ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ބައެއް ބ (ފޮޓޯ/ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ)

ދަރިން ނުލިބުން

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އިން އައިވީއެފް ހަދަން ދޭ އެހީގެ ފުރުސަތު ޖޫން 15 ގައި ހަމަވަނީ

ހިލޭސާބަހަށް މަސައްކަތްކުރާ އެފްއެސްސީ އިން މި އަހަރު އައިވީއެފް ހަދަން ފަސް ދެމަފިރިއަކަށް ފުރުސަތު ދޭން ވަނީ ހަމަޖައްސާފައި

ސިއްހީ މައްސަލަތަކާ ހުރެ ދަރިމައިވާން އުނދަގޫ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ އެންޖީއޯއެއް ކަމަށްވާ ފާޓިިލިޓީ ސަޕޯޓް ކޮމިއުނިޓީގެ މާލީ އެހީތެރިކަމާ އެކު އައިވީއެފް ހަދަން ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ 15 ޖޫން 2023 ކަމުގައި ކަނޑައަޅައިފި އެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގައި ހިމެނޭ ހާއްސަ ފަންޑަކުން އައިވީއެފް ހަދަން މާލީ އެހީތެރިކަން ހޯދަން އެދޭ ދެމަފިރިންނަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅާވާލީ މިދިޔަ ނޮވެމްބަރުގަ އެވެ. 

އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝަރުތުތަކަކީ؛

  • އުމުރުން 25 އަހަރު ފުރިފައިވާ އަދި މަދުވެގެން ދެ އަހަރު ވަންދެން ކައިވެނިކޮށްގެން އުޅޭ ދިވެހި ދެމަފިރިންނަށް ވުން

  • 25 އަހަރު ނުފުރޭ ނަމަ ހާއްސަ ހާލަތްތަކެއްގެ ދަށުން ސިއްޚީ ކަންކަމަށް ބަލައި އެ ފުރުސަތު އޮންނާނެ

  • އެޕްލިކޭޝަން ފީގެ ގޮތުގައި 200 ރުފިޔާ ނަގާނެ

  • ގުރުއަތުން ހޮވޭ ފަރާތްތަކަށް ފަންޑް އެވޯޑްކުރުމުގެ ކުރިން ރެކޯޑު ސާފުކުރާނެ 

ބުނީ ކީކޭ؟ މި ފަންޑްގެ އެހީގައި ކޮންމެ އަހަރަކު ވެސް ދެމަފިރިއަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އިން ބުންޏެވެ. 

އެފްއެސްސީން ބުނީ މިހާތަނަށް ކުރި މަސައްކަތްތަކުން ލިބިފައިވާ އެހީތަކުން މި އަހަރު ފަސް ދެމަފިރިއަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.

ބައިނަލްއަގްވާމީ ފާޓިލިޓީ ޑޭގައި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ބޭއްވި ހާއްސަ ފަންޑްރެއިޒިން ގާލާ ޑިނާގެ ތެރެއިން (ފޮޓޯ/ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ)

މި ފަންޑްގެ ދަށުން ލިބޭ ފުރުސަތުތަކަކީ؛ 

1. އިންޑިއާ ނުވަތަ ސްރީ ލަންކާގެ ހޮސްޕިޓަލަކުން އައިވީއެފް ހެދުން 

2. ޖަމިއްޔާގެ ސްޕޮންސަރެއް ކަމަށްވާ ކޮޗިންގެ އެސްޓާ މެޑްސިޓީ އިން އައިވީއެފް ހެދުމުގެ ފުރުސަތު 2 ދެމަފިރިއަކަށް

3. އިންޑިއާގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ސަންކަލްޕް ސިންގް ސްޕޮންސާކޮށްފައި އިންޑިއާގެ ޔާމީ ފާޓިލިޓީ އެންޑް އައިވީއެފް އިން ދެ ފުރުސަތު

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއިން ބުނާ ގޮތުގައި އައިވީއެފް ފަންޑަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަން ބަލައި ރިވިއުކުރާނީ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީ އިންނެވެ. އަދި އެ ނަންތައް ފާސްކުރާނީ އެޑްވައިޒަރީ ބޯޑުންނެވެ.

އެޑްވައިޒަރީ ބޯޑަކީ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ މަސައްކަތްތަކަށް ބޭނުންވާ ފަންނީ ލަފާ ހޯދަން އެކުލަވާލާފައިވާ ބޯޑެކެވެ. މި ބޯޑުގައި ސިއްހީ ދާއިރާގެ ތިން ތަޖުރިބާކާރަކާއި ފަންނީ މީހަކާއި ޤާނޫނީ ވަކީލެއްގެ އިތުރުން، ޖަމިއްޔާގެ އާންމު މެންބަރުންގެ ތެރެއިން ދެ މެންބަރަކު ހިމެނެ އެވެ.

އިތުރު މައުލޫމާތު؟ - ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއަކީ ދަރިމައިވުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކޮށް، މި ކަމާ ގުޅިގެން ދިމާވާ މައްސަލަތަކަށް ހައްލު ހޯދަން ލިބެން ހުރި ފަރުވާތަކުގެ މައުލޫމާތު ދީ، އަދި ދަރިމައިވުމުގެ އުނދަގޫތައް ތަހައްމަލުކުރާ މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭން 2021ގައި އުފެއްދި ޖަމިއްޔާއެކެވެ. މިވަގުތު ޖަމިއްޔާގައި 400 އަށް ވުރެ ގިނަ މެންބަރުން އެބަ ތިއްބެވެ.   

އިތުރު އާޓިކަލް

އިތުރު އާޓިކަލް