ސީއެމްޑީއޭގެ ސިއީއޯ މުހައްމަދު ހުސައިން މަނިކު. (ފޮޓޯ/ ކޯޕަރޭޓް މޯލްޑިވްސް)

ސީއެމްޑީއޭ

އިންވެސްޓްކުރަނީ ހުއްދަ އޮތް ފަންޑެއްގައިތޯ ކަށަވަރުކުރަން އެދިއްޖެ

ހުއްދަ ނުނަގައި އާއްމުކޮށް ހުޅުވާލައިގެން ފަންޑު އުފައްދައި ހިންގުމަކީ ނުވަތަ އެ ގޮތަށް ދޭހަވާ ފަދަ ގޮތަކަށް އިޝްތިހާރުކުރުމަކީ މަނާ ކަމެއް
8 އޭޕްރީލު 2023

އިންވެސްޓްމެންޓް ފަންޑުތަކަށް އިންވެސްޓުކުރުމަށް ލިބޭ ހުށަހެޅުންތަކުގައި ބައިވެރިވުމުގެ ކުރިން، އެއީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގައި ރެޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ ބެލުމަށް އެ އޮތޯރިޓީން އަނެއްކާވެސް އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ސީއެމްޑީއޭއިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، އިންވެސްޓްމަންޓް ފަންޑު ހިންގުމާއި އިންވެސްޓުކުރުމަށް ލަފާ ދިނުމުގެ ހިދުމަތް އަދި ފަންޑު މެނޭޖްކޮށްދިނުމުގެ ހިދުމަތް ދިނުމަކީ އެ އޮތޯރިޓީން ލައިސަންސް ނަގައިގެން ކުރަން ޖެހޭ ކަމެއްކަން ހަނދާން ކޮށްދީފަ އެވެ.

ތަފްސީލް- ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނާ ހަވާލާދީ ސީއެމްޑީއޭއިން ބުނީ:

  • ހުއްދަ ނުވަތަ ލައިސަންސް ނުނަގާ އާއްމުކޮށް ހުޅުވާލައިގެން އިންވެސްޓްމަންޓް ފަންޑު އުފައްދައި ބަލަހައްޓައި ހިންގުމަކީ ނުވަތަ އެ ގޮތަށް ދޭހަވާ ފަދަ ގޮތަކަށް އިޝްތިހާރުކޮށް ހެދުމަކީ މަނާ ކަމެއް

  • ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ފުރުސަތު ހުޅުވާލައިގެން ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ގޮތަކަށް ވެސް އިޝްތިހާރުކޮށްގެން ފައިސާ ހޯދުމާއި އިންވެސްޓުކުރުމަށް ލަފާ ދިނުމާއި ލަފާ ދޭ ފަރާތެއް ގޮތަށް ދޭހަވާ ގޮތަށް އެއްވެސް ފަރާތަކުން ލައިސަންސް ނުނަގާ ހިދުމަތް ދިނުމަކީ މަނާ ކަމެއް

"އެކިއެކި ފަރާތްތަކުން އިންވެސްޓުކުރުމަށް ލިބޭ ހުށަހެޅުމުގައި ބައިވެރިވުމުގެ ކުރިން، މި އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ ބެލުމަށް ސަމާލުވުމަށް އިންވެސްޓަރުންނަށް ނަސޭހަތްތެރިވަމެވެ،" ސީއެމްޑީއޭއިން ބުންޏެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ:

  • ސީއެމްޑީއޭގައި ރަޖިސްޓްރީކޮށްދީފައިވާ ފަންޑުތަކުގެ މައުލޫމާތާއި އިންވެސްޓުކުރުމަށް ލަފާ ދޭ ފަރާތްތަކުގެ ތަފްސީލް އެ އޮތޯރިޓީގެ ވެބްސައިޓުން ފެންނާނެ

  • ލައިސަންސް ނުނަގައި އެފަދަ ކަމެއް ހިންގާކަން އެނގޭ ނަމަ، ވީހާ ވެސް އަވަހަކަށް އެ އޮތޯރިޓީގެ ސަމާލުކަމަށް ގެނެސްދިނުމަށް އެދިފައިވޭ؛ އެ ފަދަ މައްސަލަތައް compliance@cmda.gov.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ

އެނގުން މުހިއްމު - ސީއެމްޑީއޭއިން އަނެއްކާވެސް އެ ގޮތަށް އިލްތިމާސްކޮށްފައި މި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ އާއިލާގެ އެހެން ބައެއް ބޭފުޅުން، މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ކަމަށް ބެލެވޭ ސްކީމެއް ހިންގި މައްސަލަ ބަލަމުން ދަނިކޮށެވެ.

އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދައި އެ ފައިސާ ލޯންޑާކުރި ކަމަށް އަލްހާނާއި އޭނާގެ ހިއްސާ އޮންނަ ކިންގްސް ކުންފުންޏަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށް، އެ ކުންފުނިން މިހާރު ވަނީ އިތުރު ސްކީމެއް ވެސް ފަށާފަ އެވެ.

އޭގެ އިތުރުން، ފޮރެކްސް ޓްރޭޑު ކުރުމަށް 'މުނީރު އެފްއެކްސް'ގެ ނަމުގައި ހިންގި ސްކީމެއްގައި ބައިވެރިވި މީހުންނަށް ވެސް ފައިސާ ނުލިބި، ލަނޑު ލިބުނު މައްސަލައެއް މި ފަހުން ފެންމަތިވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް