'އިނުމެރީ' ސަގާފަތަކީ ޖަޕާނުގެ އޮފީސް މުވައްޒަފުން، ގިނަ ގަޑިއިރުތަކެއް ވަންދެން މަސައްކަތް ކުރުމުން ކުރިމަތިލާ ވަރުބަލިކަމަށް ހައްލެއްގެ ގޮތުގައި އުފެދުނު ކަމެއް.

ވަޒީފާ

އޮފީހުގައި ކުޑަކޮށް ނިދާލުން އޯކޭތަ؟ ޖަޕާނުގެ ސަގާފަތް ބުނަނީ އޯކޭއޭ

ޖަޕާނުގެ އޮފީސްތަކުގައި އެންމެ ބިޒީ މުވައްޒަފުން ލޯ މަރާލައިގެން އަރާމުކޮށްލަން އޮންނަތަން ފެނުމަކީ އޮފީހުގެ ވެރިންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެއީ ގަދައަށް މަސައްކަތް ކުރާކަމުގެ ހެއްކެއް ކަމުގައި ޖަޕާނުގައި ދެކޭ
13 ނޮވެމްބަރު 2023

ގިނަ ގައުމުތަކުގައި ނަމަ މަސައްކަތުގައި އުޅެމުން ކުޑަ އިރުކޮޅަކަށް ނަމަވެސް ލޯ މަރާލަން އުޅެނިކޮށް ބޮސްއަށް ފެނިއްޖެ ނަމަ، ގިނަ ފަހަރު، "މީ ދެން މީހުން ނިދާ ތަން؟" ހޭ ހިތަށް އަރާނެ އެވެ. މިހާރުގެ ޒަމާނީ ސަގާފަތްތަކާއި މަސައްކަތުގެ މާހައުލުގެ މައްޗަށް ބިނާވެފައި ހުންނަ އޮފީސްތަކުގައި އެކަން މާބޮޑު ކަމަކަށް ނުވިޔަސް، އަދިވެސް ގިނަ ގައުމުތަކުގައި އޮފީހުގައި 'ނެޕެއް' ނަގާލުމަކީ އެހާ ބަލައިގަންނަ ނޫނެވެ. އެއީ، ޖަޕާނު ފިޔަވަ އެވެ. 

ޖަޕާނުގެ ގިނަ އޮފީސްތަކުގައި މީހަކު ލޯ މަރާލައިގެން އޮތުމަކީ އޭނާގެ ގަދަ ހިތްވަރާއި ހީވާގި މަސައްކަތްތެރިކަމުގެ މިސާލެއް ކަމަށް ދެކެ އެވެ. 'އިނުމެރީ' ކިޔާ އެ ސަގާފަތް އާންމުވެގެން އައީ، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަޕާނަށް އައި އިގުތިސާދީ ބޮޑު ކުރިއެރުމުގެ ތެރެއިންނެވެ. ބައެއް ލިޔުންތައް ބުނާގޮތުގައި، އެ ސަގާފަތް އާލާވީ، ވަޒީފާގެ ދަތިކަން ކުޑަވުމުންނާއި މީހުން މަސައްކަތުގައި ދުވަހުގެ ގިނަ ވަގުތު ހޭދަކުރުމުގެ ތެރެއިންނެވެ. 

'އިނުމެރީ' ޖަޕާނުގެ މަސައްކަތު މާހައުލުތަކުގައި މަގުބޫލުވުމުގެ ފަހަތުގައި އަދި އިތުރު ކަމެއް ވެސް އެބަ އޮތެވެ. އޯގަނައިޒޭޝަން ފޮ އިކޮނޮމިކް ކޯ-އޮޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް (އޯއީސީޑީ)ގެ 2019 ވަނަ އަހަރުގެ ޖެންޑާ ޑޭޓާ ޕޯޓަލްގެ ތަފާސްހިސާބުތަކުގައި ވާ ގޮތުން، ޖަޕާނުގެ ވަޒީފާ އަދާކުރާ އާބާދީއަކީ ދުނިޔޭގެ ގިނަ ގައުމުތަކާ އަޅާކިޔާ އިރު، އެންމެ މަދުން ރޭގަނޑު ނިދާ މީހުންނެވެ. އެއީ 7.3 ގަޑިއިރެވެ. 

މިކަން މެދުވެރިވުމުގެ އެއް ސަބަބެއް ކަމަށް ބެލެވެނީ، ޖަޕާނުގައި އިތުރު ގަޑީގެ މަސައްކަތް ކުރުން ވަރަށް އާންމު ކަމަކަށް ވުމެވެ. ޖަޕާނުގެ ގިނަ އޮފީސް މުވައްޒަފުންނަކީ ވަޒީފާގައި ގާތްގަނޑަކަށް 10 ވަރަކަށް ގަޑިއިރު ހޭދަ ކުރާ މީހުންނެވެ. ދުވާލު އެވަރަށް މަސައްކަތް ކޮށްފައި ރޭގަނޑު މަދުން ނިދުމުގެ ސަބަބުން އުފެދުނު ސަގާފަތަކީ 'އިނުމެރީ' އެވެ.

މަގުސަދަކީ ނިދުމެއް ނޫން، ތާޒާވުން 

'އިނުމެރީ' އަކީ ކަމާކަންފަށާ، ތިމާ ހުރި ތަނެއްގައި ބޯ އަޅައިގެން، ދެތިން ގަޑިއިރަށް ނިދުމެއް ނޫނެވެ. އަދި، ކިތަންމެ އާންމު ކަމަކަށް ވިޔަސް، މަސައްކަތުގައި ކުޑަ އިރުކޮޅަކަށް ވެސް ލޯ މަރާލާ، އަރާމުކޮށްލަން ލިބެނީ އެންމެ ބިޒީ މުވައްޒަފުންނަށެވެ. 

ދިވެހި ބަހަށް ތަރުޖަމާ ކުރާ ނަމަ 'އިނުމެރީ'ގެ މާނައަކީ 'ނިދުމުގައި ވެސް ހާޒިރުވެހުރުން' އެވެ. ކެނޑިނޭޅި މަސައްކަތް ކޮށްފައި، އެހެން މީހަކަށް ތުރާލަކަށް ނުވާނެހެން، އެ މުވައްޒަފަަކަށް ހާއްސަ ޖާގައިގައި ލޯ މަރާލައިގެން ކުޑަކޮށް ނިދާލާފައި ތެދުވެގެން ވަގުތުން މަސައްކަތައިގެން އުޅެގަތުމެވެ. އެފަދަ މުވައްޒަފުން ލޯ މަރާލައިގެން އަރާމުކޮށްލަން އޮންނަތަން ފެނުމަކީ އޮފީހުގެ އިސް މީހާއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. ސަބަބަކީ ޖަޕާނުގައި އެ މަންޒަރަކީ، ގަދައަށް މަސައްކަތް ކުރާކަމުގެ ހެއްކެއް ކަމުގައި ގަބޫލުކުރާތީ އެވެ. 

މީޓިން ރޫމުގައި ވިޔަސް، ބްރޭކް ރޫމުގައި ވިޔަސް އަދި މަސައްކަތް ކުރާ މޭޒު މަތީގައި ބޯ އަޅާލައިގެން ވިޔަސް، 'އިނުމެރީ' ނިދުމުގައި ގެންގުޅޭ ޖެހޭ ވަކި ގަވައިދުތަކެއް ހުރެ އެވެ. އެއީ:

  • މަސައްކަތުގައި އުޅެމުން ނިދާ ނަމަ މޭޒު ކައިރީގައި ނިދުން. އެހެން މީހެއްގެ ޖާގައަށް ނާރާނެ ގޮތަކަށް އޮތުން.

  • ޖެހިގެން ހުންނަ މީހާއަށް ދުއްތުރާ ނުވާނެ ގޮތަކަށް ނިދުން. 

  • މަސައްކަތުން ބޭރުގައި، މިސާލަކަށް ޖަޕާނުގެ ރޭލުތަކުގައި، ނިދާ ނަމަ ގުގުރި ނުދެމުން. 

  • އެލާމެއް ސެޓުކޮށްފި ނަމަ ހަމައެކަނި ތިމާއަށް އަޑުއިވޭ ގޮތަށް، ހެޑުސެޓެއް ބޭނުންކުރުން.

އޮފީހުގައި ނިދުން އޯކޭ ވަނީ ކީއްވެ؟

އޮފީހުގައި މުވައްޒަފަކު މޭޒުގައި ބޯ އަޅާލައިގެން ކުޑަކޮށް އަރާމުކޮށްލަން އޮތުމަކީ އޭނާ ގަދައަށް މަސައްކަތްކުރާ ކަމުގެ ހެއްކެއް ކަމަށް ޖަޕާނުގައިި ގަބޫލުކުރޭ.

ކުރިން ވެސް ބުނިހެން، ޖަޕާނުގެ ގިނަ އޮފީސް މުވައްޒަފުންނަކީ ވަޒީފާގައި އަބަދުވެސް އިތުރު ގަޑިއަށް މަސައްކަތް ކުރުމަށް އަމާޒުހިފާ މީހުންނެވެ. އޮފީހުގެ އެންމެ އާދައިގެ ވަޒީފާގައި އުޅޭ މީހާ ވެސް ގާތްގަނޑަކަށް 10 ގަޑިއިރު ވަންދެން މަސައްކަތް ކުރެ އެވެ.

ފްރީލާންސް މަސައްކަތުގައި ވެސް ވަރަށް ގިނަ ވަގުތު ނުނިދާ މަސައްކަތުގައި އުޅެން ޖެހެ އެވެ. ނަމަވެސް، އެ މީހާ ކުރާ މަސައްކަތެއް ނިމުމުން އަނެއްކާވެސް އޭނާގެ މަސައްކަތު ތާވަލަށް ކުޑަކޮށް ބަދަލު އާދެ އެވެ. ނަމަވެސް، އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ދުވަހުގެ ވަކި ގަޑިއެއްގައި މަސައްކަތަށް ގޮސް، ޒިންމާތައް އަދާކޮށްފައި ވަކި ގަޑިއެއްގައި މަސައްކަތް ނިންމަން، ވަކި ހާއްސަ ތާވަލަކަށް ސެޓުވެފައި ތިބޭ ބައެކެވެ. އެގޮތުން، ވަޒީފާ އެހާ ލަހުން ނިންމާފައި އަދި އެކުވެރިންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލާފައި އަނެއް ދުވަހު މަސައްކަތަށް ނުކުންނަ އިރު ގައިމު ވެސް ހުންނާނީ ވާނެ އެއްޗެއް ވެފަ އެވެ. 

'އިނުމެރީ' އަކީ އެފަދަ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ފެތިފައި ހުންނަ މީހުންނަށް ޔަގީނުން ވެސް ކުރިމަތިވާނެ ވަރުބަލިކަން ފިލުވާލުމަށްޓަކައި އުފެދުނު ސަގާފަތެކެވެ. 

ފާހަގަކޮށްލެވޭ ކަމަކީ 'އިނުމެރީ'ގެ މާނަ އެވެ. އެއީ 'ނިދުމުގައި ވެސް ހާޒިރުވެހުރުން،' މި ބަސްކޮޅެވެ. އާންމުގޮތެއްގައި 'އިނުމެރީ'ގެ ނިދުމެއް ނިދާލަނީ ވަރަށް ގަދަޔަށް، ވަރަށް ގިނަ އިރު މަސައްކަތް ކުރާ މުވައްޒަފުންނެވެ. އެހެންވުމުން، އެމީހުންނަކީ އަބަދުވެސް ގިނަ ޒިންމާތަކެއް އުފުލައިގެން ތިބޭ ބައެކެވެ. ނަތީޖާއަކީ، 'އިނުމެރީ' ނިދުމެއް ނިދާލާ އިރު ވެސް، ކުއްލިއަކަށް ހޭލައިގެން މަސައްކަތުގައި އުޅެން ޖެހުމުގެ ގާބިލުކަން އެމީހުންގެ ކިބައިގައި އަށަގަތުމެވެ.

މީހާގެ އުފެއްދުންތެރިކަމާއި ހަކަތަ ވެސް 'ރީޗާޖު' ވާނީ ރަނގަޅު ނިދި ލިބުމުންނެވެ. ހަމަ ނިދި ނުލިބޭ ނަމަ ވަރަށް ބޮޑަށް މީހާގެ ނަފްސާނީ ދުޅަހެޔޮކަން ބީވެގެން ދެ އެވެ. 'އިނުމެރީ'ގެ މަގުސަދަކީ ވެސް ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމެވެ. 

އުފެއްދުންތެރިކަމާއި ނަފްސާނީ ހަކަތަ އިތުރުކޮށްދޭ

ވަރަށް ގިނަ ސަގާފަތްތަކުގައި ދުވާލުގެ ވަކި ގަޑިއެއްގައި، އާންމުކޮށް މެންދުރުގެ އަވިގަދަ، އެންމެ ހޫނު ވަގުތުކޮޅުގައި ނިދުމަކީ އޮންނަ ކަމެކެވެ. 'އިނުމެރީ' އަކީ ވެސް އެކަހަލަ، ނަމަވެސް ހާއްސަކޮށް ވަޒީފާ އަދާކުރާ މީހުންނަށް ނިސްބަތްވާ ޖަޕާނުގެ ސަގާފަތީ ބައެކެވެ. 

ސްޕެއިންގައި 'ސިއެސްޓާ،' އިޓަލީގައި 'ރިޕޯސޯ،' އަދި އިސްލާމް ދީނުގައި 'ގައިލޫލާ' އަކީ ވަކިން ހާއްސަކޮށް މެންދުރު ގަޑީގައި އަރާމު ކޮށްލުމެވެ. އެއީ ވަރަށް ގިނަ މީހުންގެ ދިރިއުޅުމުގައި މުހިއްމު ދަނޑިވަޅެކެވެ. ހެނދުނުގެ ގަދަ މަސައްކަތުން އަރާމެއް، ތަސައްލީއެއް ލިބި، ދުވަހުގެ އަނެއް ބަޔައިގެން ފަސޭހައިން ކުރިމަތިލާން މީހާ ތާޒާކޮށްދެ އެވެ.

މިހާރަކަށް އައިސް ބައިނަލްއަގުވާމީ ކުންފުނިތަކަށް ވެސް 'އިނުމެރީ'ގެ ސަގާފަތް ތައާރަފްވެ ނިމިއްޖެ އެވެ. މިސާލަކަށް އެޕަލް ފަދަ ބޮޑެތި ކުންފުނިތަކުގެ މަސައްކަތު މާހައުލުގައި ވަކިން ހާއްސަ، އަރާމުކުރާ ޖާގަ ހުރެ އެވެ. މުވައްޒަފުން މާ ބޮޑަށް ނަފްސާނީގޮތުން ވަރުބަލިވުމުގެ ކުރިން 'ރީޗާޖު' ކޮށްލުމުގެ ފުރުސަތެއްގެ ގޮތުގަ އެވެ.

ވަޒީފާގައި އަރާމުކޮށްލުމަށް ހަދާފައިވާ ހާއްސަ 'ސްލީޕިން ޕޮޑް'އެއް

ރަނގަޅު ނިދި ނުލިބުމަކީ ވަރަށް ގިނަ ބަލިތަކަށް އިންސާނާ ހުށަހެޅިގެންދާ ކަމެކެވެ. ހާއްސަކޮށް އުމުރުން ދުވަސްވާ ވަރަކަށް، މީހާގެ ބުއްދި ހީނަރުވަމުންދެ އެވެ. އެއީ ހުއްޓުވޭނެ މަރުހަލާއެއް ނޫނެވެ. ނަމަވެސް، އެ ހީނަރުވުން ލަސްކުރުމަށް އެޅޭނެ ގިނަ ފިޔަވަޅުތަކުގެ ތެރެއިން ހަމަ ގައިމު ވެސް އެންމެ މުހިއްމު ކަމަކީ ހަމަ ނިދި ހޯދުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް