ޑިޕްރެޝަން، ހިތާމަ، ދެރަ
ތިއީ އެއްވެސް މީހެއް ނޫންކަން އިހްސާސް ކުރެވޭތަ؟
އަމިއްލަ ދިރިއުޅުމުގައި ތިއީ 'މެއިން ކެރެކްޓަރު' ނޫންކަން އިހްސާސް ކުރެވޭ ހެއްޔެވެ؟ ތިއީ ބަތަލުގެ ބަދަލުގައި ބެކްގްރައުންޑްގައި އުޅޭ މީހެއް ހެން އިހްސާސް ކުރެވޭ ހެއްޔެވެ؟
މިހެން މެދުވެރިވާން ޖެހެނީ، އަަބަދު އެހެން މީހުނަށްޓަކައި ނުވަތަ އެެހެން މީހުންގެ ކަންކަން ފުރިހަމަކޮށް، އެމީހުންނަށް ހިދުމަތް ކުރުމަށް ދިގު ރާސްތާއަކަށް ތިމާ ދާތީ އެވެ.
މިއީ ހަމައެކަނި ތިމާއަށް ކުރިމަތިވާ ކަމެއް ނޫނެވެ. އެތައް ބަަޔަކަށް މިކަން ކުރިމަތިވެ އެވެ. މިއީ އަމިއްލަ ނަފްސަށް އޮންނަ އިހްތިރާމް ކުޑަކަމުން ކުރިމަތިވާ ކަމެކެވެ. ބޮލުގައި އަަބަދު ރިއްސާ ގޮތަށް މިކަން ހަނދާނުގައި ހުރެ އެވެ.
މިކަން ތަޖުރިބާކުރާ ބައެއް މީހުން ކިޔައިދީފައިވާ ގޮތުން އެކީގައި މަސައްކަތް ކުރާ މާހައުލުގައި މިކަން މެދުވެރިވާ އެއް ގޮތަކީ ބޮސް އޮފީހުގައި އިންދައިގެން ގެންގުޅޭ ގަސްތައް އޭނާ ބަރާބަރަށް ފެންދީ ބަލަހައްޓާ ދޭ އިރު އެމީހަކީ އޭނާއާ މިޒާޖުގެ ގޮތުން ގުޅޭ މީހަކަށް ނުވުމެވެ. ކޮށްދޭ ކަންތައް އޭނާ ބަލައި ނުގަތުމެވެ.
އެހެން މީހަކު ތަޖުރިބާ ހިއްސާ ކުރަމުން ބުނީ ކުރީގެ ބައިވެރިޔާގެ އުފަން ދުވަސް ފާހަގަކުރުމަށް އޭނާ ބޮޑެތި ހޭދަކޮށް އުފާކޮށްދިނުމަށް މަސައްކަތް ކުރާ އިރު، ދުވަހަކު ވެސް ބައިވެރިޔާ އޭނާގެ މަސައްކަތް ފާހަގަކޮށް ޝުކުރުވެރިވެފައި ނުވުމެވެ.
އަމިއްލަ ނަފްސަށް އިހްތިރާމް ކުރުމަކީ ކޮބާ ހެއްޔެވެ؟
ދުބާއީގައި ދިރިއުޅޭ ސައިކޮލޮޖިސްޓެއް ކަމުގައިވާ ދޭވިކާ މަންކަނީ ބުނާ ގޮތުގައި އަމިއްލަ ނަފްސަށް އިހްތިރާމް ކުރުމަކީ އަމިއްލަ މީހާ އެމީހެއްގެ އަގުވަޒަން ކުރުމެވެ. ތިމާގެ އަގާއި ހެޔޮ ސިފަތައް ބަަލައިގަތުމެވެ.
އެންމެ ތިލަކޮށް ބުނާ ނަމަ އަމިއްލަ ނަފްސަށް ހައްގުވާ ލޯބި ދިނުމެވެ. މީގެ މާނައަކީ ހިތް ފުރެންދެން ބޭނުންހާ ކަމެއް ކުރުމެެއްް ވެސް ނޫނެވެ.
އަބޫދާބީގައި ސްޓްރެސް ސްޕެޝަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ އަޔޫޝީ ރަސްޓޯގީ ބުނާ ގޮތުގައި މީގެ ސީކްރެޓް ސޯސް އަކީ އަމިއްލައަށް ގަބޫލުކުރާ ވެލިއުސްތައް ހިފަހައްޓައިގެން ދިރިއުޅުމެވެ.
އަމިއްލަ މީހާއަށް މުހިއްމު ކަންކަން ކޮށްގެން އުޅޭ ނަމަ މީހާއަށް ތަފާތު ހިތްހަމަޖެހުމެއް ލިބެ އެވެ. އަދި އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވެސް ބޮޑުވެގެން ދެ އެވެ.
އަމިއްލަ ނަފްްސަށް އިހްތިރާމްކުރާ ނަމަ މީގެ މާނައަކީ ތިމާ އަމިއްލަ ނަފްސު ބަލައިގަތުމެވެ. އަމިއްލަ ނަފްސަށް އިހުތިރާމްކުރުން ރަނގަޅު މިންވަރަށް ހުރެއްޖެ ނަމަ، އޭގެ މާނައަކީ ތިމާގެ އަމިއްލަ ނަފްސާއި ދުނިޔޭގައި ތިމާގެ ޖާގައަކީ ކޮބާކަން އެނގޭނެ އެވެ.
މީހުންނާ ގުޅުމާއި ނިސްބަތްވުމަށް ލޯބިކުރާތީ، އަމިއްލަ ނަފްސު ގަބޫލުކުރުމަކީ އަހަރެމެންގެ ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު ކަމެކެވެ.
އަމިއްލަ ނަފްސަށް އިހްތިރާމް ނުކުރަނީ ކީއްވެ؟
އަމިއްލަ ނަފްސަށް އިހްތިރާމް ނުކުރުމަށް މެދުވެރިވާ ބައިވަރު ސަބަބު އެބަ ހުއްޓެވެ. އޭގެ ތެރޭގައި، ކުޑައިރު ދިމާވެފައިވާ އެކި ހާދިސާތައް، މީހުންގެ މަލާމާތް ރައްދުވުމާއި، ދަށްކޮށްލުން ފަދަ ކަންކަމާ ކުރިމަތިލައިފައި ހުރުމެވެ. މީގެ އިތުރުން ވެސް ހަޔާތުގައި ދިމާވާ ގޮންޖެހުން، ހިތްދަތި ކަންކަމުންނާއި ފެއިލްވާ ކަންކަމުން އަރައިގަންނަން ނޭނގުން ހިމެނެ އެވެ.
މި ކަހަަލަ ކަންކަން މެދުވެރިވީމާ އަމިއްލަ ނަފްސުގެ އަގެއް ނެތް ކަން ގަބޫލުކުރެވި ގޮތްހުސްވާ ގޮތް އިހްސާސް ކުރެވެ އެވެ.
މީގެ އިތުރުން، އަމިއްލަ ދިރިއުޅުމުގައި އެއްވެސް ކަހަލަ ކޮންޓްރޯލެއް ނެތް ކަމަށް އިހްސާސްވާ ނަމަ، އަމިއްލަ ނަފްސަށް އޮންނަ އިހްތިރާމް ކުޑަވެ އެވެ.
އަމިއްލަ ނަފްސާ ގުޅޭ ކަންކަމުގައި ބަސްބުނުމުގެ ހައްގު ގެއްލޭކަން އިހްސާސްވުން ނުވަތަ 'ލޮސް އޮފް އޭޖެންސީ' ގެ ސަބަބުން އަމިއްލަ ނަފްސަށް އޮންނަ އިހްތިރާމް ކުޑަވެ އެވެ.
އެހެންކަމުން އަމިއްލަ ނަފްސަށް ކުރާ އިހްތިރާމް ކުޑަވަނީ ކަންކަމުގައި އަމިއްލަ ބާރާއި އިހްތިޔާރު ނޯންނަ ނަމަ އެވެ. ހުރިހާ ކަމެއް އެހެން މީހުން ނިންމާ ނަމަ އެވެ. މިކަމުގެ ސަބަބުން ބަސް ބުނުމުގެ ހައްގު ގެއްލި ތަފާތެއް ގެނެވިދާނެ ކަން ގަބޫލު ނުކުރެވި ދެ އެވެ.
ތިމާގެ އަމަލުތަކުން އެއްވެސް ކަހަލަ ނަތީޖާއެއް ނުކިންނަ ކަން ގަބޫލުކުރާ ނަމަ ކަންކަމަކީ އިއްތިފާގުން ދިމާވާ ގޮތް ކަމަށް ނިންމާލާ އަމިއްލަ ނަފްސާ މެދު ހަމްދަރުދީ ވުމަށް ފަސޭހަވެ އެވެ.
މިގޮތަށް ވާ ނަމަ އަމިއްލައަށް ހޯދާ ކާމިޔާބީތަކާ މެދު ފަހުރުވެރިވުމަށް ފުރުސަތު ނުލިބެ އެވެ. މީހާގެ ތަރައްގީއަށް ހުރަސް އެޅެ އެވެ. އަދި އަމިއްލައަށް ހެދޭ ގޯސްތަކަށް ނުވަތަ ކުށްތަކަށް ޒިންމާދާރުވާން ނޭނގެ އެވެ.
އަމިއްލަ ނަފްސަށް އިހްތިރާމް ހޯދާނީ ކިހިނެއް؟
އަމިއްލަ ނަފްސަށް އިހްތިރާމް ހޯދާނީ އަމިއްލަ ނަފްސާ މެދު ފުންކޮށް ވިސްނައިގެންނެވެ. ތިމާގެ އަމިއްލަ ހުނަރާއި ގާބިލިއްޔަތަކީ ކޮބާތޯ ދަންނަން ވާނެ އެވެ. ތިމާގެ ހެޔޮ ސިފަތަކާއި، ތިމާގެ އަމިއްލަ އަގު އަދި ހަޔާތުގައި ލިބިފައިވާ ތަޖުރިބާތައް އެއީ ތިމާގެ އަމިއްލަ ނަފްސަށް އިހްތިރާމް ހޯދުމަށް ބިންގާ އަޅައިދޭނެ ކަންކަމެވެ.
މިގޮތަށް އަމިއްލަ ނަފްސާ މެދު ވިސްނުމުން ތިމާއަށް މިހާ ބޮޑަށް ދެނެގަނެވެ އެވެ. އަމިއްލަ މީހާގެ އަގު ބިނާވެފައިވަނީ ހަމައެކަނި ލިބިފައިވާ ކާމިޔާބަށް އަދި އެހެން މީހުން ތިމާއާ މެދު ދެކޭ ގޮތުގެ މައްޗަށް އެކަންޏެއް ނޫނެވެ.
އެއަށް ވުރެ ބޮޑަށް މިއީ ތިމާގެ އަމިއްލަ ނަފްސަށް ގަދަރު ކުރުމެވެ. އެ ނަފްސުގެ އަގުގެ ގޮތުގައި ތިމާ އަމިއްލަ ހިތުގެ އަޑިން ގަބޫލު ކުރުމެވެ.
އަމިއްލަ ނަފްސަށް ކުރާ އިހްތިރާމް ހޯދުމަށް ކުރެވިދާނެ ބައެއް ކަންކަން ހުރެ އެވެ.
ނިގޯޝިއޭޓް ނުކުރެވޭނެ ކަންތައްތަކެއް ބެހެއްޓުން
'ނޫނެކޭ' ބުނަން ބޭނުން ވިޔަސް 'އާނ' އެކޭ ބުނަން ހެއްޔެވެ؟ ތިމާ ބޭނުން ނޫނަސް ކަންކަން ކުރަނީ އެހެން މީހުން އެކަމެއް ތިމާ ނުކޮށްފި ނަމަ ކުށްވެރިވާ ކަހަލަ އިހްސާސެއް ކުރެވޭތީ ރުއްސުމަށެވެ.
އެކަމަކު ބައެއް ކަންކަމަކީ ނިގޯޝިއޭޓް ނުކުރެވޭ ކަންކަމުގެ ގޮތުގައި ހަދަންވީ އެވެ. މިއީ ތިމާގެ އަމިއްލަ ޒާތީ ކަންކަން ގޮތުގައި ހަދަންވީ އެވެ. އެހެން މީހުން ބަހައްޓަންވީ ވަކި ހައްދެއްގެ ތެރޭގައި އެވެ. ވަކި ހިސާބެއްގައި މީހުން ބެހެއްޓުމަކީ ތިމާގެ އަމިއްލަ ނަފްސް ރައްކާތެރިކޮށް އެ ނަފްސަށް އިހްތިރާމް ހޯދުމަށެވެ. މީގެން މި ދެނީ ސާފު މެސެޖެކެވެ. ތިމާގެ އަމިއްލަ ނަފްސާއި ވަގުތު އަގުވަަޒަން ކުރާ ކަމެވެ.
ބައެެއް މީހުންނަށް އެމީހުން ކުރަން ބޭނުން ނޫން ކަންކަން އާއިލާ، ރަހުމަތްތެރިން އަދި އޮފީސް މާހައުލުން ވެސް ކުރިމަތިވެ އެވެ. މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން މީހާ ވަރުބަލިކޮށްލަ އެވެ. މިފަދަ މީހުންނާ އެކީގައި އުޅޭ އިރު ހުށިޔާރުވާންވީ އެވެ. ދަންނަންވީ މިއީ އިމޯޝަނަލް މެނިޕިއުލޭޝަން ކަމެވެ.
ބައެއް މީހުންނަށް ނޫނެކޭ ބުނުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި ނޫނެކޭ ބުނަން ދަސްކުރުމަށް އަހަރުތަކެއް ހޭދަ ކުރަން ޖެހެ އެވެ. އެކަމަކު އާނއެކޭ ބުނެފައި އެކަމެއް ނުވެގެން ނުވަތަ ނުކޮށްދެވިގެން އުޅުމުގެ ބަދަލުގައި ފުރަތަމަނވެސް ނޫނެކޭ ބުނުން މާ ރަނގަޅެވެ.
މިއީ ނިގޯޝިއޭޓް ނުކޮށް ދޫކޮށްލުމުގެ ބާރެވެ. މިއީ ތިމާގެ އަމިއްލަ ނަފްސަށްޓަކައި ދޫ ނުކޮށްލެވޭނެ އަސާސީ ކަންކަމެވެ. މީގެ ތެރޭގައި ނިދުން، ކެއުމުގައި ގެންގުޅޭ ދުޅަހެޔޮ އާދަތައް، މަސައްކަތުގައި ހޭދަކުރާނެ ވަގުތު އަދި ހުސް ވަގުތު ހޭދަކުރާނެ ގޮތް ކަހަލަ ކަންކަން ހިމެނެ އެވެ. މިފަދަ ކަންކަމުގައި ނިގޯޝިއޭޓް ނުކުރާ ނަމަ މީހާ ބާރުވެރިކޮށްދެ އެވެ.
ތިމާގެ ހަކަތަ ހޭދަވާ ކަންކަން ހޯދާށެވެ. ތިމާގެ ބޭނުންތަކަކީ ކޮބާތޯ ބަލާށެވެ. އަދި މި ބޭނުންތައް ދެނެގަނެވިއްޖެ ނަމަ ހައްދުތައް ކަނޑައަޅާ އެހެން މީހުން ބަހައްޓަންވީ ކިހާ ހިސާބުކަން ކަނޑައެޅުމަަށް ފަސޭހަ އެވެ.
ތެދުވެރިވުން
އަމިއްލަ ނަފްސަށް އިހްތިރާމްކުރާ ގޮތުން ކުރެވިދާނެ އެންމެ މުހިއްމު އެއް ކަމަކީ ތިމާ ގަބޫލުކުރާ ކަންތައްތައް އަދި ތިމާގެ އަމަލުތައް އެއްގޮތަކަށް ބެހެއްޓުމެވެ. މި ދެ ކަން ދިމާވާން ޖެެހެ އެވެ.
މީގެ މާނައަކީ އަމިއްލައަށް މާ ރަނގަޅުވުމެއް ވެސް ނޫނެވެ. ތިމާގެ އަމިއްލަ ބަލިފައިތައް ވެސް އެއީ ތެދުކަން ބަލައިގަންނާށެވެ. މަގުސަދަކީ މީހާގެ އޮތެންޓިކް ސެލްފް ހޯދުމެވެ.
މިގޮތަށް އަމަލު ކުރާ ނަމަ ތިމާއާ އެއްގޮތް ވިސްނުން ހުންނަ މީހުންނާ ގުޅުން ބަދަހިވެ އެވެ.
އަމިއްލަ ނަފްސަށް އޯގާތެރިވުން
އަމިއްލަ ނަފްސަށް އިހްތިރާމް ކުރުމުގެ ގޮތުން، އަމިއްލަ ނަފްސާ ދޭތެރޭ ނެގެޓިވްކޮށް ވިސްނާ ވާހަކަ ދެއްކުން ދޫކޮށްލާށެވެ. ތިމާ އެހެން މީހުންނަށް ބަހައްޓާ އޯގާތެރިކަން އަމިއްލަ ނަފްސާ މެދު ގެންގުޅޭށެވެ. ކުދިކުދި ކަންކަމުގައި އަމިއްލަ ނަފްސު ކުށްވެރި ކުރުމުގެ ބަދަލުގައި އަމިއްލަ އުނި ކަންކަން ބަލައިގަންނަން ދަންނާށެވެ.
މީގެ އިތުރުން ވެސް ކުރެވިދާނެ އެހެން ކަން ކަން އެބަހުރި އެވެ.
އަމިއްލަ އަށް ގަބޫލުކުރާ ކަންކަމާއި ހިތް ރުހޭ ކަންކަން ކުރާށެވެ. މީގެ ސަބަބުން އަމިއްލަ ނަފްސް އުފާ ލިބޭނެ އެވެ. އަދި ތިމާގެ މަގްސަދާއި ތިމާގެ ގާބިލުކަންކަން އަމިއްލަ އަށް ދެނެގަންނަން ފަސޭހަވެ އެވެ.
މީހާއަށް ލިބޭ ކުދިކުދި މޮޅު ފާހަގަކުރާށެވެ. ކުދިކުދި ކުރިއެރުން ފާހަގަކުރުމަކީ މީހާ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެ، ތިމާގެ ހުނަރާއި ގާބިލުކަން ޔަގީންކޮށްދޭ ކަމެކެވެ.
ތިމާ ވަށައިގެންވާ މީހުންނަކީ ވެސް ތިމާ ގަބޫލުކުރާ ކަންކަމަށް ހިތްވަރުދޭ، އަދި ތިމާއަށް ސަޕޯޓްކުރާ މީހުންގެ ގޮތުގައި ހަދާށެވެ. އިޖްތިމާއީ ގޮތުން ގުޅުން ބަދަހިކުރާ މީހުންނަކީ ތިމާއާ އެއްގޮތް ހިޔާލު ހުންނަ ހުންނަ ބައެއް ނަމަ، އަދި ތިމާއަށް ކަންކަމުގައި ހިތްވަރުދީ އެއްބާރުލުން ދޭ މީހުން ނަމަ ތިމާގެ އަމިއްލަ ނަފްސަށް އިހްތިރާމް ކުރުމަށް ފަސޭހަވެ އެވެ.
ކޮމެންޓް (1)
ހަމްކޮ