
އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް އިއްޔެ ވޯޓުލައްވަނީ. (ފޮޓޯ/އެމްއެންޕީ)
ދެވަނަ ބުރުގައި ބަޔަކަށް ތާއީދުކުރުމާ މެދު ގޮތެއް ނިންމާނަން: އެމްއެންޕީ
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ދާނެ ގޮތެއް ނިންމާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވާދަކުރެއްވި އެވެ. ނާޒިމްއަށް ލިބިވަޑައިގަތީ 1،892 ވޯޓެވެ. އެއީ އިއްޔެގެ އިންތިހާބުގައި ވޯޓުލީ މީހުންގެ %0.86 އެވެ.
ތަފްސީލް - ނާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ، އިންތިހާބުގައި އޭނާއަށް ތާއީދުކޮށް ވޯޓު ދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދިނުމަށާއި ގައުމުގެ ކުރިއެރުމަށް ކުރާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިއްޔެ ބޭއްވުނު ރިޔާސީ އިންތިހާބުގައި އަޅުގަނޑަށް ވޯޓު ދެއްވި އެންމެހާ ރައްޔިތުންނަށާއި އަދި ހެޔޮއެދޭ އެންމެހާ ރައްޔިތުންނަށް އިހްލާސްތެރި ޝުކުރު ދަންނަވަން. ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދިނުމަށް އަދި ގައުމުގެ ކުރިއެރުމަށް އަޅުގަނޑު ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް…
— Mohamed Nazim (@nazim7878) September 10, 2023
ނާޒިމްގެ އިތުރުން، އެމްއެންޕީން ވަނީ އިއްޔެގެ އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް އެއަށް އިހުތިރާމު ކުރާ ކަމަށް ރޭ ބުނެފަ އެވެ. އިންތިހާބުން އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށާއި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔައި ނެރުނު ބަޔާނެއްގައި އެމްއެންޕީން ބުނީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީން ނިންމާނެ ގޮތް ހިއްސާކުރާނެ ކަމަށެވެ.
ޕާޓީގެ ހަރަކާތްތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުންޏެވެ. އިންތިހާބާ ގުޅޭ މަސައްކަތްތަކުގައި އެހީތެރިވި މެންބަރުންނަށާއި ވޮލެންޓިއަރުންނަށް އަދި ސަޕޯޓަރުންނަށް އެމްއެންޕީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާ ބެހޭhttps://t.co/yYrhZWEsX5 pic.twitter.com/DSMjxIWr20
— Maldives National Party (@MNP_Secretariat) September 9, 2023
އެނގުން މުހިންމު - އިއްޔެގެ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް %50 ވޯޓު ލިބިވަޑައިގެންފައި ނުވާތީ، މި މަހުގެ 30ގައި ދެ ވަނަ ބުރެއް ބާއްވާނެ އެވެ. އެ ބުރުގައި ވާދަކުރައްވާނީ %46 ވޯޓު ލިބިވަޑައިގެންނެވި މުއިއްޒާއި %39 ލިބިވަޑައިގެންނެވި ރައީސް ސޯލިހެވެ.