ޕީޕިއެމް-ޕީއެންސީން އެމްއެންޕީއާ އެކު ކޯލިޝަން ހެދުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ފްރޭމް ކުރުމަކީ މާޒީ، މިވަގުތު މުހިންމީ ގައުމީ މަސްލަހަތު: ނާޒިމް

ނާޒިމް ވިދާޅުވީ ޔާމީންގެ ޕީޕީއެމް ސަރުކާރުގައި ފްރޭމްނުކުރާ ކަމަށް ނުހެދޭނެ ކަމަށާއި ނަަމަވެސް މާޒީއަށް ބަލައިގެން ކުރެވޭނެ ކަމެއް ނެތް ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމް ވެރިކަމުގައި އޭނާގެ އެޕާޓްމަންޓަށް ފިސްތޯލައެއް ވައްދައި ފްރޭމް ކުރުމަކީ މިހާރު މާޒީ ކަމަށާއި މި ދަނޑިވަޅުގައި އިސް ކުރާނީ ގައުމީ މަސްލަހަތު ކަމަށް، އެ ޕާޓީ އެކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކޯލިޝަން ހަދާފައިވާ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - ޔާމީންގެ ސަރުކާރުގައި ނާޒިމް ޑިފެންސް މިނިސްޓަރުގެ މާގާމު ފުރުއްވަމުން ގެންދަވަނިކޮށް، 2015 ވަނަ އަހަރު ތެރޭ، އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ ދައުވާކޮށް 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި އެވެ. އެ ސަރުކާރު 2018ގައި ނިމުމަކަށް އައުމާ އެކު ސުޕްރީމް ކޯޓުން ބާތިލު ކުރި އެ ހުކުމަކީ، ސިޔާސީ ގޮތުން އޭނާ ފްރޭމް ކުރުމަށް ކުރި ކަމެއް ކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ. 

ވީ ކިހިނެއް؟ - ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ނާޒިމަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު، ފުރަތަމަ ބުރުން އެއްވަނަ ހޯއްދެވި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރުމަށް އެމްއެންޕީގެ ކައުންސިލުން ރޭ ނިންމި ނިންމުމާ އެއްގޮތަށް ދެ ފަރާތުން މިއަދު ވަނީ ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެކަމަށްޓަކައި މީރުމާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ޕީޕީއެމް ސަރުކާރުގައި ނާޒިމް ފްރޭމް ކޮށްފައިވާ އިރު ޕީޕީއެމްއާ އެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.

ޕީއެންސީ-ޕީޕީއެމް އާއި އެމްއެންޕީއާ ދެމެދު ކުރިއަށް އޮތް ފަސް އަހަރަށް ކޯލިޝަނެއް ހަދައި އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތު. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ބުނީ ކީކޭ؟ - "އަޅުގަނޑުމެން މާޒީއަށް ބަލައިގެން މިއަދު ކަމެއް ކުރެވޭކަށް ނޯންނާނެ. އެކަން އޮތީ ވެފައި، އެކަން ނުވާ ކަަމަކަށް ނުވާނެ. އެހެންވީމަ، އަޅުގަނޑު ބަލަނީ އަބަދުވެސް މުސްތަގުބަލު އުޖާލާ ކުުރުމަށް،" ޔާމީންގެ ސަރުކާރުގައި ފްރޭމް ކުރުން މިހާރު ވަރިހަމަވީތޯ ނޫސްވެރިޔަކު އެހުމުން ނާޒިމް ވިދާޅުވި އެވެ.

ތަފްސީލު - ނޫސްވެރިންގެ ސުވާލުތަކަށް ހުޅުވާލުމުގެ ކުރިން ނާޒިމް ވިދާޅުވީ، ޕީޕިއެމް އިން ދިން ދައުވަތު ގަބޫލުކޮށް އެ ޕާޓީއާ އެއްގަލަކަށް އެރުމަކީ ރައްޔިތުންގެ ހައްގުގައި، ގައުމުގެ މުސްތަގުބަލަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ. އަދި އެގޮތަށް ނިންމުމުގައި ބެލީ އެމްއެންޕީގެ ސިޔާސަތުތަކާއި މެނިފެސްޓޯގައިވާ ކަންކަން ހިފަހައްޓާނެ ބަޔަކާ އެކު ކުރިއަށް ދިޔުމަށް ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ސިޔާސީ ހަޔާތަށް ނުކުތީ ޕީޕިއެމް ތެރެއިން. އަޅުގަނޑު ވަރަށް އިހުތިރާމް ކުރާ، ވަރަށް ލޯބިވާ ޕާޓީއެއް. މިވަގުތު ދުރުގައި ހުއްޓަސް، އަޅުގަނޑުގެ ހިތް ޕާޓީއާ އެކު އޮތް. އަދި އަޅުގަނޑާ އެކު މަސައްކަތް ކުރައްވާ ގިނަ ބޭފުޅުންނަކީ އެ ފިކުރުގައި ތިއްބެވި ބޭފުޅުން،" ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، އަޅުގަނޑުމެންނާ އަދި ޕީޕީއެމްއަކީ ގައުމުގެ ހެވާއި ލާބައަށްޓަކައި، ގައުމު އިސްކުރާ ބައެއްގެ ގޮތުގައި ތިބި ބައެއް. އެހެންވީމަ އަޅުގަނޑަށް ވަރަށް ބޮޑަށް ފަސޭހާވާނެ [ޕީޕީއެމްއާ އެކު] މަސައްކަތް ކުރަން."

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން) 

ސުވާލުތަކަށް ހުޅުވާލުމާ އެކު ނާޒިމަށް ގިނަ ސުވާލުތައް އަމާޒުވީ އޭނާ ފްރޭމްކުރި މައްސަލައާ ގުޅޭ ގޮތުންނެވެ. އަދި އޭގެ ސަބަބުން ދެން ޕީޕީއެމްއާ އެކުގައި މަސައްކަތް ކުރުމުގައި ދިމާވާނެ ހުރަހެއް އޮންނާނެތޯ ވެސް ނޫސްވެރިން އެހި އެވެ.

"އަޅުގަނޑު މި އައީ ޑރ. މުއިއްޒުގެ އަރިހުގައި އަދި މުއިއްޒުގެ ރަނިން މޭޓްގެ އަރިހުގައި މި ދެ ޕާޓީ ގުޅިގެން ކުރާ މަސައްކަތުގައި ސާބިތުވެ މަސައްކަތް ކުރަން. އެހެންވީމަ، އަޅުގަނޑުގެ ފޯކަސް މިހާރު ހުންނާނީ 30 ސެޕްޓެމްބަރުގައި އޮންނަ އިންތިހާބުގައި ގުޅިގެން މަސައްކަތްކޮށް، ރައްޔިތުންނަށް ހެވާއި ލާބަ ހޯދައިދިނުމަށް،" ޔާމީންގެ ސަރުކާރުގައި ދިމާވި ކަންތައްތަކަކީ މައްސަލައަކަށް ނުވޭތޯ އެހެން ނޫސްވެރިޔަކު އެހުމުން ޖަވާބުގައި ނާޒިމް ވިދާޅުވި އެވެ.

ފިސްތޯލަ މައްސަލައިގައި ނާޒިމް ކޯޓު އަޑުއެހުމަކަށް މާލެއަށް ގެނައުމުގެ ތެރެއިން  (ސަން ފައިލް ފޮޓޯ/ފަޔާޒު މޫސާ)

އޭނާ ވިދާޅުވިގޮތުގައި މުއިއްޒުގެ ސަރުކާރެއްގައި ދެވެން އޮތް ހުރިހާ އެއްބާރުލުމެއް އެމްއެންޕީން ދޭނެ އެވެ. އަދި މުއިއްޒުއާ އެކު މީގެ ކުރިން ވެސް، ސިޔާސީ މައިދާނުގައި ނޫނަސް، މަސައްކަތްކޮށްފައި ހުންނާނެ ކަމާއި ދެން ވެސް އެކުުގައި މަސައްކަތް ކުރަން ފަސޭހަވާނެކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު މަސައްކަތް މި ކުރަނީ، މަޖިލިސް މެމްބަރެއްގެ ގޮތުގައި. އަޅުގަނޑުގެ އެއްވެސް ޑިމާންޑެއް ސަރުކާރަކަށް ނޯންނާނެ. އަޅުގަނޑު އަތުގައި އޮންނަ ލަގަބެއް އޮވޭ، ޝަރުތަކާ ނުލައޭ. އެހެންވީމަ އަޅުގަނޑު [ޕީޕީއެމްއާ އެކު ކޯލިޝަން ހެދުމަށް] މި އަައީ ޝަރުތަކާ ނުލާ. އެއްވެސް ޝަރުތެއް ނެތް،" 7 ފެބްރުއަރީ 2012ގައި  އޭރުގެ ރައީސް މުހައްމަދު ނަޝީދު، އެއްވެސް ޝަރުތަކާ ނުލާ އިސްތިއުފާ ދެއްވުމަށް ޑިމާންޑް ކުރެއްވި، މިހާރުގެ ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު ނާޒިމް ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ނާޒިމް އާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސަލާމް ކުރައްވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕިއެމް-ޕީއެންސީން އެމްއެންޕީއާ އެކު ކޯލިޝަން ހެދުމަށް މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން (ދައުރު ފޮޓޯ/ހުސައިން ސުނޭން) 

ފާހަގަކޮށްލެވޭ ކަމެއް - އެމްއެންޕީގައި 9،000 އެއްހާ މެމްބަރުން ތިބި އިރު، އަށް ކެންޑިޑޭޓުން ވާދަ ކުރި ރިޔާސީ އިންތިހާބުގައި 2،000 އަށް ވުރެ މަދު ވޯޓާ އެކު ނާޒިމަށް ލިބިވަޑައިގެންނެވީ ހަތްވަނަ އެވެ. ނަމަވެސް ނާޒިމް ރޭ ވިދާޅުވީ ވޯޓުގެ އަދަދަކީ އެ ޕާޓީގެ އަސްލު ސައިޒު ނޫން ކަމަށެވެ. 

ވޯޓު މަދުވީ، ނާޒިމް ވިދާޅުވިގޮތުގައި، އެެއްވަނަ ނުވަތަ ދެވަނައަށް އޭނާ ނުދާނެ ކަމަށް ޕާޓީގެ ބައެއް މެންބަރުންނަށް ވިސްނިފައި އޮތުމުންނެވެ. ނާޒިމް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވާހަކަ ތަކުރާރު ކުރެއްވި އެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • ރިޔާސީ ކެމްޕެއިންގައި 150 އެއްހާ ރަށަށް އެމްއެންޕީން ދިޔަ އިރު، ގިނަ ރައްޔިތުން ބޭނުންވަނީ މި ސަރުކާރު ބަދަލު ކުރުމަށް

  • އެމްއެންޕީ އެއްވަނައަށް ނުވަތަ ދެވަނައަށް ނުދާނެ ކަމަށް އިންތިހާބުގެ ކެމްޕެއިންގެ ވަކި ހިސާބަކުން ރައްޔިތުން ގަބޫލު ކުރި؛ އެހެންވެ، އެ ރައްޔިތުން ނިންމީ މި ސަރުކާރު ބަދަލު ކުރުމަށްޓަކައި ހޮވޭ ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެންނަށް ވޯޓުލާން ތިބި ގިނަ މެންބަރުން ވޯޓުލާފައި ވަނީ ޕީޕީއެމްއަށް. އެއީ އަޅުގަނޑުމެންނާ ފިކުރުގެ ގޮތުން އެއް ބަޔަކަށް ވާތީ. މިއަދު ވެސް އެމީހުން އެ ތިބީ މި [ސަރުކާރު] ނޫން ގޮތެއް ހޯދަން،" އެމްއެންޕީން ޕީޕީއެމްއާ އެކު ކޯލިޝަން ހެދުމުން މުއިއްޒަށް އިތުރު ވޯޓު ލިބޭނެކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވި އެވެ.

ކޮމެންޓް (1)

ތައްމަން

12 ސެޕްޓެމްބަރު 2023
މަގޭ 10 ވޯޓް ޑރ.މުއިޒް އަށް ތިގެއްލުނީ ސޮރީ
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް