އެމެރިކާގެ ސްނޯބޯޑިން ޓީމް 2010ގެ އޮލިމްޕިކްސްގައި ބޭނުންކުރި ޔުނިފޯމް

ފެޝަން

ތާރީހުގެ ތެރެއިން އޮލިމްޕިކްސްގެ އާދަޔާހިލާފު ފެޝަން

ރަން ބޫޓުން ފެށިގެން ލޯގޯ ޖެހި ކޮންޓެކްޓް ލެންސް ފަދަ ތަފާތު ކަންކަން އޮލިމްޕިކްސް އިން ފެނިފައިވޭ. އެއީ ކުޅިވަރުގެ އިތުރުން ފެޝަންގެ ޒަރިއްޔާއިން ވެސް ތަފާތު ޕާފޯމަންސްތަކެއް ދައްކާލާ އިވެންޓެއް
11 އޯގަސްޓު 2024

މިފަހަރު އޮލިމްޕިކްސްގައި އާދަޔާހިލާފު އަދި ހައިރާންވި ގިނަ ކަންތައްތަކެއް ހިނގާފައިވާއިރު ދެން އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ފެޝަންއަށެވެ. އެކަމަކު މިއީ ހައިރާންވާ ވަރުގެ ކަމެއް ނޫނެވެ. ދުނިޔޭގެ އެއް ފެޝަން ކެޕިޓަލް ކަމަށްވާ ޕެރިހުގައި ބާއްވާ މި އޮލިމްޕިކްސް އަކީ ލަގްޒަރީ ވިޔަފާރި އެލްވީއެމްއެޗް އިން ސްޕޮންސާކޮށްފައިވާ މުބާރާތެއް ވެސް މެ އެވެ. 

ޒަމާނުއްސުރެ އޮލިމްޕިކްސް އަކީ ކުޅިވަރުގެ ރޫހު ދައްކުވައިދޭ އިވެންޓެއް އެކަންޏެއް ނޫނެވެ. އެކި ގައުމުތަކުން ނެރޭ ކުޅިވަރުގެ އެންމެ އަލިގަދަ ތަރިން އެ މީހުންގެ ފެންވަރު ހެދުމާއި އެކްސެސަރީޒްގެ ޒަރިއްޔާއިން ވެސް ދައްކާލާ ބޮޑު ޕްލެޓްފޯމެއް ވެސް މެ އެވެ.

މިފަހަރު ތާރީހުގެ ތެރެއިން އެންމެ އާދަޔާހިލާފު އަދި ތަފާތު ފެޝަންތަކަށް ބަލައިލަމާހެވެ.

މައިކަލް ޖޮންސަންގެ ރަން ބޫޓު

މައިކަލް ޖޮންސަން ރަން ބޫޓުގައި

މައިކަލް ޖޯންސަން އަކީ އޮލިމްޕިކްސްގެ އެއް މުބާރާތެއްގައި 200 މީޓަރާއި 400 މީޓަރު ދުވުމުގެ އިވެންޓް ކާމިޔާބުކުރި ހަމައެކަނި ފިރިހެން އެތުލީޓެވެ. އަދި 2000 ވަނަ އަހަރު ސިޑްނީގައި ބޭއްވި އޮލިމްޕިކްސްގައި ޖޯންސަން ވަނީ 400 މީޓަރު ދުވުމުން އޮލިމްޕިކްގެ އެއްވަނަ ދިފާއުކުރި ހަމައެކަނި އެތުލީޓުގެ މަގާމު ވެސް ހޯދާފަ އެވެ.

އެމެރިކާގެ މަޝްހޫރު ދުވުންތެރިއާ މައިކަލް ޖޮންސަން 1996ގެ އޮލިމްޕިކްސްގައި ރަން ބޫޓެއްގައި

ޖޯންސަން 1996 ވަނަ އަހަރުގެ އެޓްލާންޓާ އޮލިމްޕިކްސްއަށް ތައްޔާރުވުމުގެ ގޮތުން ބޭނުންވީ ނައިކީ ބޫޓެއް ރަން ކުލައިން ފަރުމާކުރާށެވެ. އެ ބޫޓު ފަރުމާކުރުމުގައި އޭރުގެ ދުނިޔޭގެ އެންމެ ބާރު އެއް ދުވުންތެރިޔާގެ ނުފޫޒު ގަދަ އެވެ. އޭނާ ބޭނުންވީ އޭގެ ކުލަ ރަން ކުލައަށް ބަދަލު ކުރާކަށް އެކަންޏެއް ނޫނެވެ. ލުއި އަދި ހަރުދަނާ ޑިޒައިނެއް އީޖާދު ކުރަން ގާތުން ބަލަމުން ދިޔަ އެވެ. 

ކެތީ ފްރީމަންގެ ނައިކީ ސްވިފްޓް ސޫޓު

ކެތީ ފްރީމަންގެ ނައިކީ ސްވިފްޓް ސޫޓު

ކެތަރިން ފްރީމަން އަކީ 400 މީޓަރަށް ހާއްސަ އޮސްޓްރޭލިއާގެ ދުވުންތެރިއެކެވެ. ކެތީގެ ތަފާތު 'ފިއުޗަރިސްޓިކް ސްޕޭސް ސޫޓު' ވަނީ ދުނިޔޭގެ ސަމާލުކަން އޭރު ހޯދާފަ އެވެ.

ނައިކީގެ 'ސްވިފްޓް ސޫޓް' ވުޖޫދަށް އައީ އިނގިރޭސި އަސްކަރިއްޔާގެ ބޮޑީ އާމާގެ މަސައްކަތް ކުރަމުން ދިޔަ އިނގިރޭސިވިލާތުގެ އެޑީ ހާބަރަށް ނައިކީގެ އަލަށް އުފެއްދި އިނޮވޭޝަން ޑިޕާޓްމަންޓުން ގުޅައި އެ މީހުންގެ އެތުލީޓުންނަށް ހާއްސަ ސޫޓެއް ގެނެސްދިނުމަށް އެދުމުންނެވެ.

ނައިކީއިން 1996 ވަނަ އަހަރު މި މަސައްކަތް ކުރިއަށް ގެންދިޔައީ ދުވުންތެރިއަކަށް އެކި ވައްތަރުގެ ފޭރާން އެޅުމުން 'އެރޯޑައިނަމިކް ޑްރޭގް' ކުޑަވެދާނެ ކަމަށް ދެކޭ ވިސްނުން ދިރާސާކޮށް، ސިޑްނީ އޮލިމްޕިކްސް އަކީ އެކަން ދައްކާލަން ބޭނުންކުރާނެ ބޮޑު ޕްލެޓްފޯމަކަށް ވާނެ ކަމަށް ބެލެވިގެންނެވެ. މިއީ އެ ޒަމާނުގައި މުޅިން އާ ހިޔާލެކެވެ. ހާބާ ބުނިގޮތުގައި މި ސޫޓު ތައްޔާރުކުރަން އެތައް ދިރާސާއެއް ކުރި އެވެ. އަދި ގައިގެ އެކި ހިސާބުތަކަށް އެކި ވައްތަރުގެ ފޮތި ބޭނުން ކުރުމުގެ ސަބަބުން 'އެރޯޑައިނަމިކް ޑްރޭގް' 5-10 އިންސައްތަ ކުޑަވިކަމަށް ބުނެފައިވެ އެވެ.

އަޓޯ ބޯލްޑަންގެ އާދަޔާހިލާފު އަވިއައިނު

އަޓޯ ބޯލްޑަންގެ އާދަޔާހިލާފު އަވިއައިނު

އިންސްޓަގްރާމްގައި މިހާރު އެތައް ފަހަރެއްގެ މަތިން ދައުރުވެ ފެނިފައިވާ މި މަންޒަރަކީ އޮލިމްޕިކްސްގެ ވަރަށް ތާރީހީ ފޮޓޯއެކެވެ.

އާދަޔާހިލާފު ސްޓައިލްއަކަށް ފަރުމާކޮށްފައިވާ މި އަވިއައިނަކީ އެތުލީޓު އަޓޯ ބޯލްޑަން 2000 ވަނަ އަހަރުގެ ސިޑްނީ އޮލިމްޕިކްސްގައި ވާދަކުރި އިރު އެޅި އޯކްލޭ ބްރޭންޑުގެ އައިނެކެވެ. ޓްރިނިޑާޑްއަށް ނިސްބަތްވާ އަޓޯގެ މި އައިނަކީ އޯކްލޭގެ 'އޯވާ ދަ ޓޮޕްސް' ސްޓައިލު ރޭންޖުގެ އައިނެކެވެ.

އޯކްލޭއިން އޭރު ނެރުނު 'ޑިސްރަޕްޓިވް ޝޭޑްސް'ގެ ޑިޒައިންތަކަކީ އަދިއަދަށްދާންދެން ވެސް އެންމެ ތަފާތު އައިނު ޑިޒައިނުތަކުގެ ތެރޭގައި ހިމެނޭ ވައްތަރުތަކެކެވެ.

ލިންފޯޑް ކްރިސްޓީގެ ތަފާތު ކޮންޓެކްޓް ލެންސް

ލިންފޯޑް ކްރިސްޓީ ޕޫމާގެ ލޯގޯ ފެންނަ ކޮންޓެކްޓް ލެންސް ދައްކާލަނީ

އޮލިމްޕިކް ރަން މެޑަލް ހޯދާފައިވާ ދުވުންތެރިޔާ ލިންފޯޑް ކްރިސްޓީ، 1996 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވީ ޕޫމާ ލޯގޯ ޖަހާފައިވާ ނޫކުލައިގެ ކޮންޓެކްޓް ލެންސް ލައްވައިގެންނެވެ. އެ އަހަރުގެ އޮލިމްޕިކްސްގެ 'އެކްސްކުލޫސިވް' ސްޕޮންސަ ރީބޮކްއިން އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ. މި އެއްބަސްވުމުގެ ސަބަބުން ޕޫމާ ބްރޭންޑިން އިވެންޓްގައި ފެންނަން އޮތް އެންމެ ހަނި ފުރުސަތަށް ވެސް ހުރަސް އެޅި އެވެ.

ޕޫމާ އެންޑޯޒްކޮށްފައިވާ ކްރިސްޓީ އޭނާގެ ޕޫމާ ޓެޓޫ ފޮރުވުމަށް އެއްބަސްވެ ސޮއިކުރަން ކުރިން އޮތީ އަންގާފަ އެވެ. ކްރިސްޓީ ޕޫމާއަށް އޮތް ވަފާތެރިކަމުގެ ސަބަބުން ޕްރެސް ކޮންފަރެންސްގައި ޕޫމާ ކޮންޓެކްޓް ލެންސް ދައްކާލުމުން މުޅި ދުނިޔެ ހައިރާންވި އެވެ. ނަމަވެސް އޮފިޝަލުންނަށް މަޖުބޫރުވީ އެ ލެންސްތައް އެ އިވެންޓުގައި ބޭނުންކުރުން ހުއްޓުވުމަށެވެ.

ލިތުއޭނިއާގެ ބާސްކެޓްބޯޅަ ޓީމްގެ ޓައިޑައި ޔުނިފޯމް

ލިތުއޭނިއާގެ ބާސްކެޓްބޯޅަ ޓީމްގެ ޔުނިފޯމް

ލިތުއޭނިއާގެ ބާސްކެޓްބޯޅަ ޓީމަށް 1992ގެ ބާސެލޯނާ އޮލިމްޕިކްސްގައި ރަން މެޑަލް ނުލިބުނަސް، އެ މީހުންގެ ކުލަގަދަ ޔުނިފޯމްއަށް ވަނީ އޭރު އެތައް ބައެއްގެ ތައުރީފު ލިބިފަ އެވެ. ރަތާއި ފެއްސާއި ރީނދޫ ކުލައިން ޓައިޑައި ސްޓައިލްއަށް ތައްޔާރުކޮށްފައިވާ ޖާޒީ އާއި ސޯޓަކީ އެ ޒަމާނުގެ މަގުބޫލު ޓްރެންޑެއް ރަމްޒުކޮށްދޭ ނިޝާނެކެވެ.

އެމެރިކާގެ މަޝްހޫރު ރޮކް ބޭންޑު ދަ ޑެޑް ގްރޭޓްފުލް ވަނީ ޓީމުގެ ޔުނިފޯމްތަކަށް އެއްބައި ފަންޑު ކޮށްފަ އެވެ.

އެމެރިކާގެ ސްނޯބޯޑިން ޓީމްގެ ޔުނިފޯމް

އެމެރިކާގެ ސްނޯބޯޑިން ޓީމް 2010ގައި ބޭނުންކުރި ޔުނިފޯމް

ގޮޅިޖެހި ގަމީހާއި ފޭޑު ޖިންސު ލައިގެން ތިބި ޓީމެކޭ ބުނީމާ، މި ދައްކަނީ ޖީއެން ސައިކަލު ދުއްވާ ދިވެހި ޒުވާނުންގެ ވާހަކައޭ ހީވެދާނެ އެވެ. އެކަމަކު މިއީ އެމެރިކާގެ ސްނޯބޯޑިން ޕްރޮފެޝަނަލް އެތުލީޓުން، 2010ގައި ވެންކޫވާގައި ބޭއްވި އޮލިމްޕިކް ގޭމްސްއަށް ލައިގެން ތިބި ޔުނިފޯމެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ބާޓަންއިން މި ސްޓައިލުގެ ޔުނިފޯމް ފަރުމާ ކުރީ ސްނޯބޯޑިންގެ 'ކައުންޓާކަލްޗާ'ގެ ރޫހުގަ އެވެ. ބޯޑްސްޕޯޓްސްގެ ރޫހަކީ އެ މީހެއްގެ އަމިއްލަ ތަފާތު ސްޓައިލެއް ވެސް ދައްކާލުން ކަމަށް އެ ކުންފުނީގެ ކްރިއޭޓިވް ޑިރެކްޓަރު ގްރެގް ޑަޝީން ބުންޏެވެ.

އެޑް މޯސަސްގެ އަވިއައިނު

އެމެރިކާގެ އެތުލީޓު އެޑް މޯސަސް

އެޑްވިން ކޯލީ މޯސަސް އަކީ އެމެރިކާގެ އެންމެ ގަދަ އެތުލީޓުންގެ ލިސްޓުގައި ހިމެނޭ ލެޖެންޑެކެވެ. އޭނާ 1988 ވަނަ އަހަރުގެ ސޯލް އޮލިމްޕިކްސްގައި ދައްކާލި ވިދާ އެވިއޭޓަރު އައިނަކީ އަވިއައިނަކަށް ކުލަ ބަދަލުވާ ނަމްބަރު އައިނެކެވެ. 

މޯސަސް ވަނީ ރަން ޗޭނަކާއި ރިހި އަނގޮޓިއެއް އަދި ތަނޑެއް ވެސް އެ އިވެންޓާ ގުޅުވާލައިގެން ބޭނުންކޮށްފަ އެވެ. އޭނާގެ ލުކްގެ އިތުރުން ފުރިހަމަ ހުނަރާއި ހިތްވަރު ވެސް ވަނީ ފާހަގަ ވެފަ އެވެ.

ރަޔަން ލޮކްޓޭގެ ގްރިލްސް

އެމެރިކާގެ ފެތުންތެރިޔާ ރަޔަން ލޮކްޓޭ

އެމެރިކާގެ މަޝްހޫރު ފެތުންތެރިޔާ ރަޔަން ލޮކްޓޭ ވަނީ 12 ފަހަރު އޮލިމްޕިކްސް ގޭމްސްގައި ވާދަ ކޮށްގެން ވަނަ ހޯދާފަ އެވެ. އޭނާގެ ފެތުމުގެ ކުޅަދާނަކަމާއި ތަފާތު ސްޓައިލްއަށް ވެސް ވަނީ މަގުބޫލުކަން ލިބިފަ އެވެ.

ލޮކްޓޭ 2012ގައި ލަންޑަން އޮލިމްޕިކްސްގައި ހޯދި ރަން މެޑަލް ބަލާ ޕޯޑިއަމްއަށް އެރީ 25,000 ޑޮލަރުގެ ގްރިލްއެއް ދަތްޕިލައިގައި ހަރުކޮށްގެނެވެ. އޭގައި ވަނީ އެމެރިކާގެ ދިދައިގައި ހިމެނޭ ރޮނގާއި ތަރި ޖަހާފަ އެވެ. ލޮކްޓޭ މި ސްޓަންޓަށް ގިނަ ބައެއްގެ ފާޑުކިއުމާއި ތައުރީފު ލިބުނެވެ. އަދި އޮލިމްޕިކްސްގެ ފެޝަން ތާރީހުގެ ތެރެއިން އެންމެ ތަފާތު އެއް ފެޝަންގެ ގޮތުގައި ވެސް ފާހަގަވި އެެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް