ރިފާއުގެ އާ ޅެމަށް ހަދާފައިވާ މަދަހައިގެ މަންޒަރެއް: މިއީ މަންމަގެ ހަނދާނުގައި ރިފާއު ހެއްދެވި ޅެމެއް
ރިފާއުގެ އާ ޅެން އަނެއްކާވެސް މަންމައަށް؛ ކިޔައިދިނީ ވަކިވުމުން ކުރި އަސަރުތައް
އެންމެ ކުރިއްސުރެ، ދިރިއުޅުމުގެ ކޮންމެ ހަރުފަތެއްގައި ވެސް ޅެންވެރިޔާ އަހުމަދު ރިފާއުއަށް އޭނާގެ މަންމަގެ މުހިއްމުކަން ބޮޑެވެ. އޭނާ ނެރޭ ކޮންމެ ޅެމެއްގެ ވެސް އަސްލަކީ މަންމަ އެވެ. އެހެންވެ، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަންމަ އަވަހާރަވުމާ އެކު، ޅެންވެރިއާގެ ލޮލުން ހިފެހެއްޓުމެއް ނެތި އައީ ކަރުނަ އެވެ. އޭނާގެ އާ ޅެން އުފަންވީ ވެސް އެ ކަރުނައިގެ ތެރެއިންނެވެ.
"މަންމަ ނިއާވުމުން ދެ ދުވަސް ވާންދެން ހަމަ ރޮވުނީ. އެ އިހުސާސްތަކުގެ ތެރެއިން މި ޅެން ލިޔެވިފައި މި އޮތީ،" ރިފާއު ވިދާޅުވި އެވެ.
ރިފާއުގެ ޅެމަށް، މޫސާ ޝިފާއު ކިޔައިދީފައިވާ މަދަހަ، 'ރޮއްވާފަ ލޯތައް'ގައި ވެސް ފެންނަނީ މަންމަ ވަކިވުމުން ކުރާ އަސަރެވެ. ދިރިއުޅުމަށާއި ހަޔާތަށް އަންނަ ފަޅުކަމެވެ. ގޭތެރެއިން މަންމަ ގޮވާލާހެން ހީވުމާއި ހިނިތުންވެފައިވާ ބަލާލާހެން ހީވާ ކަމަށް ޅެމުގައި ބުނެ އެވެ.
މަންމައަށްޓަކައި އޮތް ލޯބި ހާމަކޮށްދޭ، މަންމައިންގެ އަގުވަޒަންކޮށް މީގެ ކުރިން ވެސް އޭނާ ހެއްދެވި ޅެންތައް ވަރަށް މަޝްހޫރުވި އެވެ. އެ ޅެންތަކަށް ކިޔާފައިވާ މަދަހަތައް، ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވައިގައިހިފައިގެން ދިޔަ އެވެ. އަލީ ރަމީޒު ކިޔާފައިވާ މަދަހަ، 'ނުވަމަސް ދުވަހުގެ ގަދަ ވޭނުގައި' އާއި މޫސާ ޝިފާއު ކިޔާފައިވާ 'މަގޭ ލޯބި މަންމާ، މަށަށް މާފުދީ'އަކީ އަދިވެސް ގިނަ ބަޔަކަށް އެންމެ ރީތި މަދަހަތަކެވެ. ޝަލަބީ އިބްރާހިމް ކިޔާފައިވާ 'މަންމާތީ އަސްލީ ހިތްމަގޭ' އަކީ ވެސް ރިފާއުގެ ހިތް މަންމަގެ ލޯބިން ބަންޑުންކޮށްލާފައިވާ މަދަހަ އެކެވެ.
އެ ހުރިހާ ޅެމެއްގައި ވެސް ރިފާއު ސިފަކޮށްދެއްވާފައިވަނީ މައެއްގެ ގުރުބާނީ އެވެ. 'މުޅި ދުނިޔެ ނިދާ ފައިތިލަ އޮބޭއިރު ވެސް، ކުޑަކުޑަ ފުރާނަ އުނގަށް ލައިގެން، ނާނާ ކިޔުމަށް' މަންމަ ހޭދަކުރާ ވަގުތެވެ. 'އެކޮޔަށް ގޮތެއް ވެދާނެތީ، ކިތަންމެ ރެއެއްގެ ނިދި ގުރުބާންކުރި ގޮތެވެ.
'ދައުރު'އާ ކުރިން ވާހަކަ ދައްކަމުން ރިފާއު ވިދާޅުވި ގޮތުގައި، އެއިން ކޮންމެ ޅެމެއް ވެސް ހެއްދެވީ، މަންމަގެ ގުރުބާނީ އާއި ލޯބި ތަޖުރިބާ ކުރެއްވުމަށް ފަހު އެވެ. ރާއްޖޭން ބޭރަށް ކިޔެވުމަށް ވަޑައިގަތުމުގެ ކުރިން މަންމަ ދެއްވި ނަސޭހަތާއި އޯގާތެރި ބަސްތަކެވެ. ދިރިއުޅުމުގެ ކޮންމެ ހަރުފަތެއްގައި ވެސް މަންމަ ދެއްވި ހިތްވަރެވެ. އެ ޅެންތައް ލިޔުއްވީ އޭނާގެ މަންމަގެ ލޯތްބަށް ބިނާކޮށް ނަމަވެސް އެއީ ހުރިހާ މައިންގެ އިހުސާސްތައް ކަމަށް އޭނާ ވިދާޅުވި އެވެެ.
ރިފާއު ވިދާޅުވި ގޮތުގައި، ހަމަ ހުރެލާފައި އޭނާއަށް ޅެމެއް ނުހެއްދެވޭނެ އެވެ. އޭނާއަށް ފުރަތަމަ ޖެހޭނީ އެކަމެއް ތަޖުރިބާ ކުރައްވާށެވެ. މަންމަގެ އޯގާތެރިކަމާއި ލޯބި އެހާ ފުރިހަމައަށް ގެނެސްދެވިފައި އެވަނީ، އެ ތަޖުރިބާ ކުރެއްވުމުން ކަމަށް ދެކިވަޑައިގަންނަވަ އެވެ. ހަމައެގޮތަށް ރިފާއުގެ އާ ޅެން ވެސް ތަރުތީބުވެގެން އައީ، މަންމަ ކުއްލިއަކަށް ވަކިވުމުން ކުރެވުނު އިހުސާސްތަކުގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.
"މަންމަ އެ ވަކިވީ. އަޅުގަނޑަށް ހީވަނީ މި ޅެމާއެކު މަންމައަށްޓަކައި ހެދި ޅެންތައް ދެން ނިމުމަކަށް އައީހެން. ދެން އޮންނާނީ މަންމައަށް ހެޔޮދުއާ ކުރުން،" އޭނާ ވިދާޅުވި އެވެ.
މަންމަގެ ވަކިވުން ކިޔައިދޭ މަދަހައިގެ ވީޑިއޯ އާއްމުކޮށްފައިވާއިރު، އޭގައި މަންމައެއްގެ ވަކިވުން ވަރަށް ފުރިހަމައަށް ދައްކައިދީފައި ވެ އެވެ. ވީޑިއޯގެ މައިގަނޑު ކެރެކްޓާގެ ގޮތުގައި ފެންނަނީ ރިފާއުގެ ކޮއްކޮ އެކެވެ.