ޖޭއެމްސީގެ މަސައްކަތްތެރިން ހަޅުތާލުކުރަނީ (ފޮޓޯ/ ޓުވިޓާ، ޒެފްރޮކްސް)

ފްލެޓް އަޅާ އިންޑިއާ މުވައްޒަފުން ހަޅުތާލު ނިންމާލައި މަސައްކަތަށް ނުކުމެއްޖެ

މިއީ ޖޭއެމްސީގެ މުވައްފަޒުން ހަޅުތާލުކުރި ދެވަނަ ފަހަރު

އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކުރާ ފްލެޓްތައް ހެދުމުގެ މަސައްކަތްކުރާ މީހުންނަށް އެ ކުންފުނިން ފޯރުކޮށްދޭ ކާބޯތަކެތި ގޯސްވެގެން ކަމަށް ބުނެ މީގެ ދެ ދުވަސް ކުރިން ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައި މިއަދު އަނބުރާ މަސައްކަތަށް ނުކުމެއްޖެ އެވެ.

ވީ ކިހިނެއް؟ - ޖޭއެމްސީގެ 2،000 އެއްހާ މަސައްކަތްތެރިން ހަޅުތާލުކުރަން ފެށީ، އެ ތަނުގެ ބައެއް މީހުން ރޭ 'ދައުރު'އަށް ބުނެފައިވާ ގޮތުގައި ފޫޖަހައި، ކުނިވެ، ފުޅަ އަޅާފައި ހުންނަ ތަކެތި ބޭނުންކޮށްގެން ކެއުން ތައްޔާރުކުރަމުންދާތީ އެވެ.

ބުނީ ކީކޭ؟ - ޖޭއެމްސީއާ އެ މަސައްކަތް ހަވާލުކުރި ސަރުކާރުގެ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ މީހުން ހަޅުތާލު ނިންމާލައި މިއަދު ހެނދުނު މަސައްކަތަށް ނުކުމެފައިވާ ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ޖޭއެމްސީ މަސައްކަތު ސައިޓުގެ މައުލޫމާތު އެނގޭ މީހަކު، ނަން ނުޖަހާ ގޮތަށް މިއަދު ބުނި ގޮތުގައި:

  • ހަޅުތާލުގެ ބައިވެރިން ހިތްހަމަނުޖެހުނީ ކެއުން ގޯސްވެގެންނެއް ނޫން

  • އެ މީހުން ހިތްހަމަނުޖެހުނީ އިދާރީ މައްސަލައެއްގެ ސަބަބުން

"ވިސާ ޕްރޮސެސިންގެ މައްސަލައެއް އުޅުނީ. އިތުރު ކަމެއް އެ މީހުން ފާހަގައެއް ނުކުރޭ،" އެ މީހާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ކޮންމެ ހަފްތާއަކު މަސައްކަތު ސައިޓުގެ ހާލަތު ބަލަ އެވެ. ޖޭއެމްސީގެ މުވައްޒަފުން ދެއްކި ވާހަކަތައް ދޮގުކުރަމުން އޭނާ ބުނީ އެ ތަނަށް ގެންދަނީ މުވައްޒަފުން ބޭނުންވާ ބާވަތުގެ ކާނާ ކަމަށެވެ.

އެނގުން މުހިންމު - މިއީ ޖޭއެމްސީގެ މުވައްފަޒުން ހަޅުތާލުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން ވެސް ހަޅުތާލުކުރީ ކާނާ އާއި ދިރިއުޅޭ ތަނުގެ ހާލަތު ދަށް ކަމަށް ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް