އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކ. ކާށިދޫގައި މިއަދު ސަޕޯޓަރުންނާ އެކު (ފޮޓޯ/ޕީޕީއެމް)

ބޭރުގެ ސިފައިން ކުލަ ހެދުމުގައި ރާއްޖޭގައި ތިބުމަކީ މައްސަލައެއް ނޫން ކަމަށް ވެރިން ދުށުމަކީ ގޯހެއް: މުއިއްޒު

މި ސަރުކާރަށް ދެވަނަ ދައުރެއް ދީފި ނަމަ، މިނިވަންކަން މިހާރު އޮތް މިންވަރަށް ވެސް ނޯންނާނެ ކަމަށް މުއިއްޒު ވިދާޅުވި

ބޭރުގެ ގައުމެއްގެ ސިފައިން ރާއްޖޭގައި ކުލަ ހެދުމުގައި ގާއިމްވެ ތިބުމަކީ މައްސަލައެއް ނޫން ކަމަށް ވެރިން ދުށުމަކީ ވަރަށް ބޮޑު ގޯހެއްކަން ފާހަގަކުރައްވައި، ރިޔާސީ އިންތިހާބުގައި ވޯޓުލާ އިރު އެކަމަށް ރިއާޔަތް ކުރުމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ. 

ވީ ކިހިނެއް؟ - ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި އިންޑިއާ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށް ވިދާޅުވަމުން ގެންދަވާ މާލޭ މޭޔަރު މުއިއްޒު މިގޮތަށް ވިދާޅުވީ، ރިޔާސީ ކެމްޕެއިނަށް ކ. ކާށިދޫއަށް ވަޑައިގެން ބޭއްވެވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ބުނީ ކީކޭ ؟ - "އަޅުގަނޑުމެންގެ ރާއްޖޭގައި މިއަދު ނެތް އަޅުގަނޑުމެން ހަމަޖެހިލައިގެން ތިބެވޭނެ އެއް ކަމެއް ވެސް. ސިފައިން ތިބެން ޖެހެނީ ހަމައެކަނި ކުލަ ހެދުމުގައި ކަމަށް [އަދި] ކުލަ ހެދުުގައި ތިބިއްޔާ އެއީ މައްސަލައެއް ނޫން ކަމަށް ސިޔާސީ ވެރިން ދެކޭ ދެކުން އެއީ، އަޅުގަނޑުމެނަށް ބަލައިގެނެވޭނެ ކަމެއް ނޫންކަން އަޅުގަނޑުމެން ހަނދާނަށް ގެންނަން ޖެހޭ ހޮނިހިރު ދުވަހު ވޯޓަށް ދާއިރު،" ވާދަވެރިޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނަން ނުގެންނަވައި، އެކަމަކު އެމަނިކުފާނަށް ނިސްބަތްކުރައްވައި މުއިއްޒު ވިދާޅުވި އެވެ.

"މި ސަރުކާރުގެ މި [ހާރިޖީ] ސިޔާސަތު ކުރިއަށް ގެންދިޔުމަށް ރައްޔިތުން ފުރުސަތު ދީފިއްޔާ، އަޅުގަނޑުމެންގެ މިނިވަންކަން މިހާރު މިއޮތް ވަރަށް ވެސް ނޯންނާނެ، ނޯންނާނެ."

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކ. ކާށިދޫއަށް މިއަދު ވަޑައިގަތުމުން މަރުހަބާ ކިޔަނީ (ފޮޓޯ/ޕީޕީއެމް)

ފަސްމަންޒަރު - މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ސަންގު ޓީވީގެ ރިޔާސީ ބަހުސްގައި ރައީސް ވިދާޅުވެފައިވަނީ ބޭރުގެ ސިފައިންގެ ބަޔަކު "އަސްކަރީ މަސައްކަތެއް ކުރަން" ރާއްޖޭގައި ނެތް ކަމަށެވެ. އެކި ތަމްރީންތައް ހެދުމަށާއި އަސްކަރީ ނޫން ކަންކަން ކުރުމަށް ރާއްޖެއަށް އަބަދުވެސް ބޭރުގެ ސިފައިން އައިސްގޮސްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މުއިއްޒުގެ ވާހަކައިގައި އިޝާރާތްކުރެއްވީ ރައީސް ސޯލިހުގެ އެ ވާހަކަތަކަށެވެ. 

ތަފްސީލް - މުއިއްޒު ކާށިދޫގައި ވާހަކަދެއްކެވި އިރު ވެސް ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވި އެވެ. އެއާއެކު އޭނާ ވިދާޅުވީ:

  • ހޮނިހިރު ދުވަހު އޮންނަ އިންތިހާބުގައި ރައްޔިތުންގެ އަތަށް އެ ލިބެނީ ވަރަށް ބޮޑު ބާރެއް ކަމަށް

  • ގައުމުގެ މިނިވަކަން މިއަދު އޮތް ހާލަތާ މެދު ވަރަށް ސީރިއަސްކޮށް ވިސްނުމަށް ފަހު، ދިވެހިން ގޮތެއް ނިންމަން ޖެހޭ ކަމަށް

  • އެ ގޮތް ނިންމާއިރު، މި މިނިވަންކަން ހޯދުމަަށް އަބްތާލުން ކުރި ބުރަ މަސައްކަތް ހަނދާނަށް ގެނެސް، ދަރިންގެ މުސްތަގުބަލު ސަލާމަތްތެރިކަމާ އެކު ރައްދުކޮށްދިނުމަށް ވިސްނަން ޖެހޭ ކަމަށް

"އަޅުގަނޑުމެންގެ ވަށައިގެން މި ފެންނަ ކަންތައްތައް، އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު އޮތް ގޮތުން އަޅުގަނޑުމެންގެ މިނިވަންކަން އަތުގައި ނެތްކަން [އަދި] ވަށައިގެންވާ އަޅުގަނޑުމެންގެ ބައުންޑްރީ، އަޅުގަނޑުމެންގެ އިސްތިގުލާލު ގެއްލޭ ހިސާބުގައި މި އޮތީ،" މުއިއްޒު ވިދާޅުވި އެވެ.

"މި ގައުމުގެ ވެރިކަމުގައި ތިބެން ޖެހެނީ، ދިވެހިންގެ ނިންމުން ބަލައިގަންނަ، ދިވެހިން ބޭނުންވާ ގޮތަށް ވެރިކަން ކުރާ ބައެއް. [އަދި] ދިވެހިންގެ ރާއްޖެއަށްކަން، ދިވެހިރާއްޖެ ވާންވީ ގަބޫލު ކުރާ ބަޔަކު ވެރިކަމުގައި ތިބެން ޖެހެނީ."

ކާށިދޫގައި މިއަދު ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ޕީޕީއެމް)

'ދިވެހީންގެ ރާއްޖެ' ޝިއާރުގެ ދަށުން ކެމްޕެއިން ކުރައްވަމުން ގެންދަވާ މުއިއްޒު ދިވެހިންގެ ކިބައިން އެދިވަޑައިގެންނެވީ އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށް ގައުމީ ވިސްނުމެއްގައި ވޯޓުލާން ދާ ބަޔަކަށް ވުމަށެވެ. 

"އެއީ އަޅުގަނޑުމެން ގައުމު ސަލާމަތް ކުރަން ބޭނުމިއްޔާ. އަޅުގަނޑުމެންގެ ގައުމަށް ތަރައްގީ ގެނެވިދާނެ. އެހެން ނަމަވެސް އެ ތަރައްގީ ގެންނަން ބަލާއިރު، އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި ގައުމިއްޔަތު ނެތިއްޔާ ދެން ކުރާނެ ކަމެއް ނޯންނާނެ،" މުއިއްޒު އިތުރަށް ވިދާޅުވި އެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކ. ކާށިދޫގައި މިއަދު ވާހަކަދައްކަވަނީ (ފޮޓޯ/ޕީޕީއެމް)

ކާށިދޫއަށް މުއިއްޒު ވައުދުވެވަޑައިގެންނެވި ކަންކަމަކީ:

  • ދަނޑުވެރިކަމާއި ލޯކަލް ޓުރިޒަމް އިތުރަށް ފުޅާކުރުން

  • ސިއްހީ މަރުކަޒުގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުން

  • މަގު ހެދުން

  • ރަށުގެ ފަޅު ތެރޭގައި ބިން ހިއްކައިގެން ރިސޯޓެއް ތަރައްގީކުރުން

ކޮމެންޓް (1)

އަދްރޭ

5 ސެޕްޓެމްބަރު 2023
ތަސްބީހަ ކިޔާހެން ތިހެން ކިޔަކަސް އަހަރުމެންނަށް އެނގޭ ކަލޭގެ ވެރިކަމެއްގަވެސް އެބަޔަކުތިބޭނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް