ޓީއެފްޖީ އިން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް ލޯންގް ރަންގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައި
ސަޅިކޮށް އަހަރު ނިންމާލަން ޓީއެފްޖީގެ ލޯންގް ރަންގައި ބައިވެރިވެލާ
މުހިންމު ނުކުތާތައް
މިފަހަރު ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއަށް
ރޭހުގައި ގިނަ ކެޓަގަރީތަކެއް ހިމެނޭ އަދި ކޮންމެ ކެޓަގަރީއަކުން އަންހެން ފިރިހެން ވަކިން ވަނަތައް ހޮވާ
ކުންފުނިތަކުން މުވައްޒަފުން ބައިވެރި ކުރުމަށް ހާއްސަ ޕެކޭޖުތަކެއް ވަނީ ހުޅުވާލާފައި
އަހަރު ނިމެން ކައިރި ވަނީ އެވެ. ބާކީ އޮތީ އެންމެ މަހެކެވެ. މި އަހަރު ނިމުމުގެ ކުރިން ކަމެއް ހާސިލްވެއްޖެކަން އިހްސާސް ކުރަން ބޭނުން ނަމަ ކުރެވިދާނެ އެއް ކަމަކީ ދުވުމެއްގައި ބައިވެރިވެ ފުރިހަމަކުރުމެވެ.
ރާއްޖޭގެ ފިޓްނަސް ދާއިރާގެ އެންމެ ވަރުގަދަ އެއް ނަން ކަމުގައިވާ ޓީއެފްޖީ އިން ބާއްވާ މޯލްޑިވްސް ލޯންގް ރަން 8 ޑިސެމްބަރުގައި އޮންނާނެ އެވެ. މި ދުވުމުގައި ބައިވެރިވެ މެޑަލް ކަރުގައި އަޅައި އަމިއްލަ ނަފްސާ މެދު ފަހުރުވެރިވާންވީ އެވެ.
މޯލްޑިވްސް ލޯންގް ރަންގައި މެރެތަން، ހާފް މެރެތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރަށް ދުވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި އަހަރުގެ ދުވުމުން ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އަށެވެ.
ޓީއެފްޖީ އަކީ ރާއްޖޭގައި ބާއްވާ ދުވުންތަކަށް އިންގިލާބީ ބަދަލެއް ގެނައި ބަޔެކެވެ. އެންމެ އާއްމު މީހާއަށް ދިގު ދުވުމެއްގައި ބައިވެރިވެލާނެ ފުރުސަތު 2013 އިން ފެށިގެން އެމީހުން ފަހިކޮށްދިނެވެ. މާލޭގައި ބާއްވާ ރޭސްތައް މާލެއިން ބޭރަށް، ހުޅުމާލޭގެ ހިތްގައިމު މަގުތަކަށް ގެންގޮސްދިނެވެ. އަދި ރޭސް ނިންމާ ކޮންމެ މީހަކަށް މެޑަލް ދިނުމާއި ރޭސް ނިންމި ގަޑި އެނގޭނެ ގޮތަށް ފުރަތަމަ ފަހަރަށް ރާއްޖޭގައި ޓައިމް ޗިޕް ބޭނުން ކުރަން ފެށީ ޓީއެފްޖީ އިންނެވެ.
ޓީއެފްޖީގެ ރޭސްތަކުގައި ފާހަގަކޮށްލެވޭ އެހެން ކަމެއް ވެސް އޮވެ އެވެ. ގިނަ ބަޔަކު ދުވުމަށް ޝައުގުވެރިކުރުވާ، ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށް ޓީއެފްޖީން ކުރާ މަސައްކަތުގެ ތެރެއިން، ކުރިން ދިގު ދުވުމެއްގައި ބައިވެރިވެފައިނުވާ ބަޔަކު ދުވުމަށް ތަމްރީން ކުރެ އެވެ.
އާއްމުކޮށް ހަ ހަފްތާ ވަންދެން ވަކި ތަވާލަކާ އެއްގޮތަށް އެ މީހުން ދުވަން ނެރެ، ޖިމަށް ގެންގޮސް އެމީހުންގެ ފައިގެ މަސްތައް ވަރުގަދަ ކުރުމަށް ހާއްސަ ކަަސްރަތުތަކެއް ކުރުވަ އެވެ. އަދި މި ތަމްރީންތައް ފުރިހަމަކޮށް ރޭހުގައި ބައިވެރިވެއްޖެ ނަމަ ރޭސް ނިންމާލުމަށް ފަހު މެޑަލް ކަރުގައި އަޅާލެވޭނެ އެވެ. މިއީ ޓީއެފްޖީ އިން ވޭތުވެދިޔަ އަހަރުތަކުގައި އެތައް ޒުވާނުންނެއް ދުވުމަށް ހިތް ޖެއްސި ގޮތެވެ.
މި ގޮތަށް ތަމްރީންވާން ބޭނުން ނަމަ މި އަހަރު ވެސް އެ ފުރުސަތު އެބަ އޮތެވެ. މިފަހަރު އޮތީ އެމީހަކު އަމިއްލައަށް ގޮސް މި ތަމްރީންތައް ހެދުމަށް ތާވަލެއް ދީފަ އެވެ. ބޭނުމަކީ ވީހާ ވެސް ގިނަ ބަޔަކު އެމީހެއްގެ އަމިއްލަ ވަގުތުގައި މިކަން ކުރުމެވެ.
މި ރޭހުގައި ބައިވެރިވާ މީހުންނަށް އެމީހުންގެ ބިބްގައި އަމިއްލަ މެސެޖެއް ލިޔެވޭނެ ގޮތް ޓީއެފްޖީ އިން ވަނީ ހަދާފަ އެވެ. ރޭހުގައި ވާދަވެރިކޮށް ދުވަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އެބައޮތެވެ.
ދުވުމުގެ ބައިވެރިން ހަ އުމުރުފުރައަކަށް ބަހާލައި ކޮންމެ ކެޓަގަރީއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ދެ ޖިންސު ވަކިން ހޮވާ ގޮތަށް ޓީއެފްޖީ އިން ވަނީ ނިންމާފަ އެވެ.
-
13 އަަަހަރުން ދަށަށް ބައިވެރިވެވޭ ހަމައެކަނި ދިގުމިނަކީ 5 ކިލޯމީޓަރު
-
14 އަހަރާއި 19އާ ދެމެދުގެ އުމުރުފުރާއަށް 5 ކިލޯމީޓަރު ނުވަތަ 10 ކިލޯމީޓަރުގެ ދުވުމުގައި ބައިވެރިވެވޭނެ
-
އެހެން ހުރިހާ އުމުރު ފުރަޔަކަށް މެރެތަންއާ ހަމައަށް ދުވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
ޓީއެފްޖީ އިން މިފަހަރު ވަނީ ކުންފުނިތަކަށް އެތަނެއްގެ މުވައްޒަފުން ރޭހުގައި ބައިވެރި ކުރުމަށް ހާއްސަ އަގުތަކެއް ކަނޑައަޅައި ކޯޕަރޭޓް ޕެކޭޖްތަކެއް އެކުލަވާލާފަ އެވެ.
ރޭސް އޮންނާނީ 8 ޑިސެމްބަރުގެ ދަންވަރު 2 އިން ފެށިގެންނެވެ.
-
ދަންވަރު މެެރެތަން ފަށާނެ
-
ހާފް މެރެތަން ފަށާ ގަޑިއަކީ ފަތިހު 5:20
-
10 ކިލޯމީޓަރު ފަށާނީ ހެނދުނު 6 ޖަހާ އިރު
-
5 ކިލޯމީޓަރު ހެނދުނު 7 ޖަހާ އިރު
ޓީއެފްޖީ އިން ބުނިގޮތުގައި ރޭހުގައި މިހާރު ބައިވެރިވެފައިވާ މީހުންނާ ބިބް ހަވާލުކުރުން 4-6 ޑިސެމްބަރަށް މެންދުރުފަހު 3 އިން ރޭގަނޑު 9 އަށް ކުރިއަށްދާނެ އެވެ.
މޯލްޑިވްސް ލޯންގް ރަންގައި ބައިވެރިވުމުގެ ސުންގަޑި 30 ނޮވެމްބަރުގައި ހަމަވާނެ އެވެ. އޭގެ ކުރިން ރެޖިސްޓާކޮށް ތަމްރީންވާން ފަށާށެވެ.
ރޭހާ ބެހޭ މައުލޫމާތު އިންސްޓަގްރާމްގެ 'ޓީއެފްޖީ.ރޭސަސް' ޕޭޖުން ލިބޭނެ އެވެ.