Majlis 2024

ފުލުހުން ރޭގެ މުޒާހަރާގެ ތެރެއިން އަވަސް ނޫހުގެ ޖާނަލިސްޓް ހައްޔަރުކޮށްގެން ގެންދަނީ. ފޮޓޯ: އެމްޖޭއޭ

އެމްޖޭއޭ

އިދިކޮޅު މުޒާހަރާ ކަވަރު ކުރި ނޫސްވެރިއަކު ހައްޔަރުކުރުމުން އެމްޖޭއޭ އިން ކުށްވެރިކޮށްފި

އެމްޖޭއޭ އިން ވަނީ ނޫސްވެރިންނަށް އެކަށީގެންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލާފަ

މާލޭގައި ރޭ އިދިކޮޅުން ބޭއްވި މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިއަކު ފުލުހުން ހައްޔަރުކުރުމުން، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެކަން ކުށްވެރިކޮށްފި އެވެ.

ވީ ކިހިނެއް؟ - އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލާ، ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގައި ރޭ ހައްޔަރުކޮށްފައިވަނީ 'އަވަސް' ނޫހުގެ ނޫސްވެރިއާ ހުސައިން ޖުމާން އެވެ.

ނަމަވެސް މިހާރު އެ ނޫސްވެރިޔާ ކޯޓުން ދޫކޮށްލާފައިވާ ކަމަށް ޕީޕީއެމް އިން މިއަދު މެންދުރު ފަހު ބުނެފައިވެ އެވެ.

ނޫސްވެރިޔާ ހައްޔަރު ކޮށްގެން ގެންދިޔަ އިރު އޭނާ ހުރީ މީޑިއާ ފާސް އަޅައިގެންކަން ރޭގެ މުޒާހަރާގައި ނަގާފައިވާ ފޮޓޯތަކުން ފެނެ އެވެ. އެކަމަކު އޭނާ ހައްޔަރު ކުރި ސަބަބެއް ފުލުހުން އަދިވެސް ހާމައެއް ނުކުރެ އެވެ.

ބުނީ ކީކޭ؟ - ނޫސްވެރިޔާ ހައްޔަރުކުރުން ކުށްވެރިކޮށް އެމްޖޭއޭއިން މިއަދު ނެރުނު ބަޔާނުގައި ވަނީ މުޒާހަރާތައް ކަވަރު ކުރާ ނޫސްވެރިންނަށް "ފުލުހުންގެ ފަރާތުން ފުރައްސާރަ އާއި އަނިޔާ ކުރިމަތިވާތީ" ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަދި މުޒާހަރާތައް ކަވަރު ކުރާ ނޫސްވެރިންނަށް އެކަށީގެންވާ މިންވަރެއްގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށާއި ފުލުހުންނަށް އެ ޖަމިއްޔާއިން ގޮވާލި އެވެ.

މި އަހަރުގެ ތެރޭގައި ނޫސްވެރިންގެ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަތައް އިތުރުވެފައިވާތީ އެކަމާ ވެސް އެމްޖޭއޭއިން ކަނބޮޑުވުން ފާޅުކުރި އެވެ. އެމްޖޭއޭއިން ފާހަގަކުރި ގޮތުގައި:

  • މި އަހަރުގެ މިހާތަނަށް އެކަނިވެސް ނޫސްވެރިންގެ ހައްގުތަކަށް އަރައިގަތުމުގެ އަށް މައްސަލަ ރިޕޯޓު ކުރެވިފައިވޭ

  • މިދިޔަ އަހަރު މުޅި އެކު ރިޕޯޓު ކުރެވިފައިވަނީ ހަތް މައްސަލަ

އެނގުން މުހިއްމު - ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމާ ދިމާކޮށް ފެބްރުއަރީ 6ގައި އިދިކޮޅުން ކުރި މުޒާހަރާގައި ވެސް 'ޗެނަލް 13'ގެ ދެ ނޫސްވެރިއަކަށް އެކިވަރުގެ އަނިޔާވެފައިވެ އެވެ.

އެފަހަރު ވެސް އެމްޖޭއޭއިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް