
ފަލަސްތީނުގެ ކަފިއްޔާ އިން ރަމްޒުކޮށްދޭ މާނަތައް ފުން (ފޮޓޯ/ އިޖިޕްޝަން ސްޓްރީޓްސް)
ކަފިއްޔާ: ކޮންމެ ދިވެއްސެއްގެ އަތުގައި މިހާރު އޮންނަ މި ޝޯލްގެ ތާރީހާއި މުހިއްމުކަން
ކަފިއްޔާ އަކީ އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުން ފަލަސްތީނު މީހުންނަށާއި އަރަބީންނަށް ހިތްހަމަޖެހުމެއް ފޯރުކޮށްދޭ ގަދަރު ބޮޑު ޝޯލްއެކެވެ. މިދިޔަ މަހު އިޒްރޭލުން ފަލަސްތީނަށް ދޭން ފެށި ލާއިންސާނީ ހަމަލާތައް ކުށްވެރިކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން އެއްވާން ފެށީ ފަލަސްތީނާ އެއްބައިވެ ތިބިކަން ދައްކައި ކަފިއްޔާ އަޅައިގެން ތިބެ އެވެ.
އެކަމަކު ކަފިއްޔާއަކީ ކޮން ތާކުން އައި އެއްޗެއް ހެއްޔެވެ؟ ކުފިއްޔާ، ގުތުރާ، ޝެމާގް، ހައްތާ ނުވަތަ ޝަފިއްޔެގެ ނަމުން ވެސް މަޝްހޫރު ވެފައިވާ މި ފޮތިކޮޅަކީ އެތައް ހާސް އަހަރެއްގެ ތާރީހެއް އެކުލެވޭ ޝޯލެކެވެ.
ކަފިއްޔާ އުފެދުނީ ކިހިނެއް؟
މިޒަމާނުގައި ފެޝަނަބަލް އެކްސެސަރީއެއް ގޮތުގައި ގިނަ ބަޔަކު އަޅާ ކަފިއްޔާއަކީ ފުން މާނަތަކެއް އެކުލެވޭ އެއްޗެކެވެ.
މީލާދީން 3100 ވަނަ އަހަރު މެސޮޕޮޓޭމިއާގެ ސުމޭރިއަން ފާދިރީންގެ ދުވަސްވަރު، މުޖުތަމައުގައި ޝަރަފާއި ދަރަޖަ ވަކިކުރުމަށްޓަކައި ކަފިއްޔާއެއް އަޅާ އުޅުނެވެ. 'ކަފިއްޔާ' މި ލަފުޒު އުފެދިފައިވަނީ އިރާގުގެ ކުފާ ސަރަހައްދުން ކަމަށް ބެލެވެ އެވެ. 'ކުފާ'ގެ މާނައަކީ ކުފާ ސިޓީ އިން އައުމެވެ.
މެދު އިރުމަތީގެ އެކި ކަންކޮޅުތަކަށް ކަފިއްޔާގެ ވައްތަރުތައް ފެތުރިގެން ދިޔައީ ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ ސަރަހައްދަށް ތަފާތު ވައްޓަފާޅިއަކާއި ސްޓައިލެއްގަ އެވެ. ނަމަވެސް 1930ގެ އަހަރުތަކުގެ ކުރިން ކަފިއްޔާއަކީ ހޫނު އަތްވާއި ވެލީގެ ތޫފާންތަކުން ރައްކާތެރިވުމަށް ދަތުރުކުރާ ބަދަވީންގެ ގަބީލާތަކާއި ފަލަސްތީނުގެ ދަނޑުވެރިން ވެސް ބޭނުންކުރާ އެއްޗެކެވެ.

އޭގައިވާ ކުލަތަކާއި ބައިތަކުގައި ވަކި މާނައެއް ވޭތަ؟
އާއްމުކޮށް ކަފިއްޔާއެއް ފެންނަނީ ރަތާއި ކަޅު ކުލައިންނެވެ. ރަތް ކަފިއްޔާއަކީ ދެކުނު އަރަބި ޕެނިންސިއުލާގެ ގިނަ ސަރަހައްދުތަކަށް ނިސްބަތްވާ އަދި އުރުދުން އާއި އިރާގާއި ގަލްފުގެ ސަރަހައްދުތަކުގައި ވެސް މަގުބޫލު ސަގާފީ ކުލައެކެވެ. އޭރު ބަދަވީންގެ މީހުން ލައިގެން އުޅުނު ކުލަތައް ނަގާފައި ވަނީ ރަތް ކުލައިގެ އަރަބި ފަރުބަދަތަކާއި ކަޅު ކުލައިންނެވެ.

ކަފިއްޔާގައި އަޅާފައިވާ ކުރެހުންތަކުގައި ވެސް ފުން މާނައެއް ވެ އެވެ. އޭގެ މައިގަނޑު ތިން ބަޔަށް ބަލާލާ އިރު:
-
ދާ (ފިޝްނެޓް) - މިއިން ރަމްޒުކޮށްދެނީ ފަލަސްތީނުގެ މަސްވެރިންނާއި ކަނޑާ ދެމެދު އޮތް ގުޅުމެވެ. މަސްވެރިކަމަކީ ފަލަސްތީނުގެ ދިރިއުޅުމާއި ވިޔަފާރީގެ ވަރަށް ބޮޑު ބައެކެވެ. މައިގަނޑު ގޮތެއްގައި ހައިފާ އާއި ޔައްފާގައި ވަކިން ހާއްސަކޮށް މި މަސައްކަތް ކުރެ އެވެ. އެއީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނާއި ގޮނޑުދޮށް ސަރަހައްދަށް ދިއުމުގެ ފުރުސަތު ނެތް ރައްޔިތުންނަށް ރަމްޒުކޮށް ދޭ ހިތްވަރެކެވެ.
-
ރާޅު - ކަނޑުގެ ރާޅުތަކުން ރަމްޒުކޮށްދެނީ 1948 ވަނަ އަހަރުން ފެށިގެން އަސްކަރީ ބާރުގެ ދަށުގައި ތިބި ފަލަސްތީނުގެ މުޖުތަމައުތަކުގެ ހަރުދަނާކަމެވެ. ބައެއް ފަރާތްތަކުން މި ބައްޓަން ޒައިތޫނި ގަހުގެ ގޮފިތަކުގެ ގޮތުގައި މާނަކުރެ އެވެ. ފަލަސްތީނުގައި ޒައިތޫނި ގަހަކީ ސަގާފީ ގޮތުން ބެލިއަސް އެތައް ޒަމާނެއްވީ މުހިއްމު އެއްޗެކެވެ. އަދި އެއިން އެތައް ކަމެއް ރަމްޒު ކޮށްދެ އެވެ.
-
ގަދަ ރޮނގުތައް - ފަލަސްތީނުގެ ތާރީހާއި މުއްސަނދިކަމާއި ތަފާތު ސަގާފަތް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރި ވިޔަފާރީގެ މަގުތައް ކަފިއްޔާގެ ގަދަ ރޮނގުތަކުން ރަމްޒުކޮށްދެ އެވެ.


ފަލަސްތީނުގައި ކަފިއްޔާ މަގުބޫލުވީ ކިހިނެއް؟
ފަލަސްތީން އިނގިރޭސީންގެ 'މެންޑޭޓް'ގެ ދަށުން ސަލާމަތް ކުރުމަށް 1936-1939ގައި ތެދުވި ފަލަސްތީނުގެ ހަނގުރާމަވެރިންގެ މެދުގައި ކަޅާއި ހުދުގެ ކަފިއްޔާގެ މަގުބޫލުކަން އިތުރުވި އެވެ. ހައްޔަރުން ސަލާމަތްވުމަށްޓަކައި އެމީހުންގެ ސިފަ ފޮރުވަން މޫނުގައި ކަފިއްޔާ އެއްސި އެވެ. އެކަމުގެ ސަބަބުން، އިނގިރޭސީންގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަފިއްޔާ މަނާކޮށްފަ އެވެ. މިކަމާ ދެކޮޅަށް، ފަލަސްތީނުގެ ހުރިހާ ރައްޔިތުން، ހަނގުރާމަވެރިން ދެނެގަންނަން ދަތިކުރުމަށްޓަކައި، ކަފިއްޔާ އަޅަން ފެށި އެވެ.

ފަލަސްތީނުގެ އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުގައި ކަފިއްޔާގެ ގަދަރު އިތުރަށް އުފުލިގެން އައީ 1960ގެ އަހަރުތަކުގައި ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތުގެ ސަބަބުންނެވެ. އަރަފާތު އަބަދުވެސް އުޅުއްވީ ކަފިއްޔާއެއް ވަރަށް ފަރުވާތެރިކަމާ އެކު އިސްތަށިފުޅުގައި އަޅުއްވައިގެންނެވެ. ބުނެވޭގޮތުގައި އަރަފާތު ކަފިއްޔާ އައްސަވާފައި ހުންނަނީ 1948ގެ ކުރިން ފަލަސްތީނު އޮތް ގޮތުގެ ޗާޓާ އެއްގޮތަށެވެ.
އަންނަން އޮތް ޖީލުތަކަށް ކަފިއްޔާގެ މުހިއްމުކަން ހިމާޔަތް ކުރުން
ފެޝަންގައި ކަފިއްޔާއަކީ ފުރުސަތާއި ގޮންޖެހުންތައް ރަމްޒުކޮށްދޭ ނިޝާނެކެވެ. އެކި މީހުންނަށް ހިތްވަރަކަށް ވެފައިވާ މި ޝޯލް ވިޔަފާރި މުދަލަކަށް ހެދުމާ މެދު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ ކަފިއްޔާއަކީ ފެޝަން އެކްސެސަރީއަކަށް ބަދަލުކުރުމުން، ފަލަސްތީނުގެ އެއްބައިވަންތަކަމުގެ ވަރުގަދަ މެސެޖް ގެއްލިގެން ދާނެ ކަމަށެވެ. ފެޝަންގައި ކަފިއްޔާގެ ބޭނުންހިފުން ރަނގަޅު ގޮތަކީ އޭގެ ސަގާފީ މުހިންމުކަމަށް އިހުލާސްތެރިކަމާއި އިހުތިރާމާ އެކު ގެންގުޅުމެވެ.
މި ޒަމާނުގެ ކަފިއްޔާއަށް ވަނީ އެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެންމެ ބޮޑު އެއް ހުރަހަކީ ފަލަސްތީނުގައި ސަގާފީ ގޮތަށް ތައްޔާރު ކުރާ ކަފިއްޔާ އުފައްދާ މިންވަރު ދަށްވުމެވެ. މި ސަރަހައްދުގައި ބާކީ ހުރި އެންމެ ފަހު ކަފިއްޔާ ފެކްޓްރީ ކަމަށްވާ އަލް-ހަލީލްގައި (ހިބްރޫން) ހުންނަ ހިރްބަވީ ފެކްޓްރީގެ މަސައްކަތްތައް ދެމެހެއްޓުމަށް އިގްތިސާދީ އަދި ސިޔާސީ އެކި ސަބަބުތަކާ ހުރެ ވަނީ ދަތިވެފަ އެވެ.
ގޮންޖެހުންތައް ހުރި ނަމަވެސް، ކަފިއްޔާގެ އާދަކާދަ ދެމެހެއްޓުމަށާއި އެ އުފައްދާ ފަންނުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަކީ، މި ހައިބަތުހުރި ނިޝާން އޭގެ އަސްލުގައި ދެމިއޮތުމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ހިތްވަރުދީ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މުހިއްމު މަސައްކަތަކެވެ.
ކަފިއްޔާ އަކީ ހަމައެކަނި ފޮތިގަނޑެއް ނޫނެވެ. އެއީ އިންސާފާއި މިނިވަންކަމަށް މަސައްކަތްކުރާ މީހުންގެ އުންމީދާއި ހިތްވަރުގަދަކަމާއި ސާބިތުކަމުގެ ރޫހު ރަމްޒުކޮށްދޭ ނިޝާނެކެވެ.
ކޮމެންޓް (1)
ޙަމަން