Majlis 2024

މިނިސްޓަރު ފައްޔާޒް މަޖިލީހުގެ ޖަލްސާއަކަށް ވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. (ފައިލް ފޮޓޯ/މަޖިލިސް

އިހަވަންދިއްޕޮޅުގައި ބޯޓުފަހަރަށް ހިދުމަތް ދެވޭނީ ބިން ހިއްކައި ނިމުމުން؛ އަދި ތާރީހެއް ނޭނގެ: ފައްޔާޒް

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ހިދުމަތްތައް ތައާރަފްކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ސަރުކާރުން ކުރިން ބުނެފައިވޭ

ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އިހަވަންދިއްޕޮޅަށް ދަތުރުކުރާ ބޯޓުފަހަރަށް މި އަހަރުގެ ކުރީކޮޅު ބަންކަރިންގެ ހިދުމަތްތައް ދޭން ފަށަން ނިންމި ނަމަވެސް، އެ މަސައްކަތް ދެން ފެށޭނީ އެ ސަރަހައްދުގައި އަޅަން ރާވާފައިވާ ޓްރާންސްޝިޕްމެންޓް ހަދަން ބޭނުންވާ ބިން ހިއްކައި ނިމުމުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިއްމު - އުތުރުގައި ޓްރާންސްޝިޕްމެންޓް ބަނދަރެއް ގާއިމުކުރެވެންދެން އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ދެވެން ހުރި ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް މަގުފަހިކޮށްދިނުމަށް އެދި ހއ. ހޯރަފުށި، ތުރާކުނު އަދި އުލިގަމުގެ ކައުންސިލުން ފާސްކުރި ގަރާރަކާ ގުޅިގެން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިދިޔަ އަހަރުގެ ޖޫންގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފައްޔާޒް އޭރު ވިދާޅުވީ:

  • އެ ސަރަހައްދުގައި ދެވޭނެ ހިދުމަތްތައް ދެނެގަތުމަށް ވޯކިން ގްރޫޕެއް އެކުލަވާލައި މަސައްކަތް ފަށާފައިވޭ

  • އެ މަޝްވަރާތަކަށް ފަހު އެންމެ އަވަހަށް ދެވެން ފެށޭނެ ހިދުމަތްތައް ކަމަށްވާ ކްރޫ ޗޭންޖުގެ ހިދުމަތް، ޝިޕް ސްޓޯ އަދި ސަޕްލައި ފޯރުކޮށްދިނުން ފަދަ ކަންކަމަށް ބޭނުންވާ އިމާރާތާއި ވަސީލަތްތައް ގާއިމުކޮށް، ވާން ޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް އެމްޕީއެލް އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެހެނިހެން އިދާރާތަކާ ގުޅިގެން ކުރަމުން އެބަދޭ

  • މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ހިދުމަތްތައް ތައާރަފްކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް

ބުނީ ކީކޭ؟ - މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމެން ދުވަސްކޮޅަކަށް ވެފައި ވާއިރު، އެ މިނިސްޓްރީން އޭރު އުއްމީދުކުރި ގޮތަށް އިހަވަންދިއްޕޮޅުގައި އެ ހިދުމަތްތައް ތައާރަފްކުރެވިފައެެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން މެމްބަރު ސަލީމް މިފަހުން ކުރެއްވި ސުވާލަކަށް ފައްޔާޒް މިއަދު ލިޔުމުން މަޖިލީހަށް ފޮނުއްވި ޖަވާބުގައި ވިދާޅުވީ:

  • އެސްޓީއޯއިން ބަންކަރިންގެ ހިދުމަތްތައް ފެށުމަށް ބައިނަލްއަގްވާމީ ތެޔޮ ކުންފުނިތަކާ މަޝްވަރާކޮށް، އެ ކަމަށް ބޭނުންވާ އިންވެސްޓްމެންޓްތައް ހޯދުމަށް މަސައްކަތް ކުރަމުން އެބަދޭ

  • ޕޯޓް ސިޓީގެ މަޝްރޫއުގެ ފުރަތަމަ ފޭސްއަށް ބޭނުންވާނެ ބިން އަވަސް މުއްދަތެއްގެ ތެރޭގައި ހިއްކައި ބިން ހިއްކުމަށް ފަހު އެ ހިދުމަތްތައް އެ ތަނުން ފޯރުކޮށްދެވޭނެ؛ އެ ކަމަށް ވަކި ތާރީހެއް ނުދެއްވާ

"ހަމަ މި ސަރަހައްދުގެ އެހެން ރަށެއްގައި ޓްރާންސިޝަން އެރޭޖްމެންޓެއްގެ ގޮތުގައި އިންވެސްޓްމެންޓްތަކެއް ކުރުމުގެ ބަދަލުގައި ސަރުކާރުގެ މިހާރުގެ އަމާޒަކީ، އިހަވަންދިއްޕޮޅު ޕޯޓް ސިޓީގެ މަޝްރޫއު ފަށައިގަތުމަށް ބޭނުންވާ ބިން ހިއްކުމަށް އަވަހަށް ފަށައި އިހަވަންދިއްޕޮޅުގެ ސްޓްރެޓެޖިކް ލޮކޭޝަން އެޑްވާންޓޭޖްގެ ތެރެއިން ދެވެން ފެށޭނެ ހިދުމަތްތައް ޕޯޓު ސިޓީ މަޝްރޫއުގެ ތެރެއިން ދެމެހެއްޓެނިވި އަދި ކޯސްޓް އިފެކްޓިވް ގޮތެއްގައި ދިނުމަށް ވީހާ ވެސް އަވަހަށް ފެށުމެވެ،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހިދުމަތްތައް ދިނުމަށް ގަވާއިދުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ކަމާ ބެހޭ އިދާރާތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް