ކަމަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ކެމްޕޭނު ޓީމް)

ކުރީ ސަރުކާރުން ބަޖެޓު ހޭދަކުރީ ޕެޕާ ސްޕްރޭއަށާއި މީހުން ޖަލަށް ލުމަށް: ރައީސް

މި ސަރުކާރުގައި ސިޔާސީ ހަލަބޮލި ކަމަށް ޖާގަނުދީ މަސައްކަތް ކުރަނީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވި

ބ. ކަމަދޫ – ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބަޖެޓުގެ ބޮޑުބަޔެއް ހޭދަކުރީ ޕެޕާ ސްޕްރޭ އަށާއި ރައްޔިތުން ޖަލުގައި ބައިތިއްބަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބ. އަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުގެ ތެރެއިން މި ރަށަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި، ރައީސް ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާ ހޭދަކުރަންވާނީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަކަށް ކަމަށެވެ.

ބުނީ ކީކޭ؟ - ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ކުރާ ކަންތައްތަކަކީ ޓެކްސް ފައިސާ އިން ކުރާ ކަންތައްތަކެއް،" ދައުލަތުގެ މުދާ ކުއްޔަށް ދީގެން ލިބޭ ފައިސާ ހަރަދުކުރަންވާނީ ރައްޔިތުންނަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަމަކު 2013 އާ 2018 އާ ދެމެދު ވެރިކަން ކުރި ފަރާތްތަކުން އެކަން ނުކުރެވުނީ ކީއްވެގެންތޯ އަޅުގަނޑުމެން ސުވާލު ކޮށްލަން އެބަޖެހޭ. ފަސް އަހަރުގެ ފުރުސަތެއް ރައްޔިތުން ދެއްވި، ހުރިހާ ބާރަކާ އެކު. މަޖިލީހުގެ ބޮޑު މެޖޯރިޓީ އާ އެކު. އެކަމަކު [ކަމެއް] ނުކުރެވުނީ ކީއްވެގެންކަން ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެބަ އެނގޭ." ރައީސް ވިދާޅުވި އެވެ.

"ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވީ ފުރަތަމަ ކަމަކަށް. އިހުމާލުވީ. ބޮޑެތި ފަޅުތަކާ ބޮޑެތި ރަށްތައް ކުއްޔަށް ދީގެން ދައުލަތުގެ އާމްދަނީގެ ތެރެއަށް ބަޖެޓު ތެރެއަށް ވައްދަންވީ ފައިސާ ގެއްލުވާލީ. އަމިއްލަ އެކައުންޓަށް ޖަމާކުރީ. ހަރަދު ކުރާނެ ފައިސާއެއް ދައުލަތުގެ ނެތީ،" ކުރީގެ ސަރުކާރުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.

ދެން ލިބުނު ފައިސާ އެއް ހޭދަކުރަންޖެހުނީ ޕެޕާ ސްޕްރޭ އަށާއި ރައްޔިތުން ޖަލުގައި ބައިތިއްބަން ކަމަށާއި ފުލުސް އޮފީހުގެ ބަޖެޓަށް ބެލި ނަމަވެސް އެކަން ފެންނަން އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

  • މި ސަރުކާރުގައި ސިޔާސީ ހަލަބޮލިކަމަށް ޖާގަނުދީ މަސައްކަތް ކުރަނީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވި

  • ސިޔާސީ ވާދަވެރިންނަށް ފާޑުކިޔާ ބަސްބުނުމުގެ ފުރުސަތު ދީފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި

"އަޅުގަނޑުމެންގެ ހުރިހާ ވަގުތެއް ހޭދަކުރީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަން،"

ރައީސް ވިދާޅުވީ އެ ދުވަސް އަލުން އިއާދަވެއްޖެ ނަމަ ރަށްރަށުގެ ތަރައްގީ އަށް ގާއިމްކުރަންޖެހޭ ހިދުމަތްތައް ހުއްޓޭނެ ކަމަށެވެ.

"އަނެއްކާ ވެސް އެ އަނިޔާވެރިކަމުގެ ތެރެއަށް އަޅުގަނޑުމެން ދާނީ."

ކުރިއަށް އޮތް ދައުރަށް އިންތިހާބުވެއްޖެ ނަމަ ކަމަދުއަށް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަންތައްތައް

  • ސްކޫލަށް މަލްޓިޕާޕަސް ހޯލާއި އިތުރު ކްލާސްރޫމުތައް

  • ގިރާ ސަރަހައްދު ހިމާޔަތްކޮށް މޫދަށް އެރޭ ސަރަހައްދެއް

  • އާ ބޮޑު މިސްކިތެއް

  • މަގުތަކުގައި ފެންހެދޭ މައްސަލަ ހައްލުކޮށް ރަނގަޅު ފެންވަރަކަށް މަގުތައް ހެދުން

  • ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލު ކުރާނެ

  • ކަރަންޓު ހިދުމަތް އަޕްގްރޭޑުކުރާނެ

  • އޭޓީއެމް

  • ވޮލީ ކޯޓާއި ނެޓްބޯޅަ ކޯޓެއް

  • ޕިކްނިކް ދާނެ ރަށެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް