އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް: އިންތިހާބަށް އާ ކަންކަން ތައާރަފް ނުކުރުމަށް ވިސްނަވާ ކަމަށް ވިދާޅުވި. (ފޮޓޯ/ ޕީއެސްެއެމް

ރިޔާސީ އިންތިހާބަށް ރީ-ރަޖިސްޓްރީކުރުން އޮންލައިން ކުރަނީ

މި އަހަރުގެ އިންތިހާބަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލަން އީސީން ނިންމާފައި ވަނީ 16 ޖުލައިން 5 އޮގަސްޓަށް

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އަލަށް ތައާރަފް ކުރާނެ ކަމަކީ، ރަޖިސްޓްރީ އޮންނަ ތަން ނޫން ތަނެއްގައި ވޯޓްލުމަށް ރީ-ރަޖިސްޓްރީކުރުން އޮންލައިންކުރުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - މީގެ ކުރިން އިންތިހާބުތަކުގައި ރީ-ރަޖިސްޓާ ކުރަން ޖެހެނީ އިލެކްޝަންސްގެ ފޯމެއް ފުރުމަށް ފަހު އެ ފޯމް އެ ކޮމިޝަނަށް ހުށަހަޅައިގެންނެވެ. އެކަމާ ގުޅިގެން އާންމުންގެ ޝަކުވާ ބޮޑުވެ އެވެ.

މި އަހަރުގެ އިންތިހާބަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލަން އީސީން ނިންމާފައި ވަނީ 16 ޖުލައިން 5 އޮގަސްޓް އަށެވެ.

ބުނީ ކީކޭ؟ - މިދިޔަ ބުދަ ދުވަހު 'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއެއްގައި، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރިޔާސީ އިންތިހާބާ ދިމާކޮށް އާ ކަންތައްތަކެއް ތައާރަފް ނުކުރުމަށް އެ ކޮމިޝަނުން އިސްކަން ދޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ، މިހާރު އޮތް ނިޒާމަށް އާންމުންގެ އިތުބާރު އޮތްއިރު، އާ ކަންކަން ތައާރަފް ކުރާ ނަމަ، އާންމުން އިންތިހާބާ މެދު ސުވާލު އުފެއްދުމަށް ޖާގަ އޮންނާނެތީ އެވެ.

ނަމަވެސް، މި ފަހަރު އާ ކަމަކަށް ތައާރަފް ކުރާނެ ކަމަކީ ކޮންމެ މީހަކު ހުރި ހިސާބަކުން ވެސް ރީ-ރަޖިސްޓްރީ ކުރެވޭ ގޮތަށް އޮންލައިން ޕޯޓަލެއް ތައާރަފްކުރުން ކަމަށް ފުއާދު ވިދާޅުވި އެވެ. އެގޮތުން:

  • އެ ޕޯޓަލް މެދުވެރިކޮށް ރީ-ރަޖިސްޓްރޭޝަން ފަށާނީ ސުމަކުން 

  • ރަޖިސްޓްރީވެފައިވާ ތަން ނޫން ތަނެއްގައި ވޯޓްލާން ބޭނުންވާ މީހުން މީގެ ކުރިން ރީ-ރަޖިސްޓްރީކޮށްފައިވީ ނަމަވެސް، އަލުން ރީ-ރަޖިސްޓްރީ ކުރަން ޖެހޭނެ

"ދޯނި ފަހަރުތަކުގައި މަސައްކަތް ކުރާ މީހުންނާއި ރިސޯޓްތަކާއި ސިނާއީ ރަށްތަކުގައި މަސައްކަތް ކުރާ މީހުންނަށް ވެސް އެ މީހުންގެ މަސައްކަތުގައި އުޅެފައި ވެސް ހުސްވާ އިރަކުން ރޭގަނޑު ވެސް އެ މީހުންނަށް މި ފަހަރު ރީ-ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް އަޅުގަނޑުމެން މި ހަމަޖައްސަނީ. އަނެއްކާ ރީ-ރަޖިސްޓްރީ ވެއްޖެކަން ޕޯޓަލްއިން ކަށަވަރު ވެސް ކުރެވޭނެ،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ތައުފީގު 'ދައުރު'އަށް އިންޓަވިއު ދެއްވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އޭނާ ވިދާޅުވި ގޮތުގައި، އޮންލައިންކޮށް ރީ-ރަޖިސްޓްރޭޝަން ހުޅުވާލި ނަމަވެސް، އެ ކަމަށް އުނދަގޫވާ މީހުންނަށް ކުރިއެކޭ ވެސް އެއްގޮތަށް އިލެކްޝަންސްއަށް އައިސް، ފޯމް ހުށަހަޅައިގެން ވެސް ރީ-ރަޖިސްޓްރޭޝަން ނިންމޭނޭ ކަމަށެވެ. އަދި ފުރުސަތު ވެސް ބަންދު ނުކުރާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަފްސީލް - އޮންލައިން ރީރަޖިސްޓްރޭޝަންއާ އެކު މީހުންނަށް ނޭނގި އޮޅުވާލައިގެން އެކި ތަން ތަނުގައި ރަޖިސްޓްރީ ކުރުން ފަދަ ކަންކަން ބަޔަކު ހިންގާފާނެތީ ޕޯޓަލްގައި އަޅާފައި ހުންނާނެ ސަލާމަތީ ފިޔަވަޅުތަކަކީ ކޮބައިތޯ ސުވާލުކުރުމުން ފުއާދު ވިދާޅުވީ:

  • ރީ-ރަޖިސްޓްރީ ކުރެވޭނީ ލައިވް ފޮޓޯއެއް ސިސްޓަމަށް އަޕްލޯޑްކޮށްގެން 

  • އައިޑީ ކާޑުގެ މައުލޫމާތާއި ޒާތީ އެހެން ވެސް މައުލޫމާތުތައް އެންޓާކުރަން ޖެހޭނެ 

  • ޕޯޓަލްއަށް ވަނުމަށް ވެސް ވެރިފިކޭޝަން މަރުހަލާތަކެއް ހުންނާނެ

ފުއާދު ފާހަަގަކުރެއްވި ގޮތުގައި، އެ ޕޯޓަލް އާންމުންނަށް ހުޅުވާލުމުގެ ކުރިން ޕޯޓަލްގެ ސެކިއުރިޓީ އޮޑިޓެއް ހަދާނެ އެވެ.

"ޕްރޮފެޝަނަލް ޑިވަލޮޕަރުން ލައްވާ އަޅުގަނޑުމެން މިހާރު ވެސް ޓެސްޓް ކުރަމުން މި އަންނަނީ އެ ޕޯޓަލް. އަދި އިތުރު ފަރާތްތައް ލައްވާ ވެސް އަޅުގަނޑުމެން މީގެ ސެކިއުރިޓީ ކަންކަން ބަލާފައި ކަށަވަރުކޮށްފައި ޕޯޓަލް ހުޅުވާލާނީ. މީގައި ހަމަ ސެކިއިރިޓީ ހުރިހާ ފިޔަވަޅެއް ހުންނާނެ،" ފުއާދު ވިދާޅުވި އެވެ.

ސެޕްޓެމްބަރު 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އިލެކްޝަންސްގެ އޮފިޝަލުން ވޯޓު ކަރުދާސް ގުނަނީ. (ފައިލް ފޮޓޯ/ ޓެލެގްރާފް)

އޭނާ ވިދާޅުވީ އޮންލައިން ރީ-ރަޖިސްޓްރޭޝަނަށް ފަހު ލިސްޓަށް ޝަކުވާ ހުށަހަޅަން ވެސް ހުޅުވާލާނޭ ކަމަށާއި އޭގެ ބޭނުމަކީ އެ ލިސްޓުގައި ހުންނަ މައްސަލަތައް ހައްލު ކުރުން ކަމަށެވެ. ފުއާދު ދެއްވި ޔަގީންކަަމަކީ މި ފަހަރުގެ ވޯޓާސް ލިސްޓް ސައްހަ ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމެވެ. އެގޮތުން، ވޯޓާސް ލިސްޓްގައި ނަން ނެތިގެން ވޯޓްލުމުގެ ހައްގު އެއްވެސް މީހަކަށް ގެއްލުނަނުދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޯޓާސް ލިސްޓްގައި މަރުވެފައިވާ މީހުންގެ ނަން ހުރުމާ މި ކަހަލަ މައްސަލަތަކާ ހުރެ އަޅުގަނޑުމެން މިހާރުން ފެށިގެން މަސައްކަތް ފަށައިގެން މި ގެންދަނީ ކުރިއަށް މަރުވެފައިވާ މީހުންގެ ލިސްޓުތައް ކައުންސިލްތަކުން ހޯދުމައި މިކަންކަން. އެހެން ފަހަރުތަކަށް ވުރެ ބޮޑަށް މި ފަހަރު ވޯޓާސް ލިސްޓުން އިތުރަށް ޗެކްކޮށް ޗެކްކުރުމުގެ އިތުރު މަރުހަލާތައް ލާނެ،" ފުއާދު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް