ށ. މަތިކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައި. (ފޮޓޯ/ޓުވިޓާ/އާދަމް އާޒިމް)

ށ. ކޮމަންޑޫ

'ކޮމަންޑޫ ރައްޔިތުންނަށް މިވަރުގެ އުފަލެއް ނެތް'

އެމްޓީސީސީން އިއްޔެ މަތިކޮމަންޑޫގެ ބިން ހިއްކައި ނިންމާލާފައި ވާއިރު، ކުރިއަށް އޮތީ ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް
7 އޯގަސްޓު 2023

ބޯހިޔާވަހިކަމުގެ މައްސަލައަކީ ށ. ކޮމަންޑޫ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ތަކުލީފެވެ. އެ މައްސަލަ ހައްލުކުރުމަށްޓަކައި ކޮމަންޑުއާ ޖެހިގެން އޮންނަ މަތިކޮމަންޑުއާ އެ ރަށާ ގުޅުވައިލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މިކަން ކުރުމަށްޓަކައި އެމްޓީސީސީއާ ހަވާލުކޮށްގެން މަތިކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 28ގަ އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ރޭ ޓުވިޓާގައި ވިދާޅުވީ މަތިކޮމަންޑޫގެ ބިން ހިއްކައި ނިމިފައިވާ ކަމަށެވެ. އެ މަޝްރޫއާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވައި އާޒިމް ވިދާޅުވީ މި ސަރުކާރަކީ ކަޑަޖަހައި ސަރުކާރެއް ނޫން ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ އިންތިހާބަށް ކަޑަ ޖަހާ ސަރުކާރެއް ނޫންކަން އެންމެ ރައްޔިތުން ގަބޫލުކުރަނީ، މި ގޮތަށް މަޝްރޫއުތައް އިތުބާރާ އެކު ފަށަމުން ނިންމަމުން ދާތީ،" އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއުގައި ބާކީ އޮތީ ބުރިޖަކުން ދެ ކޮމަންޑޫ ގުޅުވައިލުމެވެ. ނަމަވެސް، އެމްޓީސީސީގެ އާޒިމް އާއި އެމްޓީސީސީގެ މީޑިއާ އޮފިޝަލު ފޯނަށް ޖަވާބު ނުދެއްވާތީ އެ މަސައްކަތް ފަށާނީ ކިހާ ތާކު ކަމެއް ނޭނގެ އެވެ.

'ކޮމަންޑޫ ރައްޔިތުންނަށް މިހާ އުފާވެރި ދުވަހެއް ނެތް'

ކޮމަންޑޫ ކައުންސިލްގެ ނައިބު ރައީސް އާދަމް އަބްދުﷲ މިއަދު 'ދައުރު'އަށް ވިދާޅުވީ މަތިކޮމަންޑޫގެ ބިން ހިއްކުމަކީ އެ ރަށު ރައްޔިތުންނަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

"އެތައް އަހަރެއް ވެއްޖެ، ބިމުގެ ދަތިކަން އިހުސާސް ކުރަމުން އަންނަތާ. މިހާރު މި އޮތީ ކޮމަންޑު އާއި މަތިކޮމަންޑޫން ވެސް ހިއްކެން އޮތް ވަރަކަށް ހިއްކިފައި،" އޭނާ ވިދާޅުވި އެވެ.

"މިހާރު ކޮމަންޑޫ ރައްޔިތުން ދިރިއުޅެމުން އަންނަ ބިމުގެ ހަތަރު ބިން ވަރުވާ ބިމެއް އިތުރަށް މި ލިބުނީ. ދިރިއުޅުމުގައި، ދުވަހަކުވެސް މިވަރުގެ އުފާވެރިކަމެއް ނާދޭ."

ށ. މަތިކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައި. (ފޮޓޯ/ޓުވިޓާ/އާދަމް އާޒިމް)

އާދަމް ވިދާޅުވީ، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ލޭންޑް ޔޫސް ޕްލޭން ވެސް އޮތީ އެކުލަވާލާފައި ކަމަށާއި އެހެންކަމުން ހިއްކި ބިމުގެ ފައިދާ ވަރަށް އަވަހަށް ކުރާނެ ކަމަށެވެ.

"ހިއްކި ބިން ކޮމަންޑުއާ ގުޅުވާލެވުނީމަ އިތުރަށް ކަމެއް ކުރެވޭނީ. މަސައްކަތް ނިމޭއިރަށް ހައުސިންގެ ބައި ފަށާނެ،" އޭނާ ވިދާޅުވި އެވެ.

"މިނިސްޓްރީ އާއި އެމްޓީސީސީން މައުލޫމާތު ދީފައި އޮތީ ވަރަށް އަވަހަށް ގުޅުވާލުމުގެ މަސައްކަތް ފަށާނެ ކަމަށް. ސީދާ ވަކި ތާރީހެއް ނެތް. އެހެން ނަމަވެސް، އުންމީދަކީ އަދި ޔަގީންކުރަނީ، ވަރަށް އަވަހަށް ފަށާނެ ކަމަށް."

ކޮމަންޑޫ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް، ދުވަސްވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އާދަމް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

"ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ރައީސް ސޯލިހަކީ ކޮމަންޑު އާއި މި ރަށު ރައްޔިތުންނާ އެކުގައި ހުންނެވި ބޭފުޅެއް،" އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ދެވަނަ ދައުރަކަށް ކުރައްވާ ކެމްޕޭންގައި މިދިޔަ މަހު ކޮމަންޑުއަށް ކުރެއްވި ދަތުރުފުޅު. (ފޮޓޯ/ކެމްޕޭން ޓީމް)

ރައީސް ސޯލިހު މިދިޔަ މަހު ކޮމަންޑުއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށަށް އާ ވައުދުތަކެއް ވެސް ވަނީ ވެވަޑައިގެންފަ އެވެ.

ކޮމަންޑުއަކީ ބިން ކުޑަ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވެފައި ވަނީ، ދެ ރަށް ގުޅުވާލުމުގެ އެއް ބޭނުމަކީ ވެސް ބޯހިޔާވަހިކަަމަށް ބޭނުންވާ ބިން ހޯދުން ކަމަށެވެ. އަދި މަތިކޮމަންޑޫގައި އަސާސީ ހިދުމަތްތައް ވެސް ގާއިމްކުރަން ރާވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

ރައީސް ކޮމަންޑުއަށް ވެވަޑައިގެންނެވި އިތުރު ވައުދުތަކަކީ:

  • މަތިކޮމަންޑޫގައި 300 ހައުސިން ޔުނިޓް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ އެޅުން

  • ރަށުގެ ސިއްހީ މަރުކަޒު 30 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ދެވަނަ ދައުރަކަށް ކުރައްވާ ކެމްޕޭންގައި މިދިޔަ މަހު ކޮމަންޑުއަށް ކުރެއްވި ދަތުރުފުޅު. (ފޮޓޯ/ކެމްޕޭން ޓީމް)

ދެ ކޮމަންޑޫ ގުޅުވާލާ މަޝްރޫއު

  • މުޅި މަޝްރޫއަށް 249.9 މިލިއަން ރުފިޔާ ހަރަދު ވާނެ

  • އެ ވެލި ނެގީ ރ. އަތޮޅުގެ އެތެރެވަރީގެ 18 އަކަކިލޯމީޓަރުގެ ސަރަހައްދަކުން

  • މި މަޝްރޫއުގައި 16.7 ހެކްޓަރުގެ ބިން ހިއްކާފައިވޭ

  • ބިން ހިއްކުމަށް ފަހު 200 މީޓަރުގެ ދިގު ލިންކަކުން ހިއްކާ ސަރަހައްދާއި ކޮމަންޑުއާ ގުޅުވާލާނެ

  • މި މަޝްރޫއުގެ ތެރޭގައި 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމުގެ ބައެއް ވެސް ހިމެނޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް