
މާލޭގެ މަގެއްގެ މަތީގައި ބޮޑު ސްކްރީން ބަހައްޓައި ވޯލްޑް ކަޕްގެ މެޗުތައް ދައްކަނީ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
ވޯލްޑް ކަޕަށް ރިސޯޓުތަކުން ދައްކަން ޖެހޭ އަގު ބޮޑުވުމުގެ ޝަކުވާ ގިނަވެއްޖެ
ވޯލްޑް ކަޕްގެ މެޗުތައް ދެއްކުމަށް މީޑިއާނެޓުން ހުށަހެޅި އަގުތައް ބޮޑު ކަމަށް ބުނެ، ބައެއް ރިސޯޓުތަކުން މެޗުތައް ނުދައްކާތީ މުވައްޒަފުންގެ ޝަކުވާއާ ކުރިމަތިލާން ޖެހިއްޖެ އެވެ. އެއާ އެކު، އަގުގެ މައްސަލައިގައި މަޓީން މިހާރު ވަނީ ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބްރޯޑްކޮމް)އަށް ވެސް ޝަކުވާ ހުށަހަޅާފަ އެވެ.
އެނގުން މުހިއްމު - ރާއްޖޭގައި ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ގަނެފައި ވަނީ މީޑިއާނެޓުންނެވެ. ވޯލްޑް ކަޕް ދެއްކުމަށް މީޑިއާނެޓުން ނިންމާފައި ވަނީ އެ ކުންފުނީގެ އަމިއްލަ ޗެނަލް، އައިސް ނެޓްވޯކުގެ އިތުރުން، ރާއްޖެ ޓީވީ އަދި ޕީއެސްއެމްގެ ޔެސް ޓީވީންނެވެ.
ރިސޯޓުތަކާއި ހޮޓާތަކުން ވޯލްޑް ކަޕްގެ މެޗުތައް ދެއްކުމަށް މީޑިއާނެޓުން ވަނީ ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އޭގެ ދަށުން އަގު ނަގަނީ، ކޮންމެ މެޗަކަށް ކޮންމެ ކޮޓަރިއަކަށް 1 ޑޮލަރުގެ ރޭޓުން، އެވްރެޖުކޮށް %65-75 އޮކިއުޕެންސީއަށް ބިނާކޮށެވެ.
މިއީ ރާއްޖޭގެ ޓޫރިޒަމްގެ ހައި ސީޒަން ކަމަށް ވާއިރު:
-
100 ކޮޓަރިއަށް ވުރެ މަދު ރިސޯޓުތަކުން އޮކިއުޕެންސީ %75ގައި އުޅޭ ނަމަ، ވޯލްޑް ކަޕް ދައްކަން 4،800 ޑޮލަރު ދައްކަން ޖެހޭނެ
-
އެކަމަކު ރާއްޖޭގައި ގިނައީ 150 ކޮޓަރިއަށް ވުރެ ގިނަ ރިސޯޓުތަކަށް ވާތީ އަދި އޮކިއުޕަންސީ %65ގައި އުޅޭތީ، އެ ރިސޯޓުތަކުން ވޯލްޑްކަޕް ބެލުމަށް ގާތްގަނޑަކަށް 10،000 ޑޮލަރު ދައްކަން ޖެހޭނެ
ވީ ކިހިނެއް؟ - އަގުގެ މައްސަލައިގައި ގިނަ ރިސޯޓުތަކުން ޝަކުވާ ކުރި ނަމަވެސް، ވޯލްޑް ކަޕް ބެލުމަށް އެ މީހުން ފައިސާ ދެއްކި އެވެ. އެކަމަކު މަދު ރިސޯޓުތަކުން އަދި އަލަށް މީޑިއާނެޓްގެ ހިދުމަތް ހޯދުމަށް ހުށަހެޅި ބައެއް ރިސޯޓުތަކުން ވަނީ އަގު ބޮޑު ކަމަށް ބުނެ ހިދުމަތް ހޯދުމަށް ދެކޮޅު ހަދާފަ އެވެ. އޭގެ ސަބަބުން، އެ ރިސޯޓުތަކުގައި ވޯލްޑް ކަޕްގެ މެޗުތަކެއް ނުދައްކަ އެވެ.

'ދައުރު'އާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނި ގޮތުގައި، ރިސޯޓުގައި މެޗުތައް ނުދައްކާތީ، އެ މީހުން އެ ބެލުމަށް ދިޔައީ ކައިރި ރަށްރަށެވެ. ބައެއް މުވައްޒަފުން ޑިއުޓީ ގަޑިއަށް ވެސް ނުބަލައި މެޗުތައް ބެލުމަށް ދިޔަ ކަމަށްވެ އެވެ.
"ރިސޯޓުން ފުރަތަމަ ބުނީ މެޗުތައް ދައްކާނަމޭ. އެކަމަކު އެންމެ ފަހު ވަގުތު ބުނީ ނެތޭ އެ ހިދުމަތް ދެވޭކަށް،" ޝަކުވާ ކުރި، ދިވެހި މުވައްޒަފަކު ބުންޏެވެ.
"މުޅި ދުނިޔެ މުބާރާތް ބަލައި އުފާ ފާޅުކުރާއިރު، އަޅުގަނޑުމެން ވެސް ބޭނުމެއް ނުވާނެ ދެއްތޯ އެކަމުން މަހުރޫމްވެގެން ތިބޭކަށް. އެހެންވެ، ބައެއް މުވައްޒަފުން ޑިއުޓީއަށް ވެސް ނުބަލާ ދޭ، އެންމެ ކައިރިން ދެވެން އޮންނަ ރަށަކަށް."
އަގުގެ މައްސަލައިގައި މަޓީގެ ޝަކުވާ ބްރޯޑްކޮމްއަށް
ރިސޯޓުތަކުން މީޑިއާނެޓްގެ ހިދުމަތް ހޯދަނީ ކުރިއްސުރެ ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން:
-
އެ އެއްބަސްވުމުގެ ދަށުން، އެޑްވާންސްކޮށް ކޮންމެ ތިން މަހަކުން ފައިސާ ދައްކާ
-
އާއްމު ގޮތެއްގައި ދައްކަނީ ކޮންމެ ކޮޓަރިއަކަށް 20 ޑޮލަރު
އެކަމަކު، ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް މީޑިއާނެޓަށް ލިބުމާ އެކު، އެ ކުންފުނިން ނިންމީ މެޗުތައް ދެއްކޭނީ ކޮންމެ މެޗަކަށް ކޮޓަރިއަކަށް 1 ޑޮލަރުގެ ރޭޓުން ކަމަށެވެ. މި މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅަމުން މަޓީން ބުނި ގޮތުގައި، މިއީ އެއްބަސްވުމާ ހިލާފު ކަމެކެވެ.
"އެއްބަސްވެފައި މި އޮންނަނީ މީޑިއާނެޓުން ވަކި ޗެނަލްތަކެއް ދެއްކުމަށް. އަޅުގަނޑުމެން މި އޮންނަނީ ޗެނަލްތައް ދައްކާ ރާއްޖެ ޓީވީ އާއި ޔެސް ޓީވީ ގަނެފައި. އެކަމަކު ކުއްލިއަކަށް ވަކި ޗެނަލަކުން ދައްކާ ވަކި ޕްރޮގްރާމެއް ބެލުމަށް ވަކިން ކިހިނެއްތޯ އަގު ނަގާނީ؟ އެއީ އެއްބަސްވުމާ ހިލާފު ކަމެއް ނޫންތޯ،" ދައުރާ ވާހަކަ ދެއްކި ބޭފުޅަކު، ނަން ނުޖެހުމަށް އެދި ޝަކުވާ ކުރި އެވެ.
"މިސާލަކަށް، 'ދިރިއުޅުމަކީ މިއީބާ' ޕްރޮގްރާމް ދައްކަނީއޭ ކިޔާފައި ޗާޖެއް ނުކުރެވޭނެތާ ކުރިން ގަނެފައި އިން އެއްޗަކަށް."
މި މައްސަލައާ ގުޅޭ ގޮތުން މީޑިއާނެޓުން ކުރިން ބުނެފައިވަނީ، ވޯލްޑް ކަޕްގެ މެޗުތަކަކީ ހިލޭ ދެއްކުމަށް ބްރޯޑްކޮމް އިން ކަނޑައަޅާފައިވާ 'ލިސްޓެޑް އިވެންޓްސް'ގެ ތެރޭގައި ހިމެނޭ މުބާރާތެއް ނޫން ކަމަށާއި އެހެންވެ، އެއިން އަގު ނެގިދާނެ ކަމަށެވެ. ވޯލްޑް ކަޕްގައި 'ލިސްޓެޑް އިވެންޓު'ގެ ތެރޭގައި ބްރޯޑްކޮމް އިން ކަނޑައަޅާފައިވަނީ މުބާރާތް ހުޅުވާ މެޗާއި ފައިނަލް މެޗު އެކަންޏެވެ.
މަޓީން ބުނާ ގޮތުގައި:
-
'ލިސްޓެޑް އިވެންޓްސް' އަކީ މީޑިއާނެޓާއި ރިސޯޓުތަކުގެ އެއްބަސްވުމާ ގުޅޭ އެއްޗެއް ނޫން
-
އެއީ ރީބްރޯޑްކާސްޓު ކުރާއިރު، ދައުލަތުން އާއްމުންގެ ހައްގުގައި ދައްކަން ޝަރުތު ކުރާ އެއްޗެއް
-
އެކަން އޮންނާނީ ދައުލަތާއި ރީބްރޯޑްކާސްޓަރުންނާ ދެމެދުގައި
-
މީޑިއާނެޓުގެ ޗެނަލްތަކުން ދައްކާ ވަކިވަކި ޕްރޮގްރާމްތަކަށް ކުރިން ވެސް ފައިސާ ނުނަގާއިރު، މިހާރު ވަކި އިތުރަށް ފައިސާއެއް ނުނެގޭނެ
މީޑިއާނެޓުން ބުނަނީ %90 ރިސޯޓުތަކުން ހިދުމަތް ހޯދާ ކަމަށް
ހިދުމަތުގެ އަގު ބޮޑު ކަމަށް ބުނެ ޝަކުވާކުރި ނަމަވެސް، މީޑިއާނެޓުން ބުނީ އެ ކުންފުންޏާ އެކު އެއްބަސްވުން ހަދާފައި އޮތް ހުރިހާ ރިސޯޓުތަކެއްހެން، ހިދުމަތް ހޯދަމުން އަންނަ ކަމަށެވެ. އެގޮތުން، %90 ރިސޯޓުތަކުން މެޗުތައް ދައްކާ ކަމަށް އެ ތަނުން ބުންޏެވެ.
"އަގުގެ މައްސަލަ މިހާރު އެ އޮތީ ނިމިފައި. އަޅުގަނޑުމެން ކަނޑައެޅި އަގަށް ރިސޯޓުތަކުން އެއްބަސްވެ، ފައިސާ ދައްކައިފި،" މީޑިއާނެޓްގެ އޮފިޝަލަކު ވިދާޅުވި އެވެ.
"އެހެންވީމައި، އަގު ބޮޑު ކަމަށް ބުނެ އެހެން ރިސޯޓުތަކުން މެޗުތައް ނުދެއްކުމަކީ އަޅުގަނޑުމެންނާ ގުޅޭ މައްސަލައެއް ނޫން."
'ދައުރު'އާ ވާހަކަ ދެއްކި ބައެއް ރިސޯޓުތަކުން ބުނި ގޮޮތުގައި، ވޯލްޑް ކަޕް ދެއްކުމަށް މީޑިއާނެޓުން ހުށަހެޅީ ބޮޑު އަގެއް ނަމަވެސް އެ އަގަށް ރުހި، ހިދުމަތް ހޯދީ އެ ނޫން ގޮތެއް ނެތުމުންނެވެ.
"ކޮންމެ ގޮތަކަށް ވިޔަސް، އަޅުގަނޑުމެން އެބަ ޖެހޭ މުވައްޒަފުންނަށް ބަލަން. އެހެންވީމައި، ކިތަންމެ ބޮޑު އަގެއް ދީގެން ވެސް އަޅުގަނޑުމެން މެޗުތައް ދައްކާނަން،" ވޯލްޑް ކަޕް ދެއްކުމަށް ބޮޑު ފީއެއް ދައްކަން ޖެހުނު ރިސޯޓެއްގެ އޮފިޝަލަކު ވިދާޅުވި އެވެ.
ގުޅުން ހުރި ކަމެއް - ވޯލްޑް ކަޕް ބޮޑު ސްކްރީނުން އާންމުކޮށް ނުދެއްކޭނެ ކަމަށް ވެސް މީޑިއާނެޓުން އެންމެ ފުރަތަމަ އެންގި އެވެ. ނަމަވެސް، އެ ކުންފުނިން ފަހުން ވަނީ އެ ނިންމުން ބަދަލުކޮށް، ވިޔަފާރި އުސޫލުން ނޫން ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތްތަކުގައި މެޗުތައް ދެއްކޭނެ ކަމަށް ބުނެފަ އެވެ.
ކޮމެންޓް (22)
ރިސޯޓު މީހާ
ޓޫރިސްޓު
އަދުހަމް
އަހަންމާ
ކުރުނބާ
ޝިވާޒު
ރިސޯތޯ
ރިސޯޓް ރޫމް ބޯއި
ޙާޝިމް
އިއްބެ
ޭރިސޯޓޭ
ހަސަނު
ރައްޔިތުމީހާ
ނާޝިދު
އުބަށްޖެހުން
ޢިސްމާއިލް
ތުއްތުދީ
އަހައްމާ
ބްރޯޑް_ބޭންޑް
ރިސޯޓޯ
ސިކުނޑި
ރިސޯޓްބޯއީ