ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ
ގިރާވަރަށް ގެންދަނީ ދަނޑުވެރިކަމަށް އެ ރަށްރަށުން ނަގަން ޖެހޭ ރުއްގަސް: އެމްއެފްއެމްސީ
ގިރާވަރު ފަޅު ހިއްކުމަށް ފަހު އެ ފަސްގަނޑު ފެހިކުރަން ތިން ފަޅު ރަށަކުން ރުއްގަސް ނެގި ނަމަވެސް، އެއީ އެ މަޝްރޫއާ ގުޅިގެން ނަގާ ގަސްތަކެއް ނޫން ކަމަށާއި، އެއީ ދަނޑުވެރިކަމުގެ ބޭނުމަށް އެ ރަށްރަށުން ނަގަން ޖެހޭ ގަސްތައް ކަމަށް، އެ މަޝްރޫއު ހަވާލުކޮށްފައިވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ގިރާވަރު ފަޅު ހިއްކުމަށް ފަހު ފެހިކުރަން ރުއްގަސް ނަގަން ނިންމާފައިވާ ފަޅުރަށްތައް، އެ ފަޅު ހިއްކުމުގެ މަޝްރޫއުއާ ގުޅޭ ގޮތުން ހަދާފައިވާ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓުގައި ވަނީ ހިމަނާފަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން، ގިރާވަރު ފަޅު ފެހިކުރަން ދެ ރަށަކުން ރުއްގަސް ނަގާނެ އެވެ. އެއީ، އެމްއެފްއެމްސީގެ ސަބްސިޑަރީއެއް ކަމަށްވާ އެގްރޯނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ ބެލުމުގެ ދަށުގައި އޮންނަ ހއ. މުލިދޫ އާއި ގދ. ގަމެވެ. އޭގެ އިތުރުން، އެކަމަށް ލ. ގާދޫއިން ވެސް ރުއްގަސް ނަގާނެކަން އެނގޭ ސިޓީއެއްގެ ކޮޕީ 'ދައުރު' އަށް ލިބިފައިވެ އެވެ.
ބުނީ ކީކޭ؟ - މިކަމާ ގުޅޭ ގޮތުން އެމްއެފްއެމްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން މަނިކު މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ ތިން ރަށުން ރުއްގަސް ނަގަނީ، ގިރާވަރު ފެހިކުރުމުގެ މަސައްކަތަށް އަމާޒުކޮށްގެން ނޫން ކަމަށާއި، އެއީ އެ ރަށްތަކުގައި އެގްރޯނެޓުން ދަނޑުވެރިކަން ކުރަން ބޭނުންވާ ބިން ސާފުކުރުމުގެ ތެރޭގައި ނަގަން ޖެހޭ ގަސްތައް ކަމަށެވެ.
"ދަނޑުވެރިކަން ކުރަން ބޭނުންވާ ވަރަކުން ގަސް ނަގާނީ. އެއަށް ވުރެ އިތުރަކަށް ނުނަގާނެ،" އޭނާ ވިދާޅުވި އެވެ.
ތަފްސީލު - ސާފުކުރާ ސަރަހައްދުތަކުގައި ބޮޑެތި އަދި ދުވަސްވީ ގަސްތައް ހުންނަކަން ފާހަގަކުރައްވައި ހަސަން ވިދާޅުވީ، އެ ގަސްތައް އުކާލުމުގެ ބަދަލުގައި އެހެން ތަނެއްގައި އެ ގަސްތައް އިންދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި މިކަމާ ބެހޭ ގަވާއިދުގައި ވެސް އޮންނަނީ އެ ގޮތަށް އަމަލުކުރުމަށްކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެންމެ އަވަހަށް [އަންނަ ހަފްތާގައި] ލ. ގާދޫ ސާފުކުރަން ފަށާނީ. އެ ރަށުގައި ވެސް އެބަހުރި ވަރަށް ބޮޑެތި ގަސްތައް. ސާފުކުރާ ސަރަަހައްދުގައި އެކަނި ވެސް ބޮޑު 20 ބަނބުކެޔޮ ގަސް އެބަހުރި. ނިކަގަސް، މަގޫގަސް ވެސް. އެ ގަސްތައް އުކާނުލަން އެހެން ތަނެއްގައި އިންދާނީ،" އޭނާ ވިދާޅުވި އެވެ.
ގިރާވަރު ފެހިކުރަން ބޭނުންވާނެ ކަމަށް ލަފާކުރެވޭ ރުއްގަހުގެ އަދަދު:
-
ރުއް (އެކި ސައިޒުގެ) - 18،596
-
ގަސްގަހާގެހީގެ އެކި ބާވަތްތައް - 123،625
'މިއަށް ވުރެ މާ ހަރަދު ކުޑަ ގޮތެއް ވެސް އެބައޮތް'
ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއާ ގުޅޭ އީއައިއޭ ރިޕޯޓުގައި، ގިރާވަރު ފެހިކުރަން ރުއްގަސް ނަގަން ޖެހޭ ކަމަށް ލަފާކުރާ އަދަދަށް ރިއާޔަތްކޮށް، އެ ރުއްގަސް ނަގާ ތަންތަނުގައި އަލުން ރުއްގަސް އިންދުމަށް 270،000 ޑޮލަރު (4.1 މިލިއަން ރުފިޔާ) ހަރަދުވާނެ އެވެ.
ހަސަން ވިދާޅުވީ މިގޮތަށް އެއް ރަށުން ރުއްގަސް ނަގައިގެން އެހެން ތަނަކަށް ގެންގޮސް އިންދުމަށް ވުރެ ހަރަދު ކުޑަ ގޮތެއް ވެސް އެބައޮތް ކަމަށެވެ.
"ބޭރު ގައުމުތަކުގެ ނާސަރީތަކުން ގަސް ގެނެސްގެން ކުރާ ނަމަ މާ ހަރަދު ކުޑަ،" އޭނާ ވިދާޅުވި އެވެ.
"މިހާރު ރުއްގަސް މި ނަގާ ރަށްތައް ހުރީ މާލެ ސަރަހައްދާ ވެސް ދުރުގައި. އަޅުގަނޑުމެންގެ އަތުން މިކަން ކުރަން ބޮޑު ހަރަދެއް ވެސް ހިނގާ. އެހެން ނަމަވެސް، ގަވާއިދުގައި އެހެން ތަނެއްގައި އިންދަން އޮންނާތީ އަދި ދުވަސްވީ ބޮޑެތި ގަސްތައް އުކާނުލަންވެގެން އެހެން ތަނަކަށް ގެންދަނީ."
ގިރާވަރު ފަޅު ހިއްކުމަށް ފަހު އެ ފަސްގަނޑު ފެހިކުރަން 142،000އަށް ވުރެ ގިނަ ރުއްގަސް ބޭނުންވާނެ ކަމަށް އީއައިއޭ ރިޕޯޓުގައި ލަފާކޮށްފައި ވާއިރު، އެކަން ކުރަން ތިން ފަޅު ރަށަކުން ރުއްގަސް ގެންދިޔަ ނަމަވެސް، ހަސަން ވިދާޅުވީ ބޭރުގެ ނާސަރީތަކުން ވެސް ގަސް ގެންނަން ރާވާފައިވާ ކަމަށެވެ.
"އެ އަދަދަށް [އީއައިއޭގައި ލަފާކުރާ އަދަދަށް] އެ ތިން ރަށުން ނުވެސް ނަގާނެ ރުއްގަސް. ސަބަބަކީ ގަސް ނަގާނީ ދަނޑުވެރިކަމަށް ސާފުކުރާ ސަރަހައްދުން އެކަނި ކަމަށް ވާތީ،" އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ، އީއައިއޭގައި ލަފާކޮށްފައިވާ އަދަދު ހަމަކުރަން ބޭރުގެ ނާސަރީތަކުން ވެސް ރުއްގަސް ގެންނާނެ."
ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއު
-
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތަށް ފައިސާ ހޯދާފައި ވަނީ ނ. ދިގުފަރުފަޅާއި އެ ތަނާ ކައިރީގައި އޮންނަ ރަށެއް ކަމަށްވާ ދެކެނަންފަރު 27 މިލިއަން ޑޮލަރު (416 މިލިއަން ރުފިޔާ) އަށް ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދީގެން
-
އެ ފަޅު ހިއްކައިގެން މާލޭ ރަށްވެހިންނަށް 2،000 ގޯތި ދިނުމަށް ރާވާފައިވޭ
-
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށައިގެން މިހާރު ކުރިއަށް އެބަ ދޭ
-
އެ މަޝްރޫއު ހަވާލުކުރީ ކޮން ބަޔަކާ ކަމެއް އަދި ކޮން އަގެއްގައި ކަމެއް އަދި ސާފެއް ނުވޭ