ފޮތް ނެރުއްވުމަށް ފަހު އައިޝާ ކުދިންތަކަކަށް ފޮތް ވިދާޅުވެދެއްވަނީ

ފޮތް

އައިޝާގެ ހަދިޔާ ކުޑަކުދިންނަށް: މިއީ އިސްލާމީ ނަޒަރިއްޔާތަށް ބިނާކޮށްފައިވާ ފޮތެއް

އުމުރުން 8-12 އަހަރުގެ ކުދިންނަށް ހާއްސަ މި ފޮތުގައި، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކުދިންނަށް އަންނަ ބަދަލުތަކުގެ ވާހަކަ ލިޔުއްވާފައިވަނީ އިސްލާމީ ނަޒަރިއްޔާއަކުން

އުމުރުން އޭރު ނުވަ އަހަރުގެ ފިރިހެން ދަރިފުޅު ކުރިމަތިކުރި ސުވާލުތަކުގެ ޖަވާބު ލިބޭނެ ފަދަ ފޮތެއް ހޯއްދަވަން، އައިޝާ ހުސެން ރަޝީދު ކުރެއްވި މަސައްކަތް ވީ ނާކާމިޔާބެވެ. އެ މައުލޫއުއަށް އޭނާއަށް މުޅިން ވެސް ފެނިވަޑައިގެންނެވީ އިސްލާމީ ނަޒަރިއްޔާތާ ދުރު، ހުޅަނގުގެ ވިސްނުމުގެ ފޮތްތަކެވެ. އެހެންވެ، އޭނާއަށް މަޖުބޫރުވެވަޑައިގެންނެވީ، އެ އުމުރުފުރާގެ ކުއްޖަކު ކުރާނެހެން ހީވާނެ ހުރިހާ ސުވާލުތައް ހިމެނޭހެން، އިސްލާމީ އުސޫލުތައް ހިމެނޭ ގޮތަށް ފޮތެއް ނެރުއްވުމަށެވެ.

އައިޝާގެ ފުރަތަމަ ފޮތް، 'އާންޓީ އައިޝާ އާންސާސް' ވުޖޫދަށް އައުމުގެ އަސްލަކީ އެއީ އެވެ.

އައިޝާގެ ފޮތް، 'އާންޓީ އައިޝާ އާންސާސް'

ދީނީ އިލްމުވެރިޔާ ހުސެން ރަޝީދު އިބްރާހިމްގެ ދަރިކަނބަލުން އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ ޅީދަރިފުޅު އައިޝާއަކީ ވެސް ފިގްހުގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އިނގިރޭސިވިލާތުގެ އައްސަލާމް އިންސްޓިޓިއުޓް އިން އާލިމިއްޔާ ކޯސް ފުރިހަމަކުރައްވާފައިވާ ދީނުގެ އިލްމީ ބޭފުޅެކެވެ. އެހެންވެ، ދީނީ ނަޒަރަކުން، ކުޑަކުދިންގެ އާއްމު ސުވާލުތަކަށް ޖަވާބު ދެއްވައި، ފޮތެއް ނެރުއްވުމަކީ އައިޝާއަށް މާއުނދަގޫ ކަމަކަށް ނުވި އެވެ.

އޭނާގެ މި ފޮތުގައި ކިޔައިދެއްވާފައިވަނީ، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި އިޖްތިމާއީ ގޮތުން އަދި ދީނީ ގޮތުން އެންމެ އާއްމުކޮށް، އެ އުމުރުގެ ކުއްޖެއްގެ ހިތުގައި އުފެދޭ ސުވާލުތަކުގެ ޖަވާބެވެ. ބޮޑުވަމުން އަންނައިރު ހަށިގަނޑަށް އަންނަ ބަދަލުތަކާއި ވިސްނުމަށް އަންނަ ބަދަލުތަކާއި އެކަމާ ގުޅޭ ގޮތުން ދީނީ ގޮތުން ކުރިމަތިވާ ޒިންމާތަކާ ގުޅޭ ގޮތުންނެވެ.

"ހުރިހާ ވާހަކައެއް ވެސް އަޅުގަނޑު ކިޔައިދީފައިވާނީ ދީނާ ގުޅުވާލައިގެން. މިސާލަކަށް ބޮޑީ ޕޮޒިޓިވިޓީގެ ވާހަކަ ހިމެނޭ ޗެޕްޓާގައި، އެ ވާހަކަތައް ގެނެސްދީފައިވާނީ ކުއްޖާގެ ހަށިގަނޑަކީ ﷲ ދެއްވި ކިހާ ބޮޑު ނިއުމަތެއްކަން. އެހެންވެ، ﷲގެ ނިއުމަތެއް ވީމައި އެ ހަށިގަނޑަކީ ކިހާ ރީތި އެއްޗެއްކަން. އެކަމަށް ޝުކުރުވެރިވެ ހަމްދުކުރަން ޖެހޭނެ ކަމާއި ހަމްދު ކުރާނެ ގޮތް،" އާއިލާއާ އެކު މިހާރު މެލޭޝިޔާގައި ދިރިއުޅުއްވަމުން ގެންދަވާ އައިޝާ ވިދާޅުވި އެވެ.

ފޮތް ނެރުއްވުމަށް ފަހު އައިޝާ ކުދިންތަކަކަށް ފޮތް ވިދާޅުވެދެއްވަނީ
ފޮތް ނެރުއްވުމަށް ފަހު އައިޝާ ކުދިންތަކަކަށް ފޮތް ވިދާޅުވެދެއްވަނީ

އުމުރުން 8-12 އާ ދެމެދުގެ 'ޓްވީން' ކުދިންނަށް ހާއްސަ މި ފޮތް އައިޝާ ލިޔުއްވާފައިވަނީ ދިހަ ބާބަކަށް ބަހާލައްވައިގެންނެވެ. ފުރަތަމަ ހަތް ބާބުގައި ވަނީ: 

  • ހަށިގަނޑަށް އަންނަ ބަދަލުތައް ރަނގަޅު ގޮތުގައި ބަލައިގަތުން

  • ނުކުޅެދުންތެރިކަން

  • އަންހެންކުދިންނާއި ފިރިހެން ކުދިންގެ ހަށިގަނޑަށް އަންނަ ބަދަލުތައް

  • ޕްރައިވަސީ

  • އަމިއްލަ ސާފުތާހިރުކަން

  • އަމިއްލައަށް ކަންކަން ނިންމުމުގެ ގާބިލިއްޔަތުކަން

  • ފަރުވާ

މި ހުރިހާ ބައެއް ވެސް އައިޝާ ގެނެސްދެއްވާފައިވަނީ، ﷲއާ ދެމެދު އޮންނަ ގުޅުން ވަރުގަދަވާނެ ފަދަ ގޮތަކަށް، ފުރިހަމަ މުސްލިމެއްގެ ޒިންމާ އަދާކުރާނެ ގޮތްތަކާ ވެސް އެކުގަ އެވެ.

ފޮތުގެ ދެ ވަނަ ބައިގައި ކިޔައިދެއްވާފައިވަނީ ބޮޑުވަމުން އަންނައިރު ކުރިމަތިވާނޭ ގޮންޖެހުންތަކާއި ފުރާވަރާ ގުޅުން ހުރި މައްސަލަތަކާއި އިސްލާމީ ނަޒަރަކުން، ފިރިހެންވަންތަ ކަމާއި އަންހެންވަންތަކަމެވެ. އަދި އެ އުމުރުގައި ކުދިންގެ ހިތުގައި އުފެދިދާނެ ލޯބީގެ އިހުސާސް އާއި އާއިލާއެއް ބިނާކުރުމާއި އާއިލާގައި ދެމަފިރިންގެ ރޯލުތަކާ ގުޅޭ ގޮތުންނެވެ. ފޮތް ނިންމާލާފައިވަނީ، މީހަކު ވަކިވެ ދިޔުމުން އިހުސާސް ކުރެވޭނެ ވޭނާއި ދުނިޔޭގައި ހޭދަކުރާ ދުވަސްތައް ހެޔޮ ގޮތުގައި ބޭނުން ހިފިދާނެ ގޮތްތަކާ ގުޅޭ ގޮތުންނެވެ.

އައިޝާ ވިދާޅުވި ގޮތުގައި ފޮތުގެ ފުރަތަމަ ހަތް ޗެޕްޓާ، ކުދިން އަމިއްލައަށް ވެސް ކިޔާލެވޭނެ އެވެ. އެކަމަކު ފަހު ބައި ހާއްސަކޮށްފައިވަނީ ބެލެނިވެރިޔަކާ އެއްކޮށް ކިޔަން ނުވަތަ ތަންކޮޅެއް ފުރާވަރާ ކައިރި އުމުރުގެ ކުދިންނަށެވެ. 

އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީގަށް، އައިޝާ އޭނާ ލިޔުއްވި ފޮތް ހަދިޔާކުރައްވަނީ

"އެ ޗެޕްޓާތަކުގެ މައުލޫއުގެ ގޮތުން ބައެއް ޕޭރެންޓުން، ދަރިން އެކަނި ފޮތް ކިޔަން ދޫކޮށްލަން ފަހަރެއްގައި ޖެހިލުންވެދާނެ. ފުރާވަރަށް އެޅުނީމައި ހަށިގަނޑަށް އަންނާނެ ފަދަ ބަދަލުތަކުގެ ވާހަކަތައް ވެސް އޭގައި ހުންނާނެ. އެހެންވެ، ފަހު ޗެޕްޓާތައް ބޮޑަށް ހާއްސަކޮށްފައި ހުންނާނީ އެ އުމުރުފުރާގެ ތަންކޮޅެއް ބޮޑެތި ކުދިން ނުވަތަ ޕޭރެންޓަކާ އެކީގައި ކިޔުމަށް،" އައިޝާ ވިދާޅުވި އެވެ.

ފޮތް ލިޔުއްވި އިރު ބޮޑަށް ބެއްލެވީ، އައިޝާ ވިދާޅުވި ގޮތުގައި، އެ ފޮތް ކިޔާލާފައި، ކޮންމެ ކުއްޖަކު ވެސް، އޭނާގެ ވާހަކަ ނެތޭ ނުބުނެވޭވަރު ކުރުމަށެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ވާހަކަތައް ވެސް އޭނާ ހިމެނުއްވީ އެ މަގުސަދުގަ އެވެ. އެހެން ކުދިންނާ ތަންކޮޅެއް ތަފާތު ނަމަވެސް، އެ ކުއްޖާގެ ހަށިގަނޑަކީ ﷲ ދެއްވި ކިހާ ބޮޑު ނިއުމަތެއް ކަމާއި މުޖުތަމައުއަށް އެ ކުއްޖާގެ ބައިވެރިވުން ކިހާ މުހިއްމު މިންވަރު އަންގައިދެއްވުމުގެ ގޮތުންނެވެ.

އައިޝާ މި ފޮތް ލިޔުއްވަމުން ގެންދެވީ އޭނާގެ ދަރިފުޅަށް ކިޔައިދެއްވަމުން އޭނާގެ ހިޔާލު ވެސް އިތުރުކޮށްގެންނެވެ. އެހެން ފޮތް ކިޔައިދެއްވާއިރު ބަހެއްގެ މާނަ ނުވަތަ އިބާރާތް ދަރިފުޅަށް ސާފުނުވެއްޖެ ނަމަ، އެ އުމުރުގެ ކުއްޖަކަށް ވިސްނޭނެ ފަދަ ގޮތަކަށް އެ އިބާރާތް ތިލަކޮށްލައްވަ އެވެ.

މާލޭގައި ބޭއްވި ފޮތް އިވެންޓުގައި ބައިވެރިވެވަޑައިގެން ބައެއް ބޭފުޅުންނާއެކު އައިޝާއަކަށް ހުއްޓިވަޑައިގެން

އޭނާ ވިދާޅުވި ގޮތުގައި މި ފަދަ ފޮތެއް ހޯއްދެވުމަށް ކުރެއްވި މަސައްކަތުގައި، ކުޑަކުދިންގެ ހަށިގަނޑަށާއި ދިރިއުޅުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އިސްލާމީ ނަޒަރަކުން އިނގިރޭސި ބަހުން ލިޔެފައިވާ ފޮތެއް ފެނިވަޑައެއް ނުގެންނެވި އެވެ. އެހެންވެ، އޭނާ ބޭނުންވީ ހުރިހާ މުސްލިމުންނަށް ވެސް ފޮތުގެ ބޭނުން ހިފޭ ގޮތަށް، އިނގިރޭސި ބަހުން ލިޔުއްވުމަށެވެ.

އެހެންވެ، މިދިޔަ ސެޕްޓެމްބަރު މަހު އެމެރިކާގައި މި ފޮތް ނެރުއްވި ފަހުން، ހީނުކުރާވަރުގެ ތަރުހީބެއް އެކި ކަންކޮޅުތަކުން އަންނަނީ ލިބެމުންނެވެ. ކުޑަކުދިންގެ ފޮތް ލިޔާ އިސްލާމީ އެކި ލިޔުންތެރިންނާއި ބެލެނިވެރިންގެ ތައުރީފް އޮހުނެވެ. އެމޭޒަންގެ އިތުރުން މެލޭޝިޔާ އާއި ސިންގަޕޫރުގައި ވިއްކަމުން އަންނަ މި ފޮތަށް، އިނގިރޭސިވިލާތާއި މުސްލިމް ބޮޑު އާބާދީއެއް އޮންނަ ސައުތު އެފްރިކާގެ ބުކްޝޮޕްތަކުން ވެސް އަންނަނީ ފޮތް ވިއްކުމަށް އެދެމުންނެވެ.

މިއީ ކުދިންނާ ގުޅޭ ގޮތުން، އެ ކުދިންގެ ބަހުރުވައިން ލިޔެފައިވާ ފޮތެކެވެ. އެކި ބާބުތަކުގައި، އެކި ކަހަލަ މަސައްކަތްތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ އިންޓަރެކްޓިވް ފޮތެކެވެ. ކޮންމެ ކުއްޖަކަށް ވެސް، އަމިއްލަ އިހުސާސްތައް ގުޅުވާލެވޭނެ އަދި ސިއްހީ އަދި ނަފްސާނީ މާހިރުން ރިވިއުކޮށްފައިވާ ފޮތެކެވެ.

ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދަށް އައިޝާ ލިޔުއްވި ފޮތް ހަދިޔާ ކުރައްވަނީ

އެހެންވެ، އައިޝާގެ މި ފޮތަކީ ހައްސާސް އުމުރެއްގެ ކުދިންނަށާއި ބެލެނިވެރިންނަށް ލިބުނު ހާއްސަ ފޮތެކެވެ. ބައެއް ރިވިއުތަކުގައި ބުނެފައިވާ ގޮތަށް، ކޮންމެ ގެއެއްގައި އަދި ކޮންމެ މިސްކިތެއްގައި ވެސް އޮންނަން ޖެހޭ 'ޓްވީން ފޮތެކެވެ."

ކޮމެންޓް (3)

ފަރިތަ

9 އޮކްޓޯބަރު 2024
ޙުސައިން ރަޝީދު އިބްރާހީމެއް ނޫން. ޙުސައިން ރަޝީދު އަޙްމަދު އިނގޭތޯ
1 0

މަައީ

9 އޮކްޓޯބަރު 2024
މި ފޮތް ރާއްޖެއިން ލިބޭނީ ކޮންތާކުންބާ؟؟؟
3 0

އިބްރާހީމް

9 އޮކްޓޯބަރު 2024
މާޝާ ﷲ. ވަރަށް އުފާވެރި ޚަބަރެއް.
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް