އަމިއްލަ ރަށް، ސ. ހުޅުދޫ އަށް އިލްޔާސް ވަޑައިގަތުމުން، މަރްހަބާ ކިޔުމަށް ސަޕޯޓަރުން ނުކުމެ ސަލާމް ކުރައްވަނީ --- ޑިމޮކްރެޓްސް

އިލްޔާސް ލަބީބް

އިލްޔާސް ރައީސް ސޯލިހަށް: އައްޑޫގެ ތަރައްގީއޭ ކިޔައިގެން ވާހަކަ ނުދައްކަވާ

ވިދާޅުވީ މިހާތަނަށް މި ސަރުކާރުން އައްޑުއަށް ކަމެއް ކޮށްދީފައި އޮތް ނަމަ އެކަމެއް ކުރެއްވީ އޭނާ ކަމަށް
6 ސެޕްޓެމްބަރު 2023

މި ސަރުކާރުން އައްޑޫ ސިޓީއަށް، ވަކިން ހާއްސަކޮށް ހުޅުދުއަށް ކޮށްދިން ކަމެއް ނެތް ކަމަށާއި، ކޮށްދިން ކަމެއް ވެސް ކުރެއްވީ އޭނާ ކަމަށް ވިދާޅުވެ އައްޑޫގެ ތަރައްގީގެ ކްރެޑިޓް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މިއަދު ނަންގަވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އޭނާ އެދިވަޑައިގަތީ އައްޑޫގެ ތަރައްގީއޭ ކިޔައިގެން އެއްވެސް ވާހަކައެއް ނުދެއްކެވުމަށެވެ.

ވީ ކިހިނެއްް؟ - އެންމެ ދެ ދުވަސް ފަހުން އޮންނަ ރިޔާސީ އިންތިހާބުގެ އެންމެ ފަހުގެ ކެމްޕޭން ދަތުރުތަކުގެ ތެރެއިން، އަތޮޅު ތެރޭގެ އެންމެ ފަހުގެ ބޮޑު ޖަލްސާ ބާއްވަން ހަމަޖެހިފައިވާ އައްޑޫ ސިޓީއަށް އިލްޔާސް ވަނީ ވަޑައިގެންފަ އެވެ. މި ދަތުރުގައި އިލްޔާސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދަ ޑިމޮކްރެޓްސްގެ ބާނީ، ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު ކޮށްފައި ހުރި ކަންތައް އެއީ، ކޮންމެހެން އައިސް މާ މޮޅު ވާހަކައެއް ދައްކާނެ ކަމެއް ނެތް،" އައްޑޫގެ ތަރައްގީގެ ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވި އެވެ.

އަމިއްލަ ރަށަށް ވަޑައިގެން ސަޕޯޓަރުންގެ ކުރިމަތީ ވާހަކަ ދައްކަވަމުން ވިދާޅުވީ މި ސަރުކާރުގެ ނަމުގައި އައްޑުއަށް، ވަކިން ހާއްސަކޮށް ހުޅުދުއަށް ގެނައި ތަރައްގީއަކީ ސީދާ އޭނާ އެކަމުގެ ތެރެއަށް ވަންނަވައި، 'ހިފައިގެން އަތުން އަނބުރައި، ގަދަކަމުން ކުރުވާފައި' ހުރި ކަންތައް ކަމަށެވެ.

އެހެންކަމުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑުއަށް ވަޑައިގެން ވޯޓު ދޭން ރައްޔިތުންގެ އަރިހުން އެދިވަޑައިގަންނަވަން ޖެހޭ އެއްވެސް ހުއްޖަތެއް ނެތް ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

ހުޅުދޫގައި އިލްޔާސް ވާހަކަ ދައްކަވަނީ: ރައީސްގެ ކިބައިން އެދިވަޑައިގަތީ އައްޑޫގެ ތަރައްގީގެ ވާހަކަތައް ނުދައްކަވަން --- ޑިމޮކްރެޓްސް

"މި ރަށުގައި، މި އައްޑޫ ސިޓީގައި މި ސަރުކާރުން ކުރި އެއް ކަމެއް ވެސް ނެތް، އެއް ކަމެއް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.

"އައިސް ބޯޑުގައި ޖަހާފައި ތަންތަނުގައި ބުނާނެ ކަމެއް ނެތް މި ރަށުގައި ބިން ހިއްކައިފީމޭ، ތާރު އަޅައިފީމޭ މިވެނި ކަމެއް ކުރީމޭ."

އިލްޔާސް ވިދާޅުވީ އެމްޑީޕީއަށް އައްޑޫން 2018ގައި %62 ތާއީދުކުރި ކަމަށާއި، އެހެންކަމުން މިއަދު އެމްޑީޕީ އެހާ ހިސާބަށް ގެންގޮސްދިނީ އައްޑޫ ރައްޔިތުން ކަމަށެވެ.

ނަމަވެސް މި ސަރުކާރުން އައްޑޫގެ ރައްޔިތުން ވަނީ ބިކަކޮށްފައި ކަމަށް ވިދާޅުވި އެވެ.

"މިއަދު ތިބޭފުޅުން ބިކަކޮށްފައި ބާކީކޮށްފައި އުކާލާފައި ދެން އައިސް ބުނާނެ ކަމެއް ނެތް ވޯޓެއް ދޭށޭ. ދެން އައިސް ބުނާނެ ކަމެއް ނެތް އެމީހުން ވޯޓެއް ދޭށޭ. އެމީހުންނަށް ނުބުނެވޭނެ،" އިލްޔާސް ވިދާޅުވި އެވެ.

އަމިއްލަ ރަށް ހުޅުދުއަށް އިލްޔާސް ވަޑައިގެން ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ --ދަ ޑިމޮކްރެޓްސް

އޭނާ ވިދާޅުވީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތީ އައްޑޫ ސިޓީގައި ކަމަށް ވިޔަސް އައްޑުއަށް މި ސަރުކާރުން އިހުމާލުވެފައި އޮތް ވަރު، ސަރުކާރުގެ ކޮންމެ މީހަކު އައިސް ބެލިޔަސް ފެންނާނެ ކަމަށެވެ.

އެކަމަކު ރައީސް ސޯލިހު ތަގުރީރުކުރައްވާ ކޮންމެ ފަހަރަކު އައްޑޫ ސިޓީ ތަރައްގީ ނުވެ މި ރާއްޖެ ތަރައްގީ ނުވާނެ ކަމަށް ވިދާޅުވާ ކަމަށާއި، އެ ވާހަކަތައް އައްޑޫ ރައްޔިތުން މިހާރު ގަބޫލުނުކުރާ ކަމަށެވެ.

"ތިވާހަކަ ދައްކަން ބަރަވެލި ކަނޑަށް ވަޑައިގަންނަވާށޭ،" އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައްޑޫ މީހެއްގެ ހައިސިއްޔަތުން ރައީސް ސޯލިހަށް ދަންނަވާލަން ބޭނުންވަނީ އައްޑޫގައި އަދި ވަކިން ހާއްސަކޮށް ހުޅުދޫގައި، އައްޑޫގެ ތަރައްގީގެ ވާހަކަތައް ދައްކަވަން ނޫޅުއްވުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް