ޝަރުތުތައް ބަޔާންކުރާ ގަރާރު ހުށަހެޅުއްވި ޝިފާޒް (ދައުުރު ފޮޓޯ/ ސުނެއިން)

ދަ ޑިމޮކްރެޓްސް

ނިޒާމީ ވޯޓެއް ނަގަން ޑިމޮކްރެޓުން ޕީޕީއެމްއަށް ޝަރުތެއް ނުކުރޭ؛ ބޭނުންވަނީ ސަރުކާރުގައި ހިއްސާވާ ވަރު ކަނޑައަޅަން

ޝަރުތުތަކަށް ބުދަ ދުވަހުގެ ކުރިން އެއްބަސްނުވާނަމަ، އެއްވެސް ޕާޓީއަކަށް ތާއީދުނުކުރަން އެ ޕާޓީއިން ވަނީ ނިންމާފައި

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ނިޒާމީ ވޯޓެއް ނެގުމަށް އެމްޑީޕީއަށް ޝަރުތުކުރި ނަމަވެސް، ޕީޕީއެމްއަށް އެ ޝަރުތު ނުކުރުމަށް ޑިމޮކްރެޓްސް އިން މިރޭ ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟- މިގޮތަށް ހުށަހެޅީ، ދެވަނަ ބުރުގައި އަމަލުކުރާނެ ގޮތަކާ މެދު ގޮތެއް ނިންމުމަށް މިރޭ ބޭއްވި ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލް ބައްދަލުވުމުގަ އެވެ.

ތަފްސީލް- ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅިގެން އިންތިހާބުގެ ފުރަތަމަ ބުރުގައި 1 ވަނަ ހޯދި ޕީޕީއެމް- ޕީއެންސީ އާއި 2 ވަނަ ހޯދި އެމްޑީޕީއާ އެކު ވެސް މަޝްވަރާތައް ކުރިއަށްދާއިރު، އެ ބައްދަލުވުމުގައި އެ 2 ޕާޓީއަށް ހުށަހަޅާ ޝަރުތުތައް ބަޔާންކޮށް ގަރާރެއް ހުށަހެޅުއްވީ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.

ޝިފާޒް ހުށަހެޅުއްވި ގަރާރުގައި ހުށަހަޅާ ޝަރުތުތަކަކީ:

  • މި މަހުގެ 28 ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް އަންނަ ބުދައިގެ ކުރިން އެމްޑީޕީން އެއްބަސްވާނަމަ އެ ޕާޓީއާއެކު މަޝްވަރާކުރުމަށް

  • ޕީޕީއެމްއާ އެކު ސަރުކާރު އުފެއްދުމަށްޓަކައި، އެ ސަރުކާރުގައި ޑިމޮކްރެޓްސްއިން ހިއްސާވާ މިންވަރާއި، އެ ސަރުކާރުގއި އެ ޕާޓީގެ ސިޔާސަތުތައް ހިމެނޭނެ މިންވަރު ބަޔާންކުރާ ލިޔުމެއްގައި އަންނަ ބުދަ ދުވަހުގެ ކުރިން ސޮއިކުރަން އެ ޕާޓީން އެއްބަސްވާނަމަ، މަޝްވަރާކުރުމަށް

  • މިއިން އެއްވެސް ކަމަކަށް އެ ދެ ޕާޓީން އެއްބަސްނުވާނަމަ، ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރުމަށް

އެނގުން މުހިއްމު- ޑިމޮކްރެޓުން އެންމެ ފުރަތަމަ 2 ޕާޓީއަށް ވެސް ހުށަހެޅީ މި މަހުގެ 25 ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށެވެ. އެކަމަކު ޕީޕީއެމުން އެކަމަށް އެއްބަސްނުވުމުން އެ މަޝްވަރާއެއް ކުރިއަކަށް ނުދެ އެވެ. އެކަމަށް އެއްބަސްނުވި ނަމަވެސް ޕީޕީއެމް އިން ބުނި ގޮތުގައި ޑިމޮކްރެޓްސް އާ އެކު އަދިވެސް މަޝްވަރާތައް ކުރިއަށް އެބަދެ އެވެ.

މިރޭ ހުށަހެޅި ގަރާރުގައި ނިޒާމީ ވޯޓަކަށް ދިއުމަށް ޑިމޮކްރެޓުން ޝަރުތުކުރަނީ ހަމައެކަނި އެމްޑީޕީއަށެވެ. އެކަމާ ގުޅިގެން އެމްޑީޕީއިން ހުށަހަޅާފައި ވަނީ 2 ވަނަ ބުރަކަށް ފަހު ނޮވެމްބަރު 17ގެ ކުރިން ނިޒާމީ ވޯޓް ނެގުމަށެވެ. 

ބުނީ ކީކޭ؟ - މިރޭގެ ކައުންސިލް ބައްދަލުުވުމަށް ފަހު، ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމީ ވޯޓްގެ ޝަރުތުތު ޕީޕީއެމްއަށް ނުކުރަނީ ކީއްވެތޯ ސުވާލުކުރުމުން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ނުލައި ނިޒާމީ ވޯޓަކާ ގުޅޭ މަޝްވަރާ ޕީޕީއެމްއާ އެކީ ކުރުމުގެ މާނައެއް އޮތް ކަމުގައި ނުދެކޭ ކަމަށެވެ.

"ރައީސް ޔާމީނަށް އެކަމާ ގުޅޭގޮތުން ވާހަކަ ދެކެވޭ ހާލަތެއްގައި ހުންނަވައިގެން ވާހަކަ ދައްކައިގެން ނޫނީ އެކަން ކުރެއްވޭނެ ކަމަށް ގަބޫލުނުކުރެވޭ،" ހަސަން ލަތީފް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ މި ދައުރު ނިމުމުގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް އެއްބަސްވެވަޑައިގެންފަ އެވެ. އެހެން ނަމަވެސް އެ ވޯޓް ނަގާނީ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރަށް ފަހު ނޮވެމްބަރު 17ގެ ކުރީގެ ތާރީހެއްގައި ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް (2)

ރިޓިޝަން

19 ސެޕްޓެމްބަރު 2023
ރިޔާސީ ނިޒާމު ދުނިޔޭގަ އޮތީ އެމެރިކާގަ ކުރިއަރާފަ އޮތް ގައުމެއްގައި. އެވެސް ރާއްޖޭގަ މިއޮތް ރިޔާސީ ނިޒާމެއް ނޫން.
0 0

ބުޅާބޭ

19 ސެޕްޓެމްބަރު 2023
ނިޒާމި ވޯޓުނަގައިގެން ކީއްކުރަން ކަލޭމެން ތިއުޅެނީ. ބަލަގަ އަންނިއަކަސް ބޮޑުވަޒީރުކަން ނުކުރެވޭނެ. ކުރީގައި ރައީސުކަން ވެސް ނުކުރެވުނެއްނު. ދެން މިހާރު އެހާވަރަށް ވޯތުވެސް ނުލިބޭނެ. ކަލޭމެންގެ މިހަކު މެންބަރަކަސް ނުވެސް ހޮވޭނެ. މެންބަރުންނަސް ހޮވިގެންތާ ސަރުކާރެއް އެކުލަވާ ލެވޭނީވެސް. ބަލަ މިގައުމުގެ ފައިސާ ބޭކާރުކޮތުގައި ތަޅާ ބުރުއްސަން ނޫލެބަލަ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް