ހެޔޮލަފާ ބަޔަކު އުޅުނު ޖީލެއް ކަމަށް ބުނުމުގެ ފަހުރު ހޯދަން މަސައްކަތް ކުރަންވީ މިހާރު (ދައުރު ފޮޓޯ/ މުޒައްްޔިން ނާޒިމް)
ޖީލުތަކުގެ ވާހަކަ ދައްކާ އިރު، ނިމިގެންދާނީ ކޮން ކަހަލަ ޖީލެއްގެ ގޮތުގައި؟
މި ދުވަސްކޮޅު އެންމެން އުޅެނީ ޖީލަކާ އަޅައިގަނެގެންނެވެ. މިކަން އެންމެ ރަނގަޅަށް ފެންނަނީ ފޭސްބުކް ހުޅުވާލުމުންނެވެ. ސޯޝަލް މީޑިއާގައި ދިވެހިން ހިންގާ އެކި ޕޭޖްތައް މި ދުވަސްވަރު އުތުރިއަރަނީ އެ ބަޔަކު ކަންކަން ކޮށް އުޅުނު ގޮތް ބުނެދިނުމަށް ޖަހާ ސްޓޭޓަސްތަކާއި ފޮޓޯތަކުންނެވެ. މި ޕޯސްޓްތައް މަޖަލެވެ. ލާނެތް ވެސް މެ އެވެ.
މިއީ ކުރިން އާއްމު، އެކަމަކު މިހާރު އަހަރެމެންގެ ދިރިއުޅުމާ ބީރައްޓެހި ކަންކަމެވެ. މިފަދަ ސްޓޭޓަސްއެއް ޖަހާލުމާ އެކު، އެގޮތަކަށް ކަން ކޮށް އުޅުނު އެތައް ހާސް ބަޔަކު ފެނެ އެވެ. އެ އެންމެން އާ ކުރަނީ ކުޑައިރުގެ ހަނދާންތަކެވެ.
ޖީލުތަކުގެ ޕޯސްޓްތައް ބަލާލުމުން، މިއޮތީ އެކަކުގެ ޕޯސްޓް އަނެކަކަށް ވުރެ މަޖާ ކުރުން މަގްސަދަކަށް ވެފައި ހެން ހީވެ އެވެ. އަދި މި ޕޯސްޓްތަކަށް މިހާ ބޮޑު މަގުބޫލުކަމެއް ވޭތުވެދިޔަ ހަފްތާގައި ލިބިގެން މި އުޅޭ ސަބަބަކީ ކޮންމެ މީހަކަށް ވެސް، ކޮންމެ އުމުރެއްގެ މީހަކަށް ވެސް، މިފަދަ ޕޯސްޓެއް ޝާއިއު ކޮށްލައި މި ވާހަކައިގައި ބައިވެރިވެވޭތީކަން ފާހަގަ ކުރެވޭނެ އެވެ.
ތިއީ ކޮންމެ ޖީލެއްގެ މީހަކަށް ވިޔަސް މިހާރު އެ ދުވަސްތައް ހިނގައްޖެ އެވެ. ދެން އޮތީ ތިމާގެ ދައުރެވެ. ބޮލުގައި އެޅިފައިވާ ޒިންމާތަކެވެ. ތިމާ ދޫކޮށްފައި ދާ ހަނދާންތަކެވެ. މިކަމާ މެދު ވިސްނާލިން ހެއްޔެވެ؟
ތިމަންނާއަކީ "މުޖުތަމައުއަށް ފައިދާ ހުރި ހެޔޮލަފާ ރަނގަޅު އިންސާނުންތަކެއް އުޅުނު ޖީލު" ކަމަށް ބުނެ ފަހުރުވެރިއެއް ނުވާނަން ހެއްޔެވެ؟
މި ކިޔައިދެނީ ރަނގަޅު އިންސާނެއްގެ ކިބައިގައި ހުންނާނެ ކަންކަމެވެ. މިފަދަ މީހަކަށް ވާކަށް ނޭދޭނަން ހެއްޔެވެ؟
ރަނގަޅު އިންސާނާއަކީ، އެކަކު ބަލަން ނެތަސް ރަނގަޅު ގޮތް އިހްތިޔާރު ކުރާ މީހާގެ ގޮތުގައި ސިފަ ކުރެވިދާނެ އެވެ. ދައުލަތުގެ މުދަލާއި އަދާކުރާ ވަޒީފާގެ ސަބަބުން ލިބިފައިވާ ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުންނުކުރާ މީހާ އެވެ. އަހަރެމެން ވާންވީ ބޭއިންސާފާއި ނުހައްގުން މުދާ ހޯދައި އެހެން މީހުންގެ މުދަލަށް އަރައިގަންނަ ބަޔަކު ނޫޅޭ ޖީލަށެވެ. މި އަޒުމު ސަޅިއެއް ނޫން ހެއްޔެވެ؟
ރަނގަޅު މީހަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތާ މީހާ އެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތާ ނަމަ އަހަރެމެންގެ ސަބަބުން އަހަރެމެންގެ މައިންބަފައިންގެ ލޮލުން ކަރުނަ އަޅާކަށް ނުޖެހޭނެ އެވެ. މި ޒަމާނުގައި ބައެއް ފަހަރު ފެންނަނީ އެކަމަކު މި މަންޒަރެއް ނޫނެވެ. އުމުރުން ދޮށިވެފައިވާ މައިންބަފައިންނަށް ވުރެ ބޮޑަށް، ދައުލަތުން އެމީހުންނަށް ދޭ 5،000 ރުފިޔާ އާއި އެމީހުންގެ ކޭޝް ކާޑު ގާތް ކުރާ ތަން އާދެ އެވެ.
އަހަރެމެން ވާންވީ މައިންބަފައިން އަހަރެމެން ކުޑައިރު ބެހެއްޓި އޯގާތެރިކަމާއި އަޅާލުން އެމީހުންނަށް އަނބުރާ ދޭޭ ޖީލުގެ މީހުންނަށެވެ. މައިންބަފައިން މުސްކުޅިވެ، ގައި ބާރު ދެރަވާ ދުވަހު ގަދަރުވެރިކަމާ އެކީ އުމުރުގެ ފަހު ބައި ހޭދަކޮށްލުމަށް ފުރުސަތު ފަހިކޮށްދޭ ޖީލަށެވެ.
އަހަރެމެންގެ ތެރޭގައި މިހާރު ބޮޑެތިވެފައި ތިބި ގިނަ މީހުންނަކީ ކުޑައިރު ކޮންމެވެސް އެއް ކަހަލަ އަނިޔާއެއް ތަހައްމަލު ކުރަން ޖެހިފައިވީ ބަޔެކޭ ބުންޏަސް ދޮގެއް އޭގައި ނެތެވެ. ޖިސްމާނީ، ޖިންސީ އަދި ނަފްސާނީ އަނިޔާގެ ޝިކާރައަކަށް ވެގެން ބޮޑެތިވި އެތައް ބަޔަކު ހިމެނޭ ޖީލެއްގެ މީހުންކަމުން ދެން އަހަރެމެން ބަލަންވީ މިހާރު ބޮޑުވަމުން އަންނަ ޖީލު މިފަދަ އަނިޔާ އިން ސަލާމާތް ކުރެވޭތޯ އެވެ. މުޖުތަމައުގައި ހުރި މިފަދަ ނޭދެވޭ ވަކިތައް ނައްތާލެވޭތޯ އެވެ. އަހަރެމެން ވާންވީ އެ ޖީލަށެވެ.
ރަނގަޅު ހެޔޮލަފާ މީހަކަށް ވުމަށް އަހަރެމެން ވާންވީ އޯގާތެރިކަމާއި އިހްތިރާމް އިސްކުރާ ޖީލަށެވެ. ހިދުމަތް ދޭ ތަންތަނުގައި މަސައްކަތް ކުރާ ކޭޝިއަރުން، ވެއިޓަރުން އަދި ސާފުކުރާ މީހުންނާ ހިސާބުން ފެށިގެން އެންމެ މައްޗާ ޖެހެންދެން ވެސް އިހްތިރާމް ކުރަން ޖެހެ އެވެ. ހާއްސަކޮށް ހިދުމަތް ހޯދަން ގޮސް ހުންނަ ތަނެއްގައި ތިމާ ބޭނުންވާ ގޮތް ނޫން ގޮތަށް ކަންކަން ހިނގާ ވަގުތުތަކުގަ އެވެ.
އަހަރެމެން ބަލަންވީ އާއްމު ތަންތާނގައި އުޅޭ އިރު އަހަރެމެންގެ އަމަލުތަކުގެ ސަބަބުން ވަށައިގެންވާ މާހައުލަށް ލިބޭ ގެއްލުން ކުޑަކޮށް އަދި އެހެން ބަޔަކަށް އަހަރެމެންގެ ފަރާތުން އުނދަގުލެއް ނުފޯރާ ގޮތަށް އުޅެވޭތޯ އެވެ.
މިސާލަކަށް އާއްމު ތަނެއްގައި ބާރަށް ފޯނުން ވާހަކަ ނުދެއްކުން، ނުކުޅެދޭ ކުއްޖަކު ޓެކްސީން ފައިބާ އިރު ބަރުގޮނު ނާޅާ ކެތްތެރިވެގެން ތިބުން އަދި ކުނި އަޅަން ހާއްސަ ކުރެވިފައިވާ ތަންތަނަށް އެކަނި ކުޅި އެޅުން ފަދަ އާދަތަކުން ދައްކައިދެނީ އަހަރެމެންގެ އަހުލާގާއި ސުލޫކެވެ. ބުނެދެނީ ތިއީ ހެޔޮ އިންސާނެއް ކަމެވެ. އަހަރެމެން ވާންވީ މިފަދައިން ކަން ކުރާ ޖީލެއްގެ މީހުންނަށެވެ.
މި ހުރިހާ ކަމެއްގެ އިތުރުން، ރަނގަޅު އިންސާނަަކަށް ވުމަށް އަހަރެމެން ވާންވީ ދެން ހުރި މީހާގެ އިހްސާސްތައް އަޑުއަހައި ދަންނަ ބަޔަކަށެވެ. އަނެކާއަށް ތިމާ އެހީތެރިވާ މިންވަރަކީ ތިމާގެ ރަނގަޅުކަން ބުނެދޭ ކަމެކެވެ.
މީހަކަށް އެހީތެރިކަން ހަމައެކަނި ފޯރުކޮށްދެވެނީ މާލީ ގޮތުންނެއް ނޫނެވެ. އަހަރެމެން ވާންވީ އަނެކާގެ ވާހަކަ އަޑުއަހާލާ، ވަގުތު ދީ، ބަދަލުގައި އެއްޗެއް ނުލިބުނަސް އެހީތެރިކަން ފޯރުކޮށްދޭ ބަޔަކަށެވެ. އަޅާލުމާއި ލޯބި އަދި ހަމްދަރުދީ ބޭނުންވާ ބަޔަކަށް އެކަން ފޯރުކޮށްދޭ ބަޔަކަށެވެ. އަދި ދޭސީ މީހާ އާއި ބިދޭސީ މީހާއާ ދެމެދު ތަފާތު ކުުރުމެއް ނުގެންގުޅޭ ބަޔަކަށެވެ. ކުޅެދޭ މީހާ އާއި ނުކުޅެދޭ މީހާ ތަފާތު ކުރުމެއް ނެތި، އެކަކު ވެސް ބާކީ ކޮށް ނުލާ ޖީލަށެވެ.
މި ހުރިހާ ކަމެއް ދަރިންނަށާއި ދަރިންގެ ދަރިންނަށް ވެސް ދަސްކޮށްދީ، ކުރިއަށް އޮތް ޖީލު ވެސް މިގޮތަށް ތަރުބިއްޔަތު ކުރެވޭތޯ ވީ މަސައްކަތް ކުރާށެވެ. އަމިއްލަ ދަރިންނަށް އެދޭ މޮޅާއި ހެޔޮ ގޮތްތައް އެހެން މީހުންނަށާއި އެމީހުންގެ ދަރިންނަށް ވެސް އެދޭ ބައެއްގެ ގޮތުގައި ތިބެގެންނެވެ.
އަހަރެމެންގެ ޖީލުގެ ހަނދާން އާކުރާ ގޮތް ކަމަށް ވާންވީ، އިންސާނިއްޔަތުކަމުން ފުރިގެންވާ ތަނަވަސް ހިތްތަކެއް އޮތް ބައެއްގެ ގޮތުގަ އެވެ. މުސްތަގުބަލުގައި އަހަރެމެން ދޫކޮށްފައި ދާ އެއްޗަކީ މިއީ ކަމުގައި ހަދާށެވެ. މިއީ އަހަރެމެންގެ ލެގަސީ ކަމުގައި ހަދާށެވެ.
ކޮމެންޓް (1)
އަހްމަދު