ކޮރެއާގެ މި ރަހަތައް ހަމަ މީރުވާނެ
ޓީވީ ދޮށުގައި ނެޓްފްލިކްސް ހާވަން ޖައްސާލީ ބަލާނެ ރަނގަޅު ޝޯއެއް ހޯދާށެވެ. ކުރިން ވީޑިއޯ ފިލްމެއް ކުއްޔަށް ގެނެސްގެން ތަކުރާރުކޮށް އެތައް ފަހަރު ބެލިޔަސް މިހާރު ބަލާނެ އެއްޗެހި ގިނަކަމުން ހިޔާރުކުރާނެ އެއްޗެއް ކަނޑައަޅަން ވެސް އުނދަގުލެވެ. ނެޓްފްލިކްސް، އެމެޒޯން ޕްރައިމް މިހެން ގޮސް އެތައް ޕްލެޓްފޯމެކެވެ.
ލޮލުގައި އަޅައިގަތީ ކޮރެއަން ސީރީސްއެކެވެ. ދިވެހިންގެ މެދުގައި ކޮރެއާ ސީރީސްތައް މަޝްހޫރުކަން އެނގެނީ ރާއްޖޭގައި އެންމެ ގިނަ މީހުން ބަލާ ލިސްޓުގެ އެންމެ ކުރީގައި ކޮރެއަން ސީރީސްތައް ގިނަކަމުންނެވެ.
ސީރީސްއާ އެކު ސްކްރީންގެ އަޅަކަށް ބަދަލުވެއްޖެ އެވެ. 'ކަމްސިމިދާ' ،'އަރަސްތު'، 'ސަރަން' ފަދަ ބަސްތަކަށް އިސާހިތަކު ހޭނިއްޖެ އެވެ.
ސީރީސް ބަލާއިރު އޭގައި ފަޅައިގެން އުޅޭ ލޯބީގެ ހުޅުގަނޑާ އެއްވަރަށް ލޮލުގައި އަޅައިގަތީ ކޮރެެެއާގެ ކެއުމެވެ. ކެއުމަކީ އެމީހުންގެ ދިރިއުޅުމުގައި ބޮޑު ބައެއް ކަން ދޭހަވެ އެވެ.
އަބަދުވެސް އެކަކު އަނެކަކަށް މީރު އެއްޗެހި ހަދައި ދިނުމާއި، އާއިލާ އެންމެން އެއްކޮށް އެއް މޭޒެއްގައި ކެއުމާއި، ކާ ހިތްވާ އެއްޗެއް ކާން ދިނުން ފަދަ ކަަންކަން އެމީހުންގެ ސަގާފަތުގެ ބައެއްގެ ގޮތުގައި ދައްކުވައިދެ އެވެ. ސީރީސް ބަލާ ނިމޭ އިރު ހުންނަނީ ކާ ހިތްވެފަ އެވެ. މި ރަހަތައް އަޖުމަ ބަލާ ޓެސްޓްކުރަން ބޭނުންވެފަ އެވެ.
އެންމެ ފަހުން ކޮރެއަން ފުޑް ވެސް ރާއްޖޭގެ ކަނޑުތޮށިން އެތެރެވެއްޖެ އެވެ. ހުޅުމާލޭގައި ކޮރެއާ ފުޑް ޒޯން ނަމުގައި ރެސްޓޯރަންޓެއް ހިންގަ އެވެ. މި ކެފޭ މަގުބޫލީ، ހަމައެކަނި ފަތުރުވެރިންނާއި، ބިދޭސީ މަސައްކަތްތެރިންގެ މެދުގައި އެކަންޏެއް ނޫނެވެ. ދިވެހިންގެ ތެރޭގައި ވެސް މި ކެއުންތައް މަގުބޫލެވެ.
ކޮރެއަން ރަހަތައް އަޖުމަބަލާ ހިތްވާ މީހެއް ނަމަ ތިރީގައި މިވަނީ ކޮންމެހެން ރަހަ ބަލަންވީ ހަތަރު ޑިޝްއެކެވެ.
1. ބިބިމްބަޕް
ބިބިމްބަޕްއަކީ އަސްލު ބަތުގެ ޑިޝްއެކެވެ. އޭގައި ހިމެނެނީ ކުލަ ގަދަ ސީޒަންކޮށް ކުޑަކޮށް މީރުކޮށް ނުވަތަ ހަނާކޮށްފައި ހުންނަ ތަރުކާރީ އާއި މެރިނޭޓްކޮށްފައިވާ ބީފެވެ. ކޮރެއާގެ މި ޑިޝްއަކީ މުޅި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ޑިޝްއެކެވެ. މިއީ އާދައިގެ ބަތްގަނޑެއްހެން ހީވިޔަސް މި ޑިޝް ތަފާތު ވަނީ މީގައި ބޭނުންކޮށްފައި ހުންނަ ގަދަ ރަތް ކުލައިގެ ކުޅި ރަހަ ގަދަ ބިބިމްބަޕް ސޯސްގެ ސަބަބުންނެވެ.
މީގައި ސަނީ ސައިޑްއަޕް މައްޗަށް އޮންނަ ބިސްގަނޑެއް، އަދި ސެސެމީ ސީޑް އަޅާފައި ހުރެ އެވެ.
2. ބުލްގޯގީ
ބުލްގޯގީއަކީ ކޮރެއަން ބީފް ޑިޝްއެކެވެ. މިއީ ހުޅަނގުގެ ގައުމުތަކުގައި ވެސް އެންމެ މަގުބޫލު އެއް ކޮރެއަން ޑިޝްއަށް ވާނެ އެވެ. ބުލްގޯގީ ހަދަން ބޭނުންކުރަނީ ވަރަށް އާދައިގެ ބާވަތްތަކެކެވެ. މި ބީފް ޑިޝް މަގުބޫލުވަނީ އޭގައި ހިމެނޭ މެރިނޭޑްގެ ބަ އެވެ. އެ ހަދަން އާފަލާއި ފިޔާ ބޭނުންކުރެ އެވެ. މިއީ ކޮރެއާގެ ރަހަތަކަށް ވަރަށް ޔުނީކް ގޮތެކެވެ. މިގޮތަށް ބީފް ކެއްކުމުން ކުޑަކޮށް ފޮނި ރަހައެއް ލުމުން ގިނަ މީހުން ގަޔާވެ އެވެ.
3. ޓޮކްބޮއްކީ
ޓޮކްބޮއްކީއަކީ ކޮރެއާ އެއްޗެއް ކަމަށް ވިޔަސް މިއީ ސިންގަޕޫރުގައި ވެސް މަގުބޫލު ރަހައެކެވެ. ސްޓްރީޓް ފުޑެއް ގޮތުގައި ޒުވާނުންނާއި ފަތުރުވެރިންގެ މެދުގައި މަގުބޫލު ރަހައެކެވެ.
މިއީ ބޮޑަށް ކޮމްފޯޓް ފުޑެއް ގޮތުގައި ކައި އުޅޭ ބާވަތެކެވެ.
ޓޮކްބޮއްކީގައި މައިގަނޑު އެއްޗަކީ ކޮރެއަން ރައިސް ކޭކެެވެ. ހޮޅި ޕާސްތާ ހުންނަ ގޮތަށް މި ރައިސް ކޭކް ސުޕަމާކެޓްގައި ލިބެން ހުރެ އެވެ. ބޭނުން ނަމަ އަމިއްލައަށް ގޭގައި ވެސް ތައްޔާރުކުރެވިދާނެ އެވެ. ރައިސް ކޭކަކީ އާދައިގެ ހަނޑޫ 12 ގަޑިއިރު ފެނު އަޅައިގެން، އޭގެ ފަހުން ހިއްކާ މުގުރައިގެން ތައްޔާރުކުރާ އެއްޗެކެވެ. އާއްމުކޮށް މީގައި މާ ބޮޑު ރަހައެއް ނުހުރެ އެވެ. އެހެންކަމުން ސްޓާ ފްރައިކޮށް ޓޮކްބޮއްކީ ހަދައިގެން މި ރައިސް ކޭކް ކައި އުޅެ އެވެ.
ޓޮކްބޮއްކީގައި ހާއްސަ ކަމަކީ އޭގައި ކޮރެއަން ޗިލީޕޭސްޓް 'ގޯޗުޖާން' ބޭނުންކޮށް އަދި ރައިސް ކޭކްތައް ކައްކަނީ ކޮރެއަން ސޫޕް ސްޓޮކްއެއްގައި ކަމުން ރަހަތައް ވަރަށް ބޮޑަށް ވަދެ ރަހަތައް ފުރިހަމަކޮށްފައި ވާތީ އެވެ.
4. ޓޫނާ ކިމްބަޕް
ކިމްބަޕްއަކީ ކޮރެއަން ކޫޒީންގައި ހިމެނޭ ބާވަތެެކެވެ. ބޮޑަށް ލުއިކާނާއެއް ނުވަތަ ސައިޑް ޑިޝެއްގެ ގޮތުގައި މި ބާވަތް ބޭނުންކުރެ އެވެ. މީގައި ހިމެނެނީ، ބަތުން ހަދާފައިވާ ރޯލްތަކެވެ. އެތެެރޭގައި ދަޅުމަހާއި ތަފާތު ބާވަތްތަކުގެ ތަރުކާރީ އަދި ބިސް ވެސް ހިމެނެ އެވެ. ތަރުކާރީ ގޮތުގައި ބޭނުންކުރަނީ، ކެރެޓް، ކިއުކަމްބާ، ވިނިގާ ލާފައިވާ ރޭޑިޝް، ބަތް، އަދި ސީވީޑް އެވެ.
މި ޑިޝް ގޭގައި ހަދާ ނަމަ އޮޅާލަން ކުޑަކޮށް އުނދަގޫވެދާނެ އެވެ. އޭގައި ވެސް ސިއްރުތަކެއް ހުރެ އެވެ. މިސާލަކަށް ހިހޫކޮށްފައިވާ ބަތް ބޭނުންކުރުން، މާ ބޮޑަށް ސީވިޑް ރެޕް ތެރެއަށް ބަތް ނޭޅުން، އަދި މަޑުމަޑުން އޮޅަމުން ދިއުމެވެ.
ކިމްބަޕް އެންމެ މީރީ އެ ތައްޔާރުކުރާ ދުވަހު ކެއުމުންނެވެ.
ކޮރެއާ ރެސްޓޯރަންޓަކަށް ދިޔަސް މިއީ ކޮން އެއްޗެއްކަން ނޭނގިގެން އުޅޭކަށް ނުޖެހޭނެ އެވެ. ދެން ޗޮޕްސްޓިކުން މި ރަހަތައް ކާން ދަސްކުރަންވީ އެވެ.
ކޮމެންޓް (1)
ހަމްކޮ