ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ޖަމީލް ވާހަކަދައްކަވަނީ. (ފޮޓޯ/ޕީޕީއެމް)

ޔާމީންގެ ޝަރީއަތާ ގުޅޭ ގޮތުން ޕީޕީއެމްގެ އެތެރޭގައި 'ޝަކުވާ ބޮޑުވާތީ' ޖަމީލުގެ ނުރުހުން

ޖަމީލް ވިދާޅުވީ ޔާމީން ޖަލުން މިނިވަން ނުވާނެކަން ދޭހަވާ މޭރުމުން ޕާޓީގެ ބައެއް އާންމު މެމްބަރުން ސުވާލުކުރާތީ ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ތެރޭގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ހުރިހާ ޝަކުވާތައް ބޮޑުވެގެން އެ ކޯލިޝަންގެ އެޑްވައިޒަރު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ރޭ ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކަނޑައަޅާފައި ވިޔަސް ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް އެންމެ އިސްކޮށް އުޅުއްވާ ޖަމީލު ރޭ ޕީޕީއެމްގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވަރަށް ފޯރިއާ އެކު ވާހަކަދެއްކެވި އިރު، އެ ވާހަކަތައް އަމާޒުކުރެއްވީ ޕާޓީގެ މެމްބަރުންނަށެވެ.

މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން މިނިވަންވެ، ރައީސް ކަމަށް ކުރިމަތިލެވޭނެ ކަމާ މެދު ޕާޓީގެ ސަޕޯޓަރުންގެ މެދުގައި އިތުބާރު އޮންނަން ޖެހޭނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހިތްހަމަނުޖެހުން އޮވޭ ބައެއް ފަހަރު ތިބޭފުޅުންނާ ދޭތެރޭ. އެއީ އަޅުގަނޑާ ދިމާވާ ބައެއް ފަހަރު ވަރަށް މާޔޫސްކަމާ އެކު ބައެއް ބޭފުޅުން ލޮލު ކަރުނަ [އައިސް ތިބެ އެބަ ބުނޭ] 'ޖަމީލު ދެން ވާނީ ކިހިނެއް ހެއްޔޭ؟ މިކަން އެބަ ވެޔޭ'،" ޖަމީލް ވިދާޅުވި އެވެ.

"މި ދަންނަވަނީ، ތިބޭފުޅުންގެ މޫނު މިހެން [މާޔޫސްކަން މަތީ] ހުންނަ ތަން ފެނިގެން ނުވާނެ."

ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ޖަމީލް ވާހަކަދައްކަވަނީ. (ފޮޓޯ/ޕީޕީއެމް)

އެނގުން މުހިންމު - އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ އެހެން މައްސަލައެއްގައި ޔާމީން މީގެ ކުރިން ފަސް އަހަރަށް ޖަލަށްލި އެވެ. ނަމަވެސް، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ހުކުމް ބާތިލުކުރުމާ އެކު، ޔާމީން އޭރު މިނިވަންވި އެވެ.

އެކަމުން މިސާލު ނަންގަވަމުން ޖަމީލު ވިދާޅުވީ، މިހާރު ޝަރީއަތް ކުރިއަށްދާ، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތާ ގުޅޭ މައްސަލަ އަކީ ވެސް އެއްވެސް ހެއްކެއް ނެތި، ޔާމީން ބަންދުގައި ބަހައްޓަން ސަރުކާރުން ރާވައިގެން ކުރާ ކަމެއް ކަމަށެވެ.

"މި ގޮތަށް މި ތަކުލީފު [އަންނަނީ] ކީއްވެގެންތޯ ތިބޭފުޅުން އެބަ ސުވާލު ކުރަން ޖެހޭ. މި ތާނގައި މަގުމަތީގައި ހުންނަ އަހައްމަދަކަށް، އިބުރާހިމަކަށް އެބަ އާދެތޯ ތަކުލީފު؟ ނާދޭ. ނާންނަނީ ކީއްވެގެން؟ އެއީ މައްސަލައެއް ނޫން. އެއީ ބިރެއް ނޫން. އެއީ އެ މީހުންނަށް އެއްވެސް ވަރަކަށް އޮތް ތުރެޓެއް ނޫން،" ޔާމީނަށް އެފަދަ "ތަކުލީފުތައް" ކުރިމަތިވަނީ އެއީ ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރެއްވި "އެންމެ ވަރުގަދަ ލީޑަރަށް" ވާތީކަން ފާހަގަކުރައްވައި ޖަމީލް ވިދާޅުވި އެވެ.

ޔާމީންގެ ފުރަތަމަ ނައިބު ރައީސަކަށް ހުންނަވަނިކޮށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރުމުން ބޭރުގައި އުޅުއްވި އަދި ޔާމީންގެ ވެރިކަން ބަދަލުކުރަން ގިނަ މަސައްކަތްތަކެއް ކުރެއްވި ޖަމީލު ވިދާޅުވީ، ފުއްގިރި މައްސަލަ ނިމޭއިރު ޔާމީން މިނިވަންވާނެ ކަމާ މެދު ޕާޓީގެ އިތުބާރު އޮންނަން ޖެހޭނެ ކަމަށެވެ. ޕާޓީގެ އިސް ވެރިންގެ މެދުގައި އެ އިތުބާރު އެބައޮތް ކަމަށް، ޖަމީލު އަޑަށް ބާރުލައްވާފައި ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ވަރުގެ ކަންތައްތަކެއް ރައީސް ޔާމީނާ ދޭތެރޭގައި ކުރާ އިރުގައި، މިއީ އަދާވާތްތެރިކަމުގެ އަމަލޭ. އެހެންވެ އަޅުގަނޑު ދެންނެވީ މިއީ ދައުވާއެއް ނޫނޭ. މިތާކު ނެތް ދައުވާއެއް. އެހެންވެ، އަޅުގަނޑު އަޕްސެޓް ވަނީ ތިބޭފުޅުން މި ވާހަކަ ދެއްކެވީމަ [ދައުވާއާ ގުޅިގެން ސުވާލު ކުރީމަ]. މިއީ ދައުވާއެއް ނޫނޭ،" އޭނާ ވިދާޅުވި އެވެ.

ހައި ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ޔާމީންއާ އެކު އެ މަނިކުފާނުގެ ވަކީލު ޖަމީލް.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އެއްވެސް ޖިނާއީ ދައުވާއެއް ނުއުފުލޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާ ކުރިން ނިންމަވައި އެސެޓް ރިކަވަރީ ކޮމިޝަނެއް އުފެއްދެވި ކަމަށް ޖަމީލު ވިދާޅުވި އެވެ.

"ރައީސް ޔާމީނުގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރާނެ އެއްވެސް ޖާގައެއް ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރޭގައެއް ނެތް. ވަރަށް ސާފު،" އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީނުގެ ކެންޑިޑެސީ، ސައި ހޮޓާތަކުގަ އާއި މި ބޭފުޅުން އެކި ތަންތަނުގައި ތިބެގެން، ރައީސް އޮފީހުގައި ކުރާ ސައްލާތަކުގެ ތެރެއިން ދުއްވާލާނެ ޖާގަ ދޭނެ ގޮތަކަށް އަޅުގަނޑުމެންނެއް ނެތް ވާހަކަ އިލެކްޝަންސް ކޮމިޝަންއަށް ދަންނަވާލަން. އެ ފުރުސަތު ދޭ ގޮތަކަށް ނޫން މި ތިބީ."

ފާހަގަކޮށްލެވޭ ކަމެއް - ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެވިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެހެންކަމުން، އިންތިހާބުގެ ކުރިން ޔާމީން މިނިވަން ނުވެދާނެ ކަމަށް ބަލައި ޕީޕީއެމް އިން އެހެން ކެންޑިޑޭޓެއް ނެރެން ޖެހޭ ކަމަށް ޕާޓީގެ ބައެއް މެމްބަރުން ދެކެ އެވެ.

ނަމަވެސް، އިދިކޮޅު ލީޑާޝިޕުން ދަނީ ޔާމީން މިނިވަންވާނެ ކަމުގެ ޔަގީންކަން ދީ، އެހެން އެއްވެސް ކެންޑިޑޭޓެއް ނުނެރޭނެ ކަމަށް ބުނަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް