Majlis 2024

މުހައްމަދު އަޒުހާން: އޭނާގެ މަރުގެ ހަގީގަތް އަދިވެސް ނުހޯދޭ.

އަޒުހާންގެ މަރު

އަޒްހާންގެ މަރަށް 6 މަސް؛ އަދިވެސް ތަހުގީގު ކޮޅެއްގައި ނުޖެހޭ

ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އަޒްހާންގެ ހަށިގަނޑަށް ބޮޑުތި އަނިޔާތަކެއް ލިބިފައެއް ނެތް

ގެލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަޒްހާންގެ މަރަށް ހަ މަހަށް ވުރެ ގިނަ ދުވަސް ވެފައި ވީއިރު، އެ މައްސަލައިގެ ތަހުގީގު އަދިވެސް ކޮޅެއްގައި ނުޖެހޭކަން ހާމަވެއްޖެ އެވެ. 

މައްސަލައިގެ ފެށުން - 18 ސެޕްޓެމްބަރުން ފެށިގެން އަޒުހާން ގެއްލިގެން ހޯދަމުންދަނިކޮށް، އޭނާގެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައި އޮއްވާ ފެނުނީ 2 އޮކްޓޯބަރުގަ އެވެ. މަރުގެ ހަގީގަތް ދެނެގަތުމަށް ހަށިގަނޑު ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ވެސް ހަދާފައި ވާއިރު، މިކަމާ ގުޅޭ ގޮތުން ފުލުހުން މާ ގިނަ މައުލުމާތުތަކެއް ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުންގެ ބަސް - މި ތަހުގީގްގެ އަޕްޑޭޓަކާ ގުޅޭ ގޮތުން 'ދައުރު'ން ސުވާލު ކުުރުމުން ފުލުހުންގެ ތަރުޖަމާނަކު މިއަދު ވިދާޅުވީ އެ ތަހުގީގު އަދި ނުނިމޭ ކަމަށާއި އެކަމާ ގުޅިގެން ސުވާލު ކުރަން ޖެހޭ ފަރާތްތަކާ އަދިވެސް ސުވާލު ކުރަމުން އަންނަ ކަމަށެވެ.

"އަޒްހާންގެ މަރުގެ މައްސަލައިގެ ތަހްގީގަކީ މިހާރު ވެސް ހިނގަމުން ދާ ތަހުގީގެއް. މައްސަލައިގައި ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކޮށް، ތަހުގީގުގެ ތެރެއިން ކުރަން ޖެހޭ އެހެނިހެން މަސައްކަތްތައް ދަނީ ކުރަމުން،" އަޒްހާންގެ މައްސަލަ މިހާރު ފައިލް ކުރީތޯ ކުރި ސުވާލުގެ ޖަވާބުގައި ތަރުޖަމާނު ވިދާޅުވި އެވެ.

އަޒްހާންގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

މި މައްސަލައިގައި ފުލުހުން 15 އޮކްޓޯބަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަައި ހާމަކުރި ގޮތުގައި، ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އަޒްހާންގެ ހަށިގަނޑަށް ބޮޑުތި އަނިޔާތަކެއް ލިބިފައެއް ނެތެވެ. ދާއިމީ ނަތީޖާ ލިބެން ދެ ތިން މަސް ނަގާނެ ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.

ޕޯސްޓްމޯޓަމްގެ ދާއިމީ ނަތިޖާ އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން  ސުވާލުކުރުމުން ފުލުހުން އެދުނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރުޓީއައި) މެދުވެރިކޮށް އެ މައުލޫމާތު ހޯދުމަށެވެ.

ހުޅުމާލެއިން މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަޒްހާންގެ ޖަނާޒާ އާސަހަރާ މިސްކިތުގައި. (ދައުރު ފޮޓޯ)

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުން:

  • އަޒްހާންގެ ހަށިގަނޑު ފެނުނުއިރު އޮތީ ވަރަށް ބޮޑަށް ކުނިވެފައި 

  •  އޭނާ މަރާލާފައި އޮތް ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ލިބިފައެއް ނުވޭ

  • އެ މަރުގައި އެއްވެސް މީހަކަށް އަދި ތުހުމަތެއް ނުކުރޭ

ޕޯސްޓްމޯޓަމްއަށް ފަހު، އަޒްހާންގެ ހަށިގަނޑު ރާއްޖެ ގެނެސް ވަޅުލާފައިވަނީ 14 އޮކްޓޯބަރުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް