ދިވެހިންގެ އެހީގައި އިންޓަނޭޝަނަލް އެއިޑް ކެމްޕއެިނުން ފަލަސްތީނުގައި އަޅާ މިސްކިތުގެ މަސައްކަތް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ/ އައިއޭސީ

ދިވެހިންގެ އެހީގައި ފަލަސްތީނުގެ ގާޒާގައި މިސްކިތެއް އަޅަނީ

މަސްޖިދުލް ގުއްދޫސްގެ ނަމުގައި އަޅާ އެ މިސްކިތަކީ ދިވެހިންގެ އެހީގައި އެގައުމުގައި ބިނާ ކުރާ ފުރަތަމަ މިސްކިތް
22 އޭޕްރީލު 2023

ގައުމުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ދިވެހިންގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން ފަލަސްތީނުގައި މިސްކިތެއް އެޅުމުގެ މަސައްކަތް އިފްތިތާހު ކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ޖަމިއްޔާއިން މިއަދު ކުރި ޓްވީޓެއްގައި ވާ ގޮތުން، މިއީ ދިވެހިންގެ އެހީގައި ފަލަސްތީނުގައި ބިނާ ކުރާ އެންމެ ފުރަތަމަ މިސްކިތެވެ.

ބުނީ ކީކޭ؟ - އެ ޖަމިއްޔާގެ ޑިރެކްޓަރު އޮފް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް އަޒްހަދު އަހުމަދު މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި މަސްޖިދުލް ގުއްދޫސްގެ ނަމުގައި އަޅާ އެ މިސްކިތުގެ މަސައްކަތް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެ ރަސްމިއްޔާތުގައި ގާޒާގެ އިސް ވެރިންނާއި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ބައިވެރިވެފައިވެ އެވެ. އަޒްހަދު ވިދާޅުވި ގޮތުގައި ގުއްބަކާ މުންނާރަކާ އެކު ތިން ބުރިއަށް ބިނާ ކުރާ މަސްޖިދުލް ގުއްދޫސް އަކީ:

  • 1،100 މީހުންގެ ޖާގައިގެ މިސްކިތެއް

  • ފުރަތަމަ ބުރި ހާއްސަ ކުރެވޭނީ އަންހެނުންނަށް؛ އެ ފަންގިފިލާގައި 390 މީހުންގެ ޖާގަ ހުންނާނެ

  • 4 ފާހާނާ ހުންނާނެ

  • މިސްކިތުގައި ކާޕެޓް އަޅާ ޒަމާނީ ލައިޓާއި ސްޕީކާ ސިސްޓަމް ހަރުކުރެވޭނެ

މިސްކިތް އަޅަނީ ގާޒާ ކަހަލަ ސިޓީއެއްގައި ކަމުން މަސައްކަތް ކުރިއަށް ގެންދާއިރު ބައެއް ކަހަލަ ގޮންޖެހުންތައް ކުރިމަތިވިޔަސް މި އަހަރުގެ ތެރޭގައި މިސްކިތުގެ މަސައްކަތް ނިންމާލާ އެތަން ހުޅުވޭނެ ކަމަށް އުންމީދުކުރާ ކަމަށް އަޒުހަދު ވިދާޅުވި އެވެ.

މިސްކިތް އެޅުމުގެ މަސައްކަތް އައިއޭސީން ކުރިއަށް ގެންދަނީ ގާޒާގެ ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެންނެވެ.

އެނގުން މުހިއްމު - ފަލަސްތީނުގައި އަޅާ މިސްކިތަކީ އައިއޭސީގެ 'ތަޖްރީ' ފަންޑުން ހަރަދުކޮށްގެން އަޅާ މިސްކިތެކެވެ. އެ ފަންޑަކީ މުސްލިމުން ދިރިއުޅޭ އެކި ގައުމުތަކުގައި މިސްކިތް އަޅަން ސަދަގާތް ކުރަން ބޭނުންވާ ފަރާތްތަކުން ފައިސާ ހަދިޔާ ކުރަން ހުޅުވާލާފައިވާ ކޮމިއުނިޓީ ފަންޑެކެވެ.

"އެއީ އަބަދުވެސް ހުޅުވާލާފައި އޮންނަ ފަންޑެއް. ތަޖްރީއަށް ހަދިޔާ ކުރާ ފައިސާ އަބަދު ވެސް މިސްކިތް އެޅުމުގެ ކަންކަމަށް ބޭނުން ކުރެވޭނެ،" އަޒްހަދު ވިދާޅުވި އެވެ.

މިހާރުވެސް އެ ފަންޑުގެ އެހީގައި އައިއޭސީން ފަލަސްތީނުގެ އިތުރުން ކެންޔާ، ސޯމާލިއާ އަދި އިންޑޮނޭޝިއާގައި މިސްކިތްތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަން އަޒްހަދު ފާހަގަކުރެއްވި އެވެ.

ފަންޑަށް ފައިސާ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން ޓްރާންސްފާ ކުރާނީ:

  • އެކައުންޓު ނަންބަރު: 7770000062742

  • އެކައުންޓު ނަން: އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން

  • އެކައުންޓު ލޭބަލް: ސަދަގާ ޖާރިޔާ

ފާހަގަކޮށްލެވޭ ކަމެއް - އައިއޭސީއިން ވަނީ އެކި ގައުމުތަކުގައި އުޅޭ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ދިވެހިންގެ ނަމުގައި މީގެ ކުރިން ވެސް ބޮޑެތި އެހީތައް ދީފަ އެވެ. އައިއޭސީން ހުޅުވާލާ ފަންޑަށް ދިވެހިން ފައިސާ ޖަމާކުރުމުން، ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ތަކެއްޗާއި އެހީތެރިކަން ފޯރުކޮށްދެ އެވެ. އޭގެތެރޭގައި:

  • ކާބޯތަކެއްޗާއި ފިނި މޫސުމުގައި ބޭނުންވާނެ ރަޖާ ފަދަ ތަކެތި ފޯރުކޮށްދިނުން

  • ފެންވަޅުތައް ބެހެއްޓުން

  • ޔަތީމު/މިސްކީނު ކުދިން ކިޔަވާނެ ސްކޫލުތައް އިމާރާތް ކުރުން

  • މިސްކިތް ބިނާކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް