އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަމްރު ޓީވީއެމްގެ ޕްރޮގްރާމެއްގައި.

އެސްޓީއޯ

އަމްރު ވަކިކޮށްފި؛ އެސްޓީއޯގެ ހިންގުން ވަގުތީ ގޮތުން ސީއެފްއޯ ނިޒާމްއަށް

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރުމަށް ރައީސް އޮފީހުން ނަންތަކެއް ފޮނުވާފައިވޭ؛ ޕީސީބީން އެއީ ކޮން ބޭފުޅުންނެއް ކަމެއް ހާމައެއް ނުކުރޭ

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ހުސައިން އަމްރު ރަޝާދު އެ މަގާމުން ވަކިކުރަން ރައީސް އޮފީހުން އެދިފައިވާ ގޮތަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ފާސްކޮށްފި އެވެ. އެއާ އެކު، އެ ކުންފުނި ވަގުތީ ގޮތުން ހިންގުން ވަނީ ޗީފް ފައިނޭޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމްއާ ހަވާލުކޮށްފަ އެވެ.

ވީ ކިހިނެއް؟ - އެތެރޭގެ ކޯޅުން ބޮޑުވެފައިވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ އަމްރު ވަކިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޕީސީބީއަށް ފޮނުއްވީ މިއަދުގެ ވަގުތެއްގަ އެވެ.

ތަފްސީލު - ޕީސީބީގެ ރައީސް އަހްމަދު އާސިމް 'ދައުރު'އަށް ވިދާޅުވީ، މިއަދު ހަވީރު ބޭއްވި އެ ބޯޑުގެ ބައްދަލުވުމުގައި އަމްރު ވަކިކުރަން ނިންމާފައިވާ ކަމަށެވެ. އެއާ އެކު، އެސްޓީއޯގެ ސީއެފްއޯގެ މަގާމުގައި ހުންނެވި މުހައްމަދު ނިޒާމްއާ ކުންފުނީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާސިމް އިތުރަށް ވިދާޅުވީ:

  • އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރުމަށް ރައީސް އޮފީހުން ނަންތަކެއް ފޮނުވާފައިވޭ؛ އެއީ ކޮން ބޭފުޅުންނެއް ކަމެއް އޭނާ ހާމައެއް ނުކުރައްވާ

  • އެ ނަންތައް ދިރާސާކުރުމަށް ފަހު، ވަރަށް އަވަހަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ބޭފުޅަކު ހަމަޖައްސާނެ

 ފާހަގަކޮށްލެވޭ ކަމެއް - މިިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އަމްރު ހުންނެވީ ރައީސް ސޯލިހާ ވާދަކުރެއްވި ނަޝީދުގެ ފަޅީގަ އެވެ. އަދި ޕްރައިމަރީގައި ނަޝީދަށް ލިބުނު ނާކާމިޔާބީއަށް ފަހު ވެސް އަމްރު ހުންނެވީ އެ ފަޅީގަ އެވެ. އެގޮތުން:

  • މިދިޔަ ހަފްތާގައި ނަޝީދުގެ 'ފިކުރެއްގެ ދިރުން'ގެ ފަރާތުން "އެމްޑީޕީގެ ނަމުގައި" ޖުމްހޫރީ ޕާޓީއާ އެކު ބޭއްވި ބައްދަލުވުމުގައި ނަޝީދުގެ މަންދޫބެއްގެ ގޮތުން ވެސް އަމްރު ބައިވެރިވެވަޑައިގެންނެވި

  • އެ ބައްދަލުވުމަކީ ޖޭޕީ އާއި ނަޝިދުގެ 'ފިކުރެއްގެ ދިރުން' ހަރަކާތުން ރިޔާސީ އިންތިހާބަށް އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް 

  • ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނަވައި އަމްރު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމުން އޭނާއާ މެދު ފިޔަވަޅު އަޅަން ބައެއް މީހުން ގޮވާލި 

  • އެ ބައްދަލުވުމަށް ފަހު، ދެ ފަރާތުން ދިން ނޫސްވެރިންގެ ބައްދަލުވުމުގައި މަގާމުން އިސްތިއުފާ ދެއްވުމަށް ނުވިސްވަންތޯ 'ދައުރު'ން އަމްރުއާ ސުވާލު ކުރުމުން އޭނާ އެ ރޭ ވިދާޅުވީ، އޭނާ ކުރައްވާ މަސައްކަތަކީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ހޯދައިދިނުން ކަމަށް

ރޭ އަމްރު ބައިވެރިވެވަޑައިގަންނަވަން އޮތް ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. ނަޝީދުގެ ފެކްޝަނުން ތުހުމަތު ކުރާ ގޮތުގައި، އެ ޕްރޮގްރާމް ކެންސަލް ކުރީ ރައީސް އޮފީހުން އަންގައިގެންނެވެ.

ނަމަވެސް ޕީއެސްއެމް އިން އެކަން ދޮގު ކުރެ އެވެ.

ކޮމެންޓް (3)

ގާނޫނާ ހިލާފު

27 މާރިޗު 2023
އެސްޓީއޯގެ އެމްޑީއަކީ ސިޔާސީ މަގާމެއްބާ؟ އެސްޓީއޯގެ އެމްޑީ އައްޔަން ކުރުމަކީ ވެސް ވަކި ކުރުމަކީ ވެސް ރައީސް އޮފީހަށް ލިބިގެންވާ ބާެއް ނޫން. ވިލިމާލޭ ދާއިރާ މެންބަރު އުޝާމް ޓްވީޓް ކުރައްވާފައިވަނީ އެއީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު ޕީސީބީ) އަށް ލިބިގެންވާ ބާރެއް ކަމަށް. އެހެން ކަމަށްވާނަމަ، އެމްޑީ ވަކިކުރަން ރައީސް އޮފީހުން ޕީސީބީއަށް އެންގުމަކީ ގާނޫނާ ހިލާފު ކަމަކަށް ނުވޭބާ
0 0

ވިސްނާ

26 މާރިޗު 2023
ސިޔާސީ މަޤާމަށް ވައިއެޅެންނުވަނީ މިހެންވެ. ސިޔާސީ މަޤާމު އަދާކުރާމީހުން ޖެހޭ އޭރެއްގަ އޮންނަ ސަރުކާރަކަށް ވަފާތެރިވާން. ކާންދޭ އަތުގަ ދަތްއަޅަންޏާ ވާނީ ތިހެން.
4 0

އިޝްގާ

27 މާރިޗު 2023
@ވިސްނާ ރަނގަޅު ވާހަކައެއް. ސަރުކާރުން ކަމުނުދާ ގޮތަކަށް ކަންކަން ކުރަންޏާ އެކަމާ ސަރުކާރު ތެރޭ ހުރެ ވަހަކަ ދައްކާނީ ދެން ބޭރުގަ ދެންވެސް ރަނގަޅު ނުވަންޏާ އިސްތިއުފާ ދޭނީ. ބުރުމާ ގާސިމާ އަންނިއަށްޓަކާ ކުރާ ކަންކަމަކުން މަގޭ ހިތެއް ނުލެބޭނެ. ރައްޔިތުންނަށް އިހުލާސްތެރި މީހަކު އަދި ނުފެނިގެން މިއުޅެނީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް