މާފަރު އެއާޕޯޓު: އެތަން ތަރައްގީ ކުރުމަށް މިހާރު ވަނީ ހުޅުވާލާފައި (ފޮޓޯ/މޯލްޑިވިއަން)
ތިން އެއާޕޯޓެއް ތަރައްގީކުރަން ހުޅުވާލައިފި
މިހާރު އޮޕަރޭޓް ކުރަމުން އަންނަ ތިން އެއާޕޯޓެއް، ކްރޮސް ސަބްސިޑީގެ އުސޫލުން ތަރައްގީ ކުރުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި، ތަރައްގީ ކުރުމަށް ނުވަތަ ތަރައްގީ ކުރުމުގެ މަސައްކަތަށް ފައިނޭންސް ކުރުމަށް ހުޅުވާލީ:
-
މަޑިވަރު އެއާޕޯޓު
-
ދާލު އެއާޕޯޓު
-
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު
ތަފްސީލު - ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި މި ފުރުސަތު ހުޅުވާލާފައިވަނީ ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިޒަމްގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވައިދުގެ ދަށުންނެވެ.
މަޝްރޫއުއަށް ހޭދަވާނެކަމަށް އަންދާޒާކުރާ އަދަދު:
-
މަޑިވަރު އެއާޕޯޓު، 15 މިލިއަން ޑޮލަރު
-
ދާލު އެއާޕޯޓު، 50 މިލިއަން ޑޮލަރު
-
މާފަރު އިންޓަރނޭޝަނަލް، 30 މިލިއަން ޑޮލަރު
މި ތިން އެއާޕޯޓަށް ވެސް ފައިނޭންސް ކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނީ، އިއުލާނުގައިވާ ގޮތުން، 5 މިލިއަން ޑޮލަރެވެ.
ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި އެއާޕޯޓު ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމެންޓުގެ އަދަދާ އަޅާބަލައި، ޓޫރިޒަމަށް ކުއްޔަށް ދޫކުރާ ރަށް، ބިން ނުވަތަ ފަޅުގެ އެކުއިޒިޝަން ކޮސްޓު އަދި އެތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދު ކަނޑައިދޭނެ އެވެ.
މި މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާނީ، ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި، އެތަނުގެ އީމެއިލް އެޑްރެސް csm.airports@planning.gov.mv އަށެވެ.