Majlis 2024

ޑރ. މުނަައްވަރު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

ޑރ. މުނައްވަރު

މުނައްވަރު އިންޑިއާއަށް: ދިވެހިންގެ ކަރު ތެރެއަށް އަތް ބާނަން ނަހަދާ

އިންޑިއާ ސަފީރު ހިތްޕުޅާ ނުވާ ކަމެއް ވުމުން ދިވެހި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ފޯނުކުރައްވާ ކަމަށް ވިދާޅުވި

ރާއްޖޭގެ ކަންކަން ނިންމުގައި އިންޑިއާގެ ނުފޫޒު ވަރަށް ބޮޑަށް އޮތް ކަމަށް ފާހަގަކޮށް، 'ދިވެހިންގެ ކަރަށް އަތް ނުބޭނުމަށް' ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ކުރީގެ ބަންޑާ ނައިބު ޑރ. މުހައްމަދު މުނައްވަރު މިއަދު އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރެއްވުމަށް ފަހު އޭނާ ވަނީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަން މ. ދިމްޔާތުގޭގައި ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ބާއްވަވައިފަ އެވެ.

ތަފްސީލު - ނޫސްވެރިންގެ ސުވާލުތަކަށް ހުޅުވާލުމުގެ ކުރިން މުނައްވަރު ފުރަތަމަ ވާހަކަ ދެއްކެވީ ވެރިކަމަށް ކުރިމަތިލައްވަން ނިންމެވި ސަބަބުތަކަށެވެ. އެއް ސަބަބަކީ، މިހާރުގެ ސަރުކާރުގެ އަމަލު ކުރަމުންދާ ގޮތުން ދިވެހިންގެ ކަންކަން ދިވެހިން އަމިއްލައަށް ނިންމުމުގެ ބާރު ނެތުމެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެއީ އިންޑިއާގެ ނުފޫޒު އިންތިހާއަށް އޮތުމުން ދިމާވާ މައްސަލައެކެވެ.

ބުނީ  ކީކޭ؟ - މުނައްވަރު ވިދާޅުވީ އިންޑިއާގެ ފަތުރުވެރިންނާއި މަސައްކަތް ކުރާ މީހުން ރާއްޖެއަށް ކިތަންމެ ވަރަކަށް އަޔަސް އޭނާއަށް މައްސަލައެއް ނެތް ކަމަށެވެ. އަދި އެގައުމުގެ އިންވެސްޓަރުންނަށް ވެސް ދެވެން އޮތް ފުރުސަތުތަކެއް ދޭންވީ ކަމަށް ވިދާޅުވި އެވެ.

"ހަމައެކަނި އޮންނަނީ އެންމެ މައްސަލައެއް. އަޅުގަނޑުމެންގެ ކަރު ތެރެއަށް އަތް ބާނަން ނަހަދާށޭ. އެއީ ހަމައެކަނި އޮތް މައްސަލައަކީ. މާނައަކީ އަޅުގަނޑުމެންގެ ދާހިލީ ކަންތައްތައް [ނުވަތަ] ގައުމުގެ ކަންތައްތައް ނިންމުމުގައި ނުބެހޭށޭ،" މީގެ ކުރިން ވެސް ރާއްޖޭގައި އިންޑިއާގެ ނުފޫޒު އޮތް ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި މުނައްވަރު ވިދާޅުވި އެވެ.

އިންޑިއާގެ ސަފީރު ގުޅުއްވާ ކަމަށްވޭ ސަރުކާރު އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ހިތްޕުޅާ ހަމަނުޖެހުނީމަ. އެހެނެއް ވެގެން ނުވާނެ ނޫންތޯ؟ މިއީ މިނިވަން ދައުލަތެއްވިއްޔަ.

މުނައްވަރު، ކުރީގެ އެޓާނީ ޖެނެރަލް

އޭނާ ތުހުމަތުކުރެއްވި ގޮތުގައި އިރުއިރުކޮޅާ ރާއްޖޭގެ ވަޒީރުން އިންޑިއަން ހައި ކޮމިޝަނަށް ހާޒިރުކުރެ އެވެ. އެހެންވެ އެކަން ހުއްޓާލަން އޭނާ ގޮވާލެއްވި އެވެ.

"ޑިޕްލޮމެޓިކް ޗެނަލްތަކުގެ ތެރެއިން ހައި ކޮމިޝަންއިން ފޮރިން އެފެއާޒްއާ ގުޅައިގެން އެ ކުރަން ޖެހޭ ކަންތައް ކުރަމުން ގެންދާށޭ. ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އެމްބަސީތަކުން އަމަލު ކުރަން ޖެހޭ މިންގަނޑުތަކެއް ހުންނާނެ. އޭގެ ބޭރުން ނުދާށޭ،" މުނައްވަރު ވިދާޅުވި އެވެ.

މި ސަރުކާރު އައުމުގެ ކުރިން 1960އިން ފެށިގެން ރާއްޖެއަށް ދޭތެރެ ދޭތެރެއިން  އެކި ގައުމުތަކުގެ މަނަވަރުތައް ބަނދަރުކުރަމުން އައިކަން ފާހަގަކުރައްވައި މުނައްވަރު ވިދާޅުވީ، މިހާރު އެ މަނަވަރުތައް ވެސް ރާއްޖެ ނާންނަ ކަމަށެވެ. އެހެންވެ އޭގެ ސަބަބާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.

"މައުލޫމާތު ލިބޭ ގޮތުގައި، އެ ގައުމުތަކުން ހުއްދައަށް އެދޭ [ރާއްޖެއަށް މަނަވަރު ބަދަރުކުރަން]. މިވެރިން ހުއްދައެއް ނުދޭ. އަޅުގަނޑުމެން ލަފާކުރަނީ ކޮންމެވެސް ގައުމެއްގެ ކެޕިޓަލް [ސިޓީއަށް] ލިޔަނީއޭ. ލިޔުނީމަ އެމީހުން ޖަވާބެއް ނުދޭ. ދެން މިވެރިންނަށް [ދިވެހި ސަރުކާރަށް] ޖަވާބެއް ނުދެވޭނެ،" އިންޑިއާގެ ނަން ނުގެނެސް، އެކަމަކު އެގައުމުގެ ނުފޫޒު އޮތް މިންވަރު ދެއްކެވުމުގެ ބޭނުމުގައި މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

އެއަށް ފަހު ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރަށް ވެސް މުނައްވަރު ތުހުމަތުތަކެއް ކުރެއްވި އެވެ.

"އިންޑިއާގެ ސަފީރު ގުޅުއްވާ ކަމަށްވޭ ސަރުކާރު އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ހިތްޕުޅާ ހަމަނުޖެހުނީމަ. އެހެނެއް ވެގެން ނުވާނެ ނޫންތޯ؟ މިއީ މިނިވަން ދައުލަތެއްވިއްޔަ،" މުނައްވަރު ވިދާޅުވި އެވެ.

"އެމީހުން ޓިޗަރުން މިތަނުގައި ތިބުމަށް ވެސް ވަޒީފާ އަދާކުރާ މީހުން ތިއްބަސް އެއްވެސް މައްސަލައެއް ނެތް. ވިޔަފާރި ގުޅުންތައް ބަދަހިކުރަންވީ، އެހެން ކަންތައް ކުރަންވީ އެކަމަކު ކަރުތެރެއަށް [އަތް] ބާނަން ނަހައްދަވާ."

އިންޑިއާގެ ނުފޫޒާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް އިން ހިންގަމުން އަންނަ 'އިންޑިއާ އައުޓް' ހަރަކާތަކަށް ތާއިދުކުރައްވާ މޭރުމަކުން ވެސް އޭނާ ވާހަކަ ދެއްކެވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ގައުމަކާ ދެކޮޅަށް އެފަދަ ހަރަކާތެއް ހިންގުމަކީ މާ ބޮޑު މައްސަލައެއް ނޫނެވެ.

"ވަކި ގައުމެއް އައުޓް ޖަހައިގެން މައްސަލައަކަށް ވެގެން، އެކަން ހުއްޓުވުމަށް ގާނޫނު ހަދާ ހިސާބަށް ދާނީ، ފުދޭ ވަރަކަަށް އެކަން ސީރިއަސްވެފައި އޮތީމަ. އެހެން ނޫން ނަމަ، މާ ބޮޑު މައްސަލައެއް ނޫނެއް ނޫންތޯ،" އެ ހަރަކާތް ހުއްޓުވަން ރައީސް ނެރުއްވި ގަރާރާއި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް އިޝާރާތް ކުރައްވަމުން މުނައްވަރު ވިދާޅުވި އެވެ.

ކޮމެންޓް (1)

އަންވަރު

12 މާރިޗު 2023
ދެން އާ އެއްޗެއް ކިޔަންވީނު ވޯޓު ހޯދަން! ދިވެހިން ގުނބޯ ހައްދަން.....ތީތި ބާވެއްޖެ
0 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް