
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ބާއްވާ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ ފޮޓޯ/ރައީސް އޮފީސް)
ދެން ކުރަންވީ ކަމަކީ ސިޔާސަތު ކަނޑައަޅަން އަންހެނުން ގެނައުން: ރައީސް
އެކި ފުރުސަތުތަކާއި ވަޒީފާ ހޯދައިދިނުމުގެ ވާހަކައިން މިންތީގެ ތަފާތުކުރުންތައް ނައްތާލުމަށްޓަކައި ކުރެވޭ މަސައްކަތް ނިންމާނުލެވޭނެ ކަމަށާއި، ދެން މަސައްކަތް ކުރަންވީ ކަންކަން ނިންމުމުގެ މަރުހަލާގައި އަންހެނުންގެ ދައުރު ބޮޑު ކުރުމަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- ރައީސް އެގޮތަށް ވިދާޅުވީ، މިރޭ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ މި ސަރުކާރުން އަންހެނުންގެ ކުރިއެރުމަށް ކުރެވުނު، އަދި ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށާއި މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގެ މުހިއްމު ކަމުގެ މައްޗަށެވެ. އަދި އެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ.

ބުނީ ކީކޭ؟ - މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި ކުރަންހުރި ކަންކަން އަދިވެސް އެބަހުރިކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ދެން ސަރުކާރުންނާއި، އަމިއްލަ ވިޔަފާރިތަކުން ވެސް މަސައްކަތްކުރަންވީ އަންހެނުން ސިޔާސަތު ކަނޑައަޅާ ފަންތިއަށް އަންހެނުން ގެނައުމަށް ކަމަށެވެ.
"ސަރުކާރުގެ ތެރެއިން ވެސް، އަދި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުން ވެސް ދެން މަސައްކަތް ކުރަންވީ، އެފަދަ މަގާމުތަކުގައި އަންހެނުން ހިމަނައިގެން، ކަންކަން ނިންމުމުގައި މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި، އަންހެނުންގެ ހިޔާލާއި މަޝްވަރާ ބޭނުންކުރުމަށް،" ރައީސް ވިދާޅުވި އެވެ.
ވަޒީފާ އާއި ކުޅިވަރު، އަދި އެ ނޫން ވެސް ދާއިރާތަކުން އަންހެނުންނަށް ދިމާވާ ހުރަސްތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރަމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަން ކުރެވުނަސް އިޖްތިމާއީ އަދި އިގްތިސާދީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އެންމެ ފުރިހަމައަށް ލިބޭނޭ ކަމަށް ވިދާޅުނުވެވޭނެ ކަމަށެވެ.
ގޭބިސީތަކުގެ އާމްދަނީ އާއި ހަރަދުކުރުން ހުރި ގޮތް ބެލުމަށް އދ.އާ ގުޅިގެން 2019 ގައި ކުރި ސާވޭ އާއި ހަވާލާދެއްވަމުން ރައީސް ވިދާޅުވީ "ރާއްޖޭގެ ޒުވާން އަންހެނުންގެ ތެރެއިން ތައުލީމާއި ވަޒީފާ އާއި ތަމްރީނުގައި ބައިވެރި ނުވާ %41 އަންހެނުން އެބަ ތިބި،" ކަމަށެވެ.
"އެ ނިސްބަތް އެއަށްވުރެ މާބޮޑަށް ދަށް ކުރެވެން ވާނެ." ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ މަސައްކަތު އާބާދީގައި އަންހެނުންގެ ނިސްބަތަކީ %45.6 ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ނިސްބަތް މަތިކުރުމަށް އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް އިތުރު ބާރެއް ލާންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ގުޅުންހުރި ކަމެއް- މިރޭގެ ޖަލްސާގައި ރައީސް ސޯލިހު ވަނީ ރެހެންދި އެވޯޑު ހާސިލުކުރި 6 އަންހެނަކަށް އެ އެވޯޑު ހަވާލުކޮށްދެއްވާފައެވެ. މިއަހަރު އެވޯޑު ހާސިލުކުރީ:
-
1-
ރުގިއްޔާ އިބްރާހިމް (ލީޑަޝިޕް އަދި ގަވަނަންސްގެ ދާއިރާ)
-
2-
ހުސްނާ ފަހުމީ (އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ)
-
3-
އައިމިނަތު އިބްރާހިމް (އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ)
-
4-
ރަޝީދާ އިބްރާހިމް (އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ)
-
5-
ޒީނާ ޒާހިރު (އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ)
-
6-
ޢާއިޝަތު ޝިމާނީ (އަންހެނުން އާއްމުކޮށް ކޮށްނޫޅޭ މަސައްކަތްތައް/ ނޮން ޓްރެޑިޝަނަލް ރޯލް ދާއިރާ)
ކޮމެންޓް (1)
މެޑަމް