
ހެޔޮ އެދޭ މައިންގެ ފަރާތުން ގިނަ ފަހަރު އިވޭނީ ކުއްޖާއަަށް ފައިދާހުރި ނަސޭހަތް. ބައެއް ފަހަރު މަންމަ އެ ނަސޭހަތް ދެނީ މާނަ ފޮރުވިފައި އޮންނަ ވައްބަހަކުން
'އުޅެވޭ ގޮތް ރަނގަޅީއެއްނު؟' ހުރިހާ މަންމައިންގެ ބަހުރުވަ މިހެން
"ވަރަށް ރަނގަޅު. އަދި ނިދާލާ، އަދި ނިދާލާ،" ކުޑައިރު ސްކޫލަށް ދާ ގަޑި ކައިރިވާ އިރު ވެސް އަހަރެން އެނދުމަތީ އޮވެ، ދެވަނަ ފަހަރަށް ގޮވަން ޖެހިއްޖެއްޔާ މަންމަ ބުނެލާނީ މިހެންނެވެ. މަލާމާތުގެ ރާގަކަށް އެހެން ބުނެލުމާ އެކު އަހަރެންނަށް ދެން ނިދަން އޮންނާކަށް ލާހިކު ކުޅަދާނައެއް ނޫނެވެ. އެއީ، މަންމަ ދެން އަންނާނެ ރުޅިގަނޑު އެ ބުނި ބަހަށް ވުރެ މާ އަސަރުގަދަ ވާނެކަން، ހަމަހޭނާރާއިރު ވެސް ރޭކާލާތީ އެވެ.
އަހަރެންނާ ދިމާވާ ގިނަ މީހުންގެ މަންމައިން ވާހަކަދައްކަނީ އެއް ފޮތެއް ބަލައިގެންހެން ހީވެ އެވެ. އެއީ، "އޭ މިއަދު މަގޭ މަންމަ ބުނީ...." އޭ ބުނެލާފާއި ފަށާ ވާހަކަ ނިމޭއިރު ހީވަނީ ހުދު އަހަރެންގެ މަންމަގެ ވާހަކަ ދައްކާހެނެވެ. ހުރިހާ މަންމައިން ވެސް ބުނެލާ ބަސްބަސް ހަމަ އެހާ އަސަރުގަދަވެފައި، އެއްފަދަވެފައި، މިހާރު އެ ހަނދާންތައް އާކޮށްލާ އިރު މަޖައީ އެވެ.

'ތި ފޯނުން ލޯ ނެއްޓިގެނެއްނު ކަމެއް ވާނީ؟'
އަހަރެންގެ މަންމަ ގިނަ ފަހަރު މިހެން ބުނާއިރު މަންމަގެ އަތުގައި ވެސް ފޯނު އޮވެ އެވެ. މަންމަމެން އެހެން ބުނާއިރު ހީވަނީ ފޯނަކީ އަހަރެމެންގެ ގިނަ ނާކަމިޔާބީއެއްގެ ފަހަތުގައިވާ މައި ކުށްވެރިޔާހެނެވެ.
ފޯނުގެ ސަބަބުން، ހާއްސަަކޮށް ކުޑައިރުގައި އަދި ފުރާވަރު އިރުގައި ނުވާ ކަމެއް ނެތެވެ. ބޮލުގައި ކުޑަކޮށް ރިއްސާލިޔަސް އެއީ ފޯނުގެ މައްސަލައެކެވެ. ބަނޑުހައި ވިޔަސް އެއީ ފޯނާ ހެދި އެވެ. ކަމެއް ކުރުން ސިކުންތުކޮޅެއް ލަސްވިޔަސް އެއީ ހަމަ "ފޯނުން ލޯ ނުނެއްޓިގެން" ވީ ކަމެކެވެ. އެހެން ކަމެއް ކުރަން ހުއްޓަސް ވަރިހަމަ އެވެ. ގިނަ ފަހަރު މައްސަލައަކީ ހަމަ ފޯނެވެ.
'ހޫނ، މިހާރު ތީނީ ދެން ބޮޑުވެފައެއްނު؟'
މިހެން ގިނަ ފަހަރު ބުނަނީ މަންމަ ބުނި އެއްޗަކާ ދެބަސްވުމުންނެވެ. ފުރާވަރަށް އެޅުމުން އަދި ބޮޑުވުމުން އަހަރެމެން ބޭނުންވަނީ އަމިއްލަ ގޮތަކަށް އުޅޭށެވެ. އަމިއްލަ ހިޔާލުތައް ގެންގުޅެ، އަމިއްލަ ވައްޓަފާޅިތައް ބިނާކުރާށެވެ.
މަންމަމެން ސިދާ ތަަސައްވުރުކުރާ ގޮތާ ހިލާފަށް ބަހެއް ބުނެލައިފި ނަމަ އެވީ "ދެން މާ ބޮޑުވީ" ކަމަށެވެ. އެވަގުތު ކުޑަކޮށް ރުޅިއަޔަސް، ގިނަ ފަހަރު އެ ތަފާތު ގޮތްތަކާއި ހިޔާލުތައް މަންމަމެން ގަބޫލުކުރެ އެވެ. ނުވަތަ ގަބޫލުނުކުރިޔަސް، އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލަނީ އެވެ.
'އުޅެވޭ ގޮތް ރަނގަޅީ، އަދިވެސް'
ބައެއް ދުވަސް ދުވަހު ކުޑަކޮށް ބޮލުގައި ރިއްސާތީ، މެންދުރު ގަޑީގައި ނިދިން ހޭލައިގެން ގޮސް މަންމަ ގާތުގައި އެ ވާހަކަ ބުނެލާ އިރަށް، ބައެއް ފަހަރު އިވޭނީ މި ބަސްކޮޅެވެ. ނިދި ބޮލަށް އަރާފައި، ބޮލުގައި ރިއްސާފައި ހުންނަ ވަގުތެއްގައި އެހެން ބުނުމުން ވާނުވާ ނޫން އެހެން ގޮތެއް ނުވެ އެވެ. ބައެއް ފަހަރު ހިތްހަމަނުޖެހުމެވެ. ވައްބަހުން ޖަހާލާ އެ ފާޑުކިޔުމުގެ ސަބަބުން އިތުރަށް ބޮލުގައި ރިއްސައިގަންނަ ހާލަތު ވެސް އާދެ އެވެ.
'އަނގައިން ބެލީމާ ނުފެންނާނެއެއްނު؟ ލޮލުން ބަލާބަލަ'
މަންމަ ބުނެގެން އެއްޗެއް ހޯދާހޯދާ ނުފެނިގެން، "ނުފެނުނޭ" ބުނާ އިރަށް، މަންމަ ގޮސް މަދު ސިކުންތުކޮޅެއް ތެރޭ އޭތި ހޯދާލި ހާލަތު ދުވަހަކު ވެސް ދިމާވި ހެއްޔެވެ؟
އާނއެކޭ ނަމަ، ކިތައް ފަހަރު މިހެން ބުނި އަޑު އިވުނު ހެއްޔެވެ؟ މަދެއް ނުވާނެކަން ގައިމެވެ. އެއްބައި ފަހަރު ހޯދަހޯދާ ހުއްޓާ ވެސް ބުނެލާނެ އެވެ. މަންމަ ނޫނަސް އާއިލާގެ އެހެން މީހުން ވެސް މިހެން ބުނާ އަޑު އިވެ އެވެ.
އަހަރެންގެ ރައްޓެހިންނާ މިފަދަ ވާހަކަތައް ސަމާސާގެ ގޮތުގައި ހިއްސާކުރާ އިރު ގާތްގަނޑަކަށް އެންމެން ވެސް ހަަމަ އެ ބީދައިން ހިނގައިދިޔަ ކަމެއްގެ ވާހަކަ ކިޔައިދެ އެވެ. ހަގީގަތުގައި ވެސް ހީވަނީ ހުރިހާ މައިން އެއް ރަދީފަކުން ބަސްމޮށެން ދަސްކުރާހެނެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި މިހެން، ވައްބަހުން ބުނެލާ ބަސްތައް ތަފާތެވެ. މި ލިޔުމުގައި ހިމަނަން މިފަދަ ބަސްބަހުގެ މިސާލުތައް ހޯދަން، އެކި މީހުން ކައިރީގައި އެހުމުން ދިނީ ވަރަށްވެސް ތަފާތު މިސާލުތަކެވެ. ނަމަވެސް، ހުރިހާ އެއްޗެއް ވެސް ބުނެލާ ރާގާއި މިޒާޖު ހަމަ އެއްފަދަ އެވެ.
މަައިންބަފައިން ނުވަތަ އާއިލާ މީހުންގެ ފަރާތުން އިވޭ މިފަދަ ބަސްތައް ހަނދާނަށް އާދޭ ހެއްޔެވެ؟ އާނއެކޭ ނަމަ ކޮމެންޓެއް ފޮނުވާލާށެވެ.
ކޮމެންޓް (3)
ތެދުވާނީ ތެދަށް
ޭެނީ
މުޙައްމަދު ޢައްލާމް ނަޢީމް