އިޝްތިހާރު

ފުލުހުން ބުރާސްފަތި ދުވަހުގެ ރޭގެ މުޒާހަރާގެ ތެރެއިން 'އަވަސް' ނޫހުގެ ނޫސްވެރިއަކު ހައްޔަރުކޮށްގެން ގެންދަނީ. (ފޮޓޯ/ އެމްޖޭއޭ

ފުލުހުން

ނޫސްވެރިޔާ ހައްޔަރުކުރީ ފުލުހެއްގެ ގައިގައި ޖެހުމުން: ޕޮލިސް

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައި

އިދިކޮޅު ކޯލިޝަނުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާގެ ތެެރެއިން ނޫސްވެރިޔަކު ހައްޔަރުކުރީ އޭނާ ފުލުހެއްގެ ގައިގައި ޖެހުމުން ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އޮންލައިން ނޫސް 'އަވަސް'ގެ ނޫސްވެރިޔާ މުހައްމަދު ޖުމާން ހައްޔަރުކުރީ ޕީޕީއެމް-ޕީއެންސީން މާލޭގައި ސިލްސިލާކޮށް ކޮންމެ ރެއަކު ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ އެއްވުން ކަވަރު ކުރަން ހުއްޓަ އެވެ. މިކަމާ ގުޅިގެން ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރިކޮށްފަ އެވެ.

ބުނީ ކީކޭ؟ - މިކަމާ ގުޅިގެން ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، "ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރި ވަގުތު ނޫސްވެރިޔާ އެ ކަމަށް ހުރަސް އަޅައި ފުލުހެއްގެ ގައިގައި ޖަހާފައިވާ މައްސަލައާ" ގުޅިގެން ކަމަށެވެ.

ފުލުހުންގެ ޓުވީޓްގައި "ބެލުމުގެ ދަށަށް" ގެންދިޔަ ކަމަށް ބުނި ނަމަވެސް، ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމަށް އިއްޔެ ކޯޓަށް ގެންގޮސްފަ އެވެ. ނަމަވެސް، ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ޓްވީޓް

ފާހަގަކޮށްލެވޭ ކަމެއް - ނޫސްވެރިޔާ ހައްޔަރު ކުރި ވީޑިއޯއިން ފެންނަ ގޮތުގައި:

  • މުޒާހަރާ ހޫނުވި ވަގުތު އެ މަންޒަރު ވީޑިއޯ ކުރަން އޭނާ ހުއްޓައި ފުލުހަކު ވަނީ އަތް އަޅައި އޭނާ ކޮށްޕާލާފައި؛ އެއާ އެކު، ނޫސްވެރިޔާ ބިންމައްޗަށް ވެއްޓޭ

  • ވެއްޓުމުން ތެދުވެ، ނޫސްވެރިޔާ ފުލުސް މީހަކު ކޮއްޕާލާ މަންޒަރު ފެނޭ؛ އޭނާގެ ކަރުގައި އޮތް ނޫސްވެރިޔާގެ ކާޑު ދައްކާ

ނޫސްވެރިޔާ ބަންދުން ދޫކޮށްލުމުން އޭނާ އިއްޔެ ދިން ވީޑިއޯ އިންޓަވިއުއެއްގައި ބުނީ، ހައްޔަރުކުރީ އެއްވެސް އިންޒާރެއް ނެތި ކަމަށާއި އޭނާ ފުލުހުން އަނިޔާ ވެސް ކުރި ކަމަށެވެ. އަދި ވީޑިއޯ ކުރަން ގެންގުޅުނު ފޯނު ވެސް ހަލާކުވި ކަމަށް އޭނާ ބުންޏެވެ.

އިޝްތިހާރު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް