އަންހެނަކަށް އަނިޔާކޮށް މާރާމާރީ ހިންގި ފިރިހެން މީހާ.

ގެވެށި އަނިޔާ

ދަމާކޫއްތާފައި ގެންދިޔަ އިރު ވެސް މަންޒަރު ބަލައި ވީޑިއޯ ކުރަން؛ ގިނަ ބައެއްގެ ފާޑު ކިޔުން

މިއީ އަނިޔާވެރިކަމާއި ހަޑިހުތުރު އަމަލްތައް އެންމެންނަށް ފެންނަ ގޮތަށް ކުރާ އިރު އެކަން ނުހުއްޓުވައި ވީޑިއޯ އާއި ފޮޓޯ ނަގަން މީހުން ސަމާލުކަން ދޭކަމުގެ މިސާލެއް

އިއްޔެ ގިނަ ބަޔަކު ސިއްސުވާލީ، ރަހުމުކުޑަ ގޮތަކަށް އަނިޔާކޮށް، މަގުމަތީގައި އަންހެނަކު ދަމާކޫއްތާފައި ގެންދާ ވީޑިއޯއަކުންނެވެ. ގދ. މަޑަވެލީ ފިރިހެނަކު، އަންހެން މީހާ ދަމަމުން އަނިޔާ ކުރަމުން ދިޔައިރު، ހަޅޭއްލަވަމުން ފަހަތު އަންހެނުންތަކެއް ވެސް އާދެ އެވެ. އެކަމަކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ، އެހާ ރަހުމު ކުޑަ މަންޒަރެއް ބަލަން އެ މީހުން އަތް އުރާލައިގެން ތިބީމަ އެވެ. ބައެއް މީހުން، ފިރިހެން މީހާ ހުއްޓުވަން ނޫޅެ އުޅުނީ އެ މަންޒަރު ފޯނުން ވީޑިއޯ ކުރެވޭތޯ އެވެ.

އެނގިފައިވާ ގޮތުގައި، އަނިޔާ ކުރީ މަޑަވެއްޔަށް ގޮސް އުޅުނު ރ. އަތޮޅުގެ އަންހެނަކަށެވެ. އުމުރުން 30 އަހަރުގެ އެ އަންހެންް މީހާގެ ހަތަރު ކުދިން ތިބޭއިރު، އެ ހުރިހާ ކުދިން ވެސް ތިބީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ. އަންހެން މީހާ މަޑަވެއްޔަށް ގޮސް އުޅުނީ، އެ އަނިޔާކުރި މީހާއާ ކައިވެނިކުރަން ކަމަށްވެ އެވެ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އެ މާރާމާރީ ހިންގީ، އެ މީހުން ދިރިއުޅޭ ގެއާ މާ ދުރުން، އަނެއް އަވަށުގަ އެވެ. ދެ މީހުން ހިނގާލަށް ނުކުމެ އުޅެނިކޮށް، އަންހެން މީހާ ބުނި އެއްޗަކުން ފިރިހެން މީހާ ރުޅި އައިސްގެން އޭނާ ގައިގާ ތަޅައިގަތީ އެވެ. ކަން ދިމާކުރި ގޮތުން އެ މީހުންނަށް ތިބެވުނީ އެ އަވަށު މީހުން މާހެފުން ބާއްވައިގެން އުޅޭ ތަނެއްގަ އެވެ. މަގުމަތީގައި ހުރި ޖޯލިތަކުގައި ކުޑަކުދިން ވެސް ކާން ތިއްބެވެ.

އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މާހެފުން ބާއްވައިގެން އުޅޭ ތަނާ ހަމައަށް ގޮސް، ފިރިހެން މީހާ އަންހެން މީހާ ގައިގާ ވަރަށް ބާރަށް ޖަހައި ވައްޓާލަ އެވެ. އެ ވަގުތު އެ ތަނުގައި ތިބި އަންހެނުންތައް، އެ މީހާ ހަމަޖެއްސޭތޯ ވާހަކަދައްކާ މަންޒަރު ފެނެ އެވެ. އޭރު އަންހެން މީހާ ވަނީ ބިރުން، އެ ތަނުގައި ހުރި ގެއެއްގެ ތެރެއަށް ވަދެ އެވެ.

އެކަމަކުު ރުޅި އައިސްފައި ހުރި ފިރިހެން މީހާ، އެ ގޭގެ ތެރެއަށް ވަދެ އަންހެން މީހާ ގަދަކަމުން ނެރެގެން ގެންދަނީ އެންމެންގެ ކުރިމަތީގަ އެވެ. އަންހެން މީހާ ވެއްޓުމުން ދަމާ ކޫއްތާފަ އެވެ.

އޭރު ބައެއް މީހުން އެ މަންޒަރު ފޯނުން ވީޑިއޯ ކުރާ ތަން ފެނެ އެވެ. ދެން ތިބި އަންހެނުން އެކަން ނުކުރުމަށް ބާރަށް ހަޅޭއްލަވަ އެވެ. އަދި ފުލުހުންނަށް ގުޅަން ވެސް ގޮވަ އެވެ. އެކަމަކު އެއްވެސް މީހަކަށް ފިރިހެން މީހާ ހުއްޓުވާކަށް، އޭނާއާ ގާތްވާކަށް ނުކުރެ އެވެ.

އަނިޔާކުރާ ވީޑިއޯ ބެލި މީހުންނަށް އެ މަންޒަރު ކަމަކު ނުދިޔަ އެވެ. އެ މީހުންގެ ސުވާލަކަށްވީ، އަންހެނަކަށް އަނިޔާ ލިބެމުން ދިޔަ އިރު، އެ މަންޒަރު ބަލަން އަންހެނުންތަކަކަށް ހުންނަން ކެރުނީ ކިހިނެއްތޯ އެވެ.

"ގައިމު އެ ހުރިހާ އަންހެނުންނަށް ވުރެ ފިރިހެން މީހާ ބާރުގަދައެއް ނުވާނެ. ކީއްވެ އެންމެން ވެގެން އޭނާ ހިފަހައްޓަން މަސައްކަތް ނުކުރީ،" ވީޑިއޯއަށް ކޮމެންޓް ކުރި މީހަކު ސޯޝަލް މީޑިއާ ބުންޏެވެ.

"އަނިޔާ ކުރުން ވެސް އަދި އަނިޔާ ކުރާ މަންޒަރު ބަލަން ތިބުން ވެސް ގޯސް،" އެހެން މީހަކު ބުންޏެވެ.

"އަންހެން މީހާއަށް އަނިޔާކޮށް، ދަމާ ކޫއްތާފައި ގެންދާއިރު ވެސް ފަހަތުން އަންހެނުންތަކެއް އެ ދުވަނީ ވީޑިއޯ ކުރަމުން. މިއީ ވެސް ހާދަ އަނިޔާވެރި މަންޒަރެކޭ،" ޓުވިޓާގައި މީހަކު ބުނެފައިވެ އެވެ.

އަންހެން މީހާ މަގުމަތިން ދަމާފައި ގެންދަނިކޮށް، އެ ދެމެދަށް ވަނީ ކައިރި ގެއަކުން ނުކުތް ފިރިހެނެކެވެ. މަޑަވެލީ ބައެއް މީހުން ބުނި ގޮތުގައި، މާރާމާރީގެ ތެރެއަށް އަންހެނުންތަކަކަށް ވަންނަން ނުކެރުނީ އެ ފިރިހެން މީހާގެ ގޮތް އެނގޭތީ އެވެ.

މި މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ އެ ފިރިހެން މީހާ ހައްޔަރުކޮށްފަ އެވެެ. އަދި ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް އަންހެން މީހާ ވަނީ ގެންގޮސްފަ އެވެ. އެކަމަކު އަނެއްކާވެސް މިއީ، ފެންމަތިވި ހުތުރު މަންޒަރެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް