ގްރޭޓާ މާލޭ ބްރިޖް އެޅުމުގެ މަސައްކަތުގައި ބޭނުން ކުރި އެންމެ ބޮޑު އުޅަނދު، ރުމެއިލާ: އެ އުޅަނދު މިހާރު ވަނީ ފުރުވާލާފައި. ދައުރު ފޮޓޯ

ވިލިމާލެ ބްރިޖު

ބްރިޖް މަސައްކަތުގައި ގެންގުޅުނު މައި އުޅަނދު ފޮނުވާލީ ފައިސާގެ މައްސަލައިގައެއް ނޫން: ބްރިޖް އޮފީސް

ރުމެއިލާ ފުރުވާލާފައި ވަނީ އެ އުޅަނދުން ކުރަން ހުރި މަސައްކަތްތައް ނިމުމުން ކަމަށް ބުނި

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއުގައި ގެންގުޅުނު އެންމެ ބޮޑު އުޅަނދު، ރުމެއިލާ ފޮނުވާލައިފި އެވެ.

ބުނީ ކީކޭ؟ - ބްރިޖްގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން 'ދައުރު' އަށް އިއްޔެ ވިދާޅުވީ 'ރުމެއިލާ' އާދީއްތަ ދުވަހު ފުރުވާލާފައިވާ ކަމަށެވެ. އެ އުޅަނދު ފުރުވާލީ ފައިސާ ނުދެއްކި މައްސަލަތަކެއް ދިމާވެގެން ކަމަށް ދެކެވޭ ވާހަކަ އޭނާ ދޮގުކުރެއްވި އެވެ.

ރުމެއިލާ ފޮނުވާލި ސަބަބެއްގެ ގޮތުގައި ޖިނާން ވިދާޅުވީ: 

  • މިވަގުތު އެ އުޅަނދު ބޭނުންކޮށްގެން ކުރަން ހުރި މަސައްކަތްތައް ނިމިފައިވުން 

  • އެ އުޅަނދު ފުރުވާލި ނަމަވެސް، ބްރިޖްގެ މަސައްކަތަށް އެއްވެސް ވަރަކަށް ބުރޫނާރާނެތީ 

"ފައިސާ ބަރާބަރަށް ދައްކާފައި ހުރީ އެ އުޅަނދަށް. އެކަހަލަ ކަމެއް ދިމައެއް ނުވޭ. މި ވަގުތަށް އެ އުޅަނދުން ކުރަން ޖެހޭ މަސައްކަތެއް ނެތީމާ އެ ފުރުވާލީ،" ޖިނާން ވިދާޅުވި އެވެ.

"ކުރިން ވެސް ހަމަ އޮތް ޑެޑްލައިންގައި މައިލްސްޓޯންތައް ނިންމަމުން ދެވޭނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރު ވަނީ ދީފައި." 

ގްރޭޓާ މާލޭ ބްރިޖް އެޅުމުގެ މަސައްކަތުގެ ދަށުން ކަނޑުގައި ތަނބެއް ޖެހުމަށް ކޮންކްރީޓް އަޅާނޭ ހޮޅި ޖެހުމުގެ މަސައްކަތް ކުރަނީ: ބްރިޖްގެ ފުރަތަމަ ބައިގައި 50 ތަނބު ޖަހަން ޖެހޭ (ދައުރު ފޮޓޯ/އަހުމަދު ނާއިފް)

ރުމެއިލާ އަކީ ކޮބާ؟ 

  • ކަނޑުގެ ފުން ހިސާބުތަކުގެ އަޑީގައި އެކި މަސައްކަތްތައް ކުރުމަށް ބޭނުންކުރާ 63 މީޓަރު ދިގު އަދި 52 މީޓަރު ފުޅާ އޮފްޝޯ ސަޕޯޓް އުޅަނދެއް

  • ކަނޑުގެ ފުން ހިސާބުތަކުގައި ތަނބުތައް ޖެހުމުގައި މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން މި އުޅަނދު ބޭނުން ކުރަމުން ދިޔަ

  • ގަލްފް ޑްރިލިން އިންޓަނޭޝަނަލް ކިޔާ ކުންފުންޏެއްގެ އުޅަނދެއް

  • އެ އުޅަނދުގައި ހެލިޕެޑަކާއި ގިނަ ދުވަސް ވަންދެން މުވައްޒަފުންނަށް ތިބެވޭނެ އިންތިޒާމްތައް ވެސް ހިމެނޭ

ގްރޭޓާ މާލޭ ބްރިޖް އެޅުމުގެ މަސައްކަތުގެ ދަށުން ކަނޑުގައި ތަނބެއް ޖެހުމަށް ކޮންކްރީޓް އަޅާނޭ ހޮޅި ޖެހުމުގެ މަސައްކަތް ކުރަނީ: ބްރިޖްގެ ފުރަތަމަ ބައިގައި 50 ތަނބު ޖަހަން ޖެހޭ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އެނގިފައިވާ ގޮތުގައި ރުމެއިލާއަށް ވުރެ ކެޕޭސިޓީ ބޮޑު އުޅަނދެއް ބްރިޖް މަސައްކަތަށް ގެންނަން އެފްކޮންސްއިން ވަނީ ނިންމައިފަ އެވެ. އަލަށް ގެންނަ އުޅަނދު ބޭނުން ކުރާނީ އެންމެ ފުން ދިމާތަކުގައި ތަނބުތައް ޖެހުމުގެ މަސައްކަތަށެވެ.

ޖިނާން ވިދާޅުވީ މާލޭ ކޮޅުން އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތް ބާރަށް ކުރިއަށް ދާއިރު މިހާރު ކުރަނީ އެ ތަނބުތަކުގެ ސުޕަ ސްޓްރަކްޗާގެ މަސައްކަތް ކަމަށެވެ. އަދި ވިލިމާލެއާ ދިމާލުން ކަނޑުގައި ޖަހަން ޖެހޭ ހަ ތަނބެއްގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް ޖިނާން ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ވިލިމާލެއިން ބްރިޖް ގުޅޭ ހިސާބު ހިއްކުމުގެ މަސައްކަތުގެ %50 މިހާރު ވަނީ ނިމިފަ އެވެ. އަދި އެ ސަރަހައްދު ހިއްކާ ނިމުމުން ވިލިމާލޭގެ އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތް ފެށޭނޭ ކަމަށް ޖިނާން ވިދާޅުވި އެވެ.

ގްރޭޓާ މާލޭ ބްރިޖް އެޅުމުގެ މަސައްކަތުގެ ދަށުން މާލޭ ކޮޅުގައި ޖަހަން ޖެހޭ ތަނބެއް ހެދުމުގެ މަސައްކަތް ކުރަނީ: ބްރިޖްގެ 12 ތަނބެއްގެ މަސައްކަތް ބާރަށް ކުރިއަށް އެބަ ދޭ (ދައުރު ފޮޓޯ/އަހުމަދު ނާއިފް)

ޖުމްލަ 12 ތަނބެއްގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ބްރިޖުގެ ފުރަތަމަ ފިޔަވަހީގައި ވިލިމާލެ އާއި ގުޅިފަޅާ ހަމައަށް ގުޅާލަން ނިންމާފައިވާ އިރު އެކި ފުންމިނުގައި 50 ތަނބު ޖަހާނެ އެވެ. އެ ބައި މި އަހަރުގެ ޑިސެމްބަރަށް ނިންމަން ޖެހެ އެވެ.

ކޮމެންޓް (2)

ހިތަދޫ ހުސެން

28 މާރިޗު 2023
މައިލްސްޓޯން އެއްވަރަށް ދަންޔާ ހާމަ ކުރަންވީ ނޫންތޯ ޗާޓު. އެހެން ކިޔާލަ ކިޔާލަ މި ދައުރު މިދަނި އަދި ލޮލަށް ނުފެނޭ ބްރިޖް އެޅޭނެ ކަމަށް ބުއްދި ގަބޫލް ކުރެވޭ ހެއްކެއް.
2 0

އަންނަނީ އަންނަނީ

28 މާރިޗު 2023
ޑރ މުހައްމަދު މުއިއްޒު 2023 ގެ ކެނޑިޑޭޓް އަކަށް ޕޕމ އިން ނެރެ ކެމްޕޭން ފަށަންވީ އިސްތިއުނާފް ކާމިޔާބު ވާނެ ކަމުގެ އުއްމީދުގައި ވަގުތު ދުއްވާނުލާ އިސްވެ ދުށް ކެރުމާއި މަންޒަރު ދައުރުވާ މއއްޒ ހޮވުމަށް ނިންމައިފީމޭ ވޯޓު ލާން
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް