މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ސިޔާސީ ޕާޓީތަކުގެ މަންދޫބުން (ފޮޓޯ/މަޖިލީސް)

ގާނޫނުގައި އަންހެނުންނަށް ކޯޓާ ކަނޑައެޅުމާ ޕާޓީތަކުން ދެކޮޅު ހަދައިފި

24 އޮކްޓޯބަރު 2022
1

ސިޔާސީ ޕާޓީތަކުގެ މަގާމުތަކުގެ ވަކި ވަރެއް އަންހެނުންނަށް ހާއްސަކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި މެދު ސިޔާސީ ޕާޓީތަކުން މިއަދު ދެކޮޅު ހަދައިފި އެވެ.

ވީ ކިހިނެއް؟ - ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އީސީން ވަނީ އިސްލާހުތަކެއް ހުށަހަޅާފަ އެވެ. އެ އިސްލާހުތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިހާރު ދިރާސާކުރަމުން އަންނައިރު، މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ރާއްޖޭގެ ސިޔާސީ ޕާޓީތައް ވަނީ ހާޒިރުކޮށްފަ އެވެ. އީސީ އާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އިތުރުން ކޮމިޓީއަށް ހާޒިރުވީ:

  • ޕީޕީއެމް/ޕީއެންސީ- މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް

  • އެމްޑީޕީ- ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު

  • އަދާލަތު ޕާޓީ- ސެކެޓްރީ ޖެނެރަލް އަހުމަދު ޝިޔާޒް

  • ޖޭޕީ- ސެކެޓްރީ ޖެނެރަލް އަލީ އާރިފް އަދި ރެޖިސްޓްރާ މުހައްމަދު ޒަހީން

އެ ބައްދަލުވުމުގައި އީސީން ހުށަހެޅި އިސްލާހުތަކަށް ވަކިވަކިން ޕާޓީތަކުގެ ހިޔާލު ހޯދާފައިވެ އެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/މަޖިލީސް)

ތަފްސީލް - ކޮމިޓީ ބައްދަލުވުމުގައި އެންމެ ދިގުކޮށް ބަހުސް ކުރެވުނު އެއް އިސްލާހަކީ، ޕާޓީތަކުގައި އަންހެން މެމްބަރުންނަށް ހާއްސަ މަގާމުތައް އުފެއްދުން ނުވަތަ އެ މަގާމުތަކުގެ %33 އަންހެން މެމްބަރުންނަށް ހާއްސަ ކުރުމެވެ. އެންމެ އަންހެން މަންދޫބެއް ވެސް ނެތް ބައްދަލުވުމުގައި ޕާޓީތަކުން ބުނީ:

  • ޕީޕީއެމް - އެ ޕާޓީގެ ފަރާތުން ކޮމިޓީގައި ބައިވެރިވެވަޑައިގެން މެންބަރު ޝިޔާމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހުގަ އާއި ޕާޓީތަކުގައި ފިރިހެނުންނާ އެއްވަރަށް އަންހެނުންނަށް ވެސް ކުރިއަށް ދިއުމުގެ ފުރުސަތު އޮވެއެވެ. އެހެންވެ ގާނޫނެއްގައި އަންހެނުންނަށް ހާއްސަކޮށް ވަކި އަދަދެއް ކަނޑައެޅުމަކީ އެމީހުންނަށް ވެވޭ ވަރަށް ބޮޑު ބޭ އިހުތިިރާމެއް ކަމަށް އެނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އަންހެނުންނަށް ވަކި ކޯޓާއެއް ކަނޑައަޅާނަމަ، ދޭން ޖެހެނީ 33% އެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި އަންހެނުންނަށް އިހުތިރާމުކުރާނަމަ، އެއަށް ވުރެ އަދަދެއް ކަނޑައަޅަން ޖެހެއެވެ.

"ކޯޓާއެއް ދެއްވަންޏާ 33% އެއް ނޫން ދޭން ޖެހޭނީ. އެއަށް ވުރެ ބޮޑަށް ދެއްވަން ޖެހޭނެ އަންހެން ބޭފުޅުން ދެކެ ލޯބިވާކަމަށް ވަންޏާ." ޝިޔާމް ވިދާޅުވި އެވެ.

  • އެމްޑީޕީ - އިބްރާހީމް ވަހީދު ވެސް ޝިޔާމް ދެއްކެވި ވާހަކަތަކަށް ތާއީދުކުރެއްވިއެވެ. ޝިޔާމްގެ ވާހަކަތަކަށް ތާއީދުކުރައްވައި އިބްރާހީމް ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލްތަކުގައި އަންހެނުންނަށް ކަނޑައެޅި ކޯޓާ ހަމަވާ ވަރަށް އަންހެން ކެންޑިޑޭޓުން ނުނެރެވުމެވެ.

"މިއީ އަންހެން ބޭފުޅުން ދެރަކޮށްލަން ބުނާ އެއްޗެއް ނޫން. އެއްވެސް ޕާޓީއަކަށް ރަށު ކައުންސިލްތަކުގައި އަންހެނުންނަށް އެ އޮންނަ %33 އެއްވެސް ޕާޓީއަކަށް އެ ހުރިހާ ގޮނޑިއެއް ހަމަ ނުކުރެވޭ. ޑަބްލިއުޑީސީއަށް ވެސް ހުރިހާ މެމްބަރުން ނުނެރެވޭ." އިބްރާހީމް ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ ޝިޔާމް އެ ދެއްކެވީ ރަނގަޅު ވާހަކައެއްހެން. އަޅުގަނޑުމެން މިގޮތަށް ކޯޓާއެއް ކަނޑައަޅައިގެން ކަންތައްތައް ކުރުން... އެހެނެއް ނޫން ލިޔެވިދާނެ އަންހެން ބޭފުޅުންނަށް އިސްކަން ދޭންވާނޭ.. އެކަހަލަ ގޮތަށް"

  • ޖޭޕީ - ޕާޓީތަކުގެ މަގާމުތަކުން އަންހެނުންނަށް ކޯޓާއެއް ކަނޑައަޅަން އާރިފް ވެސް ތާއީދެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ، އެގޮތަށް އަންހެނުންނަށް މަގާމުތައް ހާއްސަކުރުމުން 'ވަކި ބަޔަކަށް' އޮތް ފުރުސަތު ހަނިކުރެވޭ ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީގެ ރޫހާ ވެސް ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނު އަސާސީގައި އެބަ ބުނޭ ކޮންމެ ދިވެހި ރައްޔިތަކަށްވެސް މަގާމުތަކަށް ވާދަކުރުމުގެ ހައްގުވެސް އެބައޮތޭ. އެހެންވެއްޖިއްޔާ އޭގައި ވެސް %33 އަންހެނުންނަށް ޖަހާފަ އޮތީސް ކަންނޭނގެ. އެހެންމަ މީތި ލިމިޓްކުރަން އަޅުގަނޑުމެންނަކަށް ވެސް އެހާއެއް ތާއީދެއް ނުކުރެވޭ،" އާރިފް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި (ފޮޓޯ/މަޖިލިސް)

ބުނީ ކީކޭ؟ - ޕާޓީތަކުން ފާހަގަކުރި ގޮތަށް، އަންހެނުންނަށް ހާއްސަކޮށް ކޯޓާއެއް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްވެސް ގަބޫލެއް ނުކުރައްވަ އެވެ. 

"ޕްރެކްޓިކަލީ އެކަން ކުރެވިދާނެތޯ އެއީވެސް އުފެދޭ ސުވާލެއް. ގާނޫނުގައި އެހެން ލިޔެފިއްޔާ އޭގެ މާނައަކީ ޕާޓީތަކުގެ ކައުންސިލްތަކުގައި އާއި ކޮމިޓީތަކުގައި % 33 އަންހެނުންނަށް ދީގެން ކިހާ ދުވަހެއް ނަގާނެތޯ އެ މަގާމުތަކަށް މީހުން އައްޔަނުކުރަން،" އުޝާމް ވިދާޅުވި އެވެ.

އޭގެ ބަދަލުގައި އުޝާމް ހުށަހެޅުއްވީ، "މިންތީގެ ހަމަހަމަކަން ގާއިމުކުރަން ޕާޓިތަކުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް" ގާނޫނުގައި ބަޔާން ކުރުމުގެ ހިޔާލެވެ.

އިލެކްޝަންސް ކޮމިޝަނުން ވެސް އުޝާމްގެ އެ ހިޔާލަށް ތާއީދުކުރި އެވެ.

އެނގުން މުހިންމު - 2019ގައި މަޖިލީހުން ވަނީ ކައުންސިލްތަކުގެ %33 ގޮނޑި އަންހެނުންނަށް ހާއްސަކުރަން ނިންމައި ލާމަރުކަޒީ ގާނޫނު ވަނީ އިސްލާހުކޮށްފަ އެވެ. އެގޮތަށް ކައުންސިލްތަކުން ވަކި ވަރެއް އަންހެނުންނަށް ހާއްސަކުރަން އުޅުމުން، އެއީ ފިރިހެނުންނަށް އޮތް ފުރުސަތުތައް ހަނިކޮށް އެމީހުންނަށް ވެވޭ ބޭއިންސާފެއް ކަމަށް ބުނެ ބައެއް މީހުން ސަރުކާރަށް ވެސް ފާޑުކިޔެވެ.

ކޮމެންޓް (1)

އަލަމްގިރި

24 އޮކްޓޯބަރު 2022
ވަޒީފާތަކަށާ މަގާމުތަކަށާ ޖޮބު ތަކަށް މީހުން ނަގަންޖެހޭނީ ގާބިލު ކަމަށް ބަލައިގެން. ޖިންސަށް ބަލައިގެނެއް ނޫން
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް