އެޑޯބީގެ އާދަޔާހިލާފް ހައި-ޓެކް ހެދުން މިދިޔަ މަހު ބޭއްވި އެޑޯބީ މެކްސް އިވެންޓުގައި ތައާރަފު ކުރަނީ

އެޑޯބީގެ އެންމެ ފަހުގެ އުފެއްދުމަކީ އެކި ޑިޒައިންތަކަށް ބަދަލުވާ ހެދުމެއް

އެމީހަކު ބޭނުން ޑިޒައިނެއް އެނިމޭޓުވެ އަދި އެމީހަކު ހެލިފެލިވެއުޅޭ ގޮތަކަށް އެ ޑިޒައިން ވެސް ހަރަކާތްތެރިވާނެ
6 ނޮވެމްބަރު 2023

ފެޝަން ދާއިރާ އަކީ އަބަދުވެސް ބަދަލުވަމުން، ކުރިއަރަމުން އަންނަ އުފެއްދުންތެރި، ފުޅާ ދާއިރާއެކެވެ. އެކަމަކު އެ ދާއިރާގައި އެންމެ ފަހުން ވިދާލި ސޮފުހާގައި ފެނިގެންދިޔައީ މަޝްހޫރު ޑިޒައިނަރެއްގެ މަސައްކަތެއް ނޫނެވެ. ބޮޑު ސޮފްޓްވެއާ ކުންފުންޏަކުން ނެރުނު އުފެއްދުމެކެވެ. 

މިދިޔަ މަހު އެމެރިކާގެ ލޮސް އެންޖެލިސްގައި ބޭއްވި 'އެޑޯބީ މެކްސް' ހަފްލާގައި 'ޕްރޮޖެކްޓް ޕްރިމްރޯޒް'ގެ ނަމުގައި މުޅިން ތަފާތު ބާވަތެއްގެ ހެދުމެއް ވަނީ ތައާރަފު ކޮށްފަ އެވެ.

މުސްތަގުބަލުގައި ފެނިގެންދާނެ ފެޝަނަށް މުޅިން އާ ނަޒަރެއް ގެނެސްދިން ހެދުމެކެވެ. 'ޕްރޮޖެކްޓް ޕްރިމްރޯޒް' އަކީ ފެޝަން އާއި ޓެކްނޮލޮޖީ ގުޅިލާމެހިގެން ނެރުނު އުފެއްދުމެއް އެކަންޏެއް ނޫނެވެ. މިއީ އާއްމުކޮށް ލާ އުޅޭ ފޭރާމަކަށް މުޅިން ތަފާތު އުފެއްދުންތެރިކަމެއް ގެނައުމެވެ. އަދި މި ޕްރޮޖެކްޓުން ދައްކުވައިދެނީ ފެޝަން އާއި ޓެކްނޮލޮޖީ ލާމެހި 'ވެއަރަބްލް އާޓް'އެއް މުސްތަގުބަލުގައި ފެނިގެންދާނެ ކަމުގެ ފޮނި އުއްމީދެވެ.

ޔޫސީ ބާކްލީގެ ޑިޕާޓްމަންޓް އޮފް އިލެކްޓްރިކަލް އިންޖިނިއަރިން އެންޑް ކޮމްޕިއުޓާ ސައިންސަސްގެ ޕީއެޗްޑީ ދަރިވަރެއް ކަމަށްވާ ކްރިސްޓީން ޑިއާކް އެޑޯބީގެ ހަފްލާގައި ބަޓަނަކަށް ފިތާލުމުން އޭނާގެ 'އިންޓަރެކްޓިވް' ހެދުމުގެ ބައްޓަންތައް މެދުނުކެނޑި ބަދަލުވަމުންދިޔަ އެވެ. އަދި އޭނާގެ އަމުރަށް އެ ބައްޓަންތައް ބަދަލުވާން ފެށުމުން ބެލުންތެރިން ހައިރާންކޮށްލި އެވެ. ކްރިސްޓީން ބުނިގޮތުގައި އެމީހަކު ބޭނުން ޑިޒައިނެއް އެނިމޭޓުވެ އަދި އެމީހަކު ހެލިފެލިވެއުޅޭ ގޮތަކަށް އެ ޑިޒައިނު ވެސް ހަރަކާތްތެރިވާނެ އެވެ.

'ޕްރޮޖެކްޓް ޕްރިމްރޯޒް'ގެ މައިގަނޑު އަސާސަކީ ކޮންޓެންޓް ކްރިއޭޓަރުންނާއި ޑިޒައިނަރުން އެމީހުންގެ ޑިޒައިންތަކާއި އުފެއްދުންތައް 'އިންޓަރެކްޓިވް' ހެދުމެއް ގޮތުގައި ބޭނުންކުރުމެވެ. މީގެ އިތުރުން 'ނޮން-އެމިސިވް' ޓެކްސްޓައިލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ލައިގެން އުޅެވޭނެ، ފަސޭހަ އަދި 'ފްލެކްސިބަލް' ހެދުމެއް ތައްޔާރުކުރުމެވެ.

އެޑޯބީގެ އާދަޔާހިލާފް ހައި-ޓެކް ހެދުން މިދިޔަ މަހު ބޭއްވި އެޑޯބީ މެކްސް އިވެންޓުގައި ތައާރަފު ކުރަނީ

އެޑޯބީ އާއި ކްރިސްޓީން ޑިއާކް ބުނިގޮތުގައި ޕްރޮޖެކްޓް ޕްރިމްރޯޒް ބޭނުންކުރާ މީހުންނަށް، އެޑޯބީ ފަޔާފްލައި، އެޑޯބީ އާފްޓާ އިފެކްޓްސް، އެޑޯބީ ސްޓޮކް އަދި އެޑޯބީ އިލަސްޓްރޭޓާ އިން އެމީހަކު އުފައްދާފައިވާ ކޮންޓެންޓް މުޅި ހެދުމުގައި ދައްކާލުމުގެ ފުރުސަތު ފަހިވަނީ އެންމެ ބަޓަނަކަށް ފިތާލައިގެންނެވެ. ފަރުނީޗަރުގެ ސިނާއަތް ފަދަ އުފެއްދުންތެރި އެހެން ދާއިރާތަކަށް ވެސް މި ޓެކްނޮލޮޖީ ގެނައުމުގެ ފުރުސަތު އޮތް ކަމުގެ އިޝާރާތެއް މި ޕްރޮޖެކްޓުން ދެ އެވެ.

ޕްރޮޖެކްޓް ޕްރިމްރޯޒްގެ ސަބަބުން ޑިޒައިނަރުންނަށް ވަރަށް އަވަހަށް މި ޓެކްނޮލޮޖީ ފޭރާމާއި ފަރުނީޗަރު އަދި އެހެނިހެން ސާފޭސްތަކަށް ލޭޔަރު ކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް އެމީހުން ބުންޏެވެ. އެކި ވައްތަރުގެ ސްޓައިލްތަކަށް ބައްޓަންކޮށްލެވޭނެ ކަމަށާއި އެމީހަކަށް ކަމުދާ ޑިޒައިނަރެއްގެ އެންމެ ފަހުގެ ޑިޒައިން ޑައުންލޯޑްކޮށް ހެދުމެއްގެ ގޮތުގައި އެޅުމުގެ ގާބިލުކަން ވެސް ހިމެނޭ ކަމަށް އެޑޯބީ އިން ބުންޏެވެ. 

ކްރިސްޓީން ޑިއާކް އެޑޯބީ މެކްސް އިވެންޓުގައި އިންޓަރެކްޓިވް ހެދުން ދައްކާލުމުގެ ކުރިން، ޓީޖޭ ރޯޑްސް އާއި ގެވިން މިލާ ހިމެނޭ އޭނާގެ ދިރާސާ ޓީމުން މިދިޔަ އަހަރު ވަނީ ނޮން-އެމިސިވް ފްލެކްސިބަލް ޑިސްޕްލޭ ސިސްޓަމްތަކަށް ރިފްލެކްޓިވް ލައިޓް ޑިފިއުޒާ މޮޑިއުލްތަކާ އެކު ދިރާސާތައް ޝާއިއުކޮށްފަ އެވެ. 

މި އާދަޔާހިލާފު ހެދުމަކީ ލިޔުންކޮޅެއް ދައްކާދޭނެ 'ލޯ-ޕަވާ' ބިލްބޯޑެއްގެ ގޮތުގައި ނުވަތަ އިޝްތިހާރެއްގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. އިންޓަރެކްޓިވް ހެދުމަކަށް ބަދަލުކުރުމުގެ ކުރިން ދިރާސާވެރިން ވަނީ އަތްދަބަސް ފަދަ ފޭރާންތަކަށް މި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ފުރުސަތު މިހާރު ވެސް ތައާރަފްކޮށްފަ އެވެ.

މި ހެދުން ތައާރަފު ކުރުމާ އެކު، އުފެއްދުންތެރި ސިނާއަތްތަކަށް ނުފޫޒު ފޯރުވޭނެ 'ޕްރޮޖެކްޓް ޕްރިމްރޯޒް'ގެ އިތުރު ބޭނުންތައް މުސްތަގުބަލުގައި ފެންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް