ވިހެއުމުގައި އެހީތެރިކަން ބޭނުންވަނީ އެންމެ ގާތް މީހުންގެ ފަރާތުން

ވިހާ ކޮޓަރިއަށް މައިދައިތަ އެހީތެރިއަކަށް ވަނުން އޯކޭތަ؟

ގިނަ މީހުން ވިހާއިރު އެހީތެރިއެއްގެ ގޮތުގައި ބަހައްޓަން ބޭނުންވަނީ އަމިއްލަ މަންމަ ނުވަތަ ފިރިމީހާ
24 އޮކްޓޯބަރު 2023

މުހިންމު ނުކުތާތައް

މައިދައިތަ ވިހާ ކޮޓަރިއަށް ނުވެއްދުމަކީ މައްސަލައެއް ނޫން

ޅީދަރިފުޅުގެ ނިންމުންތަކަށް މައިދައިތަ އިހްތިރާމް ކުރަންޖެހޭ

ދަރިން ބެލުމުގެ ހުރިހާ ކަމެއްގައި އެއްގަލަކަށް ނޭރިއެއް ކަމަކު މައިދައިތައަށް އޯގާތެރިވާންޖެހޭ

 ހޮސްޕިޓަލުގައި ވިހަން އެޑްމިޓްކޮށްފައި އޮންނަ އިރު، އެންމެ ގިނަ މީހުން އެމީހުންގެ އެހީތެރިންގެ ގޮތުގައި ކައިރީގައި ބައިތިއްބަން ބޭނުންވަނީ އަމިއްލަ މަންމަ ނުވަތަ ފިރިމީހާ އެވެ.

ވިހެއުމަކީ މީހާގެ ގައިގައި ވޭން އަޅާ އަދި އެހާމެ ޒާތީ ކަމެކެވެ. ވިހަން ވައްދާފައި އޮންނަ އިރު ގިނަ މީހުން ކައިރީގައި ތިބުމުން އުނދަގޫވެ އެވެ. އަދި މި ތަޖުރިބާ އަކީ ކޮންމެ ކޮންމެ ކޮންމެ މީހަކާ ހިއްސާކުރަން ބޭނުންވާނެ ކަމެއް ވެސް ނޫނެވެ. އަމިއްލަ ޕްރައިވެސީ ބޭނުންވާ ކަމެކެވެ.

އާއިލާއަށް އަލަށް އިތުރުވާ ތުއްތުކުއްޖަކީ އެ އާއިލާގެ ކޮންމެ މީހެއްގެ ހިތުގެ ބޮޑު ޖާގައެއް ނަގާނެ ކުއްޖެކެވެ. އަލަތު ދަރިޔަކު ލިބޭ އިރު އެ ކުއްޖެއްގެ މައިންބަފައިންނަށް ކުރެވެނީ ފުން އިހްސާސްތަކެކެވެ. ހަމަ އެގޮތަށް މާމައިންނާއި ކާފައިންނަށް ވެސް މި އިހްސާސް ކުރެވެ އެވ.ެ

ހާއްސަކޮށް މާމައިންނެވެ. އާ މާމަދަރިފުޅާ އެކުގައި ވުމަށް ބޭނުންވެދާނެ އެވެ. ވިހާ ގަޑީގައި ކައިރީގައި ވެސް ހުންނަން ބޭނުންވެދާނެ އެވެ. ނަމަވެސް ޅީދަރިފުޅު މިގޮތަށް ނުދެކޭ ނަމަ ނުރުހުންވެދާނެ އެވެ.

އެއް އަންހެނަކު އޭނާގެ ތަޖުރިބާ ކިޔައިދެމުން ބުނީ، މައިދައިތަ ކިތަންމެ ރަނގަޅަސް އަދި ގާތަސް ވިހާ ކޮޓަރީގައި ހުރުމަށް 'ކޮމްފޮޓަބަލް' ނުވަނީ ކަމަށެވެ.

އެކަަމަކު، މީގެ އެންމެ ރަނގަޅު ގޮތަކީ ކޮބާ ހެއްޔެވެ؟ ތިއީ މާމަ ނަަމަ، މުޅި އުމުރު މާމަ ދަރިފުޅާ އެކު ލިބޭނެ އެވެ. ވިހަން އޮންނަ ޅީދަރި އޭނާގެ އެންމެ ނާޒުކު ހާލަތުގައި އޮއްވާ ގިނަ މީހުންނަށް ފެންނަން ބޭނުންނުވެދާނެ އެވެ. މިކަމަށް ޖެހެނީ އިހްތިރާމް ކުރާށެވެ. 

އަންހެނަކު ވިހަން ވައްދާފައި އޮންނަ އިރު ހާއްސަކޮށް އޭނާ ބޭނުންވާ ކަންކަމަށް އިހްތިރާމް ކުރަންޖެހޭ

ޅީދަރިފުޅު ވިހަން ވެއްދުމުން ހޮސްޕިޓަލުގެ ވެއިޓިން ރޫމްގައި މަޑުކޮށްލެވިދާނެ އެވެ. އަދި ޅީދަރިފުޅުގެ މަންމައަށް ވިހާ ކޮޓަރިއަށް ވަދެވިފައި ތިމަންނައަށް މާމަދަރިފުޅު ދުނިޔެއަށް އުފަންވާ ވަގުތު ކައިރީގައި ހުރުމުގެ ފުރުސަތު ނުލިބުމަކީ އިންސާފެއް ނޫންކަމުގެ ވިސްނުން ނުގެންގުޅޭށެވެ. 

މިފަދަ ވިސްނުން ގެނގުޅޭ ނަމަ ޅީދަރިއާ އޮންނަ ގުޅުމަށް އަސަރު ކުރެ އެވެ. އެކަކު އަނެކަކަށް ހިތްބަރުކަމެއް އިހްސާސް ކުރެވިދާނެ އެވެ. އަދި މިކަމުގެ ސަބަބުން އަމިއްލަ ދަރިފުޅާ ވެސް ގުޅުން ގޯސްވުން ގާތެވެ. ސަބަބަކީ އަނބިމީހާ ވިހަން ވައްދައިގެން އުޅޭ އިރު، އަލަތު ދަރިއެއް ލިބެންއުޅޭ އިރު، އެއީ އޭނާގެ ހަޔާތުގައި މުހިއްމު ބޮޑު ދުވަހަކަށްވެ އެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އަންހެނުން ނުރެހޭ ކަމެއްގައި، އަމިއްލަ މަންމަ ރުއްސަން އެދެން ޖެހުމުން އޭނާގެ ސްޓްރެސް އާއި ކުރިމަތިވާ ޕްރެޝަރު ބޮޑުވެ އެވެ.

އަލަތު ދަރިފުޅު ލިބޭ ދުވަހަކީ ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް ބޮޑު ދުވަހެއް

މައިދައިތަ ވިހާ ކޮޓަރިއަށް ވައްދަން ޅީދަރިފުޅު ގަބޫލުނުވާ ބައިވަރު ސަބަބު ހުރެދާނެ އެވެ. މިއީ ޒާތީ ކަމެއްގެ ގޮތުގައި ނުނަގާށެވެ. އާއިލާތެރޭ މިކަހަަލަ ކުދިކުދި ކަންކަން ބޮޑު ކަންތައްގަނޑަކަށް ހަދައިގެން އުޅޭ ނަމަ، މައްސަލަ ޖެހި މޫނުކެނޑި އެކަކު އަނެކަކާ ވާހަކަ ނުދައްކާ ހިސާބަށް ހިނގައިދާނެ އެވެ. އާއިލާ އަށް އިތުރުވާ ކުއްޖާ ދުނިޔެއަށް އައުމުން ލިބޭ ބޮޑު އުފާ ފާހަގަ ކުރުމަށް އޭރުން އެ އެޅެނީ ހުރަހެކެވެ.

ބައެއް އަންހެނުން، ވިހާ އިރު ގާތުގައި މަންމަ ނެތް ނަމަ އެމީހުންގެ މައިދައިތަ ނުވަތަ ބޮޑުދައިތަ ވެސް ބަހައްޓަ އެވެ. އެމީހުންނަށް މިކަން މައްސަލައަކަށް ނުވެ އެވެ. އަނެއްބައި މީހުންނަށް އެމީހުންގެ ފިރިމީހާ ކައިރީގައި ހުރުމަށް ވުރެ މަންމަ ނުވަތަ މައިދައިތަ ކައިރީގައި ހުރުމުން ފަސޭހަވާ ކަމަށް ބުނެ އެވެ. ސަބަބަކީ ދަރިން ވިހެއުމަކީ އެމީހުން ތަޖުރިބާކޮށްފައިވާ ކަމެއް ކަމުންނެވެ. އެއްބައި ފިރިހެނުން ވިހާ ކޮޓަރިއަށް ވަނުމަށް ޖެހިލުން ވެސް ވެ އެވެ.

މުހިއްމީ އެހީތެރިކަން ފޯރުކޮށްދިނުން

ކޮންމެ ގޮތެއް ދިމާވި ނަމަވެސް، އެންމެ މުހިއްމީ ތިމާގެ ފަރާތުން އެހީތެރިކަމެއް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރުމެވެ.

ދިވެހިންގެ ސަގާފަތް އޮންނަ ގޮތުން، ވިހެއުމުން ގިނަ މީހުން އެއްފަހަރާ ހޮސްޕިޓަލަށް ޒިޔާރަތް ކުރުމަކީ އާދަ އެކެވެ. ނަމަވެސް އެއީ ވިހައިގެން އޮންނަ މީހާއަށް ހަށިގަނޑަށް ބޭނުންވާ އަރާމާއި ހަމަ ނިދި ހޯދަން އުނދަގޫވާ ކަމެކެވެ. އަދި ވިހައިގެން އަލަށް ލިބުނު ދަރިފުޅާ ގާތްކަން އުފެއްދުމަށާއި ހަމާއި ހަން ޖައްސައި ގާތުން ދިނުން ފަދަ ކަންކަން ކުރުމަށް ހުރަސް އެޅޭ ކަމެކެވެ. 

ވިހެއުމަށް ފަހު ހަމާއި ހަންޖެހޭ ގޮތަށް ކުއްޖާ ގާތް ކުރުމަކީ މައިމީހާ އާއި ދަރިފުޅުގެ ގުޅުން ބަދަހިވާ ކަމެއް

އަލަށް އާއިލާއަށް އިތުރުވާ ތުއްތު ކުއްޖާ ބަލަން ގިނަ މީހުން ޒިޔާރަތް ކުރުން ރަނގަޅު ނޫން އެހެން ސަބަބުތަކަށް ބަލާއިރު، ހަލުވިކަމާ އެކު ފެތުރޭ ރޯގާތައް ހިފައިގެން ގޮސް، ތުއްތު ކުއްޖާ އުރައި އޮޅުލައި ބޮސްދީ ހަދާ ނަމަ، ވައިރަސް ފެތުރި މަންމަ އާއި ދަރިފުޅު ބަލިވުން ގާތެވެ.

ޅީދަރިފުޅު ވިހައިގެން އުޅޭ އިރު މައިދައިތަ ބަލަންވީ ނުފޫޒު ފޯރުވޭތޯއެއް ނޫން

ވިހައިގެން އުޅޭ އިރު، ބައެއް މައިދައިތައިންނަށް ހީވަނީ އެމީހުންނަށް ކޮންމެ ކަމަކަށް ފާޑުކިޔޭނެ ހެންނެވެ. މާމަ ދަރިފުޅުގެ ހުރިހާ ކަމަކަށް އެމީހުންގެ ނުފޫޒު ފޯރުވަން ބޭނުންވާ ބަޔަކު ވެސް އުޅެދާނެ އެވެ. ތިމާ ކަންތައްތައް ކުރާ ގޮތް މައިދައިތައަށް ކަމުނުގޮސްދާނެ އެވެ. އަދި މައިދައިތަ ކަންކަން ކުރާ ގޮތަކީ ބޯދާ ގޮތް ކަމުގައި ތިމާއަށް ހީވެދާނެ އެވެ. ހިލާފްތައް ގިނަވެ ދެބަސްވުންތައް ކުރިއަށް ވުރެ އިތުރުވެދާނެ އެވެ.

ތިރީގައި މިވަނީ އަލަށް ވިހައިގެން އުޅޭ މައިންނަށް، މައިދައިތައާ މެދު އަމަލު ކުރާ އިރު ބޭނުން ކުރެވިދާނެ ބައެއް އުކުޅުތަކެވެ.

1. އޯގާތެރިކަން އިސްކުރުން

މައިދަައިތައިންނާ މެދު އިސްކުރަންވީ އޯގާތެރިކަން

އަބަދު މައިދައިތަގެ ފަރާތުން އުނދަގޫވާ ކަންކަމަށް ފޯކަސް ކުރުމުގެ ބަދަލުގައި އޭނާގެ ފަރާތުން ލިބޭ ފަސޭހަތަކާއި އޭނާގެ ކިބައިގައި ހުރި ރަނގަޅު ސިފަތަކާ މެދު ވިސްނާލާށެވެ. ވާހަކަ ދައްކާ އިރު ވެސް ރުޅިވެރިކަމާއި ތިމާއަށް މައިދައިތަ ރަނގަޅުނުވާނެ ކަމުގެ ވިސްނުން ދޫކޮށްލާށެވެ. މައިދައިތަ ދަރިން ބެލުމުގައި ގެންގުޅުނު އުސޫލުތައް ގޯސް ނަމަ، ތިމާ މިއަދު އޭނާ ބަލާބޮޑު ކުރި ދަރިޔަކާ ކައިވެނިކޮށް މިހާ ހިސާބަށް ނާންނާނެކަން ދަންނާށެވެ.

2. ބައިވެރިޔާގެ އެހީތެރިކަން ހޯދުން

މައިދައިތަމެން ޒިޔާރާތް ކުރަން އުޅޭ ގަޑިއަކީ ތިމާއަށް ފަސޭހަ ގަޑިއަށް ނުވެދާނެ އެވެ. މި މެސެޖު އެމީހުންނަށް ރައްދު ކުރުމަށް ބައިވެރިޔާގެ އެހީތެރިކަން ހޯދާށެވެ. 

މައިދައިތަ ނުރުހޭނެ ހެން ހީވާ ވާހަކައެއް އޭނާއާ ދެއްކުން އެންމެ ރަނގަޅުވާނީ ފިރިމީހާ ލައްވަ އެވެ. ސަބަބަކީ ނުރުހޭ ވާހަކަ ތިމާ ބުނެފި ނަމަ، ހިތްހަމަނުޖެހި ގިނަ ދުވަސްވުން ގާތެވެ. އަމިއްލަ ދަރި ދެކެ ހިތްހަމަނުޖެހި، ރުޅިއައިސްފައި ގިނަ ދުވަސް ވަންދެން ހުރުން ދުރެވެ.

އެންމެ މުހިއްމީ މިކަހަލަ ކަންކަމުގައި ބައިވެރިޔާ އާއި ތިމާ އެއްގަލަކަށް އަރައި ތިބުމެވެ.

ވިހައިގެން އުޅޭ އިރު ބައިވެރިޔާގެ އެހީތެރިކަން އިންތިހާއަށް ބޭނުންވޭ

3. ތިމާއަށް މުހިއްމު ކަންކަމަށް ސަމާލުވާތި

ދަރިފުޅު ބެލުމުގައި އަދި ގެންގުޅުމުގައި ތިމާގެ ނިންމުންތައް އެހެން ބަޔަކު ބަދަލު ކުރިޔަ ނުދޭށެވެ. 

ވިހައިގެން އުޅޭ އިރު ވަރަށް ގިނަ ކަންކަމަށް ވަރަށް ގިނަ މީހުން ގޮތް ކިޔާނެ އެވެ. މި ހުރިހާ ގޮތަކަށް އަމަލު ކުރާކަށް ނުޖެހެ އެވެ. ރުންކުރުވުމާއި ރުޅިވެރިކަން އިސްނުކޮށް، ތިމާ ބޭނުންވާ ގޮތް އެހެން މީހުންނަށް ބުނެދޭށެވެ. މިސާލަކަށް، ގާތުން އެކަނި ދޭން މަސައްކަތް ކުރާ ނަމަ، ބުއްފުޅި ޖެއްސުމަށް ބާރުއަޅާފާނެ އެވެ. އެންމެ މުހިއްމީ ދަރިފުޅުގެ ބޭނުންތައް ފުދިފައި ހުރުމެވެ.

4. ކުދިކުދި ކަންކަން ބޮޑުނުކުރުން

ދަރިފުޅު ބެލުމުގައި މައިދައިތަގެ ކިބައިން އެހީތެރިކަން ހޯދާ ނަމަ، މައިދައިތަ ކަންކަން ކުރަނީ ތިމާ އެންމެ ބޭނުންވާ ގޮތަށް ކަމަށް ނުވެދާނެ އެވެ. އެކަމަކު އެކަހަލަ ކަންކަމުގައި އަބަދު ގޮތް ނުކިޔާށެވެ. މައިދައިތައަށް ފުރުސަތު ދޭށެވެ. 

މައިދައިތަ ކަންކުރާ ގޮތް ތަފާތަސް އަބަދު ގޮތްނުކިޔާ

މިސާލަކަށް މައިދައިތަ ދަރިފުޅު ނިންދަވާ އިރު ގެންގުޅޭ އާދަތައް ތިމާއަށް ކަމުނުގޮސްދާނެ އެވެ. އެހީތެރިކަން ހޯދާ ނަމަ، އަދި މައިދައިތަ އަށް ބަރޯސާވާ ނަމަ، އޭނާ ކުރާ ގޮތަށް ބައެއް ކަންކަން ދޫކޮށްލަންޖެހެ އެވެ. މިސާލަކަށް މުސްކުޅި މައިދައިތަ އަކަށް، ދަރިފުޅު ނިދީމައި، ކުޑަ އެނދަކަށް ތިރިކޮށް ބާއްވަން ފަސޭހަ  ނުވެދާނެ އެވެ. ބަދަލުގައި ބޮޑު އެނދުގައި ކުއްޖާ ބާއްވާފާނެ އެވެ.

މިކަހަލަ ކަންކަަމަކީ ބޮޑު މަންޒަރަށް ބަލާއިރު ކުދިކުދި ކަންކަމެވެ. ގޮތްދޫކުރާށެވެ. އެމީހުންގެ ހިތުގައި ދަރިފުޅަށް އޮތީ ހަމަ ތިމާގެ ހިތުގައި އޮތް ފަދަ ލޯތްބެވެ.

5. ކޮންމެ ކަމެއް ޒުވާބަކަށް ނުހަދާ

ކޮންމެ ކަމެއް ޒުވާބަކަށް ނަހަދާ، އެއްޗެއް ބުނަންވީ ތިމާގެ ދަރިންނަށް އަސަރު ކުރާ ކަންކަމުގައި އެކަނި

މައިދައިތަ  ދަރިން ބެލި އިރާއި މިއަދާ ކަންކަން ހާސް ގުނަ ތަފާތެވެ. އޭރު އެމީހުން ކަންކަން ކުރާ ގޮތް އެއީ އެންމެ ރަނގަޅު އަދި ފަސޭހަ ގޮތް ކަމުގައި ހީވެފައި  އޮޮވެދާނެ އެވެ. މި ހުރިހާ ޕޭރެންޓިން ތިއަރީއަކާ ދެބަސްވާނެ ކަމެއް ނެތެވެ. ހަމައެކަނި ތިމާގެ ދަރިފުޅަށް އަސަރު ކުރާ ކަންކަމާއި ކޮންމެހެން އެއްޗެއް ބުނަންޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ، ދެބަސްވާށެވެ.

6. މާ ބޮޑަށް ބަރޯސާވުން

މައިދައިތައަށް ދަރިފުޅު ބެލުމުގެ ހުރިހާ ކަމެއްގައި މާ ބޮޑަށް ބަރޯސާވާ ނަމަ އޭނާއަށް އިހްސާސް ކުރެވޭނީ އޭނާ ބޭނުން ގޮތްތައް ހެދުމަށް ހައްގު އޮންނަ ކަމަށެވެ. ކަންކަމާ އޭނާ ބެހޭ ވަރު އިތުރުވާނެ އެވެ. ބައެއް ފަހަރަށް އެހީ ހޯދިޔަސް އަބަދު ބަރޯސާނުވެ އަމިއްލައަށް ބޭނުންވާ ގޮތަށް ދަރިފުޅު ބެލުން މުހިއްމެވެ.

7. ލަފާ ހޯދުން

މައިދައިތަ ކައިރިން ލަފާ ހޯދުން އެއީ އެމީހުން އުފާވާ ކަމެއް

 ކަންކަމުގައި މައިދައިތަގެ ލަފާ އަދި މަޝްވަރާ ހޯދުން ވަނީ އެމީހުންނަށް ލިބޭ އުފަލަކަށެވެ. ލަފާ ހޯދައި އެކަމެއް ރަނގަޅަށް ހިނގައްޖެ ނަމަ ޝުކުރު އަދާ ކުރާށެވެ. 

8. އުފަލަކީ ދަރިފުޅު ކަމުގައި ހެދުން

ވިހައިގެން އުޅޭ އިރު ދުވަސްތައް ދިގުވިޔަސް އަހަރުތައް ވަރަށް އަވަހަށް ވޭތުވެގެންދޭ

އަލަށް ދަރިޔަކު ލިބިގެން އުޅޭ އިރު ދުވަސް ދިގެވެ. ރޭތައް އަދި މާ ދިގުހެން ހީވެ އެވެ. ހަމަ ނިދި ނުލިބި އަރާމެއް ނެތި، އަބަދު ދަރިފުޅުގެ ކަންކަމުގައި އަވަދިނެތި އުޅޭ އިރު އެވެ. އެކަމަކު ހަނދާން ކުރާށެވެ. ދުވަސް ދިގަސް އަހަރުތައް ވަރަށް އަވަހަށް ހޭދަވެ އެވެ. ތުއްތު ދަރިފުޅު ފިރުކޭ އުމުރުން ހިނގައިގަންނަ އުމުރުން ޕްރީސްކޫލް އުމުރަށް ނޭނގި ހުއްޓާ ދެ އެވެ.

އެންމެންގެ ފަރާތުން ވެސް ލިބޭ އެހީތެރިކަން ބަލައިގަންނާށެވެ. ތިމާގެ ދަރިންނަކީ ތިމާގެ ހިތުގެ ފިނިކަން ފަދައިން އެހެން މީހުންގެ ހިތަށް ފިނިކަން ގެނެސްދޭ ބައެއް ނަމަ، އެއީ ކޮންފަދަ ބޮޑު ނަސީބެއް ހެއްޔެވެ؟

އިތުރު އާޓިކަލް

އިތުރު އާޓިކަލް