ޑރ. މުނަައްވަރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

ވެރިކަމަށް ކުރިމަތިލަނީ ނަޝީދުގެ 'އެޖެންޓް'ގެ ގޮތުގައެއް ނޫން: ޑރ. މުނައްވަރު

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބަށް ނުކުންނަވަން މަޖުބޫރުކުރުވީ މިއަދު ގައުމު އޮތް ހާލަތު ކަމަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓެއް ނުވަތަ 'އެޖެންޓެއް' ގޮތުގައި ނޫން ކަމަށާއި، ރިޔާސީ ރޭހަށް ނުކުންނަވަން މަޖުބޫރުކުރުވީ ގައުމުގެ ހާލަތު ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާ އެކަން މި މަހުގެ ފަސް ވަނަ ދުވަހު މުނައްވަރު ވަނީ ހާމަކުރައްވައިފަ އެވެ. އެކަމަށްޓަކައި އޭނާގެ ކެމްޕޭނު މަރުކަޒެއް ވެސް މާލޭގައި މިހާރު ވަނީ ގާއިމުކޮށްފަ އެވެ. 

ތަފްސީލް- ރިޔާސީ ރޭހަށް ނުކުންނެވުމުގެ ކުރިން މުނައްވަރު ފެނުނީ އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިންގެ ތެރޭ ނަޝީދާ އެކު އައްޑުއަށް ދަތުރުކުރެއްވި ތަނެވެ. އެ ޕްރައިމަރީގައި ނަޝީދު ބަލިވެވަޑައިގަތުމާއި އޭގެ ފަހުން ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ކަމަށް މުނައްވަރު އިއުލާންކުރެއްވުމުން، ބައެއް މީހުން ތުހުމަތުކުރަނީ އޭގެ ފަހަތުގައި އެމްޑީޕީގެ ވޯޓުތައް ބައިބައިކޮށްލުމުގެ ނިޔަތް އޮތް ކަމަށެވެ.

އެހެންވީމައި[ވެރިކަމަށް ކުރިމަތިލީ] އެއްވެސް މީހެއްގެ އެޖެންޓެއް ނޫން. އެއްވެސް މީހެއްގެ ރަނިންމޭޓަށް ވާކަށް ނޫން. އެެއްވެސް މީހެއްގެ އެހެންކަމެއް ހޯދާކަށްވެސް ނޫން. އަދި ފައިސާކޮޅެއް ދިނީމަ ނަން އަނބުރާ ނަގާކަށްވެސް ނޫން

ޑރ. މުނައްވަރު

ބުނީ ކީކޭ؟ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ބެހޭ ގޮތުން 'ދައުރު' އިން ސުވާލުކުރުމުން މުނައްވަރު ވިދާޅުވީ ވެރިކަމަށް ކުރިމަތިލައްވަން ވިސްނަވާކަމަށް މިދިޔަ އަހަރުގެ މެދުތެރޭ ހިސާބުގައި ނަޝީދު އަރިހުގައި ދަންނަވާފައި ވާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެފަދަ އެެއްވެސް މަޝްވަރާއެއް ނަޝީދާ އެކު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ:

  • އިންތިހާބާ ކުރިމަތިލާން ނިންމީ އެއްވެސް މީހެއްގެ އެދުމުގެ މަތިން ނޫން ކަމަށް

  • އޭގެ މަޝްވަރާއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ހިމެނޭހެން ސިޔާސީ ޕާޓީއެއްގެ އެއްވެސް ލީޑަރަކާ ވެސް ކުރައްވާފައެއް ނުވާނެ

"އެހެންވީމާ [ވެރިކަމަށް ކުރިމަތިލީ] އެއްވެސް މީހެއްގެ އެޖެންޓެއްގެ ގޮތުގައެއް ނޫން. އެއްވެސް މީހެއްގެ ރަނިންމޭޓަށް ވާކަށް ނޫން. އެއްވެސް މީހެއްގެ އެހެން ކަމެއް ހޯދާކަށް ވެސް ނޫން. އަދި ފައިސާކޮޅެއް ދިނީމަ ނަން އަނބުރާ ނަގާކަށް ވެސް ނޫން،" މުނައްވަރު ވިދާޅުވި އެވެ.

ރިޔާސީ ރޭހަށް ނުކުންނެވުމުގެ މައިގަނޑު ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، ގައުމުގެ ހާލަތު އޮތް ގޮތުން 'މަޖުބޫރުވުމެ'ވެ.

އެ މަޖުބޫރުކަން ކުރިމަތިވި ސަބަބުތަކަކީ:

  • ގާނޫނުގެ ބާރު ކެނޑިފައި އޮތުން

  • ގާނޫނު ތަންފީޒުކުރަމުން ނުދިއުން

  • ހާރިޖީ އަދި ދާހިލީ މިނިވަންކަން ނެތުން

  • އިޖްތިމާއީ ފޭރާން ހަލާކުވެ ނެތިގޮސްފައިވުން

  • އިގްތިސާދީ ގޮތުން ގޮންޖެހުން ބޮޑުވެ، ބޮޑެތި ދަރަނިތައް ދިވެހިންގެ ބޮލުގައި އެޅުން

  • ދައުލަތުން ކުރާ ބޭކާރު ހަރުދުތައް އިންތިހާއަށް އިތުރުވުން

"ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް މަޖުބޫރުކުރަނީ މިއަދުގެ ގައުމުގެ ހާލަތު. އެހެންވީމާ އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް މަޖުބޫރު އެބަވޭ ފިޔަވަޅު އަޅަން،" މުނައްވަރު ވިދާޅުވި އެވެ.

ނަޝީދުގެ އައްޑޫ ދަތުރުފުޅާ ދިމާވުމަކީ އިއްތިފާގެއް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ދުވަސްވަރު ނަޝީދާ އެކު އައްޑުއަށް ވަޑައިގަތުމުން އެކަމާ ބެހޭ ގޮތުން ކުރި ސުވާލުގައި ވިދާޅުވީ އެއީ 'ކެމްޕެއިން ދަތުރެއް ނޫން' ކަމަށާއި އެއީ "އިއްތިފާގެއް" ކަމަށެވެ.

އެ ދަތުރުގައި ނަޝީދާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމާ އެކު ސައިފޮދަކަށް ވަޑައިގަތީ ވެސް ނަޝީދުގެ ދައުވަތަކަށް ކަމަށް ވިދާޅުވި އެވެ. އެ ހުރިހާ ކަމަކީ ވެސް، އޭނާ ވިދާޅުވި ގޮތުގައި 'އިއްތިފާގީ ދަތުރެކެ'ވެ.

"އަޅުގަނޑު ނަޝީދުގެ އަރިހުގައި ނަޝީދުގެ ކެމްޕެއިން ޓީމުގެ މެމްބަރެއްގެ ގޮތުން ކެމްޕެއިންއަކަށް ނުދަން. އެހެންނަމަވެސް ނަޝީދާއި އެއް ބޯޓަކުން ދަތުރުކުރެވުނު. އެއީ އިއްތިފާގެއް،" މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާތްﷲ ފިޔަވައި އިތުރު މީހަކާ އެކު ޑީލެއް ނަހައްދަވާނެ ކަމަށެވެ. އަދި ފައިސާކޮޅަކަށް އޭނާގެ ނަން އަނބުރާ ނުގެންދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެނގުން މުހިންމު- އެމްޑީޕީގެ ކުރީގެ ރައީސްކަން ވެސް ކުރައްވާފައިވާ މުނައްވަރު ވަނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި، 1993 އިން 2003 އަށް ރާއްޖޭގެ ބަންޑާރަ ނައިބުކަން ކުރައްވައިފަ އެވެ.

އާ ގާނޫނުއަސާސީގެ ދަށުން 2008ގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދާ ވާދަކުރައްވައި، މުނައްވަރު ބަލިވި އެވެ.

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް، މުނައްވަރުގެ އިތުރުން، މިހާތަނަށް އިއުލާންކުރެއްވީ؛

  • އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވި ރައީސް ސޯލިހް 

  • އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް 

  • ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

ކޮމެންޓް (2)

އެނޯނިމައުސް

13 މާރިޗު 2023
ނޫސްވެރިން ކުރަން ޖެހޭ ސުވާލަކީ ނަޝީދާއެކު ޑީލެއް ހެދިތޯއެއް ނޫން. އެހެން ވަޒީރަކާއި އެކު ހިއްސާވެގެން ކުންފުންޏެއް ހަދައި ދައުލަތުގެ ހިއްސާވާ ކުންފުންޏަކާއި އެކު އައްޑޫ ވިލިގިލީގައި ރިސޯޓެއް ހަދާ އެރިސޯޓުން މަންފާ ހޯދުމުގައި އެއްވެސް ކޮންފްލިކްޓް އޮފް އިންޓަރެސްޓެއް ނެތްތޯ؟ ރާއްޖޭގައި ސިޔާސީ ޕާޓީ ނުއުފެއްދޭނެކަމަށް ގާނޫނީ ލަފާ ދިން އިރު ޑިމޮކްރެސީއަށް އިހުތިރާމްކުރީ ކިހާވަރަކަށްތޯ؟
0 0

ދަންވަރު އެޖެންޓު

12 މާރިޗު 2023
އެހެންތޯ؟ އިތުރަށް މޮޔަފުޅުވީ ދޯ!!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް