ސްޓެލްކޯ ކުރިމަތި. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ސްޓެލްކޯ

3 ގަޑިއިރު ފަހުން މުޅި މާލެއަށް އަނބުރާ ކަރަންޓު ދީފި

ހުޅުމާލޭގެ ބަޔަކުން ވެސް ކަރަންޓު ކެނޑުނު
17 އޯގަސްޓު 2022

ޓެކްނިކަލް މައްސަލައެއް ދިމާވެ، މުޅި މާލެ އާއި ހުޅުމާލޭގެ ބަޔަކުން މިއަދު މެންދުރު ކަރަންޓު ކެނޑުނުތާ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުން، އެ މައްސަލަ ހައްލުކޮށް ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - މުޅި މާލެ އާއި ހުޅުމާލޭގެ ބަޔަކުން ކަރަންޓު ކެނޑުނީ މިއަދު މެންދުރު 12 ޖަހަނިކޮށެވެ. ސްޓެލްކޯ އިން ބުނީ މާލޭން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

ތަފްސީލް - ކަރަންޓު ކެނޑުނުތާ 15 ވަރަކަށް މިނެޓުގެ ތެރޭގައި މާލޭގެ ބައެއް ހިސާބުތަކަށް އަލުން ކަރަންޓު ދިނެވެ. ނަމަވެސް، އޭގެ ފަހުން އަނެއްކާވެސް ބައެއް ހިސާބުތަކުން ކަރަންޓު ކެނޑުނެވެ.

ހަވީރު 3 ހާއިރު ސްޓެލްކޯ އިން ކުރި ޓުވީޓެއްގައި ބުނީ، ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް މުޅިން ސްޓޭބަލްކޮށްފައިވާ ކަމަށެވެ. އަދި މިހާރު މުޅި މާލެއަށް އަލުން ކަރަންޓު ދީފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ބުނީ ކީކޭ؟ - "އެއްވެސް ކަސްޓަމަރަކަށް ކަރަންޓު ނުލިބި ވާނަމަ، އަޅުގަނޑުމެންގެ 104 ނަންބަރަށް ގުޅުއްވުން އެދެން. ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯ އިން ބުންޏެވެ.

ގުޅުންހުރި ކަމެއް - ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން މިދިޔަ މެއި 24ގައި ވެސް ގިނަ އިރުތަކެއް ވަންދެން މުޅި މާލެއިން ކަރަންޓު ކެނޑުނެވެ. އަދި ޓެކްނިކަލް މައްސަލައެއް ދިމާވެ މިދިޔަ ޖޫން 21ގެ ރޭ ވެސް މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް