ޓްރާސްޕޯޓް މިނިސްޓްރީން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު ނަހުލާ (ދައުރު ފޮޓޯ/ މުަޒައްޔިން ނާޒިމް)
ޓްރާންސްޕޯޓް މިނިސްޓްރީން ޑޮމެއިން ވިއްކުން ރައީސް އޮފީހުން ހުއްޓުވައިފި
އެއްގަމު އުޅަނދުގައި ރަޖިސްޓަރީ ނަމްބަރުގެ ބަދަލުގައި ވަކި ނަމްބަރެއް ނުވަތަ ނަމެއް ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ޑޮމެއިން ވިއްކަމުން ދަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ، ޑޮމެއިންއާ ގުޅުން ހުރި މުއާމަލާތްތައް ރައީސް އޮފީހުން ހުއްޓުވައިފި އެވެ.
ވީ ކިހިނެއް؟ - ޑޮމެއިން ވިއްކުން މަނާކޮށް، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި، މިދިޔަ އާދީއްތަ ދުވަހުގެ ތާރީހުގައި ފޮނުވާފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައި މިއަދު ވަނީ ދައުރުވާން ފަށައިފަ އެވެ.
އެއީ ސައްހަ ސިޓީއެއްތޯ ނުވަތަ ނޫންތޯ ސާފުކުރުމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހަންމަދާ 'ދައުރު' އިން މިއަދު ގުޅުމުން އޭނާ ވިދާޅުވީ "ބަލައިލާނެ" ކަމަށެވެ. އިތުރު އެއްޗެއް ވިދާޅެއް ނުވެ އެވެ.
ތަފްސީލް - ޑޮމެއިން ވިއްކުން ހުއްޓާލަން ރައީސް އޮފީހުން އަންގާފައިވަނީ މިނިސްޓްރީން ޑޮމެއިން ވިއްކުމުގެ ކަންކަން ގަވައިދާ ހިލާފަށް ކުރާ ކަމަށް ބުނެ އެވެ. ރައީސް އޮފީހުން ފޮނުވި ސިޓީގައި ވާގޮތުން:
-
ޑޮމެއިން ދޫކުރުމާއި ވިއްކުމާއި ބަދަލުކުރުމާއި އަގު ކަނޑައެޅުމާއި ބޭނުންކުރުމުގެ ހަމަތައް އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވައިދުގައި ބަޔާންކޮށްފައިވޭ
-
އެ ގަވައިދުގެ 6 ވަނަ މާއްދާގެ ދަށުން ޑޮމެއިން ވިއްކުމާ ގުޅޭ މައްސަލަ ހައްލު ކުރުމަށް ކޮމިޓީއެއް ކަނޑައަޅާފައި އޮންނަން ވާނެ
-
އަދި އެ ގަވައިދުގެ 7 ވަނަ މާއްދާގެ ދަށުން ޑޮމެއިން ވިއްކަންވާނީ ވިއްކުމުގެ ކުރިން އާންމުކޮށް އިއުލާނުކޮށް، އެންމެ މަތިން އަގު ހުށަހަޅާ ފަރާތަކަށް ކަމަށް ބަޔާންކޮށްފައިވޭ
"[އެހެން ނަމަވެސް]، މި ގަވައިދުގައި ބަޔާންކުރާ ކޮމިޓީ ތިޔަ މިނިސްޓްރީން އެކުލަވާލާފައިވާ ކަމަށް ނުފެންނާތީ އާއި ޑޮމެއިން ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭ ފަދައަކުން، ހަވާލާ ދެވުނު ގަވައިދުގެ އިސްވެ ބަޔާންކުރެވުނު މާއްދާތަކާ ހިލާފަށް ޑޮމެއިން ވިއްކުމުގެ ކަންކަން ގެންދަވާ ކަމަށް މި އޮފީހަށް ވަނީ ފާހަގަކުރެވިފަ އެވެ،" ރައީސް އޮފީހުގެ ސިޓީގައިވެ އެވެ.
އެހެންކަމުން، ޑޮމެއިން ވިއްކުމުގެ ކަންކަން ހިނގަމުންދާ ގޮތް ސާފުކޮށްދޭން ޓްރާންސްޕޯޓް މިނިސްޓަރަށް އެ ސިޓީގައި އަންގާފައިވެ އެވެ. އެގޮތުން:
-
މި ދައުރުގެ ތެރޭގައި މިހާތަނަށް ހިދުމަތް ދެވިފައިވާ ޑޮމެއިންތަކާ ގުޅޭ ތަފްސީލު
-
ޑޮމެއިން ވިއްކުމާ ގުޅޭ ގޮތުން މިނިސްޓްރީން އަމަލުކުރަމުން ގެންދާ އުސޫލު
-
އަދި ޑޮމެއިން ވިއްކުމާ ގުޅޭ ކަންކަން ގަވައިދާ އެއްގޮތަށް ނުހިންގާ ސަބަބު ވީހާ އަވަހަކަށް އަންގަން އެދުނު
މީގެ އިތުރުން ރައީސް އޮފީހުން "ވަކި ގޮތެއް އަންގަވަންދެން ޑޮމެއިންއާ ގުޅުންހުރި އެެއްވެސް މުއާމަލާތެއް ނުކުރުމަށް" ވެސް އެ ސިޓީގައި މިނިސްޓަރަށް އަންގާފައިވެ އެވެ.
އެނގުން މުހިއްމު - މިދިޔަ އަހަރު ފަހުކޮޅު ގަވައިދާ ހިލާފަށް ޓްރާންސްޕޯޓް މިނިސްޓްރީން އުޅަނދުތަކެއް ރަޖިސްޓްރީކޮށްދިން މައްސަލައެއް ފެންމަތިވެ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ތަހުގީގު ކޮށްފައިވެ އެވެ. އެ މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު ސަސްޕެންޑު ވެސް ކުރި އެވެ.
ގަވައިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެ ބައެއް އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ ސެޕްޓެމްބަރު މަހު އެކަން އަންގައި އިއުލާން ކުރަން ފަށާފައިވެ އެވެ. އެގޮތުން:
-
136 އުޅަނދެއްގެ ރަޖިސްޓްރީ ބާތިލުކޮށްފައިވޭ
-
އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ އުޅަނދުތައް
-
ގަވައިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ އުޅަނދުތައް ވެސް ހިމެނޭ
ރަޖިސްޓްރީ ބާތިލުކުރި ނުވަ އުޅަނދެއްގެ ވެރިފަރާތުން ޓްރާންސްޕޯޓް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލާގައި ދައުވާކުރާ ފަރާތްތަކުން އެދިފައިވަނީ:
-
ޓްރާންސްޕޯޓްގެ ނިންމުން އިންޖީނުލީ އުޅަނދު ރަޖިޓްރީކުރުމުގެ ގަވައިދާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް
-
މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކުރުމުގެ ކުރިން، އެއީ ބާތިލުވެފައިވާ ރަޖިސްޓްރީތަކެއް ކަމަށް ނުބެލުމަށާއި އެ އުޅަނދުތަކަށް ވެސް އެެއްވެސް ތަފާތުކުރުމެއް ނެތި ހިދުމަތް ދިނުމަށް ޓްރާންސްޕޯޓަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށް
އެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ވަނީ، ރަޖިސްޓްރީތައް ބާތިލު ނުވާ ކަމަށް ބުނެ ވަގުތީ އަމުރެއް ނެރެފަ އެވެ.
ކޮމެންޓް (2)
އައްމަބޭ
ޤައުމީ