ކަނޑުހުޅުދޫ މަގުމަތީގައި އެ ރަށު ބަޔަކު މަޑުކޮށްލައިގެން

ނަފްސާނީ ބަލީގެ ދަރިފުޅު މަރުވި އިރު ޖެންޑާގެ އެހީއަށް އެދޭތާ އަހަރެއް ވެއްޖެ: މަންމަ

ޖާމީން އަމިއްލައަށް މަރުވުމުގެ ހިޔާލު ގެންގުޅެ އެފަދަ ކަންކަން ކުރާތީ އާއިލާއިން އެދުނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްގެން ފަރުވާދޭން

މުހިންމު ނުކުތާތައް

ޖެންޑާއިން ބުނީ ހާދިސާ ހިނގީ އަންނަ އާދީއްތަ ދުވަހު ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖައްސައި އާއިލާއަށް އަންގާފައި ވަނިކޮށް ކަމަށް

ހަޔާތުގައި ދިމާވި ކަމެއްގެ ސަބަބުން 2018 އިން ފެށިގެން ޖާމީން ދިޔައީ ނަފްސާނީ ބަލި ތަހައްމަލްކުރަމުން

އާއިލާއިން ބުނީ ޖެންޑާއަށް ބޭނުންވާ ޑޮކްޓަރުގެ ލިޔުން ހޯދަން ތިނަދޫއަށް ގެންގޮސްދޭން އެދިގެން އުޅޭތާ ވެސް 5 މަސް ވެފައިވާ ކަމަށް

ގއ. ކަނޑުހުޅުދޫ ފަޅުތެރޭ މަރުވެފައި އޮއްވާ މިއަދު ފެނުނު ޖާމީން އަބްދުލްކަރީމް އަކީ ނަފްސާނީ ބަލި ތަހަންމަލު ކުރަމުންދިޔަ ޒުވާނެއް ކަމަށާއި އޭނާ މަރުވިއިރު، ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ފަރުވާއަށް ނަގައިދިނުމަށް އާއިލާއިން އެދިގެން އުޅޭތާ އަހަރެއް ވެފައިވާ ކަމަށް ޖާމީންގެ އާއިލާއިން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ ރޭ ފަތިހު ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ގެއްލިގެން ހޯދަމުންދަނިކޮށް ޖާމީން، 25، މަރުވެފައި އޮއްވާ ފެނިފައިވަނީ އެ ރަށު ބަނދަރުގެ މޫދުންނެވެ. ކަނޑުހުޅުދޫ ކައުންސިލް މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވި ގޮތުގައި ޖާމީން ނެގީ 3 މީޓަރު ފުންމިން ހުންނަ އެ ފަޅުތެރޭގެ 1 މީޓަރު އަޑިންނެވެ.

ޖާމީންގެ މަންމަ 'ދައުރު' އަށް ކިޔައިދިން ގޮތުގައި ޖާމީން ނެގިއިރު ފައިގެ އެއްކޮޅުގައި ވާގަނޑެއް "އޮޅާލާފައި" އޮތް އިރު، އޭގެ އަނެއްކޮޅު އޮތީ ސައިކަލުގައި ހަރުކޮށްފަ އެވެ.

ކޮންމެ ފަހަރަކު ބުނަނީ މި އަންނަނީއޭ ބަލައި. އެގޮތަށް ބުނާތާ ފަސް މަސް މިވީ. ރޭގައި ވެސް އަޅުގަނޑު ގުޅިން ޖެންޑާއަށް. އެއީ އޭނާ މީގެ ދެތިން ދުވަސް ކުރިން އަނެއްކާވެސް އަމިއްލައަށް މަރުވާން މަސައްކަތް ކުރީމަ. ގުޅީމަ ބުނި އާދީއްތަ ދުވަހު އަންނާނަމޭ. ދަރިފުޅު މަރުވިއިރު ވެސް އެމީހުންނަކަށް އެ ކުއްޖާ ބަލައެއް ނާދެވުނު

ޖާމީންގެ މަންމަ

 ތަފްސީލް - ޖާމީން ބޭސް ބޭނުން ނުކުރާތީ އޭނާގެ އުޅުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި އަމިއްލައަށް މަރުވުމުގެ ހިޔާލު ގެންގުޅެ އެފަދަ ބައެއް ކަންކަން ކުރަން ފެށުމުން، އޭނާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ނަގައިދިނުމަށް އާއިލާއިން މީގެ އަހަރެއްހާ ދުވަސް ކުރިން އެދިފައިވާ ކަމަށް މަންމަ ބުންޏެވެ.

ނަން ނުޖަހަން އެދި ވާހަކަދައްކަމުން އޭނާ ބުނީ ފަހުންފަހުން އައިސް ޖާމީން މީހުންނާ ވާހަކަދެއްކުން ވެސް ވަރަށް މަދު ކަމަށާއި އަބަދުވެސް އެކަނިވާން ބޭނުންވާ ވާހަކަ ބުނާ ކަމަށެވެ. އާއިލާއިން ގަބޫލުކުރަނީ ޖެންޑާގެ ބެލުމުގެ ދަށުން ރަނގަޅު ފަރުވާ ދެވުނު ނަމަ އޭނާ ރަނގަޅު ކުރެވޭނެ ކަމަށެވެ. 

އެކަމަކު ގުރައިދޫ މަރުކަޒަށް ގެންދަން ޖެންޑާއިން ބޭނުންވާ ޑޮކްޓަރުގެ ލިއުން ހެއްދުމަށް ގދ. ތިނަދުއަށް އޭނާ ގެންދެވެން އޮތީ ވެސް ޖެންޑާގެ ބެލުމުގެ ދަށުން ކަމުން، އެކަމަށް އެދިގެން އުޅޭތާ ވެސް ފަސް މަސް ވެފައިވާކަން ޖާމީންގެ މަންމަ ފާހަގަކުރި އެވެ.

"ކޮންމެ ފަހަރަކު ބުނަނީ މި އަންނަނީއޭ ބަލައި. އެގޮތަށް ބުނާތާ ފަސް މަސް މިވީ. ރޭގައި ވެސް އަޅުގަނޑު ގުޅިން ޖެންޑާއަށް. އެއީ އޭނާ މީގެ ދެތިން ދުވަސް ކުރިން އަނެއްކާވެސް އަމިއްލައަށް މަރުވާން މަސައްކަތް ކުރީމަ. ގުޅީމަ ބުނި އާދީއްތަ ދުވަހު އަންނާނަމޭ. ދަރިފުޅު މަރުވިއިރު ވެސް އެމީހުންނަކަށް އެ ކުއްޖާ ބަލައެއް ނާދެވުނު،" ޖާމީންގެ މަރުގައި ޖެންޑާ މިނިސްޓްރީގެ އިހުމާލު އޮތްކަން ފާހަގަކުރަމުން މަންމަ ބުންޏެވެ.

އޭނާ ބުނީ 2018 ވަނަ އަަހަރުގެ ތެރޭގައި ހަޔާތުގައި ދިމާވި ކަމެއްގެ ސަބަބުން އުމުރުން 20 އަހަރުން ފެށިގެން ޖާމީން ދިޔައީ ނަފްސާނީ ބަލި ތަހަންމަލު ކުރަމުން ކަމަށެވެ.

ޖާމިންގެ މަންމަ ބުނިގޮތުން:

  • ޖާމީންގެ ނަފްސާނީ ބަލި ހުރިކަން ދެނެގަނެވުނީ 2019 ވަނަ އަހަރު؛ އެފަހަރު އައިޖީއެމްއެޗްގައި ހުންނަ ނަފްސާނީ ޑޮކްޓަރަކަށް ދައްކައި ބޭސް ބޭނުންކުރަން ފެށުމުން ވަރަށް ބޮޑަށް ރަނގަޅުވި

  • އެކަމަކު ފަހުން، ބޭސް ކެއުން ހުއްޓާލި؛ އެފަހުން ހާލަތު ގޯސްވެ، ފަހުން ފަހުން އައިސް ބޭސް ކާން ވެސް ދެކޮޅު ހަދާތީ ޖެންޑާ މިނިސްޓްރީގެ އެހީތެރިކަމަށް އެދުނު

  • ފަރުވާއިން ރަނގަޅު ކުރެވޭނެތީ، ޖެންޑާއަށް ނަގައިދިނުމަށް އެދިގެން އުޅޭތާ އެއް އަހަރު ވެއްޖެ

  •  ޖެންޑާއިން ބައެއް ފަހަރު ބުނަނީ ޖާގައެއް ނެތޭ 

  • އެންމެ ފަހުން ވެސް ބުނީ ތިން މަސް ނުވާ، ޑޮކްޓަރުގެ ލިއުމެއް އޮވެގެންނޭ ގެންދެވޭނީ 

  • 2019 ވަނަ އަހަރުތެރޭ ދީފައި އޮތް ޑޮކްޓަރުގެ ލިޔުމުގެ މުއްދަތު ހަމަވީ ވެސް އެގޮތަށް އެކި ސަބަބުތައް ދައްކަދައްކާ ތިއްބާ

  •  އެހެންވެ، ގދ. ތިނަދުއަށް ގެންގޮސްދިނުމަށް ވެސް އެދުނު

  • ތިނަދުއަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށް އެދިގެން އުޅޭތާ ވެސް ފަސް މަސް ވެއްޖެ

ޖާމީންގެ އުޅުމަށް ބަދަލު އައިސް އަމިއްލައަށް މަރުވުމުގެ ހިޔާލު ގެންގުޅެ އެފަދަ ބައެއް ކަންކަން ކުރަން ފެށި ނަމަވެސް، އޭނާގެ ފަރާތުން އެހެން މީހުންނަށް ނުރައްކާވާ ކަމަށް ދެކެވޭ ވާހަކަތައް މަންމަ ދޮގުކުރެ އެވެ.

ޖެންޑާ މިނިސްޓްރީގެ ބަސް

ޖާމީންއަށް ބޭނުންވާ އެކަށީގެންވާ ފަރުވާދިނުމަށް ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ގުރައިދުއަށް ގެންދިއުމަށް އާއިލާއިން އެދިގެން އުޅޭތާ އަހަރެއް ވީއިރު އެކަން ކުރަން ލަސްވި ސަބަބާ ބެހޭ ގޮތުން ޖެންޑަ މިނިސްޓްރީއާ 'ދައުރު' އިން ސުވާލު ކުރުމުން އެ މިނިސްޓްރީން ހަމައެކަނި ބުނީ، އެ ހިތާމަވެރި ހާދިސާ ހިނގީ އޭނާ އަންނަ އާދީއްތަ ދުވަހު ތިނަދުއަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ވަނިކޮށް ކަމަށެވެ.

"ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އާއިލާއިން އެދުމުން، ރަށު ކައުންސިލާއި ދިވެހި ފުލުހުންގެ ހިދުމަތާ މަޝްވަރާ ކުރުމަށް ފަހު އޭޕްރީލް 02 ވަނަ ދުވަހު ގދ. ތިނަދުއަށް ދަތުރުކޮށް ނަފްސާނީ ޑޮކްޓަރަށް ދެއްކުމަށް ހަމަޖެއްސުނެވެ. ހިތާމަވެރި ހާދިސާ ހިނގީ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމުތައް ހަމަޖައްސައި އެކަން އާއިލާއަށް އަންގާފައިވަނިކޮށެވެ،" ޖެންޑާ މިނިސްޓްރީން 'ދައުރު' އަށް ފޮނުވި މެސެޖުގައި ބުންޏެވެ.

އަހަރެއް ވީއިރު ޖެންޑާގެ ބެލުމުގެ ދަށަށް ނުނެގުނު ސަބަބާއި، ފަސް މަސް ވީއިރު ތިނަދޫ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމުތައް ހަމަނުޖެއްސުނު ސަބަބާ ބެހޭ ގޮތުން ކުރި ސުވާލަށް މިހާތަނަށް އަދި ޖެންޑާގެ ޖަވާބެއް ނުލިބެ އެވެ.

ފަހު ފަހަރަށް ގެއިން ނުކުތީ ކޮފީއެއް ބޯލައިގެން

ޖާމީންގެ މަންމަ ކިޔައިދިން ގޮތުގައި އޭނާ ރޭ މުޅިން ވެސް އުޅުނީ ބޭރުގަ އެވެ. އިރުއިރުކޮޅާ ގެއަށް ވަދެލާފައި ބޭރަށް ނުކުމެ އެވެ. އެއަށް ފަހު 4:25 ހާއިރު ކޮފީ ހަދައިގެން ބުއިމަށް ފަހު އަނެއްކާވެސް ނުކުމެގެން ދިޔައީ އެވެ. އެފަހަރު ދިޔަ ގޮތަަށް ހަބަރެއް ނުވެ ގިނައިރު ވާން ފެށުމުން ފުލުހުންނަށް ރިޕޯޓުކުރީ އޭގެ ކުރިން އޭނާގެ އަމަލުތައް ޝައްކުވާ ގޮތަަކަށް ހުރުމުން ކަމަށް މަންމަ ބުންޏެވެ. 

ފުލުހުން ބުނިގޮތުގައި އޭނާ ގެއްލިގެން ހޯދަމުންދާ ކަމުގެ ރިޕޯޓު ލިބުނީީ 4:45 ހާއިރު އެވެ. އެންމެ ފަހުން އޭނާ ރަށުގެ މީހަކަށް ފެނިފައި ވަނީ ފަތިސް ނަމާދު ވަގުތުގައި ވަރަށް ބާރަށް ބަނދަރާ ދިމާލަށް ސައިކަލުގައި ދުއްވާފައި ދަނިކޮށެވެ. 

ފުލުހުންނާއި އާއިލާއިން ޖާމީން ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނީ ހެނދުނު 6 ޖަހާކަށް ހާއިިރު އެވެ. ފައިގައި އޮތް ވާގަނޑާ އެކު އޭނާ އާއި ސައިކަލު މޫދުން ނަގައި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ޒުވާނާގެ ފުރާނައެއް ނެތެވެ.

ކޮމެންޓް (8)

މަންތަ

2 އޭޕްރީލު 2023
އާއިލާ މީހުން ކީއްވެގެންތޯ ނަފްސާނީ ބައްޔެއް އޮންނަ ކުއްޖެއްކަން ދެނެހުރެ އެކަނި ގެއިން ބޭރަށް ނިކުތް އިރު ސަމާލު ނުވީ އެވަރަށް؟
0 1

އައިމިނާ

1 އޭޕްރީލު 2023
އާއިލާގެ އެހީތެރިކަމެއްނުލިބުނީމަވީގޮތް. އެކަނި ގޭންނިކުތީމަ ފަހަތުން ގޮސްލާނެ މީހަކުވެސް ނެތް ދޯ
4 15

އަވައްޓެރިޔާ

2 އޭޕްރީލު 2023
@އައިމިނާ އާއިލާ އިން މަސައްކަތް ނުކުރެވި ނެތް ދޯ. ތި ގޭ ދަރިޔަކަށް އެހެން ދިމާވި ނަމަ ޖެންޑާ އާއި ހަމައަށްވެސް ނުދާނެ ކަންނޭގެ .
1 1

ސަބުރާ

1 އޭޕްރީލު 2023
ކަލޯ ޖެންޑަރ މިނިސްޓްރީންނާއި ހެލްތް މިނިސްޓްރީން މިރާއްޖޭގައި އެއްވެސް ކަމެއްގެ ޒިންމާ ނުނަގާނެ، ކެރެަފާ ނަސީމް ކުޑަކުޑަ މިޝްކާ މަރުގެ ހާދިސާގެ ޒިންމާ ނެގިތޯ؟ އެ ސުވާލު ކުރާއިރަށް އެހެން ސުވާލަކަށް ޖަވާބު ދޭނީ، ޖެންްޑަރ އިންވެސް މިކުއްްޖާ އެއއް އަހަރުވާންދެން މަސައްކަތް ކުރާވާހަކަ ސުވާލަށް ޖަވާބެއް ނުދޭނެ، ލާހިކެއްނޫން އެ ސުވާލު ޖަވާބު ހޯދާކަށް. މި ދެ މިނިސްޓްރީ އަކީ މިޤައުމުގެ ހަލާކު.
12 1

ބީފާނު

1 އޭޕްރީލު 2023
ސަރުކާރަށް ދަރިން ވިހަންޖެހޭ ދުވަސްވަސް ފެންނާނެ މިހާވަރުން ދަންޏާ. މައިންބަފައިންގެ އެއްވެސް ޒިންމާއެއް ނޯންނާނެ.
12 12

ޖެންޑަރ

1 އޭޕްރީލު 2023
އާއިލާގެ އެއްވެސް ޒިންމާއެއް ނެތީތޯ؟
11 9

ޮސޮއްރާ

1 އޭޕްރީލު 2023
ކިޔާ އެއްޗެއް ހަމަ އެއް ނޫން ވިސްނާލީމަ އެބައިގޭ
12 5

ސްނޭޕް

1 އޭޕްރީލު 2023
މީ ވެސް ޖެންޑާ އިން ޒިންމާ ވާން ޖެހޭ ކަމެއް؟
15 5

އިތުރު އާޓިކަލް

އިތުރު އާޓިކަލް